بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء ‏والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين. ‏

‏މިރޭގެ މި އުފާވެރި ޙަފްލާއަށް ވަޑައިގެންދެއްވި އެންމެހައި ޢިއްޒަތްތެރިންނަށް ‏‏ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަމުން، އަޅުގަނޑު ތިޔަބޭފުޅުންނާ ކޮންމެވެސްވަރެއްގެ ޚިޔާލުތަކެއް ‏‏ބަދަލުކޮށްލަން ބޭނުންވާ ވާހަކަ ދަންނަވަން. ‏

‏ފުރަތަމަ ކަމެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާނީ، ދެންމެ ކޮމިޝަނަރ ‏‏ޖެނެރަލްގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، އަޅުގަނޑު މިތަނަށް އަންނަންޖެހޭ ސަބަބަކީ ކޮބައިބާވައޭ. ‏‏އައީމާ ވަރަށް އުފާފުޅު ވާހަކަ ވިދާޅުވި. އެކަމަކު ދައުލަތް ހިންގަން ހަވާލުވެހުންނަ މީހެއްގެ ‏‏ހައިސިއްޔަތުން ދައުލަތަށް ވީހާގިނަ ފައިސާއެއް ލިބުމަކީ، ދައުލަތް ހިންގަން ހުންނަ މީހާ އުފާވާނެ ‏‏ކަމެއް ދޮއެއްތޯ. އެ ސަބަބަށްޓަކައިވެސް މިރޭގެ ޙަފްލާއަށް އަޅުގަނޑު އަންނަންޖެހޭ. ‏‏ހަމައެޔާއެކީގައި އޮތީ، މީރާއިން މިކުރައްވާ މަސައްކަތްޕުޅުތަކާ ބެހޭގޮތުން އަޅުގަނޑުގެ ޚިޔާލުގައި، ‏‏ދިވެހިރާއްޖޭގެ އިޤްތިޞާދު ދަތުރުކުރާ މި ދިމާއިން ޓެކްސްބޭސް ފުޅާކުރުމަށްޓަކައި ކުރެވޭ މަސައްކަތާ ‏‏ބެހޭގޮތުން ބައެއް ކަންތައްތައް ޙިއްޞާކޮށްލަން ދައްކާ ވާހަކަ. މީގެތެރޭގައި، އެކައުންޓެބިލިޓީ ‏‏ފުޅާކުރަން ކުރާ މަސައްކަތާއި، ޤާނޫނީ މަސައްކަތާއި ފްރޭމްވަރކްގެ އެތައް ތަފާތު ކަންތައްތަކެއް ‏‏ހިމެނޭ. އަޅުގަނޑަށް މޭޒުތަކުގެ ކައިރިން މިކަންކަމުގެ މަސްއޫލު ބޭފުޅުން އަޅުގަނޑަށް އެބަ ‏‏ފެންނަމުންދޭ. އެހެންވީމާ، ހިތަށްއެރީ ސަރުކާރުން މިކުރާ މަސައްކަތް، ތިޔަ އެންމެ ބޭފުޅުންނާ ‏‏ޙިއްޞާކޮށްލަން ބޭނުމޭ. ‏

‏އަޅުގަނޑުމެންގެ މިޒަމާނުގެ ހިންގުމުގައި، އަޅުގަނޑުމެންނަށް ދިމާވާ އެންމެބޮޑު ‏‏މައްސަލައަކީ، އެއް މުއައްސަސާގެ އިންފާރު ނިމޭ ހިސާބު، އަނެއް މުއައްސަސާއަކަށް ދެނެގަންނަން ‏‏އުނދަގޫވާގޮތް. މިއީ މިކަން އޮތްގޮތް. ހިންގުމުގެ ދާއިރާއާއި، ޤާނޫނު އެކުލަވައިލާ ދާއިރާގައިވެސް ‏‏މިކަން އޮތްގޮތް. ޤާނޫނު އެކުލަވައިލާ ދާއިރާގެ އެކިއެކި ކޮމިޓީތަކުގައިވެސް މީގެކުރިންވެސް ‏‏ޢަމަލުކުރެވިފައި މިހިރީ، ސަރުކާރު ހިންގުމަކީ، ސަރުކާރަށް އާމްދަނީ ހޯދައިދިނުމަކީ، ސީދާ ‏‏އެގްޒެކެޓިވް ފަންކްޝަނަކަށްވާއިރުވެސް ހަމަ ކުޑަކުޑަ ޑިޕާޓްމަންޓެއް، މަޖިލީހުގެ ތެރޭގައިވެސް ‏‏ހިނގާކަހަލަ އުޞޫލަކުން. އެހެންނަމަވެސް، މިތާ މި ތިއްބެވި ޕްރޮފެޝަނަރުން، ޕްރެކްޓިސް ‏‏ކުރައްވާފައި ތިއްބެވި ބޭފުޅުން އަދި ޕްރެކްޓިސް ޕަރފެކްޓް ކުރައްވަމުން ގެންދަވާ ބޭފުޅުން. ‏‏އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދައުލަތުގެ މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި ‏‏ބޭފުޅުންނަށް، މި ތަފާތު ހަމަ ވަރަށް ރަނގަޅަށް އެނގެންޖެހޭނެ. ސަރުކާރު ހިންގުމާއި، ސަރުކާރަށް ‏‏ފައިސާ ހޯދުމާއި، ސަރުކާރުގެ ޓެކްސްބޭސް ފުޅާކުރުމާއި، މިކަންކަމަކީ ސަރުކާރު ނޫން ދެވަނަ ‏‏ފަރާތަކުން ކުރާނެ ކަމެއް ނޫން. ޤާނޫނު ހެދުމާއި އަދި ޓެކްސްބޭސް ފުޅާކުރުމަށް އެ ހަދާ ޤާނޫނުތައް ‏‏ފާސްކުރުމާ، މިކަންކަން ޤާނޫނުހަދާ މަޖިލީހުން ކުރާނެ. އެހެން ނަމަވެސް، އެ ޤާނޫނުތައް ‏‏އެކުލަވައިލެވިގެންދާނީ، ސަރުކާރުގެ ވިސްނުމުގައި، ރައްޔިތުންގެ ފަރާތުން ސަރުކާރަށް އެންމެ ފުޅާ ‏‏ދާއިރާއެއްގައި، ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަކަށް، ފައިސާ ލިބޭނީ ކޮންގޮތަކަށްތޯ ‏‏ވިސްނާފައި. ‏

‏ޓެކްސްގެ އެންމެބޮޑު ޗެލެންޖަކީ، ޙަޤީޤަތުގައި މިއީ. ޓެކްސްއަކީ ދުނިޔެއަކަށް ‏‏އާ ކަމެއް ނޫން. ދިވެހިރާއްޖެއަކަށް އާ ކަމެއްވެސް ނޫން. މީރާއަކީ، މީރާއެއްގެ ގޮތުގައި 4 ‏‏އަހަރުވެފައި އޮތް މުއައްސަސާއެއް ކަމުގައިވީނަމަވެސް، ދެންމެ އަޅުގަނޑު ސަމާސާއެއްގެ ގޮތުގައި، ‏‏ކޮމިޝަނަރ ޖެނެރަލް ޔަޒީދަށް ދަންނަވާލިން، މީރާގެ މި ފަންކްޝަނަކީ، ދިވެހި ދައުލަތުގައި 18 ‏‏އަހަރު ވަންދެން ހިނގާފައި އޮތް ފަންކްޝަނެކޭ. މޯލްޑިވްސް އިންލަންޑް ރެވެނިއު ޑިޕާޓްމަންޓެއްގެ ‏‏ނަމުގައި، މި މަސައްކަތް ކުރެވެމުން އަންނަނީ. ޓެކްސް ކަލެކްޓް ކުރެވެމުން ‏‏އަންނަނީ. އެހެން ނަމަވެސް، ތަފާތަކަށްވަނީ ވަކި މިނިވަން މުއައްސަސާއަކަށް ނުވުމާއި އަދި މި ‏‏މޯލްޑިވްސް އިންލަންޑް ރެވެނިއު ޑިޕާޓްމަންޓްގެ އިތުރުން، ސަރުކާރުގެ އެހެން އޮފީސްތަކުން ‏‏ޓެކްސްގެ ގޮތުގައި، އިންލަންޑް ރެވެނިއު ޑިޕާޓްމަންޓުން ކަލެކްޓް ކުރަންޖެހޭ އެތައް ބައިވަރު ‏‏ޓެކްސްއެއް ކަލެކްޓް ކުރެވެމުން އަންނާތީ. އެހެން ނަމަވެސް، އެއް ފުރާޅެއްގެ ދަށަށް އައިސް، ‏‏ޤާނޫނީ މުއައްސަސާއެއްގެ މިނިވަންކަމާއި، ބާރުވެރިކަމާއި، އަމުރުވެރިކަން ލިބުމާއެކީ، ‏‏ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންނަށް ރިޕޯޓްތަކުންވެސް އެނގިގެންދިޔަ ގޮތުގައި އަދި ‏‏އަޅުގަނޑަށްވެސް ގަބޫލުކުރެވޭ ގޮތުގައި، މީރާއަކީ މިއަދު އިރާދަކުރެއްވިއްޔާ، ޅަފަތުގައި އޮތް ‏‏މުއައްސަސާއެކޭ ދެންނެވޭކަށެއް ނެތް. ‏

‏އެހެން ނަމަވެސް، އެޔާއެކީވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ‏‏ޓެކްސްބޭސް ފުޅާކުރަން މިކުރާ މަސައްކަތުގަޔާއި އަދި ތަފާތު ކޮމްޕްލެކްސް ޓެކްސޭޝަން ނިޒާމުތައް ‏‏އަންނައިރު، މީރާގެ މަސައްކަތް، ކުރިއަށް އޮތީ ވަރަށް ބުރަކޮންނޭ. އެއީ އަޅުގަނޑުމެން މިސާލަކަށް، ‏‏ބީ.ޓީ.ޓީ. އަކަށް ބެލިކަމުގައިވީނަމަވެސް، ނޫނިއްޔާ ޑިރެކްޓް ކޯޕަރޭޓް ޓެކްސޭޝަނަށް ބަލައިފި ‏‏ކަމަށްވަންޏާ، މީގެ ނޭޗަރއާއި، މީގެ ސްޓްރަކްޗަރާ ވަރަށް ތަފާތުވާނެ. މިސާލަކަށް، ޕެޓްރޯލިއަމް ‏‏އެކްސްޕްލޮރޭޝަނަށް ގޮއްސަ، ޕެޓްރޯލިއަމް ޓެކްސޭޝަނަށް، ނޫނިއްޔާ އަޅުގަނޑުމެން އެހެން ތަފާތު ‏‏ފާޑެއްގެ ޓެކްސޭޝަނަކަށް ގޮއްސި ކަމަށްވަންޏާ، މީގެ ޓަރމިނަލް ވެއްޖިއްޔާ، ޓެކްސް ނަގާ ގޮތާއި، ‏‏ޓެކްސްބޭސްއާ ހަމަ ވަރަށް ތަފާތުވާނެ. ސިމްޕްލިސްޓިކް ފްލެޓް ކޯޕަރޭޓް ޓެކްސޭޝަނާ. ‏

‏އަޅުގަނޑުމެން ﷲގެ ރަޙްމަތާއެކީ މިކުރާ މަސައްކަތަކީ ޓެކްސްބޭސް ފުޅާކުރަން ‏‏ކުރާ މަސައްކަތް. މި މަސައްކަތުގެ ތެރޭގައި، ޞިނާޢަތު ފުޅާކުރުމަށްޓަކައި ކުރާ މަސައްކަތުގެ ‏‏ތެރޭގައި ތެލުގެ މަސައްކަތްވެސް މިކުރަނީ. މީގެކުރިންވެސް ތެލުގެ މަސައްކަތް ދިވެހިރާއްޖޭގައި ‏‏ކުރިއިރު، ޕެޓްރޯލިއަމް ޤާނޫނެއްވެސް އަޅުގަނޑުމެން އޮންނާނީ ހަދާފައި. އެ ޤާނޫނު ބަލައިލީމަ، ‏‏އޭރު އެހާ ކުރިން ހަދާފައި އޮތް ޤާނޫނަކަށް ބެލިނަމަވެސް، އޭގައި ގެންގުޅެފައި ހުރި ޓެކްސް ‏‏ޖާގަންއާއި، އޭގައި ހުރި ޓެކްސްނަގާ ތަފާތު މެތޮޑޮލޮޖީއަކީ އާދައިގެ ކޯޕަރޭޓް ޓެކްސްގެ ‏‏ސްޓްރަކްޗަރުގެ ތެރޭގައި، ފްރޭމްވަރކްގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫން. އެހެންވީމާ، ޓެކްސޭޝަނަކީ ‏‏އެއްވައްތަރެއްގެ އަޅުގަނޑުމެން ދަންނަ އެއްޗެއް ނޫން. ޓެކްސޭޝަނަކީ ތަފާތު އެއްޗެއް. ‏‏އިޤްތިޞާދުގެ ބޭސް ފުޅާވިވަރަކަށް، ތަފާތު ޓެކްސް އައި ގޮތަށް، ތަފާތު ޓެކްސް ކަލެކްޓް ކުރާ ‏‏ގޮތާއި، ތަފާތު ޓެކްސް ނިޒާމުތައް އެބަދޭ ތަފާތުވެގެން. އެންމެ ފަސޭހަގޮތަކީ، އެންމެ ފަސޭހަގޮތަކީ، ‏‏ޓެކްސް ނަގާ މީހުންނަށް، ނޫނީ ދައުލަތަކަށް ޓެކްސް ކަލެކްޓް ކުރަން އެންމެ ފަސޭހަގޮތަކީ، ‏‏އިންޑިރެކްޓްކޮށް ނެގޭ ޓެކްސްތައް. މިސާލަކަށް، މުދަލެއް ރާއްޖެއަށް އައީމަ، ކަސްޓަމް ޑިއުޓީ ‏‏ޖަހާލާފައި، 15 ޕަސެންޓް ޖަހާލީމަ ނަގަން ވަރަށް ފަސޭހަ. އެކަމަކު އޭގެ ބަދަލުގައި، ކަސްޓަމް ‏‏ޑިއުޓީ ނުނަގައި، ބޯޑަރ ޓެކްސްއެއް ނުނަގައި، އޭގެ ބަދަލުގައި ވެލިއު-އެޑެޑް ޓެކްސްއަކަށް ‏‏ދާކަމަށްވަންޏާ، ސޭލްސް ޓެކްސްއެއް، ޖީ.އެސް.ޓީއަކަށް ދާ ކަމަށްވަންޏާ، ދެންމެ ޔަޒީދު އަދި މި ‏‏ރިޕޯޓްގައި ފާހަގަކުރެވުނު ގޮތަށް، އަޅުގަނޑުމެން ކުރާ މަސައްކަތް ވަރަށްބޮޑު. ކޮސްޓް އޮފް ‏‏އެޑްމިނިސްޓްރޭޝަން ވަރަށް އަގުބޮޑުވެގެންދޭ. ކޮންމެ ފިހާރައަކުން، އެއީ ތުރާކުނުގައި ހުރި ކުޑަކުޑަ ‏‏ފިހާރައަކަށްވީނަމަވެސް އަދި މާލޭގައި ހުރި ލެކިއުޓް ކަމުގައިވީނަމަވެސް، ކައުންޓަރުތަކުގައި ‏‏މި މަސައްކަތް ކުރެވެނީ، ޕަންޗް ކުރެވެނީ ކިހިނެއްކަން އެބަ އެނގެންޖެހޭ. އަޅުގަނޑުމެންގެ އާޚިރުގެ ‏‏ޗެލެންޖަކަށްވާނީ، ޙަޤީޤަތުގައި މުޅި ކަންތައް ނެޓްވަރކް ކުރެވިގެން. ކޮންމެ ތަނަކުން ޕަންޗްކުރާ ‏‏ޓްރާންސެކްޝަނެއްވެސް އެއީ މީރާގެ މެއިން ފްރޭމުން ފެންނަ ޓްރާންސްސެކްޝަނަކަށްވުން. އޭރަށް ‏‏މީރާގެ މިއަދުގެ ހިންގުމުގެ އެއްރުފިޔާއަށް ސަތޭކަ ނުވަދިހަ ނުވަރުފިޔާ، އާމްދަނީ ގޮތަށް ވަންނަ ‏‏ވަނުން، މި އެފިޝަންސީ މިއީ ޙަޤީޤަތުގައި މީރާގެ ސަކްސަސްއަކީ. ‏

‏ދިވެހިރާއްޖޭގެ ޓެކްސްބޭސް ބްރޯޑްވާނެކަމާ ދޭތެރޭ، ފުޅާވާނެކަމާ ދޭތެރޭ އެއީ ‏‏އެއްވެސް ބޭފުޅެއްގެ ހިތްޕުޅުގައި ޝައްކު އުފައްދަވަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން މިކުރާ ‏‏މަސައްކަތަކީ، ޙަޤީޤަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު މިއޮތީ ހަމަ ވަރަށް ކޮންވެންޝަނަލް ނޫނިއްޔާ ‏‏ރާއްޖޭގައި ޒަމާނުއްސުރެ ކުރެވެމުން އަންނަ އިޤްތިޞާދެއްގެ މަތީގައި. ސަރުކާރުން މިކުރާ ‏‏މަސައްކަތަކީ، އިކޮނޮމިކް ޓްރާންސްފޮމޭޝަނަކަށް ދިޔުން. އިޤްތިޞާދީ އާ ހޮރައިޒަންއަކަށް، ‏‏އާ ފްރޮންޓިއަރަކަށް ދަތުރުކުރަން ކުރާ މަސައްކަތް. އެހެންވީމާ، ތަފާތު ޓެކްސް އަންނާނެ. ‏‏ޓެކްސްވެސް ފުޅާވެގެންދާނެ. ފުޅާވެގެންދާއިރު، ކޮސްޓް އޮފް އެޑްމިނިސްޓްރޭޝަންއަކީ މީރާއިން ‏‏އެންމެ ވިސްނަންޖެހޭ ކަންތައް. ‏

‏އެޔާއެކީވެސް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑު މިވާހަކަ ދެއްކުމުގެ ‏‏ބޭނުމަކީ، އެއްގޮތަކަށްވެސް މީރާއިން ކުރައްވާ މަސައްކަތްޕުޅު، ނޫނީ އެކޮމްޕްލިޝްމަންޓް ‏‏ފާހަގަނުކުރުމެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، މީރާއިން ކުރައްވާ މަސައްކަތްޕުޅަކީ ކްރެޑިޓް ‏‏ވަރތީ، ނޫނިއްޔާ ތިޔަބޭފުޅުންގެ މަސައްކަތްޕުޅުގެ އަގު ވަޒަންކުރަންޖެހޭފަދަ ވަރުގަދަ ‏‏މަސައްކަތްޕުޅުތަކެއް ތިޔަ ކުރައްވަނީ. އެ މަސައްކަތް ކުރައްވާއިރު، އަޅުގަނޑު ހަމަ މިވާހަކަތައް ‏‏ދަންނަވާލުމުގެ ބޭނުމަކަށްވަނީ، ހަމަ މީގެތެރޭގައި، މިދެންނެވި ކަހަލަ ތަފާތު ކަންކަން އައުން. ‏‏މީރާއިން ކުރާ މަސައްކަތުގައި، ލިޓްމަސް ޓެސްޓަކަށް ވާނީ ޙަޤީޤަތުގައި، އެޑްމިނިސްޓްރޭޝަން ‏‏ހިނގާ ކޮންމެ ލާރިއަކުން، އާމްދަނީ ލިބޭ ލާރީގެ ނިސްބަތް ރަނގަޅުވެގެންދަނީ، އެއް އަހަރުން ‏‏އަނެއް އަހަރަށް ކިހާވަރަކަށްތޯ. އަޅުގަނޑުމެން މީރާއިން ކުރާ މަސައްކަތަށް ކުރިއެރުން އަންނަނީ، ‏‏ކިހާވަރަކަށްތޯ ބަލާކަމަށްވަންޏާ، ދެންމެ އަޅުގަނޑުމެންނަށް އެ އިޢުލާނު ކުރެއްވީ، 2015 ‏‏އިން 2019ގެ ސްޓްރެޓީޖިކް ޕްލޭންގެ އެންމެފަހު ފޮޅުވަތުގައި، ބޮޓަމް ލައިނަކީ ޙަޤީޤަތުގައި ‏‏އަޅުގަނޑު ދެކޭހިތްވަނީ، މީރާއިން ޚަރަދުކުރާ އެއްރުފިޔާއަށް ސަތޭކަ ނުވަދިހަ ނުވަރުފިޔާ ލިބުމުގެ ‏‏ބަދަލުގައި، މީރާއަށް ސަތޭކަ ނުވަދިހަ ނުވަރުފިޔާ ލިބޭ، މީރާއިން ޚަރަދުކުރާ ދިހަލާރިއަށް. އެއީ ‏‏ޙަޤީޤަތުގައި މީރާގެ އެފިޝަންސީ އަޅުގަނޑުމެން ދަންނަންޖެހޭގޮތަކީ. ‏

‏މީރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަންނީ މުވައްޒަފުންނަށްވެސް އަޅުގަނޑު ‏‏މަރްޙަބާ ދަންނަވަން. އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މީރާއަކީ ތަފާތު ވަރަށްގިނަ ‏‏ޓެކްސް ރިޓަރންތަކާއި، ޓެކްސް ފޯމްތައް ފައިލްކުރާ ތަނަކަށްވާތީ، ކޮންމެވެސް ގޮތަކަށް ‏‏އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ، އެޓެންޑެންސްގެ ބޭރުން، އެޓެންޑެންސްގެ ބޭރުން ކޮންމެވެސް ‏‏ގޮތަކަށް އެބަޖެހޭ ކޮލިޓީ ޖަޖްމަންޓެއް ހެދެން. އެންމެ ކުށްމަދުކޮށް، އެންމެ ގިނަ ޓެކްސް ރިޓަރން ‏‏ފައިލްތައް ޕްރޮސެސްކޮށް، އަދި އެންމެ ރަނގަޅު ގޮތެއްގައި، އެންމެ ގިނަ ޢަދަދެއްގެ ފޯމްތައް ފައިލް ‏‏ކުރެވެނީ ކޮން ކުއްޖަކަށްތޯ. ޙަޤީޤަތުގައި އެއީ މީރާގައި މަސައްކަތް ކުރާ ކުދިންގެ ކޮލިޓީ ‏‏ދެނެގަނެވޭނެ އެއްގޮތް. އަދި މިނޫން އެހެން ގޮތްގޮތްވެސް ހުންނާނެކަންނޭނގެ. ‏

‏މިކަންކަމާއެކީ އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާއިރު ދަންނަވާލަން ބޭނުންވަނީ، ‏‏ސަރުކާރަށް ދިމާވާ ޗެލެންޖްތަކުގެ ތެރޭގައި، މީރާއަށް ދިމާވާ ޗެލެންޖްތަކުގެ ތެރޭގައި، މި ނުކުންނަ ‏‏މައްސަލައަކީ، މިއަންނަނީ ކޮމާޝަލް ފްރޯޑާއި، ކޮމާޝަލް ކްލެއިމްގެ ދާއިރާއަށް. ޓެކްސްއަކީ ‏‏އަބަދުވެސް، ކޮންމެ ތަނެއްގައި ޓެކްސް ނެގި ކަމުގައިވީނަމަވެސް، ޓެކްސް ފްރޯޑް އިންވޯލްވާނެ ‏‏ކަންތައްތައް. އޭގެތެރޭގައި، އިވޭޝަނާއި، ނޭނގިގެންދާ ކަންތައްތަކާއި، ޑެލިބަރޭޓް ފްރޯޑް ‏‏އިންވޯލްވާނެ ކަންތައްތައް. ކްރިމިނަލް އޮޑިޓްތަކާއި، އެންޓި-ކޮރަޕްޝަން ޕްރެކްޓިސަސްއާއި، އަދި ‏‏ނޯމަލް ފައިނޭންޝަލް އޮޑިޓިންގއަކީ މީރާއާއެކީ އެހީތެރިވާން ހުރި ފަންނީ މަސައްކަތްކުރާ ތަންތަން. ‏‏މިތާ އޭ.ސީ.ސީ.ގެ އިސް ކޮމިޝަނަރވެސް އެބަ އިންނެވި. އަދި ހަމައެހެންމެ، މި މައްސަލަތައް ‏‏ޖެހުނީމަ، މައްސަލަތައް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓް ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްވެސް ‏‏އެބަ އިންނެވި. އެހެންވީމާ، ހަމަ ތިޔަބޭފުޅުންނަށް ވަރަށް އުފާވެރި ޢީދެއްކަންނޭނގެ މިއަދު މިއީ. ‏

‏އެހެންނަމަވެސް، ދައުލަތަށް މިދިމާވާ އެންމެބޮޑު ޗެލެންޖަކީ، އަޅުގަނޑުގެ ‏‏ސަރުކާރެއް ހަމަގައިމުވެސް ބޭނުމެއް ނޫން، ވިޔަފާރީގައި މަސައްކަތްކުރާ މީހުން ކުށްވެރިކުރާކަށް. ‏‏އަޅުގަނޑަށް ޔަޤީން، މީރާގެ ކޮމިޝަނަރ ޖެނެރަލާ، މީރާގެ ކޮމިޝަނަރުން، ޓެކްސް ‏‏ކޮމިޝަނަރުން، ޓެކްސް ކަލެކްޓަރުން ބޭނުންފުޅެއް ނުވާނެ، އެއްވެސް ވިޔަފާރިވެރިޔަކާ ދޭތެރޭގައި، ‏‏ޖިނާއީ ޕްރޮސެކިއުޝަނެއް ފައިލްކުރާކަށެއް. އެހެންނަމަވެސް، އެއް އުޞޫލަކުން ހުރިހާ އެންމެންނާ ‏‏ދޭތެރޭގައި އެއްގޮތަކަށް ކަންތައް ކުރާކަމަށްވަންޏާ، ޓެކްސް އިވޭޑް ކުރަންޏާ، ޓެކްސް ފްރޯޑް ‏‏އިންވޯލްވާ ކަމަށްވަންޏާ، ކުރަންޖެހޭ ކަމެއް ދޫކޮށްނުލެވޭނެކަންވެސް އެބަ އެނގޭ. އަޅުގަނޑުމެންގެ ‏‏ސަރުކާރުން، އަޅުގަނޑުމެން ސަރުކާރާ ޙަވާލުވީއްސުރެ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ‏‏ދިވެހިރާއްޖެއަށް ފަސޭހަ، ވިޔަފާރިވެރިންނާ ދޯޅު ޕްރެކްޓިސްތަކެއް އޮންނަ ސަރުކާރަކަށް ހެދުން. ‏

‏އިއްޔެ އަޅުގަނޑުމެން ކެބިނެޓްގައި މިވާހަކަ ވަރަށް ތަފްޞީލުކޮށް ދައްކައިފީމު. ‏‏މިއީ ހަމައެކަނި ބިދޭސީ ވިޔަފާރިތަކަކަށް ދިވެހިރާއްޖޭގެ ވިޔަފާރީގެ ވެށި ރަޙްމަތްތެރިވުމެއްވެސް ‏‏ނޫން. މިއީ ދިވެހި ވިޔަފާރިވެރިންނަށް، ދިވެހިރާއްޖޭގެ ވިޔަފާރި ޕްރެކްޓިސް، ނޫނިއްޔާ ވެށި ‏‏ފަރިތަވެގެންދިޔުން. ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް، ދިވެހިރާއްޖޭގެ ވެށި ފަރިތަވެގެންދާއިރު، ‏‏މިކަން މިއަންނަނީ ހަމައެކަނި އިމްޕޯޓްކުރާ މުދަލާ ހަމައަކުންނެއް ނޫން. މިކަން މިއަންނަނީ ‏‏އިމިގްރޭޝަންގައި ސަފުތައް ކުރުވުމާއި އަދި އިމިގްރޭޝަންގެ ސަފުތަކުގައި ބޭރުން ގެންނަ މީހުން ‏‏ތިބޭ ތިބުމުގެ ތެރޭގައި، އާދައިގެ އަންސްކިލްޑް ލޭބަރުންނާއި، ކުންފުނި ކުންފުނީގެ ޑިރެކްޓަރުންގެ ‏‏ފެންވަރުގައި ތިއްބަވާ ބޭފުޅުންނާއި، އެމީހުންގެ ޑިޕެންޑަންޓުން ތިބޭ ކިޔުތަކަކީ ތަފާތުވާންޖެހޭ ‏‏ތަންތަން. މީރާގެ ޕްރޮވިޜަނަލް އެކައުންޓްސް ކްލޯޒް ކުރާއިރު، މީރާއިންވެސް ހަމަ ބައްލަވާ ‏‏ކަންތައްތަކުގެ ތެރޭގައި، މި ބައްލަވަނީ އެ ލެވެލްއާ ހަމައިން އަދި އެއީކީ ކުށެއް އޮތްކަމުގައިވީ ‏‏ނަމަވެސް، އެއީކީ މައްސަލައެއް ނޫނޭ. އެކައުންޓް ފައިނަލައިޒްވެގެންދާއިރު، ޓެކްސް ރިޓަރން ‏‏ފައިނަލައިޒް ވެގެންދާއިރު، އެޖަސްޓްމަންޓް ހަދާނެ ޖާގަ އެބަ ލިބޭ. އެހެންވީމާ، މީރާއިން މިކުރައްވާ ‏‏މަސައްކަތްޕުޅުގައިވެސް އަޅުގަނޑު އެދެނީ، ދިވެހި ސަރުކާރުގެ ވިސްނުމަކަށް މިއަދު ވެފައި މިއޮތީ، ‏‏ދިވެހިރާއްޖެއަކީ ވިޔަފާރިއަށް ފަރިތަ، ވިޔަފާރި ފަސޭހަ، ދިވެހިންނަށާއި، ބިދޭސީންނަށް ވިޔަފާރި ‏‏ފަސޭހަ ތަނަކަށްވެގެން ދިޔުން. ‏

‏އަޅުގަނޑުމެން މިކަންކަން ކުރަންޖެހޭ ސަބަބަކީ، އިކޮނޮމިކް ‏‏ޓްރާންސްފޮމޭޝަނެއްގައި، ނޫނިއްޔާ މިހާރު މިއުޅޭ ޕްރޮޑަކްޝަން ފްރޮންޓިއަރ، މި ލެވެލުން މުޅިން ‏‏އެހެން ލެވެލްއަކަށް ޖައްސާ ކަމަށްވަންޏާ، މި ދައްކަނީއަކީ ޓުއަރިޒަމް އިތުރުކުރާ ވާހަކައެއް ނޫން. ‏‏އެއީ ނެޗްރަލް އިކޮނޮމިކް ފަންކްޝަނެއް. ޓުއަރިޒަމް އެރައިވަލް މިހާރުހުރީ ތިން މިލިއަނުގައި ‏‏ކަމަށްވަންޏާ، އަޅުގަނޑުމެން ވިސްނައިގެން، އޭތި ފަސް މިލިއަނަށް ޖެއްސުން އެއީ، ނެޗްރަލް ‏‏އިކޮނޮމިކް ގްރޯތް. ދެން އިކޮނޮމިކް ގްރޯތްގައި ފޭސް ބަދަލުވުމަކީ ޝައްކެއްވެސްނެތްގޮތުގައި، ގިނަ ‏‏މަސައްކަތްތަކެއްގެ ނަތީޖާ. އެކަމަކު އިކޮނޮމީ ޑައިވަރސިފައި ކުރުމަށް، ޓުއަރިޒަމްގެ އިތުރުން، ‏‏ޓުއަރިޒަމަށް ހުރި މުހިންމު އެހެން މަސައްކަތްތަކެއް ތަޢާރުފް ކުރެވިއްޖެ ކަމަށްވަންޏާ، ދެން މިދަނީ ‏‏ޕްރޮޑަކްޝަން ފްރޮންޓިއަރގެ އެއް ލެވެލުން މުޅިން އެހެން މަތީ ފަށަލައަކަށް. އެއީ، ‏‏ޓްރާންސްފޮމޭޝަންގެ މާނައަކީ. އެހެންވީމާ، ޓެކްސް ކަލެކްޓް ކުރާއިރުވެސް އަޅުގަނޑުމެން ‏‏ޓެކްސްބޭސް ފުޅާކުރަން މިކުރާ މަސައްކަތުގައި، އެއްވައްތަރެއްގެ ޓެކްސް ދައްކާ މީހުން ގިނަވުމަކީ، ‏‏އަޅުގަނޑު މިދެންނެވި ކަހަލަ ޓްރާންސްފޮމޭޝަނެއް ނޫން. އެއީ ޓެކްސްބޭސް ވައިޑްން ކުރުމުގައި ‏‏ނެޗްރަލް ގްރޯތް. އެހެންވީމާ، ވިޔަފާރިކުރާ 10 ފިހާރަ، ވިޔަފާރިއަށް ހިތްވަރު ލިބިގެން، 20 ‏‏ފިހާރައަށް ވުމަކީ، ކޮންމެހެން އިންލަންޑް ރެވެނިއު ބޭފުޅުން، ނޫނިއްޔާ ސަރުކާރުން އުފާކުރަންޖެހޭ ‏‏ކަމެއް ނޫން. އެހެން ނަމަވެސް، ތަފާތު ވިޔަފާރިއާއި، ތަފާތު އިންވެސްޓްމަންޓް، ތަފާތު އާމްދަނީގެ ‏‏ޓެކްސް ދައްކާ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންގެ ބޭސް ބްރޯޑްވެގެންދަނީ، ފުޅާވެގެންދަނީ. އެއީ ‏‏ޓްރާންސްފޮމޭޝަނަކީ. ‏

‏އަޅުގަނޑުމެންގެ ވިސްނުމުގައި މިހިރީ، އަޅުގަނޑުމެންގެ އިޤްތިޞާދު ‏‏ފުޅާކުރުމަށްޓަކައި އަޅުގަނޑުމެންގެ ވިސްނުމުގައި މިހިރީ، ތަފާތު ބޮޑެތި މެގަ ޕްރޮޖެކްޓްތަކެއްގެ ‏‏ވާހަކަ މިދެއްކެނީ. މިރޭ މިއީކީ އެކަހަލަ ވާހަކަ ދެއްކުމުގެ ޙަފްލާއެއްވެސް ނޫން. އެހެން ނަމަވެސް، ‏‏ޙަޤީޤަތުގައި މީގެ ބެނެފިޝަރީއަކީ މި މަޝްރޫޢުތައް ހިނގާކަމަށްވަންޏާ، މީގެ އެންމެބޮޑު ‏‏ބެނެފިޝަރީއަކަށް މިވަނީ ދައުލަތް. އެއީ، ދައުލަތަށް ވަންނަ އާމްދަނީ އިތުރުވުމާއި، ދައުލަތުގެ ‏‏މިވަގުތުގެ އެންމެ އިސްކަމަކީ، ދައުލަތަށް ވަންނަ އާމްދަނީ އިތުރުވުމުގެ އިތުރަށް، ދިވެހި ‏‏ރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ތަނަވެސްވެގެން ދިޔުން. އެހެންވީމާ، ‏‏މިކަހަލަ މަސައްކަތްތަކުގައި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްވެގެންދާ ކޮންމެ ‏‏އިޤްތިޞާދީ ޙަރަކާތަކީ، ޓްރާންސްފޮމޭޝަންގެ ނަމުގައި އަންނަ ކޮންމެ މެގަ ޕްރޮޖެކްޓަކީ، ‏‏ޙަޤީޤަތުގައި އޭގެ ރިޓަރންސް އެތައް ގުނައެއް މިހާރަށްވުރެ އިތުރުވެގެންދާނެ ކަންކަން.‏

‏އަޅުގަނޑުމެންގެ އެއަރޕޯޓް، މިވަގުތު ކޭޓަރ މިކުރަނީ ގާތްގަނޑަކަށް ‏‏ދޮޅުމިލިއަނެއްހާ ފަސިންޖަރުންނަށް. އަޅުގަނޑުމެންގެ ޚިޔާލުގައި މިއޮތީ، އަޅުގަނޑުމެން މިކުރާ ‏‏މަސައްކަތުން ހިތްވަރުކޮށްލައިގެން، ދޮޅު މިލިއަންގެ ޕެސެންޖަރ ލޯޑް، ނޫނިއްޔާ ދޮޅުމިލިއަންގެ ‏‏އެއަރޕޯޓް، އަޅުގަނޑުމެން އެއަރޕޯޓް، އާ އެއަރޕޯޓަކާއި، އާ ރަންވޭއަކާއި، ޓަރމިނަލް ފެސިލިޓީޒް ‏‏އިތުރުކުރުމާ، ހަމަ ޓޯޓަލް ވަރކްސް އިތުރުކުރުމާއެކީ، އަޅުގަނޑުމެން ބޭނުންވަނީ ކުރިއަށް އޮތް ‏‏ފަންސާސް އަހަރަކަށް ހިފެހެއްޓޭވަރަށް، ގާތްގަނޑަކަށް ފައިވް ޓު ސެވަން މިލިއަން ޕެސެންޖަރ ‏‏ލޯޑެއް ހިފަހައްޓާވަރުގެ އެއަރޕޯޓަކަށް ހަދަން. އެ އަންނަނީ ޑައިވަރސިފިކޭޝަން. ބޭސް ބްރޯޑްވާ ‏‏ވާހަކަ މިދައްކަނީ. އެޔާއެކީ ހަމަ އަންނަ ޕެސެންޖަރުން އެކަނި އެރައިވްވާވަރު އިތުރުވަނީކީ ނޫން. ‏‏ތަފާތު އެކިކަހަލަ އިޤްތިޞާދީ މަސައްކަތް އިތުރުވެގެން ދަނީ. އެހެންވީމާ، ސަރުކާރުގެ ވިސްނުމުގައި ‏‏މިހާރު މިއޮތް 1.5 މިލިއަން ހޭންޑްލްކުރާ އެއަރޕޯޓް، 5 މިލިއަން، ނޫނީ 7 މިލިއަން ހޭންޑްލް ‏‏ކުރާވަރުގެ އެއަރޕޯޓަކަށް ހެދިފައި އަދި އަޅުގަނޑުމެން ހުވަފެނުން ދެކޭކަހަލަ އައިހެވަން ‏‏ޕްރޮޖެކްޓެއް، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ޙާޞިލުވެގެން ހިނގައްޖެ ކަމަށްވަންޏާ، ‏‏މިދައްކަނީ އިކޮނޮމިކް ލޭންޑްސްކޭޕް މުޅިން ބަދަލުވެގެންދާ ދިޔުން. ‏

‏އަޅުގަނޑުމެންގެ އިޤްތިޞާދުގައި، އަޅުގަނޑުމެންނަށް އެންމެ ގިނަ އާމްދަނީ ލިބޭ ‏‏ކަންކަމުގެ ތެރޭގައި މިހިރީ، ޓުއަރިޒަމުން ލިބޭ ޓެކްސާއި، ކަސްޓަމްސް ޑިއުޓީއިން ލިބޭ ޓެކްސާ، ‏‏މިކަހަލަ ކަންތައްތަކެއް މިހިރީ. އެހެން ނަމަވެސް، އިޤްތިޞާދަށް އާ ދިރުމެއް އައިސް، އާރޯކަމެއް ‏‏އައިއްސަ، ޓެކްސްބޭސް ބްރޯޑްވެގެންދާއިރު، ފުޅާވެގެންދާއިރު، މިދެންނެވި ކަހަލަ ތަފާތު ‏‏ޑައިވަރސިފިކޭޝަން މެގަ ޕްރޮޖެކްޓްސްއަށްދާ ކަމަށްވަންޏާ، އެއީ ޙަޤީޤަތުގައި ޓްރާންސްފޮމޭޝަނަކީ. ‏‏އޭގައި މިހާރު މީރާއިން ކުރައްވާ މަސައްކަތް ވަރަށް ބޮޑަށް އެމްޕްލިފައި ވާންޖެހޭ. ވަރަށް ބޮޑަށް ‏‏ތަފާތުވާންޖެހޭ. ވަރަށް ތަފާތު ޓެކްސޭޝަނަށް ޕްރޮފެސަރުން އެބަ ކިޔައިދެއްވަންޖެހޭ، އެހެން ނޫންތޯ. ‏‏އެ މަސައްކަތް ޔަޒީދު ތިޔަ ކުރައްވަނީ މިހާރުވެސް ހަމަ ބޭރުގެ މާހިރަކާއެކީ. ‏

‏އަޅުގަނޑުމެންގެ ވިސްނުމަކީ، ނޫނިއްޔާ އަޅުގަނޑުމެންގެ ހުވަފެނަކީ މިދެންނެވި ‏‏ހުވަފެން. އަޅުގަނޑުމެންގެ ސަރުކާރަކީ ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތައް، ދިވެހި ‏‏ރައްޔިތުންނަށް ފުއްދައިދިނުމަށްޓަކައި ވަސީލަތެއްގެ ގޮތުގައި، އިޤްތިޞާދު ކުރިއަށް ނެރެގެން ‏‏މަސައްކަތް ކުރާނެ ބައެއް. އަޅުގަނޑުމެންނަކަށް ސިޔާސީ ކަންތައް އެހާ މުހިންމެއް ނޫން. އެހެން ‏‏ނަމަވެސް، މިހެން ދަންނަވާއިރުވެސް އަޅުގަނޑު ދަންނަވާނަން. ސިޔާސީގޮތުން ރާއްޖެ ހަމަހިމޭންކަން ‏‏އޮތުމާއި، އެކަކު އަނެކަކު، އެމީހެއްގެ ޙައްޤުތަކަށް ޙިމާޔަތްތެރިކަން، ނޫނިއްޔާ ޙައްޤުތަކަށް އިޙްތިރާމް ‏‏ކުރުމާއި، އަދި އަމުދުން ޖިސްމާނީ ކުށްތައް ދިވެހިރާއްޖޭގައި ނެތުމަކީ، ރާއްޖެ ހަމަޖެހުމުގެ އަޞްލު. ‏‏މިއީ އަޞްލުގައި އަޅުގަނޑު މިދެންނެވި ކަހަލަ ޓްރާންސްފޮމޭޝަން ބޮޑު މަޝްރޫޢަކަށް ބޭނުންވާނެ ‏‏ބޭސިކް އިންގްރިޑިއަންޓްސް. އެހެންވީމާ، ކުށް މަދުވުމާއި، ބޮޑެތި ކުށްތައް ނެތުމާއި، އަދި ކުށް ‏‏ކުށަށްވުން، ކުރިމިނަލައިޒްވުން، އަޅުގަނޑުމެން އެބަޖެހޭ އީޖާދު ކުރަން ތަފާތުގޮތަކަށް. މިއަދުވެސް ‏‏މަގުމަތީގައި ބައިސްކަލް ބައްތި ނުދުއްވާ މީހަކީ ކުށްވެރިއަކަށް ހަދާނެތޯ، އަޅުގަނޑުމެން ‏‏ވިސްނާލަންޖެހޭ. މަގުގެ ވަކިފަރާތަކުން ހިނގާފައިދާ މީހާ، ހިނގަން އޮންނަ ފަރާތް ނޫން އެހެން ‏‏ފަރާތަކުން ހިނގާކަމަށްވަންޏާ، އެއީ ކުށެއްތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ސަރުކާރުގެ ‏‏ކުންފުންޏެއްގެ، އަތޮޅުތެރޭގައި ހުންނަ ކުންފުންޏެއްގެ ގޯތިތެރޭގައި ހުންނަ ރުކަކުން ވެއްޓޭ ކާށްޓެއް، ‏‏އެތާ ހުންނަ ޑަރޯގާ، ނޫނިއްޔާ އެތާ ހުންނަ ޖެނިޓަރެއް، އެ ނަގާ ވިއްކާލީމަ، އަޅުގަނޑުމެން އޭނައާ ‏‏ދަޢުވާ ކުރާނެތޯ، އަޅުގަނޑުމެން ވިސްނާލަންޖެހޭ. އެހެންވީމާ، ކްރިމިނަލައިޒް ކުރުމަކީ، ‏‏އަޅުގަނޑުމެންގެ ޘަޤާފަތުގައި މިދެންނެވި ގޮތަށް، ދިވެހިރާއްޖެ ޔޫތު، ނުވަތަ ދިވެހިރާއްޖޭގެ ‏‏ޒުވާނުން، އެމީހުންނަށް ހިތްވަރުދީގެން، ކޮންވިކްޝަންދީގެން، އެމީހުންނަކީ، ދިވެހިރާއްޖޭގެ ‏‏އިޤްތިޞާދުގައި ހަކަތަ ކަމަށް، ޙަޤީޤަތުގައި އެމީހުންނަށް ގަބޫލުކުރެވޭނެ ފުރްޞަތުތައް، ހުރިހާ ‏‏ފަރާތަކުން އެބަދޭންޖެހޭ. ‏

‏އަޅުގަނޑު ވަރަށް އުފާވި، އާ ޕްރޮސެކިއުޓަރ ޖެނެރަލް، މަޤާމާ ‏‏ޙަވާލުވެވަޑައިގަތުމުގެ ތެރޭގައި، ހަމަ އެންމެ ކުރީގައި އޭނަ އިޢުލާނު ކުރެއްވި، އޭނަގެ ވިސްނުންފުޅު ‏‏ހުރިގޮތް. އޭގެތެރޭގައި އުޞޫލުތަކެއް، ލަސްވެގެން މަހެއްހާ ދުވަހުގެ ތެރޭގައި އެކަށައަޅުއްވާފައި، ‏‏މިހެން ނުހިނގާ ހުރި އެތައް ޕްރޮސިކިއުޝަންގެ މައްސަލަތަކަކާ ދޭތެރޭގައި ގޮތްތަކެއް ނިންމަވާނެ ‏‏ކަމަށް ވިދާޅުވި. ގަބޫލު ކުރައްވާ، މީހުން ކުށްވެރިވަނީކީއެއް ބޮޑެތި ކުށްތަކަކު ނޫން. މީހުން ‏‏ކުށްވެރިވުމުގައި ހުރިހާ ފާޑެއްގެ ކަންކަން ހިމެނޭ. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން ވާންވާނީ، ‏‏ޓެކްސް އޮތޯރިޓީގެ ތެރެއިން މިކުރެވޭ މަސައްކަތުގައިވެސް، އަދި އެހެން ކަންކަމުގައި މިކުރެވޭ ‏‏މަސައްކަތުގައިވެސް ވާންވާނީ، ކުށްކުރުން މަދު، ނޫނިއްޔާ ކުށުގެ އެނެޓޮމީ ދަނެގެން، ކުށަށް ‏‏އަރައިނުގަނެވޭ ކަހަލަ ވެށްޓެއް ޤާއިމުކުރުން. އެކަން ކުރުމުގައި، އެންމެބޮޑު ދައުރެއް އަދާކޮށްދޭނީ ‏‏ޙަޤީޤަތުގައިވެސް އިޤްތިޞާދު ފުޅާވެގެން. ކުށަށް އަރައިގަންނަ ޢުމުރުފުރައިގައި ތިބި ކުދިންނަކީ، ‏‏ކުށުގެ ވެށްޓަށް ނުދާވަރުގެ އާމްދަނީ ލިބި، އަދި އެކުދިންނަކީ އެކުދިންގެ ޕްރި އޮކިއުޕޭޝަންގައި، ‏‏އެކުދިންގެ ވަގުތުތައް، ހުސް ވަގުތުތައް ބޭނުންތެރި މަސައްކަތެއްގައި ފުރޭގޮތަކަށް ދައުލަތުން ‏‏އޮޕަޗުނިޓީ ފުރްޞަތު ތަނަވަސްކޮށްދެވޭ ކަހަލަ ވެށްޓެއް، ދިވެހިރާއްޖޭގައި ޤާއިމުކުރެވިގެން. މިކަން ‏‏ކުރުމާއެކީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރަން ބޮޑެތި ދިވެހި ވިޔަފާރިވެރިންނަށް އަދި ބޭރުގެ ‏‏ވިޔަފާރިވެރިންނަށް ފަހި ވެށްޓެއް ދިވެހިރާއްޖޭގައި ޤާއިމު ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ‏‏މިދެންނެވި ލެވެލަށް އަޅުގަނޑުމެން އުދުހޭއިރު، އަޅުގަނޑު ހިތަށްއަރަނީ، ޓެކްސް އޮތޯރިޓީއަކީ ‏‏އަޅުގަނޑުމެންނާއެކީ ދައުލަތަށް ހަމަ އެންމެބޮޑު އާމްދަނީއެއް ހޯއްދަވައިދެއްވުމަށް ހަމަ އެންމެބޮޑު ‏‏މަސައްކަތް ކުރައްވާނެ ފަރާތޭ. ‏

‏އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާނީ، ހަމަ މިޔާއެކީ ‏‏އަޅުގަނޑުމެން މިހާރު ވިސްނާ އަދި މަސައްކަތް ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި، ޔަޒީދު މިކޮޅުން ‏‏ޓެކްސް ކަލެކްޓް ކުރައްވާއިރު، އަޅުގަނޑު އެބަ ބައެއް މަސައްކަތް އެބަ ކުރަން. އަޅުގަނޑުމެންނާއެކީ ‏‏އެކުވެރި ޤައުމުތަކުން، ޚާއްޞަކޮށް، ޓުއަރިޒަމް ދާއިރާގައި އިންވެސްޓް ކޮށްގެން، މި ‏‏މަސައްކަތްކުރާ ޤައުމުތަކުގެ ކޯޕަރޭޓް ލީޑަރުން މިތާ ރާއްޖޭގައިވެސް އެބަ ވިޔަފާރި ކުރޭ. އެހެންވީމާ، ‏‏އެބަޖެހޭ އޭނަގެ ޕަރސަނަލް ޓެކްސް، ނޫނިއްޔާ އޭނަގެ ކޯޕަރޭޓް ޓެކްސް، ދެޤައުމުގައި ނެގިގެނެއް ‏‏ނުވާނެ. އެހެންވީމާ، އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން، މި ޓްރީޓީތަކެއްގައި، ފްރޭމްވަރކް ‏‏އެގްރީމަންޓްތަކެއް އަޅުގަނޑުމެން މިހާރު މި ރިވިއު ކުރަނީ. ރިވިއުކޮށްފައި، އިރާދަކުރެއްވިއްޔާ، ‏‏އަޅުގަނޑުމެން މިދެންނެވި ކަހަލަ ޤައުމުތަކުގެ ވިޔަފާރީގައި ރާއްޖެއާއެކީ މަސައްކަތްކުރާ ޤައުމުތަކުގެ ‏‏ވިޔަފާރިވެރިން ހިމެނޭ ޤައުމުތަކުގެ ސަރުކާރުތަކާއެކީ ހަމަ ޑަބަލް ޓެކްސޭޝަން އެވޮއިޑެންސް ‏‏އެގްރީމަންޓްތަކެއްވެސް އަޅުގަނޑުމެން ސޮއިކުރަމުން އެބަ ގެންދަމު. މީގެ ބޭނުމަކަށްވެސް ވަނީ ‏‏ޙަޤީޤަތުގައި ދިވެހިރާއްޖެއަށް ބޮޑެތި އިންވެސްޓަރުން އައުން. ދެން ދިވެހިރާއްޖެއަށް ބޮޑެތި ‏‏އިންވެސްޓަރުން އައުން އެއީ ގަބޫލު ކުރައްވާ، އެއީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުކަމެއްވާނެ ‏‏ކަމެއް ނޫން. އެއީ ދިވެހިރާއްޖޭގައި ކެސިނޯ ހިނގާނެ ކަމެއްވެސް ނޫން. އެއީ ‏‏ރައީސުލްޖުމްހޫރިއްޔާއަށް ލިބެންވާ ބާރަށްވުރެ އިތުރު ބާރެއް ލިބޭނެ ކަމެއްވެސް ނޫން. މިއިން ކޮންމެ ‏‏ކަމެއްވެސް ހިނގާނީ، ޤާނޫނުގެ ޙުދޫދުގެ ތެރޭގައި. މިއިން ކޮންމެ ކަމެއްވެސް ހިނގާނީ ޤާނޫނުގެ ‏‏ޙުދޫދުގެ ތެރޭގައި. ދިވެހި ދައުލަތުގެ ފުރިހަމަ ސިޔާދަތު، ކޮންމެ ތަނަކަށްވެސް ހިނގާނެ. އެހެންވީމާ، ‏‏ދިވެހިރާއްޖޭގައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް ޤާއިމުކުރިޔަސް، އަދި ދިވެހިރާއްޖޭގެ ‏‏އިޤްތިޞާދު ފުޅާވެގެންދިޔަސް، މިއީކީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ‏‏މިހާރު އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެން މިތިބަ ކުޑަ ކަކުނިހޮރުން ބޭރަށް ނުކުމެގެން، ދުނިޔޭގައި ‏‏އުޅެވޭވަރުގެ ބަޔަކަށް އަޅުގަނޑުމެންވާން. އެހެންވީމާ، ފުރަތަމަފަހަރަށް ހަމަޖެހުމާއެކީ، ‏‏ހިތްހަމަޖެހުމުގެ ނޭވާއެއް ސިޔާސީ ހުރިހާ ފަރާތްތަކުން ދިވެހި ޖައްވަށްލާ ވަގުތެއްގައި، ދިވެހިރާއްޖޭގެ ‏‏ރައްޔިތުންނަށް އެންމެ ކުޑަމިނުން ވަޒީފާގެ ފުރްޞަތާއި، އެމީހުންނަށް ބޭނުންވާ ޞިއްޙީ ދާއިރާއާއި، ‏‏ތަޢުލީމީ ދާއިރާ ކުރިއެރުމަށް ބޭނުންވާނެ ފައިސާ، ތަފާތު އިޤްތިޞާދީ ވަސީލަތްތަކުން ހޯދައިދޭން ‏‏ސަރުކާރުން ކުރާ މަސައްކަތަކީ، ‏It’s not a big ask. ‎‏ މިއީ‏‎,‎‏ އަޅުގަނޑުމެންގެ ސަރުކާރުގައި ‏‏ތިބޭ ސިޔާސީ ހުރިހާ ފަރާތްތަކުން އެންމެ ކުޑަމިނުން ދިވެހި ރައްޔިތުންނަށް އޯވް ކުރާވަރުގެ ކުޑަކުޑަ ‏‏ޖިޒީއެއް.‏

‏އެހެންވީމާ، އަޅުގަނޑު ހަމަ މިރޭވެސް ކަށަވަރުކަން އަރުވަން ބޭނުންވޭ، ‏‏އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ދިވެހިރާއްޖޭގެ އިސްތިޤްލާލެއް ޗެލެންޖެއް ނުވާނެ. ‏‏ދިވެހިރާއްޖޭގެ ސިޔާދަތެއް ޗެލެންޖެއް ނުވާނެ. ދިވެހިރާއްޖެއަށް ޤާނޫނުއަސާސީގެ ބާރެއް ނުކެނޑޭނެ. ‏‏އަދި ދިވެހިރާއްޖޭގައި ޢަމަލުކުރާ އުޞޫލުތަކަކަށް އެއްވެސްކަހަލަ ބުރުލެއް ނާރާނެ. އެކަމަކު ‏‏އެޔާއެކީވެސް އަޅުގަނޑުމެން ކުރިއަށް ދިޔުމުގެ ވިސްނުން ހުންނަންވާނެ. ކުރިޔަށް ދިޔުމުގެ ‏‏ކެރުންތެރިކަން ހުންނަންވާނެ. އާ ކަންކަމާ ކުރިމަތިލުމުގެ ކެޕޭސިޓީ އަޅުގަނޑުމެންގެ ތެރޭގައި ‏‏ހުންނަންވާނެ. އެހެން ނޫނިއްޔާ، އަޅުގަނޑުމެން ތަފާތު އެކިއެކި ފަންނުތައް ޒުވާނުންނަށް ‏‏ކިޔަވައިދީގެން، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު އެބައޮތޭ، މިކަހަލަ ވާހަކަ ދެއްކުމުގެ ބޭނުމެއް ‏‏ނޯންނާނެކަންނޭނގެ. ‏

‏އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުމެން ދިވެހިރާއްޖެއަށް، ‏‏މިއަދަށްވުރެ ފަހި މާދަމައެއް. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން ބޭނުންވަނީ ފެހި ‏‏ފަހި ދިވެހިރާއްޖޭގެ ފުރްޞަތުތަކެއް ރައްޔިތުންނަށް ޤާއިމުވެގެންދިޔުން. ‏

‎ ‎والســّلام عليــكم ورحـمــة اللّـه وبـركاتـه.‏
‏ _____________________________‏