ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާގެ ބައެއް ވިޔަފާރި ކުންފުނިތަކާ ބައްދަލުކުރައްވައިފިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވި ބައެއް ފަރާތްތަކުގެ ތެރޭގައި، ޖިއާންގސޫ ޕްރޮވިންސްގެ ޓްރާންޕޯރޓޭޝަން އިންޖިނިއަރިންގ ގްރޫޕާއި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަނާއި، ހުއާވެއި ޓެކްނޮލޮޖީސް ކޯޕަރޭޝަންގެ އެންމެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައި ވަކިވަކިން މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މިކުންފުނިތަކުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރި ފުރުޞަތުތަކާއި އެފަރާތްތަކުގެ ޝައުޤުވެރިކަން ހުރި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން ޗައިނާގެ އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގައި ޙަރަކާތްތެރިވާ ޓްރެވަލް އޭޖެންސީއެއް ކަމުގައިވާ 'ތޫނިއާ' ގެ އިސްފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެފަރާތުން އިންތިޒާމް ކުރެއްވި މެންދުރުގެ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.