ރާއްޖޭގެ އިޤްތިޞާދީ މުހިއްމު މަޝްރޫޢުތަކާ ގުޅޭގޮތުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ޗައިނާގެ ބައެއް ވިޔަފާރި ކުންފުނިތަކާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައި މިއަދު ހަވީރު ވަކިވަކިން ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ޗައިނާގެ ވިޔަފާރި ބައެއް ކުންފުނިތައް ކަމުގައިވާ، ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީ.އާރު.ސީ.ސީ) އާއި، ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ އިތުރުން ސިނޯ ހައިޑްރޯ އިންޓަރނޭޝަނަލްގެ އިސްވެރިންގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ މުހިއްމު މަޝްރޫޢުތަކަށް އޮތް ޝައުޤުވެރިކަން ފާޅުކުރައްވައި، އެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ފާހަގަކުރައްވައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ މައިގަނޑު މަޝްރޫޢުތައް ކަމުގައިވާ، މާލެ-ހުޅެލެ ފާލަމުގެ މަޝްރޫޢާއި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި، އައިހެވަން މަޝްރޫޢުގެ މައްޗަށް ބައްލަވާލައްވައި އެމަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އަދި ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންގެ ތަރައްޤީއަށް ލިބިގެންދާނެ ކުރިއެރުންތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބުގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް މުޙައްމަދު މަލީޙް ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.