ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ޗައިނާގެ ރައީސް މިސްޓަރ ޝީ ޖިންޕިންގ ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެބޭފުޅުން ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ނަންޖިންގ ޕަރޕަލް ޕެލަސްގައެވެ. ވަރަށް އުފާވެރި މާޙައުލެއްގައި ބޭއްވުނު މިރަސްމީ ވާހަކަފުޅުތަކުގައި، ޗައިނާގެ ރައީސްގެ އަރިހުގައި އެޤައުމުގެ ފޮރިން މިނިސްޓަރާއި، ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ހިމެނިވަޑައިގަންނަވައެވެ. އަދި ޗައިނީޒް ކޮމިއުނިސްޓް ޕާރޓީ (ސީ.ސީ.ޕީ) ގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޝީ ޖިންޕިންގ ދެއްކެވި ވާހަކަފުޅުގައި، ދެވަނަ ޔޫތު އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ޗައިނާއަށް ވަޑައިގެންދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުން އަބަދުވެސް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ދެކެނީ ވަރަށް ގާތް، ރަޙުމަތްތެރި ބައެއްގެ ގޮތުން ކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް އަދި ވަކިން ޚާއްޞަކޮށް ދިވެހި ރައްޔިތުންގެ އުފާ ފާގަތިކަމަށްޓަކައި ޗައިނާއިން އަބަދުވެސް ތިބޭނީ ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުވައިދިނުމަށް ތައްޔާރަށް ކަމުގައި ރައީސް ޝީ ޖިންޕިންގ ވިދާޅުވިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މައިގަނޑު ދެ އެއްބަސްވުމެއްގައި ސޮއިކުރެވޭކަން ފާހަގަކުރައްވައި، އެތަނުން އެއް އެއްބަސްވުމަކީ ޗައިނާއިން ރާއްޖެއަށް 100 މިލިއަން ރެމްބީ ޔޫއާންގެ ހިލޭ އެހީ ދިނުމާބެހޭ އެއްބަސްވުން ކަމުގައި ރައީސް ޝީ ޖިންޕިންގ ވިދާޅުވިއެވެ. މީގެއިތުރަށް، ރައީސް ޔާމީނަކީ ދިވެހި އިޤްތިޞާދު ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ، އަދި ދިވެހި ޒުވާނުންގެ ކުރިއެރުމަށްޓަކައި މުހިއްމު ތަޞައްވުރެއް އެކުލަވާލައްވައިގެން ކުރިއަށް ވަޑައިގަންނަވާ ރައީސެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން ރައީސް ޔާމީންގެ މިދަތުރުފުޅަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރު ހަރުފަތްތަކަކަށް އުފުލާލައި، ދެޤައުމުގެ ދެމެދުގައި ވިޔަވާފާރިއާއި އިޤްތިޞާދުގެ ރޮނގުން ހަރުދަނާ ގުޅުންތަކެއް ބަދަހިކުރަން ލިބިގެންދާ ފުރުޞަތެއް ކަމުގައި ޗައިނާގެ ރައީސް ބަޔާންކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއަކީ ބައިނަލްއަޤުވާމީ މައިދާނުގައި އަދި ވަކިން ޚާއްޞަކޮށް އ.ދގެ ތެރެއިންނާއި، ހިއުމަންރައިޓްސް ކައުންސިލުގެ މެންބަރު ޤައުމެއްގެ ހައިޘިއްޔަތުން ޗައިނާއާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެވަނަ ޔޫތު އޮލިމްޕިކް ގޭމްސް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށް އެމަނިކުފާނަށް ދަޢުވަތުދެއްވައި އަދި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ފުރުޞަތު ދެއްވި ކަމަށްޓަކައި ޗައިނާގެ ރައީސަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވަފުދުގެ މެންބަރުންނަށް ޗައިނާ ސަރުކާރުން އަދާކުރައްވަމުން ގެންދަވާ މެހެމާންދާރިއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާއަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތަކީ އެމަނިކުފާނުގެ އިޤްތިޞާދީ އެޖެންޑާގައި ހިމެނޭ އެންމެ ބޮޑެތި މަޝްރޫޢުތަކާމެދު ޗައިނާ ސަރުކާރާއި، ޗައިނާގެ ވިޔަފާރި ކުންފުނިތަކާއި، އިންވެސްޓަރުންގެ އިތުރުން މާލީ އިދާރާތާއެކު މަޝްވަރާ ކުރެއްވުމަށް ތަނަވަސްވެގެންދިޔަ އަގުހުރި ފުރުޞަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އިޤްތިޞާދީ އެޖެންޑާގައި ހިމެނޭ މުހިއްމު މަޝްރޫޢުތަކަށް މިހާތަނަށްވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ގިނަ ކުންފުނިތަކަކީ ޗައިނާ ކުންފުނިތަކަކަށް ވާތީ، އެ މަޝްރޫޢުތަކުގެ މަޢުލޫމާތު ޗައިނާގެ ރައީސާއެކު ޙިއްސާ ކުރެއްވިއެވެ. އެގޮތުން، އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހި ޒުވާނުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހެއްދެވުމަށް ކަމަށާއި، އެތަޞައްވުރުގައި ޤާއިމުކުރައްވަން ފައްޓަވާފައިވާ ޒުވާނުންގެ ސިޓީ ކާމިޔާބު މަޝްރޫޢުއަކަށް ހެއްދެވުމަށް މިސަރުކާރުން ޙާއްޞަ ސަމާލުކަމެއް ދެއްވަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެންމެ އަވަހަށް ތަންފީޒުކޮށްދެއްވުމަށް ބޭނުންވާ މަޝްރޫޢަކީ މާލެއާއި ހުޅުލެއާ ދެމެދު އެޅޭ ފާލަން ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުކަމަށް ވީހިނދު، ފަތުރުވެރިކަމަށް އާރޯކަން ގެނުވުމަށްޓަކައި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމަށް އެކުލަވާލެވިފައިވާ މަޝްރޫޢުގެ ކާމިޔާބީއަކީވެސް، ފާލަމާއި ގުޅިލާމެހިފައިވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

ރައީސް ޝީ ޖިންޕިންގެ ޚާއްޞަ ތަޞައްވުރެއް ކަމުގައިވާ (ޓްވެންޓީ ފަސްޓް ސެންޗަރީ ސިލްކް ރޯޑް) ގައި ހިމެނޭ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމަށް، ރާއްޖެއިން ޝައުޤުވެރިވާކަމަށް ވިދާޅުވުމުން ޗައިނާގެ ރައީސް، ރައީސް ޔާމީނަށް މަރުޙަބާ ވިދާޅުވިއެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، ޕޯރޓް ތަރައްޤީ ކުރުމާއި، ދިވެހިރާއްޖޭގެ ކަނޑާއި ތިމާވެށި ރައްކާތެރި ކުރުމަށް އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، އިތުރު ރިސޯޓް ތަރައްޤީ ކުރުމަށް ޗައިނާގެ އިންވެސްޓަރުން ޝައުޤުވެރިވާކަން ފާހަގަކުރެއްވިއެވެ.

މިއަދު ދެޤައުމުގެ އެންމެ އިސްވެރިން މިބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ޗައިނާ ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަން ފާހަގަކުރައްވައި، މުހިއްމު މަޝްރޫޢުތައް ކުރިއަށް ގެންދެވުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ވަފުދުގެ ފަރާތްޕުޅުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙުމަދު އަދީބް ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފައިނޭންސް މުޙައްމަދު އަޝްމަލީ ބައިވެރިވެވަޑައިގެންނެވިއެވެ.