ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި ހިނގަމުންދިޔަ އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯ.ޕީ.ޕީ) 2014 އޮގަސްޓު 7 ވަނަ ދުވަހު އުވާލައްވައި، އެއޮފީހުން ކުރައްވަމުން ގެންދެވި މައިގަނޑު މަސައްކަތްތައް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރައްވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތަށް ބަދަލުކުރެއްވުމުގެ ބޭނުމަކީ، ސަރުކާރުގެ އޮފީސްތަކުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަލުވި އަދި ޚަރަދުކުޑަވާނެ ގޮތެއްގެމަތިން ހިންގެވުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.