ރިޟުވާން މޫސާ – ޗެނަލް 13:
ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އިޤްތިޞާދާ ގުޅޭގޮތުން ވަރަށްގިނަ ކަންތައްތަކެއް ޗައިނާ ސަރުކާރުން ނިންމަވާފައިވަނީ، އެހެން ނޫންތޯ. ކޮބައިތޯ މައިގަނޑު ގޮތެއްގައި، ޖުމްލަ ގޮތެއްގައި، މިދަތުރުފުޅުގައި އެންމެ ބޮޑަށް ނިންމެވި ކަންތައްތަކަކީ؟
        
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
بســماللّـهالرّحمـنالرّحيــم
 
އަޅުގަނޑުމެން ޗައިނާއަށް ކޮށްފައި، މި ނިންމާލި ދަތުރަކީ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށް އުންމީދީ ދަތުރެއް. ދެން ޗައިނާގެ ރައީސާއެކީގައި އަދި ރަސްމީ ވާހަކަތަކުގައި، ހަމަ ވަރަށް އެދެވޭ، ނޫނިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކީ އެބޭފުޅުން ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި. އެހެންވީމާ، އެގޮތުން ވަރަށް ކާމިޔާބު ދަތުރެއް ކަމަށް، އަޅުގަނޑަށް ދެންނެވޭނީ.
 
ދެން ޙަޤީޤަތުގައި އަޅުގަނޑުމެން މިދިޔައީ، އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް އަޅުގަނޑުމެންނަށް ދަޢުވަތު ލިބުނީމަޔާއެކީ. ހަމައެހެންމެ، ޗައިނާގެ ސަރުކާރާއެކީ ވާހަކަ ދެއްކުމުގެ ފުރްޞަތު ލިބޭތީ، އަޅުގަނޑުމެން މި ދަތުރުކުރީ.
 
ދެން ރާއްޖެއިން މިދިޔައީ ހަމަ ރާއްޖެއަށް މިވަގުތު ބޭނުންވެފައި ހުރި ބޮޑެތި 7 މަޝްރޫޢުގެ ވާހަކަ ދައްކަން. އެހެން ނަމަވެސް އަޅުގަނޑުމެން އިސްކޮށް ދެއްކީ، ބްރިޖުގެ ވާހަކަ، ޗައިނާ ސަރުކާރާއެކު. ދެން އަޅުގަނޑުމެންނެއް ނޫން، ޗައިނާ ސަރުކާރުގެ ފަރާތުން ރައީސް ހަމަ ސީދާ ނެންގެވީ، ދެން އެހެން މަޝްރޫޢުތަކުގެ ވާހަކަ. ދެން އަޅުގަނޑުމެން ދެއްކީ ހަމަ ބްރިޖުގެ ވާހަކަ. ދެން އިރާދަކުރެއްވިއްޔާ، ހަމަ ބްރިޖުގެ ކަންތަކުގައި ޗައިނާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެދެއްވާނެ ކަމަށް އަޅުގަނޑުމެންނަށް އެންގެވި. ހަމައެޔާއެކީ ވިދާޅުވި، ދެން އެކަން ކުރިއަށް ގެންދިޔުމަށްޓަކައި ހަމަ މިހާރުންމިހާރަށް، ދެފަރާތުން އިކޮނޮމިކް ކައުންސިލެއް ހަދަމާހެއްޔޭ. ޖޮއިންޓް ކޮމިޓީއެއް ނަގަމާހޭ. ދެން އަޅުގަނޑުމެންގެ ފަރާތުން ޖޮއިންޓް ކޮމިޓީގައި ތިއްބަވާނެ ބޭފުޅުން ކަނޑައަޅާފައި، އަޅުގަނޑުމެން މިއައީ. ދެން މިތާ ހުންނަވާ ޗައިނާގެ ސަފީރު ވަނީ މި ދަތުރަށް ތައްޔާރުވުމުގެ ވަރަށްގިނަ މަސައްކަތްތަކެއް ޗައިނާ ސަރުކާރާ ގުޅުއްވައިގެން ކުރައްވާފައި. އެހެންވީމާ، އަޅުގަނޑުމެންގެ ދަތުރު ހަމަ ވަރަށް ފަސޭހަވެގެންދިޔަ.
 
ދެން އެޔާއެކީ، އަޅުގަނޑުމެން މިގެންގުޅޭ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަ، ޗައިނާ ސަރުކާރުގެ ފަރާތުން ރައީސް އަޅުގަނޑުމެންނާ އެވާހަކަފުޅު ދެއްކެވި. ދެން އަޅުގަނޑުމެން ހަމަ އެކަންކަމަށް ޝުކުރު ދަންނަވާފައި، ޖުމްލަ ދާނެ ޢަދަދެއް ކަމަށް ލަފާކުރެވޭވަރު އަޅުގަނޑުމެން ދެންނެވިން. ދެން އެޔާއެކީ، މި މަޝްރޫޢުތަކަކީ، ޗައިނާގެ މަޝްހޫރު ބޮޑެތި ކޮންޓްރެކްޓަރުން، ކޮންޓްރެކްޓަށް ނަގާ މަޝްރޫޢުތަކަށްވާނީ. ދެން މިކަމުގައި ޗައިނާ ސަރުކާރަށް ކޮށްދެއްވޭނެ ކަމަކީ، ޙަޤީޤަތުގައި ޗައިނާ ސަރުކާރުން މިކަންކަމަށް އިސްކަން ދެއްވާ ކަމަށް، ޗައިނާގެ ކޮންޓްރެކްޓަރުން ގާތުގައި ވިދާޅުވެފައި އަދި އެގްޒިމް ބޭންކަށް އެ އިޝާރާތް ކުރެއްވީމަ، އެގްޒިމް ބޭންކުން އަޅުގަނޑުމެންނަށް މިކަންކަމަށް ނަގާ ލޯނުގެ އިންޓްރެސްޓް ވަރަށްބޮޑުތަން ކުޑަވެގެންދާނެ.
 
ދެން އަޅުގަނޑުމެން އެހެން މަޝްރޫޢުތަކެއްގެ ވާހަކަތަކެއް ދެއްކީކީ ނޫން. އަޅުގަނޑުމެން ހަމަ ބްރިޖްގެ ވާހަކަ ދެއްކީ. އެހެންވީމާ، ޗައިނާގެ ރައީސްގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް ހަމަ ވަރަށް ގަބޫލުކުރެވޭ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށްބޮޑު އެހީތެރިކަމެއް ޗައިނާ ސަރުކާރުން ލިބިގެންދާނެ ކަމަށް. ދެން ހަމަ އެޔާއެކީ، އެގޮތަށް ގަބޫލުކުރެވޭ އަނެއް ސަބަބަކީ، ހަމަ އެވާހަކަތަކާ އެކީ އަޅުގަނޑުމެން ޚާރިޖީ ދާއިރާގައި، ބައިނަލްއަޤްވާމީ ޑިޕްލޮމަސީގައި، ޗައިނާއަށް މުހިންމު ކަންކަމުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކުނު. ޗައިނާގެ ރައީސް އިސްނަންގަވައިގެން މިއޮތީ، އިޤްތިޞާދީ މަސައްކަތްތަކެއް ފަށްޓަވާފައި، އޭޝިޔާއާއި އަދި ޕެސިފިކްގައި ހިމެނޭ އޭޝިޔާ ޤައުމުތަކުގެ ސަރަޙައްދުގައި. ޗައިނާޔާއެކީ ވިޔަފާރީގެ އިޤްތިޞާދީ ގުޅުންތަކެއް ބަދަހިކުރުމަށްޓަކައި، 21 ވަނަ ޤަރުނުގެ ސިލްކްރޯޑް އިނީޝިއޭޓިވެއް މިއޮތީ ފަށްޓަވާފައި. ދެން އަޅުގަނޑުމެން އެދުނިން، އަޅުގަނޑުމެން މި ސިލްކްރޯޑް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ޖާގަ ލިބޭތޯ. ހަމަ ވަގުތުން އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވެފައި، އަޅުގަނޑުމެން އޭގައި ބައިވެރިވާ ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ދެއްވި. އެޔާއެކީ އަޅުގަނޑުމެން ދަޢުވަތެއް އެރުވިން، މިއަންނަ އަހަރަކީ އަޅުގަނޑުމެންގެ މިނިވަންކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ޗައިނާގެ ރައީސް ވަޑައިގެންދެއްވުމަށް. ހަމަ އަޅުގަނޑުގެ ވާހަކަ ނިމުނުތަނުން ވަގުތުން ވިދާޅުވެއްޖެ، ތިމަން މަނިކުފާނު ވަޑައިގަންނަވާނަމޭ.
 
އެހެންވީމާ، ގަބޫލު ކުރެވެނީ ވަރަށް ހަމަ ގުޅުން ރަނގަޅު ކަމަށް. އަޅުގަނޑުމެންގެ މި ދަތުރަށް ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެންނެވި ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. އެހެންވީމާ، މިދެންނެވި ސަބަބުތަކަށްޓަކައި ހަމަ ގަބޫލުކުރެވެނީ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅު އެހީތެރިކަމެއް ޗައިނާ ސަރުކާރުގެ ފަރާތުން ވެގެންދާނެ ކަމަށް.
 
ދެން ދެފަރާތުގެ އިޤްތިޞާދީ ޖޮއިންޓް ކޮމިޝަނެއް ނެންގެވުމުގެ ބޭނުންފުޅަކަށްވެސް ވަނީ، އަޅުގަނޑުމެންގެ މިހިރަ މަޝްރޫޢުތައް ހަމަ ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންހުރި މަސައްކަތްތަކެއް ވަރަށް އަވަހަށް ކުރަން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. ދެން އޭގެފަހުން ބޭއްވުނު ބައްދަލުވުންތަކުން އަޅުގަނޑުމެންގެ ޓީމު، ހުރިހާ ވަޒީރުން ބައްދަލުކުރެއްވި. އަޅުގަނޑުވެސް ގިނަ ބައްދަލުވުންތަކެއް ބައިވެރިވިން. ޗައިނާގެ ސިވިލް ވަރކްސްގެ ހަމަ ބޮޑެތި ކުންފުނިތަކާ. ބޮޑެތި ކުންފުނިތަކުގެ ހަމަ އެންމެ އިސްބޭފުޅުން ވަޑައިގަތީ އަޅުގަނޑުމެންނާ ބައްދަލުކުރައްވަން. އޭގެތެރޭގައި، ބްރިޖާއި އަދި ސިވިލް ވަރކްސްގެ އެހެން މަސައްކަތްތަކުގައި ހިމެނޭ ބޮޑެތި ކުންފުނިތަކުން އަޅުގަނޑުމެންނާ ބައްދަލުކުރި. ދެން ހަމަ އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މި ޖޮއިންޓް ކޮމިޝަން ނެގޭ ހިސާބުން އިރާދަކުރެއްވިއްޔާ، ޗައިނާ ސަރުކާރުގެ ފަރާތުން އެހީވާގޮތަށް، ބްރިޖްގެ ފީޒިބިލިޓީ އެއީ، ކަނޑުގެ ރާޅާއި އޮއިވަރުގެ ކަންތައްތައް ބެލުމަށް، ހަމަ ޓީމެއް މިތަނަށް އަންނާނެ ކަމަށްވަނީ، މިއަހަރުގެ ތެރޭގައި މަސައްކަތް ފެށްޓުމަށް. އެކަން ނިމުމާއެކީ، މިއިން ކޮންމެވެސް އެއް ކޮންޓްރެކްޓަރަކު، މި މަސައްކަތް ފަށާނެ ކަމަށް އަޅުގަނޑުމެންނަށް، ޗައިނާ ސަރުކާރުން މަޢުލޫމާތު ލިބެނީ، މި ދެންނެވި ބައްދަލުވުންތަކުން. އެހެންވީމާ، ހަމަ ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށް އަވަހަށް މި މަސައްކަތް ފެށިގެން ދާނެ ކަމަށް އަޅުގަނޑުމެންނަށް އުންމީދު ކުރެވެޔޭ.
 
ދެން އޭގެއިތުރަށް، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންނަށް ދެއްކުނު ވާހަކައަކީ، ބައިނަލްއަޤްވާމީ މަސްރަޙުގައި، ޗައިނާއަށް އެހީތެރިކަން ބޭނުންވާ ކަންތައްތަކުގައި، ހަމަ ދިވެހިރާއްޖެއިންވެސް އެހީތެރިވުމަށާއި އަދި ޗައިނާއަކީ މިހާރު ދުނިޔޭގައި ވަރަށް ވަރުގަދަ ބާރަކަށްވާތީ، ވަރަށް ވަރުގަދަ ނުފޫޒަކަށްވާތީ، އަޅުގަނޑުމެންވެސް ގަބޫލުކުރާ ކިތަންމެ ކަމެއްގައި، ޗައިނާއާއި އަޅުގަނޑުމެންނާ އެއް އުޞޫލުތަކެއް ގެންގުޅޭ ބަޔަކަށްވޭ. ޚާއްޞަކޮށް،  މި ސަރަޙައްދުގައި، އިންޑިޔާ ކަނޑާއި އަދި އިންސާނީ ޙައްޤުތަކާބެހޭ ކަންކަމާ، މިކަހަލަ އެތައް ކަމެއްގައި. ދެން މިކަހަލަ ވާހަކަތައްވެސް ދެއްކުނު. އެހެން ނަމަވެސް، މައިގަނޑު ފޯކަސްއަކަށް، އަމާޒަކަށް ވެގެންދިޔައީ، ހަމަ މިދެންނެވި ގޮތަށް، އަޅުގަނޑުމެންގެ އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކަށް ހަމަ ދެކެވުނު ވާހަކަތައް.
 
އަޙްމަދު ޢާޒިފް – ސަން އޮންލައިން:
 
ބްރިޖުގެ މަޝްރޫޢުގައި ކިތައް ޤައުމުގެ އެހީތެރިކަން ލިބޭނެތޯ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ބްރިޖްގެ މަޝްރޫޢުގައި އަޅުގަނޑުމެން އެހެން އެއްވެސް ޤައުމަކާ މިވާހަކައެއް ނުދައްކަން. ބްރިޖްގެ މަޝްޢުގައި އަޅުގަނޑުމެން ހަމަ މި ވާހަކަ ދެއްކީ، ސަރުކާރަކާ ވާހަކަ ދެއްކީ ހަމަ ޗައިނާއާ އެކަނި. އަޅުގަނޑުމެން ބްރިޖްގެ ޓެންޑަރ ހުޅުވާލީ ދޮއެއްތޯ. ޓެންޑަރ ހުޅުވާލީމަ، އެކި ޤައުމުތަކުން ބައިވެރިވި. އެހެން ނަމަވެސް، އޭގެތެރޭގައި އެކަން އެންމެ ކުރެވޭނެ ކަމަށް، ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހަމަ މިއުޅެނީ ޗައިނާގެ ކުންފުނިތަކެއް. އެހެންވީމާ، ރަސްމީކޮށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަމަށް އެދި ބްރިޖާ ބެހޭގޮތުން މަޝްރޫޢަކަށް އެދި ސަރުކާރެއްގައި ދެންނެވީ ހަމައެކަނި ޗައިނާ ސަރުކާރުގައި.
 
އަޙްމަދު ޢާޒިފް – ސަން އޮންލައިން:
 
އިދިކޮޅު ފަރާތްތަކުން ފާހަގަކުރޭ، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް، އެ ބިލް ޤާނޫނަކަށްވުމާއެކީގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބައެއް ބިންތައް މިލްކު ކުރެވި، ބޭރުގެ ނުފޫޒުތައް ރާއްޖެއަށް ވަދެގެންދާނެ ކަމަށް. އެގޮތަށް ތުހުމަތުކޮށް އެމް.ޑީ.ޕީ.ގެ ފަރާތުންވެސް ވާހަކަ ދައްކައި، އިޙްތިޖާޖުވެސް ކުރަމުންދޭ. މިކަމާ ގުޅޭގޮތުން ކޮބައިތޯ، ސަރުކާރުގެ ފަރާތުން ދޭނެ ޖަވާބަކީ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ސަރުކާރުގެ ފަރާތުން ދޭ ޖަވާބަކީ، ސަރުކާރުން މިކުރާ މަސައްކަތަކީ، ރާއްޖެ އިޤްތިޞާދީ ގޮތުން މިހާރަށްވުރެ ވަރުގަދަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތް. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު އައުމަކުންނެއް، ޤާނޫނުއަސާސީގައި ނުދޭ ބާރުވެރިކަމެއް ނުލިބޭ. ޤާނޫނުއަސާސީގައި މިހާރުވެސް އޮތީ، 99 އަހަރަށް، ޤާނޫނުން ކަނޑައަޅާ ގޮތަކަށް، 99 އަހަރަށް ފްރީހޯލްޑް ލިބޭގޮތަށް އެއޮތީ ޤާނޫނުއަސާސީ. އެ ޤާނޫނުއަސާސީއަށް، އެޔަށް އެ އިޞްލާޙު ގެނައީ، އަޅުގަނޑުމެން ހަމަ މަސައްކަތް ކޮށްގެން. އެއީ، ބޮޑެތި ބިޔަ އިންވެސްޓްމަންޓް ދިވެހިރާއްޖެއަކަށް، ނޫނީ އެއްވެސް ތަނަކަށް ނާންނާނެ، ފްރީހޯލްޑްވެގެން ނޫނިއްޔާ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިކަން އޮތީ މިގޮތަށް. އެންމެ ބޮޑެތި ޤައުމުތަކުގައިވެސް ފްރީހޯލްޑް ރައިޓްސް މިހުންނަނީ ހަމަ 99 އަހަރާއި 50 އަހަރާ، މި މުއްދަތުގެ ތެރޭގައި. އެހެންވީމާ، ދިވެހިރާއްޖެއަކަށް ތިން ހަތަރުސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ހިފައިގެން ނާންނާނެ، މިހާރު އެ މުއްދަތަށް ބިން ނުލިބޭ ކަމަށްވަންޏާ. ދެން މި ބިންބިމަކީ މިހާރު އެއްވެސްކަހަލަ ބޭނުމެއް ނުކުރާ ބިންބިން. މިގޮތަށް މިހިރަ ބިންބިމަކީ، މީގެތެރޭގައި އެއްވެސް ބޭނުމެއް ނުކުރާ ބިންބިން. މިސާލަކަށް، އައިހޭވަން މަޝްރޫޢު ނަންގަވާ. އައިހޭވަން މަޝްރޫޢުގެ ވަރަށްބޮޑު ބަޔަކީ ހިއްކަންޖެހޭ ބިން. ހިއްކާ ބިން. އެހެންވީމާ، އެ ހިއްކާ ބިން މިގޮތަށް ބޭނުންކޮށްގެން، ދިވެހިންނަށް ފައިދާހުރި ބޮޑެތި މަޝްރޫޢުތަކެއް، ދިވެހި ސަރުކާރަށް އެތައް އާމްދަނީއެއް ލިބި އަދި ވަޒީފާގެ ފުރްޞަތު އިތުރުވެ، ދިވެހިރާއްޖެއަށް އާމްދަނީލިބޭނެ ގޮތްތައް  މިއަންނަނީ ބިން ހިއްކައިގެން. އެހެންވީމާ، އެމް.ޑީ.ޕީ. އެއް ނޫން އަދި ކޮންމެ ބައެއްގެ ފަރާތުން މި ވާހަކަ ދެއްކިނަމަވެސް، އަޅުގަނޑުމެން މި ތިބީ މި މަސައްކަތާއިގެން ކުރިއަށްދާން. އެހެންވީމާ،  މި މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބިލް، އިރާދަކުރެއްވިއްޔާ ފާސްވެސްވާނެ. އަދި ދިވެހިރާއްޖެ މިހާރު މިދެކޭ އިޤްތިޞާދީ ވިސްނުމަށްވުރެ ކުރިއަށް ދިވެހިރާއްޖެއަށް ހަމަ ދެވޭނެގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަގުފަހިކުރާނަން. ދެން އަބަދުވެސް އޮޕޮޒިޝަންގައި ތިބޭ ބައެއްގެ ވިސްނުން ހުންނާނީ އެގޮތަށް. އެހެން ނަމަވެސް، އަޅުގަނޑުމެން ދުށިން، އެމް.ޑީ.ޕީ. ސަރުކާރުން ފޮރިން އިންވެސްޓްމަންޓް ޤާނޫނު އުވާލާފައި، ބޭރުގެ ބިދޭސީ ވިޔަފާރިތަކަށް މަގުފަހިކުރުމަށްޓަކައި އެމީހުން ގެނައި ބިލުވެސް. އެހެންވީމާ، އެޔާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބިލާ ކޮމްޕެއަރ ކޮށްލީމަ އެނގޭނެ، ކިހާވަރެއްގެ ތަފާތެއްތޯ މިއުޅެނީ.
 
އިބްރާހީމް މުޢާޒް – އެމް.ބީ.ސީ:
 
ބްރިޖްގެ ވާހަކަ ދެއްކީމަ، ދެން އެކޮޅުގައި ބައެއް ކުންފުނިތަކާ ބައްދަލުކުރެއްވިއިރު، ވަރަށް ތަފްޞީލީ ޕްރޮޕޯޒަލްތަކެއް ހުށަހެޅިގެންދިޔަ. ދެން ކިހާވަރެއްގެ ފުރްޞަތެއް އެބައޮތްތޯ، ޗައިނާގެ ކުންފުންޏަކާ ބްރިޖްގެ މަޝްރޫޢު ޙަވާލުކުރެވުމުގައި.
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
މީގައި އަޅުގަނޑުމެންނަށް މިފަހަރު އާރު.އެފް.ބީ.އަށް ދެވަނަފަހަރަށް ވަގުތު ދިންއިރުވެސް، ހުށަނޭޅުނު ވަރަށްބޮޑު އެއް ކުންފުންޏެއް ދޮއެއްތޯ، ޗައިނާގެ ސީ.ސީ.އާރު.ސީ. އެމީހުން އެންމެ ތަފްޞީލު މަސައްކަތްތަކެއް ބްރިޖާ ބެހޭގޮތުން ކޮށްފައި ހުރީ. އެންމެ ތަފްޞީލު މަސައްކަތްތަކެއް އެމީހުން ކޮށްފައި ހުރީ. ބްރިޖްގެ ތިން ހަތަރު ޕްރޮޕޯޒަލް ތައްޔާރުކުރި. އަދި ކޮންމެ ޕްރޮޕޯޒަލަކަށް ގާތްގަނޑަކަށް ލަފާކުރާ ފައިސާގެ ޢަދަދުވެސް އެމީހުން އަޅުގަނޑުމެންނަށް ހުށަހެޅި ދޮއެއްތޯ. އެމީހުންގެ ސްޓަޑީޒް ހަދާފައި. ވަގުތުގެ ދަތިކަން އޮތްގޮތުން، އެމީހުންނަށް ހުށަނޭޅުނީ ކަމަށް އަޅުގަނޑުމެން ކައިރީގައި ވާހަކަ ދެއްކިއިރު، ވަޒީރުން އަރިހުގައި ދެންނެވި ކަމަށްވަނީ. ދެން ތިޔަ ވިދާޅުވިގޮތަށް ހަމަ ވަރަށް ތަފްޞީލު ވާހަކަތަކެއް. އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި ވެއްޖިއްޔާ، މިހާރު ދުނިޔޭގައި މިކަހަލަ ސުޕަރ ހައިވޭ، ނޫނިއްޔާ މިކަހަލަ ބޮޑެތި އިޤްތިޞާދީ ބިޔަ މަޝްރޫޢުތައް، ބްރިޖް ކަހަލަ، މީގެ އެންމެ ކުރީގައި މިއުޅެނީ ޗައިނާގެ ޓެކްނޮލޮޖީ، ޗައިނާގެ ބޮޑެތި ކުންފުނިތައް. ދެން ޗައިނާގެ ބޮޑެތި ކުންފުނިތަކަކީ، ޗައިނާގެ ސަރުކާރުގެ ބެލުމުގެ ދަށުން، ނޫނިއްޔާ ބާރުވެރިކަމުގެ ދަށުން ހިނގާ ބޮޑެތި ކުންފުނިތައް. އެހެންވީމާ، އެ ކުންފުނިތަކަށް މި އެގްޒިމް ފައިނޭންސަސް ފަސޭހަވެގެން މިދަނީ. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވެއްޖިއްޔާ، ސަތޭކައަކުން ނުވަދިހަ ނުވައެއް، ހަމަ އަޅުގަނޑަށް ދަންނަވަން ފަސޭހަ، ޗައިނާ ކުންފުންޏަކަށް ނޫން ބަޔަކަށް، ބްރިޖުދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ހަމަ.
 
އިބްރާހީމް މުޢާޒު – އެމް.ބީ.ސީ:
 
މަނިކުފާނު ތިޔަ ދަތުރުކުރައްވަނީ، މިހާރު މި ސަރަޙައްދުގެ އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކަށް. ޗައިނާ، ޖަޕާން، އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅުތައް މިކުރެއްވީ. ދެން އެގޮތުން، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެން އޮތް ދެ ބާރަށާއި، ރާއްޖެއާ އޮންނަ ގުޅުމަށް ކިހާވަރެއްގެ ފުރްޞަތު، ނޫނިއްޔާ ކިހިނެއް ވެދާނެ ކަމަށް ގަބޫލު ކުރެއްވޭތޯ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
އަޅުގަނޑު ހަމަ އަޅުގަނޑުމެންނާ އެހީތެރިވާ ހުރިހާ ޤައުމުތަކާއެކީ ހަމަ ވަރަށް ގާތް ގުޅުމެއް ބާއްވައިގެން މިދަނީ ދޮއެއްތޯ. ޗައިނާއާ އަޅުގަނޑުމެން އިޤްތިޞާދީ ގޮތުން މި ގާތްވާ ގާތްވުމަކީ، ހަމަ އެއްގޮތަކަށްވެސް އަޅުގަނޑުމެންނާ އިންޑިޔާއާ ދޭތެރޭގައި މިއޮންނަ އެންމެ އެކުވެރި ގާތް ގުޅުމަށް އެއްވެސްކަހަލަ ބުރުލެއް އަރާނެ މައްސަލައެއް ނޫން. އިންޑިޔާއަށްވެސް މިހުރިހާ މަޝްރޫޢުތަކެއް މިހިރީ ހުޅުވިފައި. އަދި އިންޑިޔާއާއެކީ އަޅުގަނޑުމެން ޑިޕްލޮމެޓިކް އެތައް މަސައްކަތްތަކެއް އެބަކުރަން. ޚާއްޞަ ގޮތެއްގައި، އިންޑިޔާ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާ ބެހޭގޮތުން، ސޯފާ އެގްރީމަންޓް ނުކުރާގޮތަށް ނިންމުމާ، މިކަހަލަ ވަރަށްގިނަ ކަންތައްތަކަކީ، މި ސަރުކާރު އައުމަށްފަހު، އިންޑިޔާ ސަރުކާރާއެކީ އަޅުގަނޑުމެން އެއްބަސްވެފައި ހުރި ކަންކަން. ދެން ޖަޕާން އިނގޭތޯ. ޖަޕާނަކީވެސް އަޅުގަނޑުމެންނާ ހަމަ ވަރަށް ކުރިއްސުރެ ދިވެހިރާއްޖެއަށް އެހީވަމުން އަންނަ ޤައުމެއް. ޖަޕާނަށް އަޅުގަނޑުމެން ކުރި ދަތުރުގައި މިއޮތީ ނިމިފައި، އެއަރޕޯޓްގައި މި އަޅާ ޓަރމިނަލަކީ، ޖަޕާނުގެ ދެ ކުންފުންޏަކާއި އެމް.އެލް.ސީ.އާ ގުޅިގެން ހިނގާ މަޝްރޫޢެއް ދޮއެއްތޯ. އެއަށް މިލިބެނީ ހަމަ ޖަޕާނުގެ އެގްޒިމް ކަހަލަ ތަނެއް، ޖޭ.ބީ.ކޭ. އެއީ. ޖޭ.ބީ.ކޭ ފަންޑިންގ އެއޮތީ ކޮމިޓްކޮށްފައި މިހާރު. ދެން މި އެއަރޕޯޓްގައި އަލަށް އަޅަން މިއުޅޭ ރަންވޭ، އެ ރަންވޭއަކީވެސް ހަމަ ޗައިނާގެ ބޮޑެތި ސިވިލް ވަރކްސް ކުންފުންޏަށް ހަމަ ހުޅުވާލެވިފައި އޮތް އެއްޗެއް. އެހެންވީމާ، މި ކުރެވޭ އިޤްތިޞާދީ މަސައްކަތްތަކުން، މިކުރެވޭ އިޤްތިޞާދީ މަޝްރޫޢުތައް ގެނައުމަށްޓަކައި، ޖަޕާނުންވިޔަސް، ޗައިނާއިންވިޔަސް، މިކުރާ މަސައްކަތަކުން އަނެއް ޤައުމަކަށް، އަޅުގަނޑުމެންގެ މި އޮންނަ ސިޔާސީ ގުޅުމަކުންނެއް އެއްވެސް ބުރުލެއް ނާރާނެ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ އިޤްތިޞާދީ މި މަސައްކަތްތައް މި ނިންމަނީކީ އެއްޤައުމަކާއެކީ އެކަންޏެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މި މަޝްރޫޢުތަކުން ސަރުކާރަށް އެންމެ ލުއިކޮށް، އެންމެ ރަނގަޅު ގޮތެއްގައި، އިޤްތިޞާދީ ފުރްޞަތު އޮތް ބަޔަކާއެކީ އަޅުގަނޑުމެން ކުރިއަށް މިދަނީ. ދެން މީގައި ހަމަ އެހެން އެއްވެސް ޤައުމެއްގެ ކަންބޮޑުވުމެއް މިހާތަނަކަށް ފާޅެއް ނުވެސްކުރޭ. އަދި ކުރާނެ ކަމަކަށް ގަބޫލެއްވެސް ނުކުރަން.
 
ޙުސައިން ފިޔާޒު މޫސާ – ހަވީރު ނޫސް:
 
ބްރިޖުގެ އިތުރުން އެހެން ޕްރޮޖެކްޓްތަކަށް ޗައިނާއިން އިންޓަރެސްޓް ފާޅުކުރިތޯ މި ދަތުރުފުޅުގައި؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ޗައިނާއިން އިންޓްރެސްޓް ފާޅުކުރާކަން މި އެނގެނީ، ޗައިނާގެ ބޮޑެތި ކޮންޓްރެކްޓަރުން މިކަމަށް އިންޓްރެސްޓް ފާޅުކޮށްފައި ހުރީމާ. އަޅުގަނޑުމެންގެ މި ޕޯޓްފޯލިއޯގައި މިހާރު މިގެންގުޅޭ ގާތްގަނޑަކަށް 7 ޕްރޮޖެކްޓް. މި 7 ޕްރޮޖެކްޓަށްވެސް ޗައިނާގެ ކުންފުނިތަކުން، ބޮޑެތި ކުންފުނިތަކުން ހަމަ މިފަހަރު އައިސް، ބައެއް މީޓިންގތައް އަޅުގަނޑާއެކީގައި، އަނެއް ބައި މީޓިންގތައް، އަޅުގަނޑާއެކީގައި ވަޑައިގެންނެވި ވަޒީރުންގެ ޓީމާ ހަމަ ވަކިވަކިން ބައްދަލުކުރި. ހަމަ ހުރިހާ ޕްރޮޖެކްޓްތައް އެމީހުން ބޭނުންވޭ. އަޅުގަނޑުމެން މިހާރު މިތަނުގެ ޓަރމިނަލް މިއޮތީ ޖަޕާނުގެ ކުންފުންޏަކަށް ދޭން ނިންމާފައި ކަމަށް ބުނީމަވެސް، ދެންވެސް އެ ޓަރމިނަލް އެޅުމަށްވެސް ހަމަ ޗައިނާގެ ސިވިލް ވަރކްސް ކުންފުންޏަކުން ޝައުގުވެރިކަން ފާޅަކޮށްފައި މިއޮތީ. އެހެންވީމާ، އެމީހުންގެ ޝައުޤުވެރިކަން އެބައޮތް. ދެން އެހެން ނަމަވެސް، އަޅުގަނޑުމެން ސަރުކާރުން މިހުރިހާ ކުންފުނިތަކެއްގައި މި ބުނީ، އަޅުގަނޑުމެންނަށް ޕްރޮޖެކްޓެއް ވަކިބަޔަކަށް އެވޯޑް ކުރަން ނިންމޭނީ، ފަންޑިންގ ޓަރމްސް ނޫނިއްޔާ އަޅުގަނޑުމެންނަށް ލޯނު ލިބޭނެ އެންމެ އަގުހެޔޮ ޕްރޮޕޯޒަލެއް ގެނައީމައޭ. ދެން އެއީ އެމީހުންގެ މަސައްކަތެއް. އެމީހުންގެ ސަރުކާރާއި އަދި އެގްޒިމްއާ އެމީހުންނާ އޮންނަ ގުޅުމުގެ ތެރެއިން އަޅުގަނޑުމެންނަށް ހުށަހެޅުމަށްޓަކައި އެންމެ އަގުހެޔޮ ފައިނޭންޝަލް ޕެކެޖެއް ގެނައުން އެއީ.
 
ޢަބްދުﷲ ނަޞީރު – ރާއްޖެ ޓީ.ވީ:
 
ރާއްޖޭގެ ނޫސްވެރިޔަކު ގެއްލިގެން މިވަނީ ރާއްޖޭގެ މަސްރަޙު ވަރަށް ބޮޑަށް ހަލަބޮލިވެފައި. ކޮބައިތޯ މަނިކުފާނު މިކަމާ ގުޅޭގޮތުން އަދި އެއްޗެއް ވިދާޅެއްނުވޭ. ކޮބައިތޯ މަނިކުފާނުގެ ވިސްނުންފުޅަކީ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ނޫން ތިޔަކަށް އަޅުގަނޑު ދެން އެއްޗެއް ނުބުނާނެ ދޮއެއްތޯ. ދެން ތިޔަކަހަލަ ކަންތައްތަކުގައި، ޕޮލިސްއިން ނޫނިއްޔާ ހޯމް މިނިސްޓްރީން އެއްޗެތި މިހާތަނަށް ބުނެފައި ހުންނާނީ ދޮއެއްތޯ. ދެން ނޫސްވެރިޔަކު ގެއްލުނީ، އަޅުގަނޑަށް ހީވަނީ ނޫސްވެރިޔާ ހޯދުމުގެ މަސައްކަތް ހިނގާނެ ދޮއެއްތޯ. އެހެންވީމާ، ދެން އެމަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވެސްވާނެ.
 
އަމްޖަދު ވަޙީދު – ދި ޓީވީ
 
މަނިކުފާނު ފުރާވަޑައިގަތުމުގެ ކުރިން ވިދާޅުވި، ބްރިޖުގެ މަސައްކަތަށް ހިލޭ އެހީ ހޯދުމުގެ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް. ދެން އެފަދަ އެއްވެސް ފެހި ސިގްނަލެއް ލިބިގެންދިޔަތޯ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
އާދެ، އަޅުގަނޑަށް ގަބޫލުކުރެވެނީ، ބްރިޖްގެ ހަމަ ވަރަށްބޮޑުބައި އިރާދަކުރެއްވިއްޔާ، ޗައިނާ ސަރުކާރުން ހަމަ ހިލޭ އެހީގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް.
 
ޢަލީ ރިޟްވާން – ޗެނަލް 13:
 
ކޮބައިތޯ ފުލުހުންގެ މުއައްސަސާގެ ކޮންކަހަލަ ކަންތައްތަކެއްތޯ އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާބެހޭގޮތުން ޗައިނާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއެކީ ދެކެވުނީ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ޕެޓްރޯލް ކުރުމަށް ބޭނުންވާ ވެހިކަލްތައް ހޯދުމުގެ މަސައްކަތް، ފުލުހުންނާއި ޗައިނާ ސަރުކާރާ ވާހަކަ ދެއްކެމުން މިހާތަނަށް އައިސް،            އެ އެގްރީމަންޓް އަޅުގަނޑުމެން ސޮއިވެސްކުރި. އެހެންވީމާ، އޭގެދަށުން އެއްގަމުގައި ދުއްވާ، އަޅުގަނޑަށް ހީވަނީ، މި އުޅަނދުފަހަރު ލިބުމުގެ، މޮޓޮސައިކަލް ހޯދުމުގެ ހަމަ ހިލޭ އެހީ، ޗައިނާ ސަރުކާރުން ދެއްވާ އެހީއެއްގެ ގޮތަށް އެކަން ހަމަޖެހިގެން ދިޔައީ. އަދި އެއާއެކީ ދެވަނަ އެގްރީމަންޓެއް އަޅުގަނޑުމެން ސޮއިކުރީމު. އެއީ ފުޅާ ދާއިރާއެއްގައި، އިޤްތިޞާދީ ވިޔަފާރީގެ ކަންކަމުގައި، ޗައިނާއާއެކީ އެއްބާރުލުމަށް ފްރޭމްވަރކް އެގްރީމަންޓްގައި އަޅުގަނޑުމެން ސޮއިކުރިން. ދެން އެޔާއެކީ އަޅުގަނޑުމެން މި ސެޓްވީ ދޮއެއްތޯ، ޖޮއިންޓް ކޮމިޝަނެއް، އެންމެމަތީ ލެވެލްގައި، ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާއެކީ. އެހެންވީމާ، އަޅުގަނޑުމެންނަށް ޗައިނާއާއެކީ، ދިވެހިރާއްޖެއަށް އެންމެ މުހިންމުވެގެން މިއުޅެނީ، ހަމަ ޙަޤީޤަތުގައިވެސް އިޤްތިޞާދީ ކަންތައްތައް. އެހެންވީމާ، އަޅުގަނޑުމެންނަށް މިމަގުގައި ކުރިއަށް ދެވޭނެގޮތް މިހާރު މިއޮތީ ހަމަޖެހިފައި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.
 
 
އިބްރާހީމް މުޢާޒު – އެމް.ބީ.ސީ:
 
ދެން މި ޖޮއިންޓް ކޮމިޝަންގެ މަސައްކަތް ކިހާދުވަހެއްގެ ތެރޭގައި ފެށޭނެކަމަށް ލަފާކުރެއްވޭތޯ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
އަޅުގަނޑަށް ގަބޫލުކުރެވެނީ، ޗައިނާ ސަފީރު ވަޑައިގަންނަވާނެ ދެދުވަހެއްގެ ތެރޭގައި މާލެ. ވަޑައިގަންނަވާއިރު، މި ޖޮއިންޓް ކޮމިޝަންގައި ޗައިނާ ސަރުކާރުގެ ފަރާތުން ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ލިސްޓެއް ގެންނަވާނެ. އެ ހިސާބުން އަޅުގަނޑުމެންނަށް ޖޮއިންޓް ކޮމިޝަންގެ މަސައްކަތް ހަމަ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ފެށޭނެ ކަމަށް މި ލަފާކުރަނީ.
 
ރިޟްވާން މޫސާ – ޗެނަލް 13:
 
ގާތްގަނޑަކަށް ކިހާ ދުވަހެއްގެ ތެރޭގައިތޯ، މި ބްރިޖުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ލަފާކުރެވެނީ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
އަޅުގަނޑަށް މިލަފާ ކުރެވެނީ، ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، ދެން ބްރިޖުގެ ޢަމަލީ މަސައްކަތަކަށްވާނީ ފުރަތަމަ މިދެންނެވި ގޮތަށް ކަނޑުގެ ރާޅުގެ ސްޓްރެންތާއި އޮއިވަރުގެ ސްޓްރެންތާ މި، ޢަމަލީ މަސައްކަތަކަށްވާނީ. މި ބަލާފައި ނޫނިއްޔަކާއެއް، އެއީ ކިހާވަރެއްގެ ސްޓްރަކްޗަރެއް ކަމެއް އެތާ ހުންނާނީކީ ނޭނގޭނެ. ދެން އަނެއްކާ، މި މަސައްކަތް ކުރެވުނީމަ ނޫނިއްޔަކާއެއް، ބްރިޖަށްދާނެ އަޞްލު އަގެއްވެސް ނޭނގޭނެ، ޔަޤީންކުރާކަށެއްވެސް، ކަށަވަރު ކުރާކަށެއްވެސް. އެހެންވީމާ، ފުރަތަމަ ކަމަކަށް މިވަނީ، މި ފީޒިބިލިޓީއަށް ހަމަ ވަރަށް އަވަހަށް ޓީމެއް ފޮނުއްވައިދެއްވާނެ ކަމަށް ޗައިނާ ސަރުކާރުން އެ ވިދާޅުވަނީ. އެހެންވީމާ، އަޅުގަނޑަކަށް މިމަހު، ނޫނިއްޔާ މި އަންނަ މަހު ވަކި ދުވަހެއް ދަންނަވާކަށް ނޭނގެ. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވެނީ، ހަމަ ވަރަށް އަވަހަށް މިއަހަރުގެ ތެރޭގައި ފީޒިބިލިޓީގެ މަސައްކަތް ފެށްޓޭނެ ކަމަށް.
 
އިބްރާހީމް މުޢާޒު - އެމް.ބީ.ސީ:
 
ދެން ޗައިނާ ސަރުކާރުން މިވަނީ 100 މިލިއަން ޔުއާންގެ އެހީއެއް ދެއްވާފައި. ދެން މި އެހީ ކޮން ދާއިރާތަކަކަށްތޯ ބޮޑަށް ބޭނުންކުރެވިގެންދާނީ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ދެން އަޅުގަނޑުމެން ޗައިނާ ސަރުކާރުގައި ދެންނެވިން، މިވަގުތު ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ހަމަ ބޭނުންވަނީ މި ބްރިޖޭ. އެއީ ޒުވާނުންނަށް ޔޫތުސިޓީއެއް ގޮތަށް ހުޅުމާލެ ހެދުމާއެކީ، ޒުވާނުންނަށް އަގުހެޔޮކޮށް ދިރިއުޅެވޭނެ ގޮތްތަކެއް ހުޅުމާލޭގައި ހަދަން ބޭނުންވޭ. އަދި ޒުވާނުންގެ މުނިފޫހިފިލުވުމާއި ކުޅިވަރު ޙަރަކާތްތައް، ހުޅުމާލޭގައި އިތުރުކުރަން ބޭނުންވާތީ، އެންމެ މުހިންމު ކަމަކަށް މިވަނީ ހުޅުމާލެ ތަރައްޤީ ކުރުމޭ ޒުވާނުންނަށްޓަކައި. ތަރައްޤީ ކުރެވެން މި އަންނަނީ، ބްރިޖް މުހިންމު ކަމަކަށްވާތީ. އެހެންވީމާ، އަޅުގަނޑުމެން ޗައިނާ ސަރުކާރުގައި ދަންނަވައިފިން، އަޅުގަނޑުމެންނަށް ދެން މިގޮތަށް ދެއްވާ މިހުރިހާ އެހީއެއް ބްރިޖަށް ހަމަޖައްސަވައިދެއްވާށޭ.