ޗައިނާއަށް މިކުރެއްވި ދަތުރުފުޅަކީ، ވަރަށް އުންމީދީ ދަތުުރުފުޅެއް ކަމަށާއި، ޗައިނާގެ ރައީސާއެކު ދެކެވުނު ރަސްމީ ވާހަކަތަކުގައި ޗައިނާއިން ދިވެހިރާއްޖެއަށް ވަރަށް އިޚްލާޞްތެރި އެހީފުޅުތަކެއް ދެއްވަވަން ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ ނަންޖިންގައި ބޭއްވުނު ދެވަނަ ޔޫތު އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެން، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް މިވަގުތު ބޭނުންވެފައި ހުރި އިޤްތިޞާދީ ބޮޑެތި 7 މަޝްރޫޢަކާ ބެހޭގޮތުން މިދަތުރުފުޅުގައި ޗައިނާގެ ރައީސާއެކު މަޝްވަރާކުރެއްވުނު ކަމުގައި ވިދާޅުވިއެވެ. އަދި މިމަޝްވަރާތަކުގައި ރާއްޖެއިން އެންމެ އިސްކަމެއްދެއްވާފައި ވާނީ، މާލެއާއި ހުޅުމާލެއާ ދެމެދު ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަޝްރޫޢަށް ކަމުގައި ފާހަގަކުރައްވަމުން، މި މަޝްރޫޢުގެ ބޮޑުބައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެދަށުން ހަމަޖެހިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް އިސްނަންގަވައިގެން އޭޝިއާ އާއި ޕެސިފިކް ސަރަޙައްދުގައި އެޤައުމުގެ އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ފަށްޓަވާފައިވާ 21 ވަނަ ޤަރުނުގެ ސިލްކް ރޯޑުގެ މަޝްރޫޢުގައި މިހާރު ރާއްޖެ ހިމަނުއްވާފައިވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޗައިނާއަށް މިކުރެއްވި ދަތުރުފުޅުގައި، ޗައިނާގެ ސިޔާސީ ޕާޓީތަކުގެ ބައެއް އިސްވެރިންގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ޗައިނާގެ ވިޔަފާރި ކުންފުނިތަކާ ބައްދަލުކުރައްވާފައިވެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު މަލީޙު ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.