ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ވަކި އިދާރާގެ ގޮތުގައި ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއާއި ސެންޓްރަލް ޕްރޮކިއުމަންޓް އޮފީސް، 2014 އޮގަސްޓު 10 ވަނަ ދުވަހު އުވާލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދެ އިދާރާ އުވާލެއްވީ އެތަންތަނުން ކުރައްވަމުން ގެންދެވި މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، އެ މިނިސްޓްރީގެ ދަށުން ހިނގާ އެހެން އިދާރާތަކުން ކުރެއްވުމުން، އެމަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރެއްވޭނެ ކަމަށް ފެނިވަޑައިގަންނަވާތީއާއި، ސަރުކާރުގެ ޚަރަދުތަކަށް ލުޔެއް ލިބޭނެކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިހާތަނަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއިން ކުރައްވަމުން ގެންދެވި ޤައުމީ ތަރައްޤީއާ ގުޅޭ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވައި، ދިވެހިރާއްޖޭގެ އާބާދީއާ ބެހޭގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއިން ކުރައްވަމުން ގެންދެވި މަސައްކަތްތައް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިހާތަނަށް ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުން ކުރައްވަމުން ގެންދެވި މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.