ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް ޖަޕާންގެ އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓަންސް (އޯ.ޑީ.އޭ) ރިވިޔު ޓީމު މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވަމުން ގެންދަވާ އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުން ތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި، ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ހޭދަ ވެގެންދަނީ ރަށްގިރުން ފަދަ ތިމާވެށީގެ މައްސަލަތައް ހައްލުކުރެއްވުމަށާއި، ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ ގެނެސްދެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، ވަކިން ޚާއްޞަކޮށް، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާއި ހުޅުމާލޭގައި ޔޫތު ސިޓީ މަޝްރޫޢުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ވަފުދާ ޙިއްޞާކުރެއްވިއެވެ.
ޖަޕާނުގެ އޯ.ޑީ.އޭ ޓީމުގެ ލީޑަރު މިސްޓަރ ކަޒޫޔާ ޝިމްބާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، ވެދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލެއްވުމެއް އޯ.ޑީ.އޭ.ގެ ފަރާތުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނާއިބު އަލްފާޟިލާ ފާޠިމަތު ޢިނާޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެޑިރެކްޓަރ އަލްފާޟިލް ޢުބައިދުﷲ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.