މި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑު ބަދަލެއް ގެނެސްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަންނަ ސެޕްޓެންބަރު މަހު 1 ން 4 އަށް ސަމޮއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ބުރާސްފަތިދުވަހު ސަމޮއާއަށް ފުރާވަޑައިގަތުމުގެ ކުރިން، ރާއްޖޭގެ ޙަބަރުފަތުރާ ވަޞީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ ބޮޑު ބަދަލެއް ގެނެސްދެއްވުމަށްޓަކައި އިންވެސްޓަރުންނަށް ޤާނޫނީ ވެށްޓެއް ޤާއިމް ކޮށްދެއްވައި، ޤާނޫނުން ލިބިދޭންޖެހޭ ބާރުތައް އެފަރާތްތަކަށް ހޯއްދަވައިދެއްވުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ސަރުކާރުން ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން ބިލްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިބިލް ތަސްދީޤު ކުރެއްވުމާ ގުޅޭގޮތުން ބަންޑާރަނައިބުގެ ލަފާފުޅަކަށް މިހާރު އެދިވަޑައިގެންފައިވާނެ ކަމަށާއި، ވީއެންމެ އަވަސް މުސްތަޤްބަލެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލް ތަސްދީޤުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލް ތަސްދީޤު ކުރެވުމުން، ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނުގެ ދަށުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމުގައި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.