އަންނަ ސެޕްޓެންބަރު މަހު 1 ން 4 އަށް ސަމޮއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ބުރާސްފަތި ދުވަހު ސަމޯއާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް މައުމޫން ފުރާވަޑައިގަތުމުގެ ކުރިން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓްގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ބަހުސްކުރައްވާނެ މައްސަލަތަކާ ބެހޭ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. މިގޮތުން، މި ޖަލްސާގެ އެންމެ ބޮޑު ބޭނުމަކީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލައާއި، ސަލާމަތާއި، ރައްކާތެރިކަމުގެ މައްސަލަތަކަށް ޙައްލު ހޯއްދެވުން ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ. އަދި، މީގެ ކުރިން ބޭއްވިފައިވާ ދެ ޖަލްސާގައި ފާސްކޮށްފައިވާ ޤަރާރުތަކަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތިންވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.