ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަލްއުސްތާޛު މުޙައްމަދު ޢީސާފުޅު މިއަދު ހަމަޖައްސަވައިފިއެވެ. އަލްއުސްތާޛު މުޙައްމަދު ޢީސާފުޅަކީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރެއްވި ފަނޑިޔާރެވެ.

އަލްއުސްތާޛު މުޙައްމަދު ޢީސާފުޅު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް
ހަމަޖެއްސެވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި، އަލްއުސްތާޛު މުޙައްމަދު ޢީސާފުޅު ކުރެއްވިއެވެ.