‏ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑަބްލިޔު. ޖީ. އެން. ‏‏އެހް. ޑިއަސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ސްރީލަންކާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ‏‏އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. ‏

‏މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ‏‏ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ‏‏ޚާއްޞަކޮށް، ޞިއްޙީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއިން ގުޅުން އިތުރަށް ތަރައްޤީ‏‎ ‎‏ކުރެއްވުމަށް ‏‏ދެޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކުގައިވާ ކަންކަން އަވަސް މުސްތަޤްބަލެއްގައި ‏‏ފެށްޓެވުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވައިލެއްވިއެވެ.‏

‏އަދި، ދެޤައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމުގެ މައްޗަށް، ‏‏އަލިއަޅުއްވައިލައްވަމުން، އެއްޤައުމުން ބޭނުންވާ ކަންކަމުގައި އަނެއް ޤައުމުން އެހީތެރިކަމާއި ‏‏އެއްބާރުލެއްވުން ދެއްވުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަ ކުރެއްވިއެވެ.‏

‏މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ‏‏ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ސްރީލަންކާގެ އާސަފީރުގެ ދައުރުގައި އިތުރަށް ‏‏ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ‏‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏