ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެމަތީން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް، ގަލޮޅު އަހިމަސް އަލްއުސްތާޛު ޢަބްދުލްޙަންނާން އަޙްމަދު ޢައްޔަނު ކުރައްވައިފިއެވެ. އަލްއުސްތާޛު ޢަބްދުލްޙަންނާން އަޙްމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛު ޢަބްދުލްޙަންނާން އަޙްމަދު ކުރެއްވިއެވެ.