بســم اللّـه الرّحمـن الرّحيــم

 
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލުކުރަން.
 
ދަނގެތީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، އަތޮޅުތެރެއިން މި މުހިންމު އިޙްތިފާލަށް ވަޑައިގެންނެވި އެންމެހައި ރައްޔިތުން، އަޅުގަނޑާއެކީ މިދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ! އެތަކެއް ދިގު އިންތިޒާރުތަކަކަށްފަހު، ދަނގެތީގެ ލޮބުވެތި ރައްޔިތުންގެ އިންތިޒާރުތަކަށް ނިމުމެއް އަންނަ ދުވަސް މިއަދު މިއީ. އެގޮތުން، ތިޔަބޭފުޅުން ތިޔަ ބާއްވަވާ މުހިންމު އިޙްތިފާލަށް އަޅުގަނޑަށާއި، އަޅުގަނޑުގެ އަންހެނުންނަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ދަނގެތީގެ ކައުންސިލްގެ މެންބަރުންނަށް އަދި ދަނގެތީގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ! ކޮންމެ ރަށަކަށްވެސް ބޭނުންވެފައި ހުރި މުހިންމު ކަންތައްތައް ފުދިގެން ދިޔުމަކީ، އެރަށެއްގެ ރައްޔިތުން ވަރަށް އުފަލާއެކު އެދޭނެ ކަމެއް. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅުއްވާ ލޮބުވެތި ހުރިހާ ރައްޔިތުންގެ ބޭނުންތައް، ކޮންމެ ސަރުކާރަކަށްވެސް އެނގޭ. އަދި ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރަނީ، އެ ސަރުކާރެއްގެ ރިސޯސް ހުރި މިންވަރަކުން އެކަންކަން، ވީހާ އަވަހަކަށް ފުއްދައިދޭން. ފުއްދައިދިނުމުގެ ތެރޭގައި، އިސްކަންދެވޭ ތަރުތީބާއި، އިސްކަންދެވޭ ގޮތްތަކެއް، އެކި ސަރުކާރުގައި އެކިގޮތަށް ގެންދޭ. އެހެން ނަމަވެސް، ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރަނީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް، ވީހާ ފަސޭހަކަމާއެކީ، ވީހާ އަވަސްކަމާއެކީ ކޮށްދިނުން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިއޮންނަ އެންމެބޮޑު ގޮންޖެހުމަކީ، އަޅުގަނޑުމެންގެ ޚަރަދުތައް، އެއްދުވަހުން އަނެއް ދުވަހަށް، މިއިން ކޮންމެ ކަމެއް ކުރުމުގައި އިތުރުވެގެން ދިޔުން.
 
ކުރީގެ ތިން ހަތަރު މިލިއަން ރުފިޔާއަށް ހެދޭ ބަނދަރަކީ، އަދު ގާތްގަނޑަކަށް ތިރީހަކަށް މިލިއަން ރުފިޔާއިން ހެދޭ ބަނދަރު. އަދި ބަނދަރު ހަދައިގެން، ކުރީގައި ހިލަބަސްތާ ޖައްސައިގެން، ނޫނިއްޔާ ވެލިބަސްތާ ޖައްސައިގެން، މި ޙައްލުކުރާ ތޮށިލުމުގެ މަސައްކަތަށް މިއަދު މިވަނީ، ބޮޑުހިލަ ޖައްސައިގެން ނޫނީ، މިކަން ނުކުރެވޭ ވަރަށް ކަންތައްތައް ގޮއްސަ. އަދި ބަނދަރާއެކީ ރަށަށް މިއަންނަ ތަރައްޤީގައި، ދެން ޙަޤީޤަތުގައި އިތުރު މަސައްކަތްތައް ފެށިގެން މިދަނީ. ރަށްރަށަށް ބޭނުންވަނީ، ބަނދަރު ހެދުމާއެކީ ރަށުގެ ބިމުގެ މުއްސަނދިކަން އިތުރުވެގެން ދިޔުން. ރަށުގެ ބިމުގެ މުއްސަނދިކަން އިތުރުވެގެންދާއިރު، ބިން ހިއްކާފައި، ބިން ޙަވާލުކުރުމަކީ ދާދި ފަސޭހަކަމެއް. އެހެން ނަމަވެސް، ބިން ހިއްކައިދޭ ރަށްރަށުގައި، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ބިން ހިއްކުމަކީ، އޭގެ ޒާތުގައި އެ މަޝްރޫޢުގެ އެންމެ ފަސޭހަ ކަންތައް. ބިން ގިރާލައި ހަލާކުވެގެންދިޔަ ނުދިނުމަށްޓަކައި ރިވެޓްމަންޓް، ނޫނިއްޔާ ބިން ޙިމާޔަތް ކުރުމަށްޓަކައި ތޮށިލުމަކީ، މީގައި އެންމެ އަގުބޮޑު އެއްކަންތައް. އެންމެ އުނދަގޫ އެއްކަންތައް. އެކަމަކު މިކަން ނުކުރެވިގެންދާ ކޮންމެ ދުވަހަކީ، ނޫނީ ބަދަލުވެގެންދާ، ދައުރުވެގެންދާ ކޮންމެ މޫސުމަކީ، ބިމުން އެތައް ބޮޑު ތަނެއް ގިރާލައިގެންދާ ވަގުތު.
 
ބިން އުފައްދައި ދެވިދާނެ، ބަނދަރު ހަދައިދެވިދާނެ. ގެސްޓްހައުސް އެޅިދާނެ. އެހެން ނަމަވެސް، ރައްޔިތުންގެ ތެރޭގައި ހަމަޖެހުން އެބަ އޮންނަންޖެހޭ. ދަނގެތީގެ ލޮބުވެތި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މި ދައްކަން އުޅެނީ ކޮން ވާހަކައެއްކަން. މިރަށަކީ ޓުއަރިޒަމް ޒޯނުގައި، ނޫނީ މިހިސާބުގައި ޓުއަރިޒަމްގައި، ޓުއަރިޒަމްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަދީނާއެއް ކަހަލަ ރަށަކަށް މިއޮތީ ވެފައި. އެންމެގިނަ ފަތުރުވެރިން އަންނަ ރަށަކީ މިއީ. މިރަށުގެ މެހްމާންދާރީއަކީ، ޝައްކެއްވެސްނެތްގޮތުގައި، މިރަށުގައި އުފެދުމުގައި އަދި މިރަށުގައި މި ތަރައްޤީ ވެގެންދާ އިޤްތިޞާދީ ވަސީލަތްތައް ދެމެހެއްޓުމަށްޓަކައި ބޭނުންވާނެ މެހްމާންދާރީއެއް. އަޅުގަނޑުމެންނަށް މާލެއަތޮޅުގައިވެސް އެހެން ރަށްރަށުގައި ހަމަ އޮތީ މިގޮތަށް. އެހެން ނަމަވެސް، ހިތްޕުޅަށް ގެންނަވަންޖެހޭ ކަމަކީ، މިރަށުގައި މިއޮންނަ މެހްމާންދާރީ ދަމަހައްޓަން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް، މިރަށުގެ ރައްޔިތުންނަށް ދަތިވެއްޖެ ކަމަށްވަންޏާ، ޙަޤީޤަތުގައި އެއީ މިރަށުގެ ކުރިމަގަށް އެޅޭ ވަރަށްބޮޑު ހުރަހެއް.
 
އަޅުގަނޑުމެން ހުރިހާ މަސައްކަތެއް މިކުރަނީ، ވަރަށް ބޮޑެތި ހޭދަކޮށްގެން. އަދި ވަރަށް ބޮޑެތި ޤާނޫނީ ބަދަލުގެނެސްގެން ސަރުކާރުން ކުރާ މަސައްކަތަކީ، ބޭރުގެ ފައިސާހުރި މެހްމާނުން ރާއްޖެއަށް ގެނައުން. ޓުއަރިޒަމަކީ، ދެމިލިއަން ޑޮލަރުން، ތިން މިލިއަން ޑޮލަރުން ކުރީގައި އިންވެސްޓްމަންޓެއް، ރިޒޯޓެއް ހަދާ ނިންމާ އިންވެސްޓްމަންޓް. އަދު ޓުއަރިޒަމް ރަށެއް ހަދައި ނިންމަން އަޅުގަނޑުމެން މި ދައްކަނީ، އަށްޑިހަ މިލިއަން، އެންމެ ކުޑަވެގެން، ބޮޑުވެގެން، ދުއިސައްތަ، ތިންސަތޭކަ މިލިއަން ޑޮލަރުގެ ވާހަކަ. މިއީ މިއަދު ތަކެތީގެ އަގަށް އައިއްސަ އޮތް ބަދަލު. މިއީ މިއަދު ޚިދްމަތް ދިނުމުގައި ބޭނުންވާ ޚިދްމަތްތަކަށް އައިއްސަ އޮތް ބަދަލުގެ އަގު. މިވަރު މަސައްކަތް ކޮށްގެން، ރާއްޖެއަށް އެކި ފެންވަރުގެ މެހްމާނުން ގެނައީމަ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އެބަޖެހޭ، މެހްމާނުންނަށް ކަމޭހިތަން ދަސްކުރަން. އަޅުގަނޑުމެންނަށް މިކަން ނުކުރެވޭ ކަމަށްވަންޏާ، މިދޭތެރެއިން ހިނގައިދިޔަ ހާދިސާގައި އަޅުގަނޑުމެންނަށް މިކަން ދިޔަގޮތުން، އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެ، މިކަންކަން އަޅުގަނޑުމެންނަށް ކޮށްނުދެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ރަށްރަށުގެ ރައްޔިތުން، މި އަންނަ ފަތުރުވެރިންނަށް ދޭންވާ މެހްމާންދާރީ އަދާނުކުރެވޭ ކަމަށްވަންޏާ، އެ ރަށްރަށުގެ އިޤްތިޞާދު، ދުވަސްގަނޑަކަށް ނަމަވެސް ހުއްޓުމަކަށް އެބަ އާދޭ. މި ހިތްދަތިކަން ތަޙައްމަލް ކުރާކަށް ދަނގެތީގެ ރައްޔިތުން ބޭނުމެއް ނުވާނެ.
 
އެހެންވީމާ، ދަނގެތީގެ ރައްޔިތުންނަށް، ދަނގެތީގެ އިޤްތިޞާދު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މިއަދު މި އިފްތިތާޙު ކުރެވިގެން، ނޫނިއްޔާ ރަސްމީގޮތުން މި ފެށިގެން މިދާ ބަނދަރުގެ ޚިދްމަތަކީ، އޭގެ ޒާތުގައި ދަނގެއްޗަށް އިތުރު ތަރައްޤީ އަންނާނެ މަޝްރޫޢެއްކަން، އަޅުގަނޑު ހަމަ އުފަލާއެކީ ގަބޫލުކުރަން. އެހެންވީމާ، މި މަޝްރޫޢު، އެއް އަހަރުގެ ތެރޭގައި، ވަރަށް ފުރިހަމަކަމާއެކީ ނިންމަވައި ދެއްވުމަށް، އަޅުގަނޑުމެން ދެންނެވި ދެންނެވުމަށް، އެމް.ޓީ.ސީ.ސީ. އިން ގަބޫލު ކުރައްވައިގެން، މިކަން ކޮށްދެއްވާތީ، އެމް.ޓީ.ސީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ އަދި އެމް.ޓީ.ސީ.ސީ.ގެ މަސައްކަތުގެ ޓީމުގެ ހުރިހާ ބޭފުޅުންނަށް، އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އެއާއެކުގައިވެސް އަޅުގަނޑު ދަންނަވަން އޮތް ވާހަކައެއް، މިރަށުގެ ހަމަ ހުރިހާ ކައުންސިލަރުންނަށް، މިރަށުގައި މިއޮތް އަމާންކަން، މިރަށުގެ މި ރައްޔިތުންނަށް، ނޫނިއްޔާ ބޭރުން މިއަރާ މީހުންނަށް، މިރަށުގެ ރައްޔިތުން ދެއްވާ މެހްމާންދާރީ، މިގޮތުގައި ދަމަހައްޓަވައި ދެއްވުމަށްޓަކައި ދަނގެތިން މިއަދު އެބަޖެހޭ ޢަހުދެއްވާން، ދަނގެތީގެ ރައްޔިތުން. މި ބޮޑެތި މަޝްރޫޢުތައް މިރަށްރަށުގައި ފެށިގެން މިދަނީ، މިރަށްރަށް ފަޅުކުރާކަށެއް ނޫން. މިރަށްރަށުގައި އިޤްތިޞާދީ މަސައްކަތާއެކީ، މިރަށްރަށް ކުރިއަށް ގެންދިޔުމަށްޓަކައި. އަޅުގަނޑުމެން ފަތުރުވެރިކަމުގެ ދާއިރާއިން ރަށްރަށް ތަރައްޤީ ކުރުމަށްޓަކައި، ރަށްރަށުގެ ފެންވަރުގައި ގެސްޓްހައުސްގެ ވާހަކަ އެބަ ދައްކަމު. އަދި އޭގެއިތުރުން، ބޮޑެތި ބިޔަ ރަށްރަށުގައި، އަޅުގަނޑުމެން މި ދައްކަނީ، ގެސްޓްހައުސް އައިލެންޑްގެ ކޮންސެޕްޓްގެ ވާހަކަ މި ދައްކަނީ. މިއީ އިފްތިތާޙު ކުރެވޭ، ނޫނީ މިއީ ތަޢާރުފް ކުރެވޭ އާ މަޝްރޫޢުތައް، އާ ކޮންސެޕްޓްތައް. މިކަން ކުރުމުގެ ބޭނުމަކަށްވަނީ، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ފައިދާ ހޯދައިދިނުން. އެ ރަށުގެ ރައްޔިތުންނަށް ލިބޭ ފައިދާއަކީ، ހަމައެކަނި ގެސްޓްހައުސް ވިޔަފާރިކުރާ ފިހާރައަކުން، އެ ފިހާރަ ހިންގާ މީހާއަށް ލިބޭ އާމްދަނީއެއް ނޫން. އެއީ ޝައްކެއްވެސްނެތްގޮތުގައި، ރަށަށް ލިބޭ ފައިދާ. އެކަމަކު އަޅުގަނޑުމެންގެ މި ސަރުކާރުގެ މުޅި ވިސްނުން މިއޮތީ، މިހެން އުފެދޭ ވަސީލަތްތަކުގެ ތެރެއިން މިރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު އިތުރުވެގެން ދިޔުން. ޤައުމަކަށް ލިބޭ އެންމެ ވަރުގަދަ ނަޞީބަކަށްވާނީ، އެ ޤައުމުގައި ތިބި ރައްޔިތުންނަކީ، މަސައްކަތްކުރަން ދަންނަ ބަޔަކަށްވެގެން ދިޔުން. ދިވެހިރާއްޖޭގެ އާބާދީއަކީ ހަމަ ވަރަށްބޮޑު ޒުވާން އާބާދީއެއް. ދިވެހިރާއްޖޭގައި މިވަގުތު މިއޮތް ސަރުކާރަށް، ކުރިއަށް އޮތް ދިހަވަރަކަށް އަހަރަށްވެސް ހަމަ ވިސްނަންޖެހެނީ، ޒުވާނުންގެ ކަންތައްތަކާ ދޭތެރޭގައި. އެއީ، މި އާބާދީ ދެން ދޮށިވާން ފަށާނީ، ނޫނީ މުސްކުޅިވާން ފަށާނީ، ފަނަރަވަރަކަށް އަހަރު ފަހުން. އެ ހިސާބުން ދެން އޮންނަ ސަރުކާރަކުން ވިސްނަންޖެހޭނީ، ދޮށީ ރައްޔިތުންނަށް ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭންޖެހޭ ކަންތައްތަކާއި އަދި ދޮށީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތަކާ ދޭތެރޭގައި.
 
އަޅުގަނޑު ހަމަ ދަންނަވާލާނަން، މިސާލެއް. އަޅުގަނޑުމެން، ގާތްގަނޑަކަށް 190 ވަރަކަށް ރަށުގައި، ދިވެހި ރައްޔިތުން ދިރިއުޅެމުންދާއިރު، ހުރިހާ ރަށެއްގައި، އެއްފެންވަރަކަށް، އެއްވަރަކަށް ހުރިހާ ޚިދްމަތްތަކެއް ފޯރުކޮށެއް ނުދެވޭނެ. މިއީ، ދިވެހިރާއްޖެއަށް ތަރައްޤީއަށް އޮތް އެންމެބޮޑު ގޮންޖެހުން. މިއީ، ކުޑަކުދިންނަށްވެސް އެނގޭނެ ކަންކަން. ދާދި އިހަކަށްދުވަހަކު، ދިވެހިރާއްޖެއަށް މި ޒިޔާރަތް ކުރެއްވީ، ޖަޕާނުގެ މަޖިލިސް މެންބަރުންތަކެއް ހިމެނޭ ވަފުދެއް. މި ޒިޔާރަތް ކުރެއްވުމުގެ ބޭނުމަކަށްވަނީ، ޖަޕާނު ސަރުކާރުގެ ފަރާތުން މިއަންނަ އަހަރަށް، 2015 ވަނަ އަހަރު އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް، ނޫނިއްޔާ ރަސްމީ ތަރައްޤީގެ އެހީތެރިކަން، ދުނިޔޭގައި ހުރި ކުދިކުދި ޤައުމުތަކަށް ޖަޕާނުން އެހީވަމުންދާއިރު، ދިވެހިރާއްޖޭގައި ކޮންކަހަލަ މަޝްރޫޢުތަކަށް، ކޮންމިންވަރަކަށްތޯ އެހީދޭނީ ދެނެގަތުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި މިހާރު ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނާއި، އިދިކޮޅު މެންބަރުން ހިމެނޭ ފުދޭވަރެއްގެ ވަރުގަދަ ޑެލިގޭޝަނެއް ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ. މިބޭފުޅުންނާ ސަރުކާރުގެ ކަމާބެހޭ ހުރިހާ ދާއިރާއެއްގެ އިސްބޭފުޅުން ބައްދަލުކުރެއްވި. އޭގެއިތުރުން، ހަމަ އެކަށީގެންވާ ގިނަ ވަގުތު، އަޅުގަނޑު އެބޭފުޅުންނާއެކީ ހޭދަކުރިން. އަޅުގަނޑު އެބޭފުޅުންނަށް ވިސްނައިދެވޭތޯ ބެލީ، މަސައްކަތް ކުރެވޭތޯ ބެލީ، ދިވެހިރާއްޖެއަށް އަޅުގަނޑުމެން އެހީ ބޭނުންވާ ދާއިރާތައް. އެ އެހީ ބޭނުންވާ ދާއިރާތަކަށް އަޅުގަނޑުމެން މިހާރު ރާވާފައި ހުރި މަޝްރޫޢުތަކަށް އެހީ ހޯދަން.
 
އަޅުގަނޑުމެން މި ނުކުމެ މިކުރާ މަސައްކަތަކީ، ޓުއަރިޒަމްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މި ނުކުންނަނީ ޕްރޮޑަކްޓެއް ވިއްކަން. ޕްރޮޑަކްޓެއް ވިއްކާ ކަމަށްވަންޏާ، އެއީ ކޮންމެ ޕްރޮޑަކްޓެއް ކަމަށްވީނަމަވެސް، އެ މާކެޓް ކުރަން އެބަ އެނގެންޖެހޭ. ފެންފުޅިއެއް ވިއްކި ނަމަވެސް، ފެންފުޅި އިތުރަށް ވިއްކަން، އިތުރަށް މާކެޓްކުރަން އެބަޖެހޭ. ތަފާތު ބްރޭންޑްގެ ފެންފުޅި ހުރޭ. ކީއްވެގެންތޯ [އަކުއާ] އަޅުގަނޑުމެން ގަންނަންވީ. ނޫނިއްޔާ، ކީއްވެގެންތޯ އަޅުގަނޑުމެން އެހެން ނަމެއްގެ ބްރޭންޑެއް އިތުރަށް ގަންނަންވީ، އެއީ، ހަމަ އެ ޕްރޮޑަކްޓެއް މާކެޓްކުރާ މީހުންގެ ހުޝިޔާރުކަން. މާކެޓް ކުރުމުގެ ތެރޭގައި، ދައްކާ ވާހަކަ އެކަންޏެއް ނޫން. މުދަލުގެ އަގާއި ކޮލިޓީއާ، މިކަހަލަ ވަރަށްގިނަ މަސައްކަތްތައް ހިމެނޭ. އެހެން ނަމަވެސް، މިކުރާ މަސައްކަތަކީ، އެ ވިއްކާ މުދަލެއް މާކެޓް ކުރުން.
 
އެހެންވީމާ، މިއަދު ދިވެހި ސަރުކާރަށް ބޭނުންވާ އެހީ ހޯދުމަށްޓަކައި ރާއްޖޭގެ މަޝްރޫޢުތައް މާކެޓް ކުރަން އެބަޖެހޭ. މި ޤައުމުތަކުގެ ދޮރުތަކުގައި ޓަކިތަޅަނީކީއެއް، ނޫނީ ޓަކިޖަހަނީކީއެއް ހަމައެކަނި ދިވެހިރާއްޖެއެއް ނޫން. ދިވެހިރާއްޖެ ފަދައިން، ދިވެހިރާއްޖެއަށްވުރެ ސްޓްރެޓީޖިކްލީ މާ މުހިންމު އެތައް ޤައުމުތަކެއް، މިކަހަލަ ބޮޑެތި ޤައުމުތަކުގައި އެބަ ޓަކިޖަހާ. ޓަކިދޭ. އަދި ޒަމާނުއްސުރެ ދިވެހިރާއްޖެއަށްވުރެ ވަރުގަދައަށް މިމަސައްކަތް ކުރާ ޤައުމުތަކުން ހަމަ ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން. ވަކި ޤައުމެއްގެ ނަން ދަންނަވާކަށެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހުރިހާ މަސައްކަތަކީ، އެތަކެއް ޤައުމަކުން ވަރަށް ވަރުގަދައަށް ކުރާ މަސައްކަތް. އެހެންވީމާ، ދިވެހި ސަރުކާރަށްވެސް މިއަދު އެބަ އެނގެންޖެހޭ، މި ޤައުމުތަކަށް ގޮސް، ނޫނިއްޔާ މި ޤައުމުތަކުގެ އެހީ ހޯދާއިރު، އަޅުގަނޑުމެން އެހީ ހޯދަން ކޮންކަހަލަ މަސައްކަތްތަކަކަށްތޯ އަޅުގަނޑުމެން ދަންނަވަން މި ޖެހެނީ.
 
އަޅުގަނޑު ފެށީ، މީގެ 15 އަހަރު ފަހުން، ދެން އޮންނަ ސަރުކާރަކުން ދޮށީ ރައްޔިތުން އިތުރުވަމުންދާތީ، ރައްޔިތުންނަށް ދޭނެ ޚިދްމަތާ ބެހޭގޮތުން ވާހަކަ ދައްކަން. އަދި މިއަދު ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން މި ސަރުކާރަށް ހަމަ އެނގޭ ވާހަކަވެސް ދަންނަވަމުން، އެއާއެކީ ދަންނަވާލަން މިއުޅެނީ، ޖަޕާނުގެ މި ވަފުދާއެކީ އަޅުގަނޑުމެން ވާހަކަ ދެއްކީމަ، އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، ހަމަ ޖަޕާނުގައިވެސް ދިވެހިރާއްޖެއާ އެއްވަރަށް މިކަންކަމާ ދޭތެރޭގައި ވިސްނަން ނުޖެހުނު ކަމުގައިވިޔަސް، ވިސްނަން ނުޖެހޭ ސަބަބަކީ، ޖަޕާނަކީ އެތައް ޓުރިލިއަން ޑޮލަރެއް، ޖަޕާނުގެ ރިޒަރވްގައި ހުރި ޤައުމެއް. އެތައް ޓުރިލިއަން އެމެރިކާ ޑޮލަރެއް، ޖަޕާނުގައި ރިޒަރވްގައި ހުރި ދައުލަތެއް ޖަޕާނަކީ. ދުނިޔޭގެ އެންމެ ތަނަވަސް ޤައުމުތަކުގެ ތެރޭގައި ހިމެނޭ، ހަތަރު ފަސް ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއް ޖަޕާނަކީ. ވަސީލަތްތަކަށް ބަލާކަމަށްވަންޏާ، އެކަން އޮތީ އެގޮތަށް. ޓެކްނޮލޮޖީގައި އަބަދުވެސް ކުރިއަށްދާ ޤައުމަކަށް ބަލާކަމަށްވަންޏާ، ޖަޕާނުގައި އޮތީ އެކަން އެގޮތަށް. އެހެންނަމަވެސް، އެޤައުމުގެ ސަރުކާރުންވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެ ޤައުމުގައި މިއަދު މިއޮތީ ވަރަށް ދޮށީ އާބާދީއެއް. ދޮށީ އާބާދީގައި ރައްޔިތުން ދިރިއުޅެމުން މިގެންދަނީ، ޖަޕާނުގެ އެކި ސަރަޙައްދުތަކުގައި. އެކި ރަށްރަށުގައި. އެކި ދުރުމިންހުރި ރަށްރަށުގައި. ޖަޕާނު ސަރުކާރުން އެކިކަހަލަ އިންސެންޓިވްދީގެން މިހާރު އެކުރާ މަސައްކަތަކީ، ޓޯކިޔޯއާއި ޖަޕާނުގެ ބޮޑެތި ރަށްތަކާ ކައިރިއަށް، މި ދުރުގެ ރަށްރަށުގައި ތިބި ހުރިހާ ދޮށީ ރައްޔިތުން ގެނެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސޭތޯ އެ ބަލަނީ. ބޮޑު މަސައްކަތްތަކެއް މި ކުރަނީ. ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ރަށަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މިތާ ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން ތިއްބެވީމަޔާވެސް އެކީ، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި، އެއްވަރަކަށް، އެއް މުއްދަތެއްގެ ތެރޭގައި، ބޭނުންވާ ތަރައްޤީގެ ހުރިހާ ކަމެއް ކޮށެއް ނުދެވޭނެ. ދިވެހިރާއްޖޭގައި މިކުރެވޭ މަސައްކަތަކީ، ދަނގެތި މިއީ އިޤްތިޞާދީ ގޮތުން، އިޤްތިޞާދަކީ، ނޫނިއްޔާ އާމްދަނީ ހޯދުމަކީ އަދި ބޭރު މީހުންނަށް ބަރޯސާވެގެން އާމްދަނީ ލިބޭގޮތަށް މަސައްކަތް ކުރުމަކީ، ކިހާވަރެއްގެ މަންފާއެއް، އޭގައި ހިމެނޭ ކަމެއްކަން އެނގޭ ރައްޔިތެއް އޮތް ރަށެއް، ދަނގެއްޗަކީ.
 
އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ހަމަ ޖަޕާނުގެ މިސާލު، ޕެރަލަލަކަށް، ނޫނިއްޔާ ކޮމްޕެރިޒަނަކަށް، މިސާލެއްގެ ގޮތުން އަޅުގަނޑު މިދަންނަވާލީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ދިވެހިރާއްޖޭގެ ހުރިހާ ރަށްރަށެއް، އެއްފަހަރާ އެއްވަރަށް ތަރައްޤީ ނުކުރެވޭތީ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މި ލިބިފައި އޮތް 5 އަހަރު ނިންމާލާފައިދާއިރު، އަޅުގަނޑުމެންގެ ޓީމު ބޭނުންވަނީ، ދިވެހިރާއްޖެއަށް އެކަށީގެންވާ ޚިދުމަތެއް ކޮށްދެވިއްޖެ ބައެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ޚިދުމަތްތައް ރައްޔިތުން ފާހަގަކުރާވަރުގެ ޓީމަކަށް އަޅުގަނޑުމެންގެ ޓީމު ހަދަން. އެހެންވީމާ، މި 5 އަހަރުގެ ތެރޭގައި އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހި ޒުވާނުންނަށް ބޭނުންވެފައި ހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް. ޒުވާނުންނަށް ޙަޤީޤަތުގައިވެސް އެންމެ ބޮޑަށް ދަތިވެފައި މިއޮތީ، ޒުވާނުންނަށް ދިރިއުޅެވޭނެގޮތް ތަނަވަސްވެފައި ނެތީމަ. އަޅުގަނޑަށް، އަޅުގަނޑުގެ ސަރުކާރަށް އޮތް ގޮންޖެހުމަކީ، ހުރިހާ ރަށެއްގައި އެއްވަރަށް މިކަން ކޮށްނުދެވޭތީ. 5 އަހަރުގެ ތެރޭގައި، ހުރިހާ ރަށަކަށް އެއްވަރަކަށް މިކަން ކޮށެއް ނުދެވޭނެ.
 
 އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ހަމަ ޖަޕާނުން މި ވިދާޅުވިގޮތަށް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހި ޒުވާނުންނަށް ފަސޭހަކަމާއެކީ އާމްދަނީ ލިބޭނެ އަދި އެމީހުންގެ ގެދޮރުވެރި ކުރުވާނެ މަޝްރޫޢުތަކެއް، ހުޅުމާލޭގައި ޔޫތުސިޓީއެއް އުފައްދައިގެން، އެކަން ކުރުން. މާލެއަކީ ވަކި މާލޭ މީހުންގެ ރަށެއް ނޫން. އަޅުގަނޑުމެން މާލޭގަޔާއި ހުޅުމާލޭގައި، މިއީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖާގަ ލިބެންޖެހޭ ތަންތަން މިއީ. އެހެންވީމާ، ހުޅުމާލޭގައި މި މަޝްރޫޢު މި އުފެދެނީކީ، އެއްގޮތަކަށްވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަކަށެއް ނޫން. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި އަތޮޅުތެރެއިން އަޅުގަނޑުމެންގެ މި މަޝްރޫޢުގެ ނަތީޖާއާއި ނަފާ ހޯދަން ބޭނުންވާ، ޝައުޤުވެރިކަން ހުރި ރައްޔިތުން، އަޅުގަނޑުމެންގެ މި ރަށްރަށަށް ޒިޔާރަތްކޮށް، މި ޔޫތުސިޓީގެ ތެރޭގައި ވަޒަންވެރިވެގެން، މިހާރަށްވުރެ ފަސޭހަ ގޮތެއްގައި ދިރިއުޅޭނެ ގޮތްތަކެއް ހޯދައިދޭން އަޅުގަނޑުމެން ބޭނުންވަނީ. މިކަހަލަ ސިޓީއެއް ތަރައްޤީ ވެގެންދާއިރު، މި ދައްކަނީ ހަމައެކަނި ހައުސިންގ ޢިމާރާތް ކުރުމުގެ ވާހަކައެއްވެސް ނޫން. ހަމައެކަނި ގެދޮރު ބިނާކުރުން ކަމަށްވަންޏާ، ކޮންމެވެސް ސަރުކާރެއްގެ އެހީގައި، މިހާރުވެސް ޗައިނާ ސަރުކާރުގެ އެހީގައި، ހުޅުމާލޭގައި މަޝްރޫޢުތަކެއް އެބަ ހިނގާ. އަދި ދާދި އިހަށްދުވަހު ރައްޔިތުންގެ މަޖިލީހުން ހުއްދަ ދެއްވާފައި އޮތް ގޮތުގެ މަތިން، މިހާރު ރޭވިފައި އޮތް މަޝްރޫޢުންވެސް އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އަށެއްކަ ސަތޭކަ ފްލެޓް، އެ ދަނީ ހުޅުމާލެއާ ދިމާއަށް.
 
މިކަހަލަ އެތައް މަޝްރޫޢެއް، މި އިމާރާތް ކުރުމުގެ މަޝްރޫޢުތައް މިދަނީ. މިއީ، މީގެ އެއްބައި. އަނެއް ބަޔަކީ ޒުވާނުންގެ ވެށްޓެއް، ޒުވާނުންގެ ސިޓީއެއް ހުޅުމާލޭގައި ޤާއިމު ކުރެވިގެންދާއިރު، ޒުވާނުންނަށް ވަޒީފާ ލިބޭނެ ފުރްޞަތުތަކަކާއި، ޒުވާނުންނަށް މުނިފޫހިފިލުވޭނެ ޙަރަކާތްތަކެއް، ކުރިއަށް އޮތް ދިގު މުއްދަތަކަށް ހަމަޖެހިގެން ދިޔުން. އެއީ، މީގެ ބޮޑުބައި. މިކަންކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި، އަޅުގަނޑުމެން ބުރިޖު އަޅާ ވާހަކަ ދެއްކީމަ، ބައެއް މީހުންނަށް އެއީ، ހެއްވާ ވާހަކައަކަށްވި ނަމަވެސް، އަޅުގަނޑަށް މިއީ ވަރަށް ސީރިއަސް ވާހަކައެއް. އަޅުގަނޑު ބޭނުންވަނީ، ހުޅުމާލެއަކީ ދިވެހި ޒުވާނުން ދެކޭ ހުވަފެން، ޙަޤީޤަތަކަށް ވެގެންދާނެ ރަށް ކަމަށް، ހުޅުމާލެ ބިނާވެގެން ދިޔުން. ހުޅުމާލެ ވެގެންދިޔުން. އެހެން ކަމަށްވަންޏާ، ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ބުރިޖެއް އެޅޭނެ އިރާދަކުރެއްވިއްޔާ. ﷲގެ ރަޙްމަތާއެކީ އެކަން އަޅުގަނޑުމެން ކުރާނަން.
 
ހަމައެހެންމެ، މިކަހަލަ ކަންކަން ކުރުމުގައި، ދިވެހި ރައްޔިތުންގެ ބޭނުންތައް އަޅުގަނޑުމެންނަށް އެނގެޔޭ ދަންނަވާއިރުވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މިދެންނެވި ގޮތަށް، ޒުވާނުން، ޒުވާނުން ތިބި ރަށްރަށުން ވަޒީފާއާއި އަދި އާމްދަނީ ހޯދުމުގެ އިތުރު ފުރްޞަތުތަކާއެކީ އާބާދީވާނެ ސިޓީއެއް، އިޚްތިޔާރީ ސިޓީއެއް، އެމީހުންނަށް އޮތުން. ޖަޕާނު ކަހަލަ ކުރިއަރާފައި އޮތް ޤައުމެއްގައި، މިކުރާ މަސައްކަތަކީ، އެމީހުންނަށްވެސް އެބަ ގަބޫލުކުރެވޭ، އެމީހުންގެ ސަރުކާރަކަށް މި ހުރިހާ ޚިދުމަތެއް، އެތަން މިތަނުގައި، ދުރު ހިސާބުތަކުގައި ތިބި، ދުވަސްވަމުން މިދާ އާބާދީއަށް ފޯރުކޮށްނުދެވޭކަން. އެހެންވީމާ، އެމީހުން އެކުރާ މަސައްކަތަކީ، އެމީހުންގެ ކެޕިޓަލާ ދިމާއަށް އަދި އެމީހުންގެ އިޤްތިޞާދީ ބޮޑެތި ސިޓީތަކާ ދިމާއަށް މިހުރިހާ ދޮށީ ޢުމުރުފުރާގެ މީހުން ހިޖުރަކުރާނެ ގޮތްތަކެއް ރޭވުމުގެ މަސައްކަތް އެކުރަނީ.
 
އެހެންވީމާ، އިޤްތިޞާދީ މޮޑެލަކަށް ބަލާކަމަށްވަންޏާ، ޚިދުމަތްދޭ މޮޑެލަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންވެސް ހަމަ މި ޚިދުމަތް ދެވޭތޯ މި މަސައްކަތް ކުރަނީ، ހަމަ އެއް މޮޑެލެއްގެ ދަށުން. އަޅުގަނޑުމެން އެތަކެއް އަހަރުވެއްޖެ ގަބޫލުކުރާތާ، ރައީސް މައުމޫންގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން އަޅުގަނޑުމެން ގަބޫލުކުރާތާ އެތަކެއް ދުވަސްވެގެން މިދަނީ، ހުރިހާ ރަށަކަށް އެއްވަރަކަށް ތަރައްޤީ ގެނެސްނުދެވޭކަން. އެހެންވީމާ، ސެލެކްޓަޑް އައިލެންޑްގެ ނަމުގައި ރަށްތަކެއް އަޅުގަނޑުމެން އުފެއްދީމު. އުފައްދައިގެން ޚިދުމަތްތަކެއް ދެވޭތޯ ބެލީމު. ޢުމްރާނީ ތަރައްޤީއަށް ބަލާކަމަށްވަންޏާ، އަތޮޅުތެރޭގެ އެކި ހިސާބުގައި މި ރަށްރަށް މިވަނީ ޢުމްރާނީ ތަރައްޤީގެ އެކިކަހަލަ ކުރިއެރުންތައް ހޯދާފައި. ބަނދަރު ހެދުން، ބިން ބޮޑުކުރުން، ހިތްފަސޭހަ ގެދޮރު ބިނާވެގެންދިޔުން. މިކަހަލަ އެތައް ކަންތަކެއްތަކެއް މިވަނީ ވެފައި. އަދި ޓުއަރިޒަމާއި މަސައްކަތް ކުރުމުގެ ފުރްޞަތުގެ ޖާގަ ލިބޭ މިންވަރަކުން ވެއްޖިއްޔާ، ދަނގެއްޗަކީ އޭގެ މިސާލެއް. މިރަށްރަށުގައި އަމިއްލަ މީހުންގެ ގެދޮރުވެސް ހަމަ މި ކުރިއެރުން އެބަ ހޯދާ.
 
އެކަމަކު މިހުރިހާ ކަމަކަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، މިތަނުގައި ހަމަޖެހުން އޮތުން. އަޅުގަނޑުމެންނަކަށް ބޭނުމެއް ނުވާނެ، ދަނގެއްޗަކުން އަޑުއިވޭކަށެއް، މިތަނުގައިވެސް ކަޓަރުއަޅާ ބަޔަކު އުޅޭކަމަކަށް. އެހެން ކަމަށްވަންޏާ، މިތަނުގައި ފެށިފައި މިއޮތް އިޤްތިޞާދު، އެހިސާބުން ހަލާކުވެގެންދިޔައީ. މިއަށް ޖާގަ ނުދެއްވާށޭ ދަންނަވަން، އަޅުގަނޑު ހަމަ މި ފުރްޞަތުގެ ބޭނުން މިކުރަނީ. މިހުރިހާ މަސައްކަތަކީ، ދިވެހިރާއްޖޭގައި ހަމަޖެހުން އޮވެގެން ނޫނިއްޔާ، އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަންތައް. ދިވެހިރާއްޖެއަށް މިހާރު ގެނެވޭތޯ ބަލަން މިއުޅެނީކީއެއް، އެއްލައްކަ ޑޮލަރު، ނޫނިއްޔާ ތިންލައްކަ ޑޮލަރު ހިފައިގެން އަންނާނެ ބޭރުގެ ވިޔަފާރިވެރިންނެއް ނޫން. އަޅުގަނޑުމެން އެ ފަންތީގެ ވިޔަފާރިވެރިން ގެންނާކަށް، ނޫނިއްޔާ އެ ގިންތީގެ ވިޔަފާރިވެރިން ގެންނާކަށް އަޅުގަނޑުމެންގެ އެވަރުގެ ޝައުޤުވެރިކަމެއް ނެތް. އަޅުގަނޑުމެން ދިވެހިރާއްޖެއަށް ގެނެވޭތޯ މިއަދު މި މަސައްކަތް ކުރަނީ، އެތަކެއް ސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިފައިގެން އަންނާނެ ކޮންސޯޓިއަމްތައް، ސިންޑިކޭޓުތައް. އެއީ ބޮޑެތި ބިޔަ މަޝްރޫޢުތައް ފެށުމަށްޓަކައި.
 
އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ވަރަށްބުރަ އިޚްލާޞްތެރި މަސައްކަތްތަކާއެކީ، އަތޮޅުތެރެއަށް ތަރައްޤީ ގެންދިޔުމަށްޓަކައި މިއީ ޚާއްޞަކޮށް، އަތޮޅުތެރެއަށް ތަރައްޤީ ގެންދިޔުމަށްޓަކައި އަޅުގަނޑުމެން އުފަންކުރި ބިލެއް. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ބެހޭ ބިލް. ނޫނިއްޔާ، ސްޕެޝަލް އިކޮނޮމިކް ޒޯން، އެސް.އީ.ޒީ ބިލް. މި ބިލުގެ ބޭނުމަކަށްވެސްވާނީ، މިދެންނެވި ގޮތަށް އަތޮޅުތެރެ ތަރައްޤީ ކުރުން. އަތޮޅުތެރޭގައި އަޅުގަނޑުމެން އިހަވަންދިއްޕޮޅު، އައިހޭވަން ޕްރޮޖެކްޓެއްގެ ގޮތުގައި، މި ބިލު، އިހަށްރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކޮޅެއް، އުފާފާޅުކުރުމުގެ ގޮތުން ބޭއްވެވި ޖަލްސާގައި، ބެކްގްރައުންޑްގައި އައިހޭވަން ޕްރޮޖެކްޓް ފެނިގެންދިޔަ ނަމަވެސް، އެއީ މި ބިލުން އަޅުގަނޑުމެން ތަރައްޤީ ގެންނާނެ އެއް ދާއިރާ، އެއް ކޮންސެޕްޓް އެއީ. އެކަމަކު މިކަހަލަ ތަފާތު އެތައް ކޮންސެޕްޓެއް އެބަހުރި. އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް އަންނާނެ އެތައް ތަފާތު ކޮންސެޕްޓެއް އެބަހުރި. ތ. އަތޮޅުގެ ތިމަރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޞްޠަފާ ވާހަކަ ދައްކަވަމުން، އޭނަ އެކަމަށް އަލިއަޅުއްވައިލެއްވި. އެއީ، އަޅުގަނޑާ މުޞްޠަފާއާ ދޭތެރޭގައި ދެއްކިފައި އޮތް ވާހަކައެއް. ތ. އަތޮޅުގައި ބިން ބޮޑުކުރެވޭނެ ޖާގަ އެބައޮތް. ބިމުގެ މުއްސަނދިކަން މިހާރު ގެނެސްދޭން މި ބޭނުންވަނީ، މިކަހަލަ ކޮންސެޕްޓްތައް، ނޫނިއްޔާ މިގޮތަށް އިޤްތިޞާދީ ސަރަޙައްދުތަކެއް ޤާއިމުކުރެވޭނެ ތަންތަނަށް. ބޮޑެތި ބިޔަ މަޝްރޫޢު ހިންގެން ޖާގަ ލިބޭ ތަންތަނަށް. މާލެއަތޮޅުގައި މީގެ ޖާގަ އެބައޮތް. ފ. އަތޮޅަށާއި ދ. އަތޮޅަށް މިހާރުވެސް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭރުގެ ފަރާތްތަކެއް އެބަވޭ.
 
މި ދައްކަނީ އެތަކެއް ސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ވާހަކަ. ދެން އަނެއްކާވެސް، ބުރިޖެއް އެޅޭނެތޯ ސުވާލު އުފައްދާ މީހުން، އުފައްދާ ސުވާލަކީ، އެންމެ ރަނގަޅޭ ބިލް ތިޔައޮތީ ފާސްކޮށްދީފައޭ. ދެން ތިމަންނަމެން މިތިބީ ބަލާށޭ، ކުރިއެރުން އާދޭތޯ. އަޅުގަނޑުމެންގެ ވާހަކައަކީ ހަމަ އިންތިޒާރުގައި ތިއްބަވާށޭ، ބައްލަވަން ތިއްބަވާށޭ. އަޅުގަނޑުމެންނަށް މި މަސައްކަތް ފެށްޓެންވެސް މި އަންނަނީ، ޤާނޫނީ ޖާގަ، މިކަންކަން ކުރެވޭނެގޮތް ހޯދައިދެވިގެން، އަޅުގަނޑުމެންގެ ޤާނޫނުތައް މިއަދު މިއޮތް ވަރަކުންނެއް، އަޅުގަނޑުމެންނަކަށް މިކަހަލަ ބޮޑެތި މަޝްރޫޢުތައް ގެންނާކަށް ޖާގައެއް ނުލިބޭ. ޖާގައެއް ނުލިބޭ. 35 އަހަރު ދުވަހަކަށެއް، ރާއްޖޭގައި މިވަރުގެ ބިޔަ މަޝްރޫޢުތައް ހިންގާކަށް ނާންނާނެ. އަދި ޤާނޫނުން މި ޙިމާޔަތް ކަށަވަރުކޮށް ނުދޭކަމަށްވަންޏާ އަދި އަމުދުން ބޭރުގެ ފަރާތްތަކުން ނާންނާނެ. ދިވެހިރާއްޖޭގައި މިހާރުވެސް ހިންގޭ ކޮންމެ ބޮޑު މަޝްރޫޢަކަށް ހުއްދަ މިދެވެނީ ކޮންޓްރެކްޓެއްގެ އުޞޫލުން. ކޮންޓްރެކްޓެއްގެ ތެރެއިން ހުއްދަ މި ދެވެނީ. ކޮންމެ ކޮންޓްރެކްޓެއްގައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ކަމަށްވަންޏާ، މައްސަލަ ޙައްލުކުރަންވެސް މި ދާންޖެހެނީ ދިވެހިރާއްޖެއިން ބޭރަށް. އެކަމަކު އަޅުގަނޑުމެންގެ 5 އަހަރުގެ ތެރޭގައި މިކުރާ މަސައްކަތުގެ ތެރޭގައި، އެންމެބޮޑު އެއްކަމަކީ، ދިވެހިރާއްޖޭގައި މި ބިންގާ އެޅިގެން ހިނގާ ބޮޑެތި މަޝްރޫޢުތައް، އޭގެ ޢަދުލު އިންޞާފުގެ ހުރިހާ މަރުޙަލާއެއް، ދިވެހިރާއްޖޭގައި ނިންމޭވަރަށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ހަރުދަނާކުރުން. އެކަމަކު އަދު އެކަން އޮތީ އެގޮތަކަށެއް ނޫން. ކޮންމެ މައްސަލައެއްވިޔަސް، ބޮޑު މަޝްރޫޢެއް ކަމަށްވަންޏާ، މައްސަލައެއް ދިމާވެއްޖެ ކަމަށްވަންޏާ، އަރބިޓްރޭޝަނަށް އަޅުގަނޑުމެން ދުއްވައިގަންނަން މިޖެހެނީ ސިންގަޕޫރާ ހަމަޔަށް. އެކަމަކު މިކަހަލަ ބޮޑެތި މަޝްރޫއުތައް ހިންގާ ކަމަށްވަންޏާ، ސަރުކާރުގެ ވިސްނުމަކަށް އޮންނަންވާނީ، މަޝްރޫޢުގައި މައްސަލައެއް ޖެހިއްޖެ ކަމަށްވަންޏާ، ހަމަ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރާ ދާއިރާއެއްގެ ތެރެއިން، ބޭރުގެ އިންވެސްޓަރުންނަށް، އެ ހިތްހަމަޖެހުން، އެ މަޝްރޫޢު ނިމިގެންދާއިރު، ނޫނިއްޔާ އެ މައްސަލައެއް ކޯޓުގެ ތެރެއިން ނިމިގެންދާއިރު، އެމީހުންނަށް އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ ކަށަވަރުކަން، އެމީހުންނަށް އެބަ ލިބެންޖެހޭ. އެހެންވީމާ، އެ ކަށަވަރުކަން ހޯދައިދިނުމަށްޓަކައި، އެ މަޝްރޫޢުތަކުގެ އަރބިޓްރޭޝަންގެ މައްސަލަތައް، ނޫނިއްޔާ މަޝްރޫޢުތަކަށް ދިމާވާ މައްސަލަތައް، ދިވެހިރާއްޖޭގެ ކޯޓުތަކުން ފައިޞަލާކޮށް ނިމުނީމަ، އެކަންކަމާ ދޭތެރޭގައި ހިތްހަމަޖެހޭވަރުގެ ނިޒާމެއް، އެބަ ދިވެހި ސަރުކާރުގެ ފަރާތުން ޤާއިމުކޮށްދޭންޖެހޭ.
 
ހަމަ އެގޮތަށް، އެސް.އީ.ޒީ ބިލް، ނޫނިއްޔާ އެސް.އީ.ޒެޑްގެ ޤާނޫނު، އައިސްގެން ނޫނިއްޔާ، އަޅުގަނޑުމެންނަށް ބޮޑެތި މަޝްރޫޢުތައް ގެނައުމަށް، ރާއްޖެއިން ބޭރުގެ ފަރާތްތަކާ ވާހަކަ ދައްކާނެ ޖާގަ ނުވެސް ލިބޭ. އެންމެ ކުޑަމިނުންވެސް ޤާނޫނުއަސާސީގައި މިހާރު އެ ނިންމާފައި އޮތް ވަރުން، 99 އަހަރުގެ މުއްދަތާ ހަމަޔަށް ޖާގަ އޮތީތީ، ބޮޑެތި ބިޔަ މަޝްރޫޢުތަކަށް ޖާގަ އެބަ ލިބެންޖެހޭ. އެހެންވީމާ، ތަރައްޤީ ގެންނަން ދިވެހި މަންދޫބުންގެ ފަރާތުން ނޫނިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަންދޫބުން ގޮތަށް ވަކާލާތު ކުރައްވާ ބޭފުޅުން، ދިވެހިރާއްޖެއަށް، އަތޮޅުތަކަށް ތަރައްޤީ ގެނައުން އެހާ ޝައުޤުވެރިކަން ހުންނައިރުވެސް ސަރުކާރުން މި ކަހަލަ މަޝްރޫޢުތަކެއް ގެންނަން ޖާގަ ހޯދަން ޤާނޫނު ހަދާ މަޖިލީހަށް ދިޔައީމަ، އެކަމާ ދެކޮޅުހައްދަވާ ކަމަށްވަންޏާ، އެއީ ސުވާލު އުފެދޭ ކަމެއް. އެއީ، ސުވާލު އުފައްދަންޖެހޭ ކަމެއް. ސަރުކާރަށް އެ ޖާގަދޭން އެބަޖެހޭ. ސަރުކާރަށް އެ ޖާގަދީފައި، ދެން ސަރުކާރުން އެކުރާ މަސައްކަތަކީ، ރައްޔިތުންނަށް މިކަހަލަ ބޮޑެތި މަޝްރޫޢުތައް ގެނެވޭތޯ ކުރާ މަސައްކަތަށް، ފުރްޞަތެއް ހޯދައިދިނުން.
 
އެހެންވީމާ، އަޅުގަނޑުމެން މި ޤާނޫނު ރައްޔިތުންގެ މަޖިލީހުން، އަޅުގަނޑުމެންގެ މެންބަރުންނާއި، އެމް.ޑީ.އޭ.ގެ މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ މެންބަރުން، މިކަމަށް އިސްނަންގަވައިގެން، މި ޤާނޫނު ފާސްކޮށްދެއްވީ، އެބޭފުޅުންގެ ހިތްޕުޅުގައި އަތޮޅުތެރެއަށް މި ތަރައްޤީ ގެންނަން އޮތް ޝައުޤުވެރިކަން ބޮޑުވީމަ. މާލޭގެ ސަރަޙައްދު މިހާރު އެއޮތީ މިކަހަލަ ބޮޑު މަޝްރޫޢެއް ފެށޭ ހިސާބަކު ނޫން. އެކަމަކު އަތޮޅުތެރޭގައި ޙަޤީޤަތުގައި މި ތަރައްޤީ ގެނެވޭނެ ޖާގަ އޮތީ. އަދި އަތޮޅުތެރެއަށް ވަޒީފާގެ ފުރުޞަތު އިތުރުވެގެން ދިޔުން. އާމްދަނީ ހޯދުމުގެ މަސައްކަތް އިތުރުވެގެންދިޔުން، އަތޮޅުތެރެއަށް ދާނީ މިކަހަލަ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން. ދަނގެތި ކަހަލަ، ތުލުސްދޫ ކަހަލަ ކުދިކުދި ރަށްރަށަށް، އެ ރަށްރަށުގެ އިޤްތިޞާދަށް ބޭނުން ފުދޭ މިންވަރަށް ހަމައެކަނި ގެސްޓްހައުސް ހަދައިގެން، އެކަން ފުދިދާނެ. އެކަމަކު މުޅި ސަރަޙައްދުގެ ތަރައްޤީ ގެންނާކަށެއް، އެކަހަލަ ކުދިކުދި މަޝްރޫޢުތަކެއް ނުފުދޭ. އެހެންވެގެން، ދިވެހި ސަރުކާރުން ވިސްނީ، މިކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތައް ފެށޭނެގޮތަކަށް ކަންކަން ގެންދިޔުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެމަސައްކަތް ކުރަން މިހާރު ފުރުޞަތު ލިބިގެން ހިނގައްޖެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާނީ، ދެން މިދެންނެވި ކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތައް ދިވެހިރާއްޖެއަށް ގެނެވޭތޯ ބެލުމަށް.
 
އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިރާދަކުރެއްވިއްޔާ، މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާނެ މަސައްކަތް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މުޅި ރާއްޖެއަށް މިބޭނުންވާ ތަރައްޤީ ހޯދައިދިނުން. ރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ތެރޭގައި ޢުމްރާނީ ތަރައްޤީ، ބިން ބޮޑުކުރުން، ބަނދަރު ހެދުން. މިއީ ހައްތަހާވެސް ބަޖެޓުން ކުރަންހުރި ކަންތައްތައް. މި މަޝްރޫޢުތައް ހިންގާކަށެއް ބޭރުގެ އިންވެސްޓަރުންނެއް ނާންނާނެ. މި މަޝްރޫޢުތަކަކީ ހަމަ ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާނެ މަޝްރޫޢު. އެކަމަކު ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން، ކިހާވަރަކަށް، ކިހާ ގިނަ ދުވަހަކަށް، މިކަހަލަ ކިތައް މަޝްރޫޢު ހިންގިދާނެތޯ ސުވާލު އެބަ އުފައްދަންޖެހޭ. މިއަދު އަޅުގަނޑުމެންގެ ޖުމްލަ ބަޖެޓުގެ 85 ޕަސެންޓް އެދަނީ، ދިވެހިރާއްޖޭގެ ދައުލަތުގެ ރިކަރެންޓް ޚަރަދަށް އެދަނީ. ގާތްގަނޑަކަށް ދިހަވަރަކަށް، ފަނަރަވަރަކަށް ޕަސެންޓް މިއޮތީ، މިދެންނެވި ކަހަލަ މަޝްރޫޢުތަކަށް ޚަރަދުކުރަން.
 
ހަމައެޔާއެކީ ވަރަށްބޮޑު ބައެއް މިދަނީ، ދިވެހިރާއްޖޭގައި މިހާރު މިއޮތް ދަރަނިތައް ފިލުވުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި. ރާއްޖޭގެ ބޭންކުތަކުން ފައިސާ ނަގާފައި ހުއްޓަސް، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެން ފައިސާ ނަގާފައި ހުއްޓަސް، ބައްތިރީސް ހާސް މިލިއަން ރުފިޔާގެ ދަރަނި، ތިން އަހަރުގެ ތެރޭގައި އޮތް ވާހަކަ އަޅުގަނޑުމެން ދެއްކީމަ، މިއީ ފުދޭވަރެއްގެ ބޮޑު ދަރަނީގެ ވާހަކަ މި ދައްކަނީ. މިއީ، ތިން އަހަރު ދުވަހު، ނޫނިއްޔާ ހަތަރު އަހަރު ދުވަހު، ޖުމްލަކޮށް ދިވެހިރާއްޖެއަށް ވަންނާނެ ފައިސާގެ ވާހަކަ މި ދައްކަނީ. އެ ދަރަންޏާއެކީ އަޅުގަނޑުމެން މި ފަށަނީ މި މަސައްކަތް.
 
އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެން މި ދާން ބޭނުންވާ ހިސާބަށް އަޅުގަނޑުމެންނަށް ދެވޭތޯ ބެލުމަށްޓަކައި، ސަރުކާރަށް ދެވޭތޯ ބެލުމަށްޓަކައި، ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެކޭ، ފުރްޞަތު ދިނުން އެއީ. އެ ފުރްޞަތަށް ހުރަސް ނާޅުއްވާށޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް، އިދިކޮޅު ޕާޓީތަކަށްވެސް، ސިޔާސީ ޕާޓީތަކަށްވެސް އަޅުގަނޑު ދަންނަވާނީ، ހުރިހާ ބޭފުޅުން ގަބޫލު ކުރައްވާ އެއްކަމެއް އޮތް ކަމަށްވަންޏާ، އެ ކަމަކީ ރައްޔިތުންގެ ތަރައްޤީ. އެއީ، ކޮންމެ ސިޔާސީ ފިކުރެއް ހުއްޓަސް، އެކަމަކަށް ހުރަސްއަޅާނެ ސިޔާސީ ޕާޓީއެއް ނޯންނާނެ. މިވަގުތު ﷲގެ ރަޙްމަތާއެކީ، ވެރިކަން ހިންގުމުގެ ފުރްޞަތު މިއޮތީ، ދިވެހި ރައްޔިތުން ޕީ.ޕީ.އެމަށް ދެއްވާފައި. އެހެންވީމާ، ޕީ.ޕީ.އެމް.ގެ މި 5 އަހަރުގެ ދައުރުގެ ތެރޭގައި، މި ފުރުޞަތު އަޅުގަނޑުމެންނަށް ބޭނުންހިފަން އެނގޭތޯ ބެލުމުގެ ޖާގަ އަޅުގަނޑަށް ދެއްވަން އެބަޖެހޭ. އޭގެފަހުން 2018 ގައި ނުކުމެވަޑައިގަންނަވައިގެން، އެހެން ސަރުކާރަކުން ވަޑައިގަންނަވައިގެން، މިކަން ހަމަ މިގޮތަށް ގެންދަވާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ދިވެހި ރައްޔިތުންގެ ޙައްޤުގައި، މި ޖާގަ އަރުވާނަން. އެއީ، އަޅުގަނޑުމެން ކޮށްދޭނެ ކަމެއް. އެހެންވީމާ، މިކަންކަން ކުރަން މިކުރާ މަސައްކަތުގައި ހުރަސްއެޅުމަކީ އަދި މިކަންކަން، ހަމަނުޖެހުމުގެ ތެރެއަށް ގެންދާ މަސައްކަތަކީ، ދިވެހި ރައްޔިތުންގެ ކުރިމަގަށް ހުރަސްއެޅުން އެއީ.
 
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، އިޤްތިޞާދީ ސަރަޙައްދުތަކެއް ކަނޑައަޅައިގެން މިކުރާ މަސައްކަތުގައި، މިއީ މުޅި އަތޮޅުތެރެއަށް އަންނަ ތަރައްޤީ ކަމަށްވާތީ، މިއީ އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުން، އެކަމާ ދޭތެރޭގައި އުފާފާޅުކުރައްވަންޖެހޭ ކަމެއް ޙަޤީޤަތުގައި. މި ސަރަޙައްދުގެ މަންފާ މި ލިބިގެންދަނީ މުޅި ރާއްޖެއަށް. މި ސަރަޙައްދުގައި އިޤްތިޞާދުތައް ހުޅުވިގެންދިޔައީމަ، ނޫނީ އިޤްތިޞާދީ  އާ މަސައްކަތެއް އައީމަ، މި މަސައްކަތުގައި ވަޒީފާ އަދާކުރުމުގެ ފުރްޞަތު ހުޅުވިގެން މިދަނީ، ދިވެހި ޒުވާނުންނަށް. އަދި އެއާއެކީ މިރަށުގައި ސްވެނިއަރ ފިހާރައެއް ގެންގުޅޭ، ސްވެނިއަރ ފިހާރައެއްގެ އޯނަރަކަށް އެނގޭނެ، އޭނައަށް ލިބެނީ ކިހާ ފައިދާއެއްތޯ، އޭނަ ފިހާރަ ހިންގީމަ. ހަތަރުސަތޭކަ މިލިއަން ޑޮލަރު، އަށްސަތޭކަ މިލިއަން ޑޮލަރު، އެއްހާސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބަޔަކު ހެދީމަ، އެއިން ލިބޭ ނަފަޔަކީ، ކިހާވަރެއްގެ ނަފާކަން، ވިސްނާލަންވެސް އެނގޭނީ، މިދެންނެވި ގޮތަށް ވިޔަފާރިކުރާ ބަޔަކަށް. މިއީކީ އެއްގޮތަކަށްވެސް، މި މަޝްރޫޢުތައް މި އަންނަނީ އެއްގޮތަކަށްވެސް މިއިން ލިބޭ ޖުމްލަ އާމްދަނީ އެއްކޮށް، އޭގެ އިންވެސްޓްކުރާ މީހުން ބޭރަށް ގެންދާކަށެއް ނޫން. އޭގެތެރެއިން ހަމަ އެއްބަޔަކީ، ދިވެހި ރައްޔިތުންނަށް، ދިވެހި ސަރުކާރަށް، ޓެކްސް ނިޒާމުގެ ތެރެއިން އޭގެ އާމްދަނީ ލިބެންހުރި ކަންކަން. އޭގެއިތުރަށް ރައްޔިތުންނަށް، ނޫނިއްޔާ ދިވެހި ސަރުކާރަށް މިކަމުން ހުޅުވިގެންދަނީ، ދިވެހި ރައްޔިތުންނަށް ވަޒީފާ ހޯދައިދިނުމުގެ ފުރުޞަތުތައް. ބޮޑު އެއް ދާއިރާގައި، މިކަހަލަ އެއް މަޝްރޫޢު ފެށިއްޖެ ކަމަށްވަންޏާ، ދަނގެތީގެ ރައްޔިތުންނަށް އިޙްސާސް ކުރެއްވޭނެ، މިކަހަލަ އެންމެ މަޝްރޫޢެއް ނަމަވެސް، އިހަވަންދިއްޕޮޅުގައި ނޫނިއްޔާ އުތުރުގައި ފެށިއްޖެ ކަމަށްވަންޏާ، މިއާ ގުޅިގެން މަންފާ ލިބޭނެ ތަފާތު އެކިއެކި އިޤްތިޞާދީ މަސައްކަތްތައް އުފެދިގެންދާނެ. މި ހިސާބުގަނޑުގައި ރަށްރަށުގައި ޓުއަރިޒަމް ރިޒޯޓްތައް ހުރީމަ، ދަނގެއްޗަށް މި އައިއްސަ މިއޮތް އާރޯކަން އައިސްގެން މިއުޅެނީ.
 
އެހެންވީމާ، އެއަށްވުރެ ބިޔަ މަޝްރޫޢެއް އިހަވަންދިއްޕޮޅު އަތޮޅުގައި ފެށިގެން ހިނގައްޖެ ކަމަށްވަންޏާ، ނޫނިއްޔާ ފ. އަތޮޅާއި ދ. އަތޮޅުގައި މިކަހަލަ މަޝްރޫޢެއް ފެށިގެން ހިނގައްޖެ ކަމަށްވަންޏާ، އެ މަޝްރޫޢުގެ ސަބަބުން ހަމަ މިރަށުގެ ރައްޔިތުންނަށް އިޙްސާސްވާނެ، މުޅި ސަރަޙައްދަށް ކިހާވަރެއްގެ ތާޒާކަމެއް، އިޤްތިޞާދީ ގޮތުން ކިހާވަރެއްގެ ތާޒާކަމެއް އަންނާނެކަން. އެހެންވީމާ، މިއީކީއެއް އެއްގޮތަކަށްވެސް އޭގެ ޒާތުގައި ފާޑުކިޔަންޖެހޭ މަޝްރޫޢުތަކެއް ނޫން. މިއީ، އޭގެ ޒާތުގައި ދިވެހި ރައްޔިތުން އުފާކުރަންޖެހޭ މަޝްރޫޢުތަކެއް. އޭގެ ޒާތުގައި މުޅި ދިވެހިރާއްޖޭގެ އިޤްތިޞާދަށް، އަޅުގަނޑުމެން ކުރީގައި ގެންގުޅުނު މޮޑެލް ދޫކޮށްލާފައި، ފަސޭހަކަމާއި އަވަސްކަމާއެކީ އިޤްތިޞާދު ޓްރާންސްފޯމް ކުރާ ވާހަކަ އަޅުގަނޑު މި ދައްކަނީ، ނޫނިއްޔާ ބޮޑު ބަދަލެއް ގެންނަ ވާހަކަ މި ދަންނަވަނީ. ބޮޑު ބަދަލެއް ގެންނަން ލިބޭ ޖާގަ މި ލިބެނީ މިގޮތަށް. އެހެން ނޫނިއްޔާ، މިހާރު ހިނގާގޮތަށް ދިވެހިރާއްޖެ މިހާރަށްވުރެ ކުރިއަށް ގެންދެވޭނެ އެއްގޮތަކީ، އަޅުގަނޑު މާދަމާވެސް އިޢުލާނު ކުރަންވީ، ދިވެހިރާއްޖޭގައި މިއަދުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި، ނޫނީ 18 މަސްދުވަހުގެ ތެރޭގައި، އުތުރުގައި 7 ރިޒޯޓް، މެދުރާއްޖެތެރޭގައި 3 ރިޒޯޓް، ދެކުނުގައި 8 ރިޒޯޓް އުފައްދާނަމޭ. އޭރުން ޝައްކެއްވެސްނެތް، ތަރައްޤީ އަންނާނެ. އަދި އެކަން އަޅުގަނޑުމެން ކުރާނަންވެސްމެ. މިއަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ޓުއަރިޒަމްގެ އާ ރަށްތަކެއް އިޢުލާނުވެސް ކުރާނަން. އެކަމަކު އެއިން އެ އަންނަނީ އިންކްރިމެންޓަލް ތަރައްޤީ. އެއީކީ ޓްރާންސްފޮމޭޝަން، ނޫނިއްޔާ އޭގެ ޒާތުގައި ބިޔަ މަޝްރޫޢުތަކަކަށް ބަދަލުވެގެން، އިޤްތިޞާދު ތަފާތު މަރްޙަލާއަކަށް، ނޫނިއްޔާ ތަފާތު ފަށަލައަކަށް ގެންދާކަހަލަ ބަދަލެއް ނޫން އެއީ. މިހާރުވެސް ދިވެހިރާއްޖޭގައި އެބަހުރި އެތައް ބައިވަރު ރިޒޯޓްތަކެއް.
 
އެހެންވީމާ، އެ ތަރައްޤީއަކީ ޝައްކެއްވެސްނެތްގޮތުގައި ބޭނުން ތަރައްޤީއެއް. އެކަމަކު އަޅުގަނޑުމެން މި ދައްކަނީ، މި ކުރު މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ހިންގުމުގެ ބަދަލަށް، ހަމަ މިގެންނަ ބަދަލުތައް ގެންނަގޮތަށް، ހަމަ އިޤްތިޞާދަށް ބޮޑު ޓްރާންސްފޮމޭޓިންގ ބަދަލެއް ގެންނަ ވާހަކަ. ތިޔަބޭފުޅުންގެ ތެރެއިން އެނގިވަޑައިނުގަންނަވާ ބޭފުޅުން، ނޫނިއްޔާ މާ ސާފުނުވާ ބޭފުޅުން ސުވާލު ކުރައްވާނެކަންނޭނގެ، މި ދައްކަނީ އިޤްތިޞާދީ ކޮމިޓީއެއްގެ ވާހަކަ، ނޫނީ އީ.ވައި.ސީ.އެއްގެ ވާހަކަ މިދައްކަނީ ކީއްވެގެންތޯ. ދިވެހި ސަރުކާރުގައި އިޤްތިޞާދީ ކޮމިޓީއެއް އެބައޮތް. އިޤްތިޞާދާއި ޒުވާނުންގެ ކަންތައްތައް ނިންމާ އިޤްތިޞާދީ ކޮމިޓީއެއް އެބައޮތް. ވަޒީރުންކޮޅެއް ތިއްބަވަނީ. ހަމަ އެގޮތަށް، އިޖުތިމާޢީ ކަންކަން ނިންމުމަށްޓަކައި އިޖްތިމާޢީ ކޮމިޓީއެއްވެސް އެބައޮތް. މިއިން ކޮންމެ ކޮމިޓީއަކުން ކޮންމެ ދުވަހަކު ކުރާ މަސައްކަތަކީ، މިހެންހުރި ބޮޑެތި މަޝްރޫޢުތަކަށް، ސަރުކާރުން ގޮތްތަކެއް ނިންމުން. މިއިން ކޮންމެ ކޮމިޓީއަކުން މިކުރާ މަސައްކަތަކީ، މީގެ ކުރީގެ ސަރުކާރުތަކުގައި ކެބިނެޓަށް ގެންނަވައިގެން ނިންމަވާވަރުގެ ބޮޑެތި ބިޔަ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލާފައި، އެއަށް ގޮތްތަކެއް ނިންމަނީ.
 
އަޅުގަނޑުމެންގެ ސަރުކާރަކަށް ވަގުތެއް ނެތް، މި 4 އަހަރުގެ ތެރޭގައި، ބާކީ އޮތް 4 އަހަރުގެ ތެރޭގައި، ކޮންމެ ހަފްތާއަކު، ނޫނިއްޔާ މަހަކު ދެފަހަރު ކެބިނެޓް ބާއްވައިގެން، މިކަހަލަ ބޮޑެތި މަޝްރޫޢުތައް ނިންމާކަށް ޖާގައެއް ނެތް އަޅުގަނޑަކަށް. އަޅުގަނޑަކަށް އެވަރުގެ ފުރްޞަތެއް ނެތް. އަޅުގަނޑަށް ބޭނުންވަނީ، މިދެންނެވި ކަހަލަ މަޝްރޫޢުތައް، މިދެންނެވި ކަހަލަ މަސައްކަތް ކުރުމަށްޓަކައި ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު އެބަ މިކަންކަމަށް ގޮތްތަކެއް ނިންމަންޖެހޭ. އެހެންވެގެން، ފުރަތަމަ ސަރުކާރު އައިއިރުވެސް އަޅުގަނޑު ރައްޔިތުންނާ ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެޔޭ. އެ ބޮޑެތި ބަދަލުތަކުގެ ތެރޭގައި، މިދެންނެވި ގޮތަށް، ކެބިނެޓަށް ކޮންމެ ދުވަހަކު މައްސަލަ ގެނެސްގެން، ނޫނިއްޔާ ހަފްތާއަކު އެއްފަހަރު ކެބިނެޓް ޖަލްސާއެއް ބާއްވައިގެން، އެ ދުވަހުގެ ޖަލްސާގައި ހަތަރު ފަސް މައްސަލަ ނިމޭގޮތަށް، މިހާރު ކޮންމެ ދުވަހަކު މިދެންނެވި ދެކޮމިޓީގައި، އިޖްތިމާޢީ ދާއިރާގެ ކޮމިޓީގައި، އިޤްތިޞާދީ ދާއިރާގައި ކޮންމެ ދުވަހަކު މިކަހަލަ އެތައް މަޝްރޫޢުތަކަކާ ދޭތެރޭގައި ވާހަކަ ދައްކާފައި، ހަފްތާއެއްގެ ތެރޭގައި އެތައް މަޝްރޫޢެއް އެބަ ނިމެމުންދޭ. މިގޮތަށް މަސައްކަތް ކޮށްގެން ނޫނިއްޔާ، މިދެންނެވި 5 އަހަރުގެ މުއްދަތުގެ ތެރޭގައި މިދެންނެވި ކަހަލަ ޓްރާންސްފޮމޭޝަނެއް ގެންނާކަށް އަޅުގަނޑަކަށް ޖާގައެއް ނުލިބޭ.
 
ހަމަ އެގޮތަށް ހިންގުމުގެ ދާއިރާއަށް އަންނަ ބަދަލުތަކުގެ ތެރޭގައި، ހިތާމަވެސް ކުރަން، ބައެއް އޮފީސްތައް އުވާލަންޖެހޭތީވެސް. އެކަމަކު އެ އޮފީސްތައް އުވާލަންޖެހެނީވެސް މިދެންނެވި ހިންގުމުގެ ދާއިރާއަށް ހަލުއި ސްޕީޑް ގެނައުމަށްޓަކައި. އަދި ހަމަ ބޮޑެތި ބަދަލުތަކެއް އަންނަންވެފައި އޮތީ. އަޅުގަނޑު ހަމަ ދަންނަވާލިން، ވަރަށް އަވަސް މުއްދަތުގެ ތެރޭގައި، ޞިއްޙީ ދާއިރާއަށް އަންނާނެ ބަދަލުތަކެއްގެ ވާހަކަ ދަންނަވާނަމޭ. އެހެން ނަމަވެސް، އެ ގެންނަން އުޅުނު ބަދަލުތަކުގެ ވާހަކަ ހަމަ ނުދެންނެވި އަޅުގަނޑަށް ދިޔައީ. ހަމަ ނުދެންނެވުނީވެސް އޭރުވެސް ހަމަ ސަބަބުތަކެއް ހުރެގެން. އޭރު އޮތް ނިޒާމުގެ ތެރެއިން ކަންތައްތަކެއް ކުރެވޭތޯ ބެލީ. އެހެންނަމަވެސް، އެކަންނުވެ ދިޔައީ. އެކަމަކު އިރާދަކުރެއްވިއްޔާ، ޞިއްޙީ ދާއިރާއަށް އަންނަން ހުރި ބަދަލުތަކުގެ ވާހަކަ ހަމަ ވަރަށް އަވަހަށް ދަންނަވާނަން. މި އަންނަނީވެސް ހަމަ މިދެންނެވި ކަހަލަ ބޮޑެތި ބަދަލުތަކެއް. އެ ބަދަލުތަކަކީ ހޮސްޕިޓަލެއް ހުންނަ ތަނެއްގައި ހޮސްޕިޓަލެއް ނެތް ވާހަކައެއް ނޫން. އެކަމަކު ހިންގުމަށް އަންނަ ބަދަލުތަކުގެ ތެރެއިން ނޫނިއްޔަކާއެއް، ޚިދްމަތްދޭ އެއްވެސް ތަނަކުން މިދޭ ޚިދްމަތްތަކުގެ، ޚިދްމަތްތަކެއް އަވަހަކަށް ރައްޔިތުންނާ ހަމަޔަށް ލިބޭނެގޮތެއްނުވޭ. އިރާދަކުރެއްވިއްޔާ، އެކަންވެސް އަޅުގަނޑުމެން ވަރަށް އަވަހަށް އިޢުލާނު ކުރާނަން.
 
އެހެންވީމާ، މިއަދުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ކޮންމެ މުއްސަނދި ކަމެއް، ރަށަކަށް ލިބިގެން ދިޔައީމަ، މިރަށުގެ ބަނދަރުގެ މުއްސަނދިކަން، ބަނދަރުގެ ފަސޭހަކަން އިތުރުވެގެން ދިޔައީމަ، މިއުޅެނީކީ އެއްގޮތަކަށްވެސް މިރަށަކަށް ލަފާފުރުމުގެ ދަތިކަން ފިލުވައިދޭކަށެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި ބަނދަރެއް އޮވެއްޖެ ކަމަށްވަންޏާ، ބަނދަރަކުން ލިބޭނެ އަސާސީ ބޭނުމަކީ އެއީ. އެކަމަކު އަޅުގަނޑުމެންގެ ވިސްނުމަކީ، އެއަށްވުރެ ބޮޑު އިޤްތިޞާދީ ފައިދާ ހޯއްދަވާށޭ މި ބަނދަރުގެ. އެއަށްވުރެ ބޮޑު އިޤްތިޞާދީ ފައިދާ ހޯއްދަވާ. ބިމުގެ މުއްސަނދިކަން އިތުރަށް ހޯދައިދޭ ރަށްރަށުގައި، އަޅުގަނޑުމެން ނިންމީ، ދ. އަތޮޅު މީދޫ، ހަމަ އެގޮތަށް އޭދަފުށި، މިތަންތަން އަޅުގަނޑުމެން ނިންމީ، މީދޫގައިވެސް މީދޫގެ ހަމަ ބޮޑު އެއް މީދޫ އިތުރަށް އިތުރުކޮށްދިނީ. އޭދަފުށްޓަށްވެސް ހަމަ އޭދަފުށީގެ ބޮޑު އެއް އޭދަފުށި އަޅުގަނޑުމެން އިތުރުކޮށްދިނީ. އޭދަފުށި، މީދޫ، މިރަށްރަށް، ހަމަ ރަށްރަށުގެ ގޮތުގައި ތަހުޒީބުވެގެން އަންނަތާ އެތަކެއް ސަތޭކަ އަހަރުވެއްޖެ. އެކަމަކު އެވަރުގެ ބިމެއް އިތުރުވެގެން ދިޔައީމަ، އެރަށްރަށުގެ ރައްޔިތުން އެބަޖެހޭ، އެ ބިމުގައި އިޤްތިޞާދީ ބޮޑެތި ބޭނުންތަކެއް ހިއްޕަވަން. އެއީ، އަޅުގަނޑު މިދެންނެވި ޓްރާންސްފޮމޭޓިވް ބަދަލު ގެނައުމަކީ. އެއްގޮތަކަށްވެސް އެހުރިހާ ބިމަކީ، އޭގެ ޒާތުގައި އުފެދިގެން ދިޔައީމަ، މަޝްރޫޢެއްނެތި، ޕްލޭނެއްނެތި އެ ބިންތައް އޮވެގެން، ކޮންމެވެސް ގޮތަކަށް އެ ބިންތައް ބޭނުންކުރެވިގެން ދިޔުމެއް ނޫން. ކައުންސިލަރުން ވިސްނަވަން މިޖެހެނީ، ބަނދަރު ހެދުނީމަ، ބިން ބޮޑުކުރެވުނީމަ، އެ ބިމުގައި އިޤްތިޞާދީ ބޮޑެތި ފައިދާ ލިބޭނެ ގޮތްތަކަށް، އެ ބިމުގެ ބޭނުން ބަދަލުކޮށްދެއްވަން.
 
 
ދަނގެތީގައި އިޤްތިޞާދީ ޚިޔާލުކުރާ ރައްޔިތުންތަކެއް ތިބިކަން އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، ދަނގެތީގައި މި ބަނދަރު ހެދިގެން ދިޔައީމަ، އިރާދަކުރެއްވިއްޔާ، އެއްއަހަރަށްވުރެ ކުރު މުއްދަތުގެ ތެރޭގައި ނިމޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މި ނިމިގެން ދިޔައީމަ، ލަފާފުރުމުގެ ދަތިކަން ޙައްލުވެގެންދާކަން އަޅުގަނޑަށް ކަށަވަރުކުރެވޭ. އެކަމަކު އެއީ މީގެ އަސާސީ ބޭނުން. އެއަށްވުރެ ބޮޑެތި އިޤްތިޞާދީ ފައިދާތައް ލިބޭތޯ، މި ބަނދަރުގެ ބޭނުން ހިފޭތޯ، މިރަށުގެ ރައްޔިތުން ބައްލަވަންވާނެ. އަޅުގަނޑުމެންގެ މަޝްރޫޢުތައް، ރާއްޖޭގެ އެކި ހިސާބަށްދާއިރު، އ. އަތޮޅުގެ ދެކުނުބުރިއަކީވެސް މި މަޝްރޫޢުތަކުން ދުރުގައި އޮންނާނެ އަތޮޅެއްވެސް ނޫން. މިތަނަށް އެންމެ ސޫޓަބަލް، އެންމެ ގުޅޭ ޒާތުގެ މަޝްރޫޢުތަކެއް މިތަނަށް އަންނާނެ. އެހެންވީމާ، ސްޕެޝަލް އިކޮނޮމިކް ޒޯނަކީ އެއްވެސް ގޮތަކަށް، ވަކި ބިންބޮޑު ތަންތަނަށް އެކަނި ޚާއްޞަވާ މަޝްރޫޢުތަކެއްވެސް ނޫން. ބިން ބޮޑުވުމަކީ އޭގެ ޒާތުގައި އަޅުގަނޑުމެންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމެއް. އެކަމަކު ބިން އުފައްދައިގެން މިކަން ކުރެވޭނެ ހުރިހާ ދިމާއަކަށްވެސް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ހަމަ މަޝްރޫޢުތައް ހިނގާނެ.
 
 
އަޅުގަނޑުމެންގެ ބޭނުމަކަށްވަނީ، ދިވެހިރާއްޖެ މިއޮތް ހިސާބުން އާ ހިސާބަކަށް ގެންދިޔުމަށްޓަކައި މި 4 އަހަރުގެ ތެރޭގައި، ބާކީ މިއޮތް 4 އަހަރުގެ ތެރޭގައި، މިދެންނެވި ކަހަލަ އަސާސީ ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ ޤާނޫނީ ބަދަލުއައުމާއެކީ، އިދާރީ ހިންގުމުގެ ބަދަލު އައުން. ދެން ކުރަންހުރި މަސައްކަތަކީ، މިދެންނެވި ގޮތަށް، ފެންފުޅިއެއް ވިއްކަން، ވިއްކާ މީހާ ނުކުމެ އުޅޭގޮތަށް، އަޅުގަނޑުވެސް މި ނުކުންނަން ޖެހެނީ، އަޅުގަނޑުގެ ސަރުކާރުގެ ވަޒީރުންނާއެކީ، މިކަހަލަ ބޮޑެތި މަޝްރޫޢުތައް ދިވެހިރާއްޖެއަށް މާކެޓް ކުރުމަށްޓަކައި، ދިވެހިރާއްޖެ ވިއްކުމަށްޓަކައި ކުރާ މަސައްކަތް. އެހެންވީމާ، އެ މަސައްކަތުގައި އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެން މިހާރު ބޭނުމެއް ނޫން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް، ނޫނިއްޔާ ކައިރީގައި ހުރި ބޮޑެތި ޤައުމުތަކަށްވެސް، ކުދިކުދި މަޝްރޫޢުތަކުގެ އެހީއަކަށް ދަންނަވާކަށް ދާކަށް. އަޅުގަނޑުމެން ބޭނުންވަނީ މިކަހަލަ ބޮޑެތި މަޝްރޫޢުތަކަށް ފައިސާ ލިބޭތޯ، ޚިދްމަތް ލިބޭތޯ ބަލަން.
 
އަޅުގަނޑު ވާހަކަކޮޅު މި ނިންމާލަނީ. އަޅުގަނޑު އެދެނީ، އިރާދަކުރެއްވިއްޔާ، ދަނގެތީގެ ރައްޔިތުންނަށް މި ލިބިވަޑައިގެންނެވި އުފަލުގައި، އަޅުގަނޑުމެންނަށް ބައިވެރިވުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި، އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުންނަށް ދެއްވި ކަމަށްޓަކައި، ތިޔަ ބެހެއްޓެވި ގާތްކަން އަޅުގަނޑު ފާހަގަކުރަމޭ. ހަމަ ތިޔަބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ފަށްފަށުން ޝުކުރު ދަންނަވައި އަދި އަޅުގަނޑުމެންގެ މިދަތުރަށް މުޅި ދަނގެތި ޒީނަތްތެރި ކުރައްވައި، މިހާ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި ހުރީމަ، ހަމަ މުޅި ދަނގެތީގެ ހުރިހާ ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރާއި ދަނގެއްޗާ މިއީ ހަމަ ވަރަށް ގާތް ގުޅުމެއް އޮންނާނެ ރަށެއް ކަމަށް އަޅުގަނޑު ބަލައިގަންނަމޭ. ދަނގެތީގެ ރައްޔިތުންވެސް އެގޮތަށް ބަލައިގެންނެވުމަކީ އަޅުގަނޑުގެ އެދުމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه