ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާގެ ކޮމިއުނިސްޓް ޕާރޓީ (ސީ.ޕީ.ސީ) ގެ ޖިއާންގސޫ ޕްރޮވިންޝަލް ކޮމިޓީގެ ޑެޕިއުޓީ ޕާރޓީ ސެކްރެޓަރީ އަދި ސީ.ޕީ.ސީގެ ސޫޖޯ މުނިސިޕަލް ކޮމެޓީގެ ޕާރޓީ ސެކްރެޓަރީ މިސްޓަރ ޝީ ތައިފެންގއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ޗައިނާގެ ސޫޖޯގައި ހުންނަ ޖިންޖީ ލޭކް ގްރޭންޑް ހޮޓެލްގައެވެ.
މިބައްދަލުކުރެއްވުމުގައި މިސްޓަރ ޝީ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ދެވަނަ ޔޫތު އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ވަކީން ޚާއްޞަކޮށް ސޫޖޯ ސިޓީއަށް ވަޑައިގެންނެވިކަމީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެވަނަ އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ރައީސް ޝީ ޖިންޕިންގ އެމަނިކުފާނަށް ދަޢުވަތުދެއްވުމުން އުފާފުޅުކުރައްވާ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ޗައިނާގައި ފެށިގެން މިދިޔަ ޔޫތު އޮލިމްޕިކް ގޭމްސްގައި ބައިވެރިވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ސޫޖޯގެ މޭޔަރ މިސްޓަރ ޖޯ ނައިޝިއަންގއާއި، ސޫޖޯ މުނިސިޕަލް ގަވަރމަންޓްގެ ވައިސް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ލޫ ވެއިޔޫގެ އިތުރުން ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ވޭންގ ފޫކަންގ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހި ވަފުދުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، މިނސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ޔޫތު މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާގެ ސޫޖޯއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޒިޔާރަތުގައި ސޫޖޯ ކަލްޗުރަލް އެންޑް އާރޓްސް ސެންޓަރަށް ވަޑައިގެން އެތަން ބައްލަވާލެއްވިއެވެ.