ޗައިނާގެ ނަންޖިންގގައި ހޮނިހިރު ދުވަހު ފެށުނު ދެވަނަ ޔޫތު އޮލިމްޕިކް ގޭމްސްގައި ބައިވެރިވާ ދިވެހި ވަފުދާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކޮށްލެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤުވާމީ މިފަދަ މުބާރާތްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލައްވައި މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ޗައިނާއަށް މިކުރެއްވި ދަތުރުފުޅުގައި ދިވެހި އެތުލީޓުންނާ ބައްދަލުވެވަޑައިގެންނެވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ހުރިހާ ބައިވެރިންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ދިވެހި ވަފުދުގެ ކަންކަމާ އެންމެ އިސްކޮށް ޙަވާލުވެ ހުންނެވި އަޙުމަދު ލަޠީފް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް މިކުރެއްވި ދަތުރުފުޅުގައި ދިވެހި އެތުލީޓުންނާ ބައްދަލުކޮށްލެއްވުމަކީ އެފަރާތްތަކަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ދިވެހި މުޅި ޓީމުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަޤުވާމީ މިފަދަ މުބާރާތްތަކުގައި ދިވެހިންނަށް ރީތި ނަމެއް ހޯދައިދިނުމަށް ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙައްމަދު މަލީޙް ޖަމާލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.