بســم اللّـه الرّحمـن الرّحيــم
އަޅުގަނޑުމެން، ދިވެހިރާއްޖޭގެ މި ވަފްދު ޗައިނާއަށް މިކުރާ ދަތުރަކީ، ޗައިނާގެ ނަންޖިންގގައި ބާއްވާ ޔޫތު އޮލިމްޕިކްސްގައި ބައިވެރިވުމަށް ޗައިނާ ސަރުކާރުން ދެއްވި ދަޢުވަތަކާ ގުޅިގެން ކުރާ ދަތުރެއް. ދެން އެޔާއެކީ އަޅުގަނޑު މިދަނީ، މިދަތުރުގެ، މި ދަޢުވަތުގެ ތެރޭގައި، މިކުރެވޭ ދަތުރުގައި، ޗައިނާގެ ރައީސާއި، ޗައިނާގެ ހުރިހާ އިސް މަސްއޫލު މެންބަރުންނާ ބައްދަލުވެ އަދި އަޅުގަނޑުމެން ރާއްޖޭގައި ހިންގަން މި ޚިޔާލުކުރާ މަޝްރޫޢުތަކުގައި، ޗައިނާގެ ފަރާތުން މިކަންކަން ކުރުމުގެ އެންމެ ޤާބިލު، އެންމެ ބޮޑެތި ކުންފުނިތަކުގެ ލީޑަރުންނާ ބައްދަލުވާނެ އެރޭންޖްމަންޓްސް ޗައިނާ ސަރުކާރުން ހަމަޖައްސަވައިދެއްވީމާ، ދެން އަޅުގަނޑުމެން އުންމީދު މިކުރަނީ، މިހުރިހާ ބޭފުޅުންނާ، އަޅުގަނޑުމެންނަށް މި ލިބޭ ތިން ދުވަހުގެ ތެރޭގައި ބައްދަލުކުރާނަމޭ. ދެން ހަމަ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތާއެކީ. އަޅުގަނޑުމެންގެ މަސައްކަތަކީ ޙަޤީޤަތުގައި ދިވެހިރާއްޖެއަށް އިންވެސްޓްމަންޓް ހޯދުމާއި، މިހާރު އަޅުގަނޑުމެންގެ ޚިޔާލުގައި ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ބޭނުންވާ ކުރިއެރުމަށް މުހިންމުވާ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަ ދައްކައި އަދި މިކަންކަމުގައި އަޅުގަނޑުމެން އެހީތެރިކަން ހޯދުން.
ދެން އަޅުގަނޑުމެން މި ދަތުރުކުރާއިރު، ޗައިނާ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން ކުރެން އެއްސެވި، ދިވެހިރާއްޖެއަށް ޗައިނާއިން ހަމަ ކަންތައްތައް ކޮށްދެއްވަން ބޭނުންފުޅުކަމަށް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުގެ މިހާރު އެންމެ މުހިންމު މަޝްރޫޢަކީ ކޮބައިތޯ ހާމަކޮށްދޭށޭ. ދެން އެ މަޝްރޫޢަކަށް ޗައިނާ ސަރުކާރުން ހަމަ ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް. ދެން އަޅުގަނޑުމެންގެ ތެރޭގައި ހަމަ ވާހަކަ ދައްކާފައި، އަޅުގަނޑުމެންނަށް އިއްތިފާޤުވެވުނީ، އަޅުގަނޑުމެންނަށް އެންމެ މުހިންމު މަޝްރޫޢަކަށް މިވަނީ، ޒުވާނުންގެ ސިޓީއާއި، މީހުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް ހުޅުމާލޭގައި މިކުރެވޭ މަސައްކަތާއި، މާލެއާއި ހުޅުމާލޭގެ ބްރިޖްގެ ކަންތައް.
ދެން އެނގިވަޑައިގަންނަވާނެ، ބްރިޖްގެ ކަންތައް މިހާރު މިއޮތީ މީޑިއާއިން، މިނިސްޓަރ ސަޢީދާއި އަދީބާ، މިބޭފުޅުންގެ ވާހަކަފުޅުތަކުން ހާމަވެގެންދާނެ، މިހާރުވެސް އަޅުގަނޑުމެން ގޮތެއް ނިންމާފައި ބަޔަކަށްދޭ ކަމަށްވަންޏާ، ހަމަ ޗައިނާގެ ވަރުގަދަ ކުންފުންޏަކަށް ދެވޭ ފެންވަރުގެ ޕްރޮޕޯޒަލް މިއޮތީ އައިސްފައި. ދެން ޗައިނާއަކީ، ޗައިނާގެ ހުރިހާ ބޮޑެތި ކުންފުނިތަކަކީ ސަރުކާރު ކުންފުނިތަކަށްވެފައި، ސަރުކާރުގެ ބްލެސިންގއާއެކީ އަދި ލޯނު ފެސިލިޓީ ލިބުމުގައި، ޗައިނާ ސަރުކާރުގެ މިހެން ހުންނަ ކުންފުނިތަކަށް، ނޫނީ ގަބޫލުކުރާ ކުންފުނިތަކަށް، މި އެގްޒިމް ފައިނޭންސް ކަހަލަ، ފައިނޭންސް ހޯދުމުގައި ވަރަށް ދީލަތިކަމާއެކީ ކޮންސެޝަނަލް އެހީ ލިބޭ ކަމަކަށްވާތީ، އަޅުގަނޑުމެން މި މަޝްރޫޢު އެވޯޑް ކުރުން ލަސްކޮށްލީވެސް ހަމަ މި ސަބަބަށްޓަކައި، މި ޗައިނާ ދަތުރުވެސް އޮތީމަޔާވެސްއެކީ. ޗައިނާ ސަރުކާރުން އެގޮތަށް އަޅުގަނޑުމެންނަށް ލަފާ ދެއްވީމަ.
އަޅުގަނޑުމެން މިފަހަރު ހުށަހަޅާނަން، އިރާދަކުރެއްވިއްޔާ، ހަމަ އެކަން ކާމިޔާބުވެސްވާނެ. ޗައިނާގެ އެދިވަޑައިގަތުމަށް، ނޫނިއްޔާ އަޅުގަނޑުމެން ކުރެން އެއްސެވީމަ، އަޅުގަނޑުމެން ދަންނަވައިފީމު، އަޅުގަނޑުމެންނަށް ބްރިޖްގެ މަޝްރޫޢޭ އެންމެ މުހިންމު މަޝްރޫޢަކީ. މި ބަލަނީ ކޮމަރޝަލް ޓަރމްސްގައި، މިހާރު މިހިރަ ޓެންޑަރތަކުގައި، އަޅުގަނޑުމެން ގޮތެއް ނިންމުމުގެ ކުރިން، އަޅުގަނޑުމެންނަށް ޗައިނާ ސަރުކާރުގެ ބޮޑު ބައެއް، ހިލޭ އެހީގެ ގޮތުގައި ބްރިޖަށް، އެއްވެސް ކަހަލަ އުންމީދެއް އޮތްތޯ ބެލުމަށް. އެހެންވީމާ، މި ރަސްމީ ވާހަކަތަކުގެ ތެރޭގައި، މިކަން ގޮތަކަށް ނިންމާފައި ނޫނިއްޔާ، އަޅުގަނޑުމެން ބޭނުންނުވީ، މި ބްރިޖްގެ ކަންތައް މިހާރު އޮތްގޮތަށް ނިންމަން. އެހެން ނަމަވެސް، މިދެންނެވި ގޮތަށް، ކޮމަރޝަލް ޓަރމްސްގައި އަޅުގަނޑުމެން ދޫކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މިހާރުވެސް ބްރިޖަށް ލިބިފައި އޮތް ސޮލިޑް ތިން ޕްރޮޕޯޒަލްގެ ތެރެއިން އެއްޕާޓީއަށް ހަމަ ނިންމުމާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް. އެހެން ނަމަވެސް، މިއީ ރައްޔިތުންނަށް ނޫނިއްޔާ ދައުލަތުގެ ބަޖެޓަށް ލުއިވާނެ ގޮތަކަށް ބަލާފައި، މިކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ، މިފަހަރު ރަސްމީ ވާހަކަތަކުގެ ތެރެއިން މަގެއް ހޯދޭނެ ކަމަށް.
ދެން އެޔާއެއީ އަޅުގަނޑުމެން މިގެންދަނީ ހަމަ ވަރަށް ބޮޑެތި މަޝްރޫޢުތަކެއް. އެއީ ކުރިއަށް އޮތް 30 އަހަރަށް، ނޫނިއްޔާ 50 އަހަރަށް، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުން އިންފްރާސްޓްރަކްޗަރ ބިލްޑް ކުރުމަށް ބޭނުންވާނެ މަޝްރޫޢުތައް. މިސާލަކަށް، އެއަރޕޯޓްގެ މަޝްރޫޢު އަޅުގަނޑުމެން އެބަ ގެންދަން. އެއަރޕޯޓްގެ އިތުރު ރަންވޭއެއްގެ މަޝްރޫޢު މިގެންދަނީ. އެއަރޕޯޓްގެ މުޅި ޓަރމިނަލާ، މި ބައިބައި މިހިރީ ކުންފުނިތަކުން ނަގާފައި. ހަމަ އެގޮތަށް، މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅީފަޅު، މި އޭރިޔާ އެއީ ހަމަ މީހުން ދިރިއުޅޭ ސަރަޙައްދާއި އަދި މިތާ ކައިރީގައި ޞިނާޢީ ބޮޑެތި މަސައްކަތް ކުރެވޭނެ ސަރަޙައްދު. މި ސަރަޙައްދު، ސަބްމެރިން ކޭބަލްއަކުން، މިސާލަކަށް، ޕަވަރ ޖެނެރޭޓް ކުރުމަށްޓަކައި އެއް ގްރިޑަކުން ޕަވަރ ދިނުމަށްޓަކައި، މި އޭރިޔާ އެއްކޮށް 30 އަހަރަށް ނޫނީ 50 އަހަރަށް އަޅުގަނޑުމެން ފޯކަސްކޮށްފައި، އަޅުގަނޑުމެން ޕްރޮޖެކްޓެއްވެސް ތައްޔާރުކޮށްގެން މިއުޅެނީ. ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ، 500 ވަރަކަށް މެގަވޯޓްގެ ވާހަކަ މި ދެއްކެނީ. އެހެންވީމާ، އެއީ ވަރަށްބިޔަ ޕްރޮޖެކްޓެއް. އެހެން ނަމަވެސް، މިކަން އެބަ ކުރަންޖެހޭ. މާލޭގައި މިގޮތަކަށް ޖެނެރޭޓަރތައް އުސްކުރަމުން، ބަހައްޓަމަކުން ނުގެންދެވޭނެ. އެހެންވީމާ، އެ މަޝްރޫޢުވެސް އެގޮތަށް.
ހަމަ އެގޮތަށް އައިހޭވަންގެ މަޝްރޫޢުވެސް މިއޮތީ. އައިހޭވަންގެ މަޝްރޫޢަކީ، އަޅުގަނޑުމެންގެ ފަރާތުން ވަރަށްގިނަ މަޢުލޫމާތު ޗައިނާގެ ކުންފުނިތަކުންވެސް. ސާފުކޮށްފައި މިހިރީ. އެހެންވީމާ، އައިހޭވަންގެ ތެރެއިންވެސް އެކިއެކި ކޮމްޕޯނަންޓްސް އެއީ، މިކްސްޑް ޑިވެލޮޕްމަންޓް އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް. އެހެންވީމާ، މުޅި ޕްރޮޖެކްޓް އެއްބަޔަކު ނަގާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމާ، އެކިއެކި ބައިބައި، ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ހަމަ މިފަހަރު، ޗައިނާގައިވެސް އަޅުގަނޑުމެން ހުށަހަޅާނަން. ހަމަ އެގޮތަށް ރާއްޖޭގެ ޑޭޓާ ކަލެކްޝަނާއި، ޑޭޓާ ބޭންކް ހެދުމާއި އަދި އަޅުގަނޑުމެން މިކުރާ މުޢާމަލާތްތަކުގައި، ސްމާޓް މޯލްޑިވްސް ދޮއެއްތޯ ޕްރޮޖެކްޓަކީ. މި ޑޭޓާ ކަލެކްޝަންގެ އިލެކްޓްރޯނިކް ވަސީލަތްތަކުން މިކަން ކުރުމަށްޓަކައި ޗައިނާ ސަރުކާރާ ވާހަކަ ދައްކަމުން އަދި ކޮންފަރމް ކޮށްފައި އޮތް މަޝްރޫޢެއް، އެ މަޝްރޫޢުވެސް ހަމަ ނިންމާފައި، ފެށޭ ވަރަށް އެހީތެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން މިދަނީ. އެއީ ދެން ޙަޤީޤަތުގައި އެކަން ވެއްޖެކަމަށްވަންޏާ، އަޅުގަނޑުމެންގެ ވަރަށްގިނަ މުޢާމަލާތްތަކުގައި ފަސޭހަތަކެއް ވެގެންދާނެ.
އެހެންވީމާ، މިގޮތަށް ހައެއްކަ ނޫނިއްޔާ ހަތް ޕްރޮޖެކްޓް އަޅުގަނޑުމެން އެބަ ގެންދަމު. ދެން މިހާރުން މިހާރަށްވެސް އަޅުގަނޑުމެން އެއްބަސްވެފައި މިއޮތީ، ޗައިނާގެ ރައީސްގެ އިނީޝިއޭޓިވެއް، ސިލްކްރޫޓް އިނީޝިއޭޓިވް ނޫނިއްޔާ ސިލްކްރޯޑް އިނީޝިއޭޓިވް އެއީ ޔޫރޭޝިއާ އިން ފެށިގެން ދެން މި ސަރަޙައްދުގެ ހުރިހާ ޤައުމުތަކާ، ތުރުކީ، ކަޒިކިސްތާން، އުޒުބަކިސްތާން، މިހިސާބުގަނޑާ، ދެން އައިސް ފިލިޕީންސް، އިންޑޮނީޝިޔާ، މި ރިމް، ޗައިނާއިން ފެށިގެން. މީގައި ބަލާފައި މިއޮތީ، ހަމަ ޙަޤީޤަތުގައިވެސް އިޤްތިޞާދީ އެއްބާރުލުން މިހާރު މައިގަނޑު ކަމަކަށް މިއޮތީ. ފުރަތަމަ ފެށުނީ ސިޔާސީ މަސައްކަތެއްގެ ތެރެއިން. އެހެން ނަމަވެސް، މިހާރު މުޅި ކަންތައްތައް މިއޮތީ އިޤްތިޞާދީ އެއްބާރުލުމާއި އަދި އެއިން ފައިދާ ހޯދުމަށް.
ދެން މީގައި އަޅުގަނޑުމެންގެ ފަރާތުން ޗައިނާ ސަރުކާރުން ސާފުކުރެއްވި، އަޅުގަނޑުމެންގެ ޝައުޤުވެރިކަން ހުންނާނެތޯ. ދެން ޙަޤީޤަތުގައި އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ޝައުޤުވެރިކަން ހުރޭ. އަޅުގަނޑުމެން މި ބައިވެރިވާ މުއައްސަސާތަކުގެ އިތުރަށް، ސިލްކްރޫޓް އިނީޝިއޭޓިވްގައި އަޅުގަނޑުމެންގެ ހަމަ ޝައުޤުވެރިކަން އެބަހުރި، ދިވެހިރާއްޖޭގެ. އެހެންވީމާ، މިއިން އިޤްތިޞާދީ ގޮތުން އެއްވެސްކަހަލަ ފައިދާއެއް، ރާއްޖެއަށް ލިބޭ ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ޝައުޤުވެރިކަން ހުރި ކަންތައްތައް.
ދެން މިކަހަލަ ޕްރޮޖެކްޓްތަކެއް ހިފައިގެން އަޅުގަނޑުމެން މިދަނީ. ދެން އަޅުގަނޑުމެން ސޮއިކުރާ އެގްރީމަންޓްތަކުގެ ތެރޭގައި، ޗައިނާ ސަރުކާރުން އަދި އަޅުގަނޑުމެން ދައުލަތާ ދޭތެރޭގައި، ވިޔަފާރިއާއި އިޤްތިޞާދުގައި ފްރޭމްވަރކް އެގްރީމަންޓްތައް، އެއީ އެހީތެރިވުމުގައި، ފްރޭމްވަރކް އެގްރީމަންޓް، ޓެކްނިކަލް އެސިސްޓެންސާއި އެހެން އެސިސްޓެންސްގެ، ފްރޭމްވަރކް އެގްރީމަންޓްގައި އަޅުގަނޑުމެން ސޮއިކުރާނަން. އަދި އެޔާއެކީ ދެން އެހެން ބައެއް ކަންތައްތައް އެބަހުރި، މިހާރުން މިހާރަށް ހަމަ ވަރަށް ޕްރެސިންގ ކަމަކަށްވާތީއާއެކީ، ފުލުހުންނަށް މަގުމަތީގައި ދުއްވާނެ އުޅަނދުފަހަރު ވެހިކަލް ހޯދުމުގެ އެހީތެރިކަމެއް ކޮންމެވެސްވަރަކަށް ޗައިނާ ސަރުކާރުން ދެއްވާނަމޭ ވިދާޅުވެފައި އޮތީމަ، އެކަންވެސް މިފަހަރު ފޯމަލައިޒް ވެގެންދާނެ.
އެހެން ނަމަވެސް، މިހުރިހާ ކަމަކާއެކުވެސް، އަޅުގަނޑުމެންގެ ޑެލިގޭޝަންގެ އެންމެ އިސްކަމެއް އޮތީ، މިދެންނެވި ގޮތަށް، މާލެ، ހުޅުމާލެ ބްރިޖްގެ ކަންތައް، ކޮންމެވެސް ގޮތަކަށް ނިންމާފައި، ޗައިނާ ސަރުކާރުގެ އެހީތެރިކަން، މިކަމުގައި ލިބޭނީ ކިހާވަރަކަށްތޯ ބެލުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދަތުރަކީ ހަމަ ކާމިޔާބު ދަތުރަކަށް ވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް އުންމީދު ކުރެވޭ.
ދެން ހަމަ މި ފުރްޞަތުގައިވެސް އަޅުގަނޑު ދަންނަވާލާނަން. ޗައިނާ ސަރުކާރުން އެދިވަޑައިގަންނަވައިގެންނާއެކީ، ރާއްޖޭގައި މި ހުންނަވާ ޗައިނާ ސަފީރު ހަމަ ވަރަށް އެދެވޭ ވަރަށް ވަރުގަދަ ރަނގަޅު މަސައްކަތްތަކެއް، އަޅުގަނޑުމެންގެ ދައުލަތަށް، މި މަޝްރޫޢުތައް ކާމިޔާބު ކުރުމާއި އަދި އަޅުގަނޑުމެންގެ މި ދަތުރު ކާމިޔާބު ކުރުމަށްޓަކައި ޗައިނާ ސަފީރު ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި މިހިރީ. ދެން ކޮންމެ ޤައުމަކަށްވެސް ދާއިރު، އެ ޤައުމެއްގެ ވިޔަފާރީގެ ކަންތައްތައް އޮންނަގޮތް، ސަރުކާރު ހިންގުމުގެ ކަންތައްތައް އޮންނަގޮތް އެނގިގެން، އެކަންކަމަށް އެކްސެސް ކުރެވިއްޖެ ކަމަށްވަންޏާ ފަސޭހަވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ މިދަތުރުގެ މިއިންތިޒާމުތައް މިހާބޮޑުތަން ފަސޭހަވެގެން މިދިޔައީ، ޙަޤީޤަތުގައިވެސް ޗައިނާ ސަފީރުގެ ހަމަ އެދެވޭ ވަރަށް ވަރުގަދަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކޮށްދެއްވީމަ.
ދެން ދިގުވެސްވެއްޖެ، ކުރުވެސްވެއްޖެ. އެހެން ނަމަވެސް ހަމަ އަޅުގަނޑުމެން މިދަނީ މިދެންނެވި ގޮތަށް ޔޫތު އޮލިމްޕިކްސްއަށް ލިބުނު ދަޢުވަތެއްގައި. އެހެން ނަމަވެސް އެދަޢުވަތުގައި ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް، ދެން ސްޓޭޓް ވިޒިޓަކަށް ނުވޭ. އެހެން ނަމަވެސް، އެ ޤައުމުގެ ރައީސާއި އަޅުގަނޑުމެންނާއެކީ ރަސްމީ ވާހަކަ ދެއްކުން އެބައޮތް. އެހެންވީމާ، އެކަމުގެ ފުރްޞަތުގެ ބޭނުން ހިފުމަށްޓަކަޔާ އެކީ އަޅުގަނޑުމެން މިދަނީ.
ޙުސައިން ފިޔާޒް – ހަވީރު ނޫސް:
މަނިކުފާނު ދަތުރުފުޅުގައި އެންމެ ބޮޑަށް ބާރު މިއަޅުއްވަނީ، ބްރިޖްގެ ކަންތައްތަކަށް. ތިޔަބޭފުޅުން މިހާރު ޕްލޭން ކުރައްވާފައި އޮތްގޮތުން، ކިހާ ހިސާބެއްގައި ފެށޭނެ ކަމަށްތޯ ލަފާކުރައްވަނީ، ތިޔަ ވިދާޅުވާ ކަންތައްތައް އިމްޕްލިމެންޓް ކޮށްގެން.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
މީގައި އަޅުގަނޑުމެންނަށް ދެން މިހާތަނަށް މި ދެއްކުނު ނުރަސްމީ ވާހަކަތައް، މިވާހަކަތައް ފަރމްއަޕްވެގެން ދާނީ، ޗައިނާ ސަރުކާރުން މިއަށް ގޮތެއް ނިންމައިދިނީމަ. ދެން ސަފީރާ އަޅުގަނޑުމެންނާ އަދި ޗައިނާ ސަރުކާރާ މިހާތަނަށް ދެއްކުނު ވާހަކައިން ޗައިނާ ސަރުކާރުން މިކަން ކޮށްދެއްވާނެ ގްރީން ސިގްނަލް އަޅުގަނޑުމެންނަށް ލިބިއްޖެ ކަމަށްވަންޏާ، އެބޭފުޅުންގެ ޓައިމްލައިނަކީ، އަޅުގަނޑުމެން ހަމަ އެނބުރި އަންނަ ތަނުން، މިތަނުގެ ކަނޑުގެ ވޭވް މޫވްމަންޓް ހުންނަގޮތާއި، ޓައިޑް މޫވްމަންޓް ހުންނަގޮތާ، މިކަހަލަ ހުރިހާ ކަންތައްތަކެއް ސްޓަޑީ ކުރުމަށް، އެމީހުންގެ އިންޖިނިއަރިންގ ޓީމެއް އަންނާނެ ކަމަށްވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެންގެ ދަތުރުން އެނބުރި އައިސް، މިއަހަރު ހުސްވުމުގެ ހަމަ ވަރަށްބޮޑުތަން ކުރިން، މި މަސައްކަތްތައް ފެށްޓޭނެ. އޭގެ މާނައަކީ ފުރަތަމަ ކުރާ މަސައްކަތްތަކުގެ ތެރޭގައި، މިދެންނެވިހެން ކަނޑުގެ ކަންތައްތައް ބަލަހައްޓާނީ ދޮއެއްތޯ. އެހެންވީމާ، ފުރަތަމަ ކަމަކީ ޙަޤީޤަތުގައި ފީޒިބިލީ ސްޓަޑީޒް ހެދުން އިނގޭތޯ. ސަރުކާރުން މި ޕްރޮޖެކްޓް ނެގޯޝިއޭޓް ކުރާއިރުގައިވެސް އަދި ބޭރުގެ ބަޔަކު މިތަނަށް އަންނައިރުވެސް ޕްރޮޖެކްޓްގެ އަގު، ނޫނިއްޔާ މި ޕްރޮޖެކްޓުން ސަރުކާރުން ހޯދަން ބޭނުންވަނީ، ނޫނިއްޔާ ބޭރު މީހުންނަށް ލިބެން ބޭނުންވަނީ ކޯޗެއްތޯވެސް އެނގޭނީ ފީޒިބިލިޓީއެއް ހެދިގެން ދޮއެއްތޯ. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު ކުރެވިފައި އޮތް މަސައްކަތުގައި، ފީޒިބިލިޓީއާ އެކީ މިކަން ކުރަން މިއޮތީ، އެޕްލައި ކުރި ޕާޓީތަކަށް ދޫކޮށްލައިގެން. އެކަމަކު އަޅުގަނޑުމެންނަށް މި ފީޒިބިލިޓީއާއި، މިކަންކަން ޗައިނާ ސަރުކާރުގެ އެހީގައި ހެދިއްޖެ ކަމަށްވަންޏާ، ދެން އަޅުގަނޑުމެންގެ ނެގޯޝިއޭޓިންގ ޕަވަރވެސް، ނޫނިއްޔާ ނެގޯޝިއޭޓިންގ ފުރްޞަތުވެސް ހަމަ ވަރަށްބޮޑުތަން އިތުރުވެގެން ދިޔައީ، ދެން އެހެން ޕާޓީތަކަށް. ދެން އަދި އެހެން ޕާޓީތައް ކުރިމަތިލުމަށްވެސް ވަރަށްބޮޑަށް ފަސޭހަވެގެން މިދަނީ، ކުރީގައި ފީޒިބިލިޓީއެއް ހެދިފައި އޮތިއްޔާ. އެއީ އެންމެބޮޑު މައްސަލައަކަށް ވަނީ، މިއީ އެއްގަމުގެ ބްރިޖަކަށް ނުވާތީ. ހަމަ ވަރަށް ތަފާތު ސްޓްރެންތަކަކާއި ވަރަށް ތަފާތު ކަންތައްތަކެއްގެ ވާހަކަ މިދެއްކެނީ.
ޙުސައިން ފިޔާޒް – ހަވީރު ނޫސް:
ޗައިނާ ސަރުކާރުން އަދި ފެހި ސިގްނަލެއް ނުދެއްވާ ދޮއެއްތޯ، އެއީ ތިޔަ ވިދާޅުވިގޮތަށް ދެބައިކުޅަ އެއްބައި އެހީ، ހިލޭ ދެއްވާނެ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
ނޫން، ނޫން، ދެބައިކުޅައެއްބައި، ތިންބައިކުޅަ އެއްބައެއް ނޫން ދޮއެއްތޯ. އަޅުގަނޑުމެންނަށް އެނގިފައި މިއޮތީ ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެދޭ ޕްރޮޖެކްޓަކަށް، ވަރަށްބޮޑު ބަޔަކީ ކޮންސެޝަނަލް އެހީގެ ގޮތުގައި، ހަމަ ހިލޭ ދެއްވާ އެހީގެ ގޮތުގައި ދެއްވާނެއޭ. އެހެން ނަމަވެސް، މިކަހަލަ ކަންތައްތައް މިވާގޮތަކީ ދޮއެއްތޯ، ފުރަތަމަ ސްޓަޑީއެއް ހަދާފައި، ބްރިޖަށް ދާނެ ޚަރަދެއް ދޮއެއްތޯ އެނގޭނީ. ޚަރަދު އެނގުނީމަ، ޗައިނާ ސަރުކާރަށް ނިންމެވޭނެ، ޗައިނާ ސަރުކާރުން ގްރާންޓެއްގެ ގޮތުގައި، އެއީ ދެޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުމަށް ބަލާފައި، ކިހާވަރެއްތޯ ހަމަ ގްރާންޓެއްގެ ގޮތުގައި ދެއްވާނީ. ދެން އަނެއް ބަޔަކީ ހަމަ އެގްޒިމް ބޭންކުން މިހާރު ނޯމަލީ މިއޮންނަ އެގްޒިމް ލޭންޑިންގ ރޭޓަށްވުރެ އަގުހެޔޮކޮށް ކުރެވިދާނެ ދޮއެއްތޯ. ދެން އަނެއްކާ މި ބްރިޖަކީ، އޭގެ ޒާތުގައި ބްރިޖް ހިންގައިގެން، އާމްދަނީ ދެކޮޅުޖެއްސޭ، ނޫނިއްޔާ ވިޔަފާރި، ނޫނިއްޔާ ކުރި ޚަރަދު ދެކޮޅުޖެއްސޭ ކަމަކަށްނުވާ ކަމަށްވަންޏާ، އެހީދޭ ދީލަތި ބޮޑު ޤައުމެއްގެ އަތްމަތީގައި އޮންނާނީ ދޮއެއްތޯ، ކުޑަދުވަސްކޮޅެއް ކޮށްލާފައި، ބާކީބައި މަޢާފްކޮށްދިނުންވެސް. މިކަހަލަ ހުރިހާ ކަމެއް ހުންނާނެ ދޮއެއްތޯ. ދެން ޗައިނާއިންވެސް އެބަހުރި އަދި އެހެން ޤައުމުތަކުންވެސް އެބަހުރި ދޮއެއްތޯ، ތިންވަނަ ދުނިޔޭގެ ޤައުމުތަކަށް މިހެން ކޮށްދީފައި ހުރި ބޮޑެތި ކަންކަމުގައި، ނޫނިއްޔާ ނަގާފައި ހުރި ބޮޑެތި ލޯނުތަކުގައި ހަމަ ޓޯޓަލް ޑެބްޓް ފޮރގިވްނަސް އަށް ގޮސްފައި މަޢާފްކޮށްދީފައި އެބަހުރި ދޮއެއްތޯ. ދެން އަޅުގަނޑުމެން އިނީޝިއަލީ މި އެސްޓިމޭޓް ކުރީ، ގާތްގަނޑަކަށް ތިންސަތޭކަވަރަކަށް މިލިއަން ޑޮލަރުގެ  ބްރިޖަކަށޭ ވާނީ. އެހެން ނަމަވެސް، މީގެ، ކަނޑުގެ ރާޅުގެ ސްޓަޑީތަކާ، މި އެއްޗެހި ހަދާ ނިންމީމަ ދޮއެއްތޯ އެގްޒެކެޓް އަގު އެނގޭނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެން ކުރެވޭނެ ކަމަށް އުންމީދު ކުރަމާ ހިންގަވާ ދޮއެއްތޯ.
ޙުސައިން ފިޔާޒް – ހަވީރު ނޫސް:
އަޅުގަނޑުގެ އިތުރު ސުވާލެއް އެބައޮތް. ޗައިނާ ދަތުރުފުޅާ ގުޅޭ ސުވާލެއް ނޫން. އެކަމަކު މަނިކުފާނު އަބަދުވެސް އިޤްތިޞާދަށް ބާރުއަޅުއްވާ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރްޞަތުތައް ފަހިކޮށްދެއްވުމަށް ބާރުއަޅުއްވާ ރައީސެއްގެ ގޮތުގައި އަބަދުވެސް ޕްރޮމޯޓް ކުރައްވަމުން ގެންދަވަނީ. އަޅުގަނޑުމެންނަށް މިއަދު ޚަބަރުތަކުންނާއި، ސަރުކާރުގެ ނިންމުންތަކުން މި ފެނިގެންދިޔައީ، ރާއްޖޭގައި ހުރި އެންމެބޮޑު އެއް ވިޔަފާރިވެރިޔާގެ ވިޔަފާރިތައް، އެގްރީމަންޓްތައް ބާޠިލުކުރަމުންދާތަން. އެއީ ކޮންކަހަލަ ގޮތަކަށްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
ނޫން، ނޫން، އެއީ ރަނގަޅު ވާހަކައެއް ނޫން ދޮއެއްތޯ. އެއީ ރަނގަޅު ވާހަކައެއް ނޫން. ސަރުކާރުން ރިސޯސް މިދެނީ، އެ އެގްރީމަންޓާ އެއްގޮތަށް އެކަންކަން ކޮށްގެން ރައްޔިތުންނަށް އޭގެ ފައިދާ ލިބޭގޮތަށް މަސައްކަތް ކުރަން ދޮއެއްތޯ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، އަޅުގަނޑުވެސް ފުރަތަމަ މީޑިއާއިން ތިޔަ ވާހަކަ ފެނިގެން، ފިޝަރީޒް މިނިސްޓަރ ކުރެން އަހާލިން. ބަރެސްދޫ އިނގޭތޯ. 21 އަހަރުވެއްޖެ ދީފައި އޮންނަތާ. އެތާކު ނެތް ކޮށްފައި އޮތް އެއްވެސް މަސައްކަތެއް. ބަރެސްދުއަކީ ބޮޑު ބިޔަ ރަށެއް. އެރަށަކީ މިހާރު އެގްރިކަލްޗަރގެ ޞިނާޢަތަށް ނުދީ، ޓުއަރިޒަމްގެ މަސައްކަތަކަށް ނަގާފައި އޮތް ރަށެއްނަމަ، އެތައް މިލިއަން ޑޮލަރެއް ލިބެންޖެހޭ ދޮއެއްތޯ. އެހެންވީމާ، ރާއްޖޭގައި ހުރި އެންމެބޮޑު ވިޔަފާރިވެރިޔާ ވިޔަސް އަދި އެހެން ބޭފުޅަކު ވިޔަސް، ސަރުކާރު ކުރިމަތީގައި އުޞޫލުތައް ހިފެހެއްޓުމުގައި ހަމަ އެއްގޮތް ވާނީ. މި ސަރުކާރުން މީގެ ގާތްގަނޑަކަށް ދެތިން ހަފްތާ ކުރިން، ރަމަޟާން މަހުގެ ތެރޭގައި އެއޮތީ، ފަޅުރަށްރަށް ގެންގުޅުމާއި އަދި ފަޅުރަށްރަށް ނެގުމާ، މިކަންކަމާބެހޭ ހަމަ ވަރަށް ވަރުގަދަ އުޞޫލެއް ކަނޑައަޅައި ނިންމާފައި. އެ އުޞޫލުގެ ތެރޭގައި އެއް މާއްދާގެ އެންމެ ވަރުގަދަ މާއްދާއަކަށް އޮންނާނީ، ފަޅުރަށެއް މިދެނީ އެއްވެސް ކަހަލަ ދައުލަތުގެ މައްޗަށް އޭގެ ބުރައެއް އުފުލަން ނުޖެހޭގޮތަށް ދޫކުރާ ތަނެއް ފަޅުރަށް މިއީ. ޓުއަރިޒަމްގެ ރަށްރަށާ ޚިލާފަށް ދޫކުރާ ރަށްރަށް، ވަރުވާއަށް ދޫކުރާ ފަޅުރަށްރަށް މިއީ. ހަމަ ކަނޑައެޅިގެން މިހާ ހިސާބަށް ޢަމަލުކުރާ އުޞޫލަކީ، އެ ދެވިފައި އޮތް ބޭނުން އެއްގޮތަކަށްވެސް އެމުއްދަތުގެ ތެރޭގައި ނުކުރެވޭ ކަމަށްވަންޏާ، އެ ރަށް އަނބުރާ އަތުލާނެ އިނގޭތޯ. މި ރަށް ދީފައި މިއޮތީ ދިގު މުއްދަތަށް، 21 އަހަރަށް. ގަބޫލު ކުރައްވާ 21 އަހަރުވެގެން މިދިޔައީ. އެއްވެސް ކަމެއް އެތާ ކުރެވިފައި ނެތީ. އެހެންވީމާ، އެ ރަށް އަތުލީ.
ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ކާޑެއްދޫގެ އެއަރޕޯޓް. ދެން އަދީބުކަންނޭނގެ އެއަށް ޖަވާބު ދެއްވާނީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ހަމަ އެއަރޕޯޓްގައިވެސް މިވާގޮތަކީ، ސޭފްޓީގެ ކަންތައްތަކާ، މިހެންހުރި ކަންތައްތަކެއް އެބަހުރޭ. އެ ހަމަ ކޮންމެ އޮޕަރޭޓަރަކުވެސް އެއަށް ތަބާވާންޖެހޭނެ އިނގޭތޯ. އަދި އަޅުގަނޑުމެން އަދި އެހެން އެއަރޕޯޓަކަށް ބެއްޔަސް، ހަމަ ތަބާވާންޖެހޭނެ، އެ މުއްދަތު ދީފައި، ފުރްޞަތު ދީފައި، އެކަން ރަނގަޅު ކުރަން ބުނެފައި، ރަނގަޅު ނުކުރެވިއްޖެ ކަމަށްވަންޏާ، ދެން ނުކުންނަ މައްސަލައެއްގެ ޒިންމާ އުފުލަން މިޖެހެނީ ސިވިލްއޭވިއޭޝަން އޮތޯރިޓީން ދޮއެއްތޯ. އެއަރޕޯޓްގެ ސޭފްޓީއަށް ބަލާފައި، މިކަންކަން ނުވެ ހުރެއްޖެއްޔާ، މިކަން މިވަނީ. އެހެންވީމާ، މިއީކީ ކޮންމެހެނެއް ރާއްޖޭގައި ހުރި އެންމެބޮޑު ވިޔަފާރިވެރިޔާވީމަ ވާގޮތެއް ނޫން. އަދި އެންމެބޮޑު ވިޔަފާރިވެރިޔާ ވިޔަސް، އެންމެ ކުޑަ ވިޔަފާރިވެރިޔާ ވިޔަސް، މިގޮތަށް ޢާންމުކޮށް ޝާއިޢު ކުރެވުނީމަ، ގަވާއިދުތަކެއް ޝާއިޢު ކުރެވިފައި، ރައްޔިތުންގެ ޙައްޤުގައި، ނޫނިއްޔާ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ކަންތައްތައް ބައްޓަން ކުރުމަށްފަހު، ދެން އިސްތިސްނާ ދެވޭނެ ގޮތްތަކެއް ނޯވޭ ދޮއެއްތޯ. އެހެންވީމާ، ދެން އެގޮތަށް ދިޔަ ކަމެއް. ދެން އެހެންވީމާ، އެއީކީ ކޮންމެހެނެއް އިޤްތިޞާދާއި ވިޔަފާރިއަކަށް ހުރަސްއެޅެނީކީ ނޫން. އިޤްތިޞާދާއި ވިޔަފާރީގެ ކަންތައްތައް ކުރިއެރުމަށް ދީފައި ހުންނަ ތަންތަން، އެޔާއެއްގޮތަށް ބޭނުންނުކުރާއިރުވެސް ބަހައްޓާފައި ހުރެއްޖެއްޔާ އެއީ ހުރަސްއެޅެނީ. މިހާރު ގަބޫލުކުރައްވާ، ޓުއަރިޒަމްގައި، ތ. އަތޮޅުގައިވެސް އެބަހުރި ބައެއް ރަށްރަށް. [ކަޅުފަހަލަ] ކަހަލަ ބައެއް ރަށްރަށް އެބަހުރި. 8 އަހަރު، 10 އަހަރު ވެގެންދާ ރަށްރަށް. އެއްވެސް ގޮތެއް ނެހެދޭ. ދެން މިއަދު އަޅުގަނޑު އެ ރަށް ވަކިކުރަނީ، ވަޒީރުންގެ މަޖިލީހުން އަޅުގަނޑަށް ލަފާދީގެން، ދޭންވާ ބަދަލެއްދީފައި. އެ ރަށްރަށް މީހުން އުޅޭ އަތޮޅުތަކުގައި ދީފައި އެހުރީ، އާމްދަނީ ހޯދަން، ވިޔަފާރިއަށް ފުރްޞަތު ހޯދައިދޭން. އެ ރަށްރަށް ހެދިގެން ނޫނިއްޔާ މީހުންނަށް ވަޒީފާ ލިބޭނެގޮތެއް ނެތް. ސަރުކާރަށް އެއްވެސް ޓެކްސެއް ލިބޭނެގޮތެއް ނެތް. ދެން ކޮބައިތޯ، ކޮބައިތޯ އެ ރަށްރަށް ދީފައި އޮތުމުގެ ބޭނުމަކީ. އެހެންވީމާ، އެހެން ދީފައި ހުންނަ ރަށްރަށް ވަކިކުރުމަކީ، އިޤްތިޞާދީ ގޮތުން ހަމަ ޙަޤީޤަތުގައިވެސް ސަރުކާރުން ކަންތައް ކުރަންޖެހޭގޮތް.
މުޙަންމަދު ފަޒީލް – ރާއްޖެ ޓީ.ވީ:
ސްޕެސިފިކް އިކޮނޮމިކް ޒޯނާ ގުޅޭގޮތުން ޤާސިމް އިބްރާހީމާއި، އިދިކޮޅު އެމް.ޑީ.ޕީ. އިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ދެކޮޅުނުޖެހޭ ކަންތައްތަކެއް ހުރި ވާހަކަ. ކީކޭތޯ އެ ވިދާޅުވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
ދެން އަޅުގަނޑަށް ވިދާޅުވެދެއްވަންވީ އެމް.ޑީ.ޕީ. އިންވެސް އަދި ޤާސިމްވެސް އަޅުގަނޑަށް ވިދާޅުވެދެއްވަންވީ، މީގައި ދެކޮޅުނުޖެހި އޮތީ ކޮންކަމެއްތޯ. އަޅުގަނޑުގެ ވަޒީރުންގެ ޓީމު ގޮސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވަރަށް މަސައްކަތް ކޮށްދެއްވައިފި، މީގައި ދެކޮޅުޖެހޭ ހުރިހާ ކަމެއް ވިދާޅުވާން. އަޅުގަނޑަށް ޔައުމިއްޔާތަކުން ފެންނަނީ، ހަމަ އެންމެ ކަމެއް. ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރަށް ހުރިހާ ކަމެއް ދޫކޮށްލަނީއޭ. ދައުލަތް ހިންގާނީ ރައީސުލްޖުމްހޫރިއްޔާ. ދައުލަތުން ރަށްރަށް ދޫކުރުމާއި، ބިންބިން ދޫކުރުމާ، އެއީ ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހުން އުޞޫލުތަކެއް ކަނޑައެޅުއްވީމަ، އެހެންވީމާ، ޤާނޫނެއް މި ހަދަނީ. އެއަށް ޤާނޫނު މި ހެދެނީ. އެކަމަކު އެ އުޞޫލު ކަނޑައެޅުއްވުމަށްފަހު، އިޤްތިޞާދީ ސަރަޙައްދު، އިކޮނޮމިކް ޒޯން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން. ރައްޔިތުންގެ މަޖިލީހަކީ ހިންގުމުގެ ދާއިރާއާބެހޭ ތަނެއް. އެހެންވީމާ، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއީކީ އެއްވެސް މައްސަލައެއް ނޫން. ހަމަ މީގައި ވެގެން މިއުޅޭ ގޮތަކީ، ރާއްޖެއަށް ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ގެންނަން މިކުރާ މަސައްކަތުގައި، ހަމަ ކުރިއަށް ލަފާކުރެއްވެނީ މީގައި ވަރަށްބޮޑު ގޯސްތަކެއްވާނޭ. އެހެންވީމާ، އެހެން ލަފާކުރައްވާތީ. އެހެންވީމާ، އެ ޤާނޫނަށް ގެންނަވަން ބޭނުންވާ އިޞްލާޙުތަކެއް ގެންނަވަންވީ. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ އަތްމަތީގައި، ނޫނިއްޔާ ދައުލަތް ހިންގަން ހުރި މީހެއްގެ އަތްމަތީގައި އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގެ ބާރު އޮތުމަކީ، އެއީ މަޖިލީހުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން.
މުޙަންމަދު ފަޒީލް – ރާއްޖެ ޓީ.ވީ:
އެބޭފުޅުން ވިދާޅުވަނީ ޓެކްސް މަޢާފް ކުރުމާ، މިކަހަލަ ވާހަކަތަކެއް.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
ރަނގަޅޭ، އެބޭފުޅުން މިހާތަނަށް ގެންނަވާފައި ހުރި ރިޒޯޓްތައް ގެންނަވާފައި ހުރިއިރު، އެތަންތަނުން ޓެކްސް މަޢާފެއް ނުވޭތޯ؟ އެބޭފުޅުންގެ ރިޒޯޓްތައް ހަދައި ނިންމައި ހުރިހާ ކަމެއް ކޮށްފައި އެހެރީ ޓެކްސް މަޢާފްކޮށްގެންނޭ. އަޅުގަނޑު ދުށިން، އަޑުއެހިން ސަޢީދު ޕްރެޒެންޓޭޝަން ހެއްދެވިއިރު، ޓުއަރިޒަމް ރާއްޖޭގައި ފެށިގެން އައީ، ކޮންމެ ތަނަކީ، ކޮންމެ ރަށަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި. އެތަން ހަދާ ނިމި، އެތައް ދުވަހެއް ވަންދެން ސަރުކާރުން ޓެކްސް މަޢާފްކޮށްދިން. ސްޕެޝަލް އިކޮނޮމިކް ޒޯންގައި ސަރުކާރުން ވިސްނަންޖެހޭ އެންމެބޮޑު ކަމެއް އޮތީ ޓެކްސް މަޢާފް ކުރުމުގައި. އެހެންވީމާ، މިހާރުވެސް އަލަށް ހަދާ ރިޒޯޓަށް ގެންނަ ހުރިހާ އެއްޗެއް ޑިއުޓީ މަޢާފްވޭ. ކޮބައިތޯ. އެހެންވީމާ، އެބޭފުޅުން އެ ތިއްބެވީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބެނެފިޓް، ޤާނޫނުނެތި ހޯއްދަވައިގެން، ޓުއަރިޒަމް ޤާނޫނުގެ ތެރެއިން. އެހެންވީމާ، މިހާރު މިއުޅެނީ ހަމަ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ތެރެއިން އެ ބެނެފިޓް، އެކަންކުރާ މީހުންނަށް ދޭން. އަދި ކޮބައިތޯ، އަދި މީގެއިތުރުން ޓުއަރިޒަމް ޤާނޫނުގައި، ޤާނޫނުއަސާސީން ހުއްދަދޭ ގޮތަށް، ޓުއަރިޒަމް ޤާނޫނަށް އިޞްލާޙު ގެންނަން އަޅުގަނޑު އެބަ ހުށަހަޅަން، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވޭތޯ ބަލާނަން. ޓުއަރިޒަމްގެ ރަށްރަށް ނަގައިގެން ތިއްބެވި ފަރާތްތައްވެސް، މިހާރު އޮތް މުއްދަތު 99 އަހަރަށް ޖައްސަން. އޭގެ ބެނެފިޓްވެސް ހަމަ ލިބެން ތިއްބެވި ބޭފުޅުންނަކީ އެއީ އިނގޭތޯ. އެހެންވީމާ، މިއަކުންނެއް އަޅުގަނޑަކަށް ހިއެއްނުވޭ، ރައްޔިތުންނަކަށް ގެއްލުންވާހެނެއް. ނޫނިއްޔާ ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވާންޖެހޭނެހެނެއް. ރައްޔިތުންގެ މަޖިލީހުން އަބަދުވެސް ބައްލަވަންވީ، ސަރުކާރުން މިކުރާ ކަންތައްތައް، ނުބައި ނަތީޖާ ނުކުމެއްޖެ ކަމަށްވާނަމަ ހުއްޓުވޭނެ ދޮއެއްތޯ.