بســم اللّـه الرّحمـن الرّحيــم


‏ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދެން މިއީ ވަރަށް އުފާވެރި ޙަފްލާއެއް. ‏‏އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުންނަށާއި ޢާއިލާއަށް. ދެން އެންމެ ފުރަތަމަވެސް ކޫއްޑޫ ‏‏ފިޝަރީޒް މެނޭޖްމަންޓްގެ ހަމަ މުޅި ޓީމަށާއި، މުވައްޒަފުންނަށާއި، އެސް.ޓީ.އޯ.ގެ މެނެޖްމަންޓް ‏‏ޓީމަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ދެން ‏‏އަޅުގަނޑުމެންގެ ނަމުގައި، މި ޓީޝާޓް، މި ފަންޑަށް އެހީވުމުގެ ގޮތުން، އެބޭފުޅުން ‏‏ބައްލަވައިގެންދެއްވި ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ‏

‏ދެން އަޅުގަނޑުވެސް އަޅުގަނޑުގެ އަންހެނުންވެސް ހަމަ ވަރަށް އުފާވަން، މިކަހަލަ ‏‏ކަންކަމުގައި އަޅުގަނޑުމެންނަށް ބައިވެރިވުމުގެ ފުރްޞަތު ލިބޭތީ. ދެން މިފަހަރު މި ‏‏ދެކުންފުނީގެ ފަރާތުން އިސްނަންގަވައިގެން، މިކޮށްދެއްވި މަސައްކަތަށް ޝުކުރު ‏‏ދަންނަވަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަމަކީ އަޅުގަނޑުވެސް މި ޓެލެތޯން، ‏‏މި މީޑިއާގެ ފަރާތުން އިސްނަންގަވައިގެން މިގެންދަވާ ޓެލެތޯނުގެ ކަންތައްތައް މިއަންނަނީ ހަމަ ‏‏ވަރަށް ކައިރިން ބަލަމުން. ދެން މިރޭ މި ވަގުތު ހަމަވެގެންދާއިރު ހަމަ ވަރަށް ފޯރިގަދަކަންވެސް ‏‏އަޅުގަނޑަށް އެނގޭ. ދެން ހަމަ ފުރަތަމަ އަޅުގަނޑު މީޑިއާގެ މި އިންތިޒާމުތަކަށް، މީޑިއާގެ ‏‏އިސްބޭފުޅުންނަށް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ‏

‏ދެން ހަމައެޔާއެކީ، ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ‏‏ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ އިޙްސާސްތައް އަޅުގަނޑުމެން މިދަނީ ކުރަމުންނޭ ‏‏ދިވެހިރާއްޖެއިންވެސް. މިއީކީއެއް މިއަދުގެ އެކަނި ކަމެއް ނޫނޭ. ފަލަސްޠީނުގެ ނިކަމެތި ‏‏ރައްޔިތުންގެ ޙާލަތާ ދޭތެރޭގައި އަޅުގަނޑުމެން ހަމްދަރުދީވެ އަދި ދައުލަތުގެ ފެންވަރުގައި ‏‏ރައީސުން ކުރައްވާފައި ހުރި މަސައްކަތް އެބަހުރި. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންނަށް ‏‏މާޒީގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ފާހަގަކުރެވޭ މަސައްކަތްތަކެއް މިކަމުގައި ‏‏ކުރައްވާފައި ހުރީ ރައީސް މައުމޫން. ދެން ހަމަ އެކަމާ ގުޅިގެން އަޅުގަނޑުމެންގެ ދެ ދައުލަތް ‏‏ދޭތެރޭގައި އޮންނަ ގުޅުން ރަމްޒުކޮށްދޭ ދަތުރުތަކެއްވެސް މިހިރީ ކުރެވިފައި. އަޅުގަނޑު މިވާހަކަ ‏‏ދައްކާއިރުވެސް ރައީސް މައުމޫނަށްވެސް ދަޢުވަތެއް އެބައޮތް ފަލަސްޠީނަށް ވަޑައިގަންނަވަން. ‏‏ހަމަ އެހެންމެ، އަޅުގަނޑަށް ލިބިފައި އޮތް ދަޢުވަތެއްވެސް ހަމަ ކުޑަތަންކޮޅެއް ފަސްވެގެން ‏‏މިދިޔައީ، މި ޙަރަކާތްތަކާ ގުޅިގެން. އެހެން ނޫންނަމަ، އަޅުގަނޑު މިހާރު ފަލަސްޠީނުގެ ‏‏ދަތުރެއް ކޮށްފައި އޮންނަންވާނީ އިނގޭތޯ. ދެން ޔާސިރު ޢަރަފާތުވެސް ރާއްޖެ ވަޑައިގެންނެވި ‏‏ދޮއެއްތޯ. ‏

‏ދެން ދިވެހި ރައްޔިތުންނަށް ގަބޫލު ކުރެއްވޭނެ، ހަމަ މަތިވެރި ޤުރްބާނީއެއްވަމުން ‏‏އެދަނީ. ބަޔަކު ދިރިއުޅޭ ޤައުމަކުން ބަޔަކު ބޭރުކޮށްލަން ކުރާ މަސައްކަތުގެ ތެރޭގައި، ‏‏އަނިޔާވެރިކަމާއެކީ، މިކުރެވެމުންދާ ކަންތައްތަކުގެ ޝިކާރައަކަށް ވެގެން މިދަނީ، މުސްކުޅިން، ‏‏އަންހެނުން، ކުޑަކުދިން. ވަކި ގިންތިއެއް، ވަކި ޢުމުރުފުރައެއްނެތި ދޮއެއްތޯ. ވަކި ޢުމުރުފުރައެއް ‏‏ނެތި މިދަނީ. އެހެންވީމާ، މިއީކީއެއް އަޅުގަނޑުމެންނަކަށް ގަބޫލުކުރަން ފަސޭހަ ކަންކަމެއް ‏‏ނޫން. އަދި ހަމަ އެޔާއެކީ، އަޅުގަނޑުމެންނަށް މިހާރު ފެނިގެން މިދަނީ، ޔަހޫދީ ދައުލަތުގެވެސް ‏‏މިކަމަށް އިޙްތިޖާޖުކުރާ މީހުންތަކެއް އުފެދިގެން އެބަދޭ. އަދި 1 ވަނަ ދުނިޔޭގެ ޤައުމުތަކުގެވެސް ‏‏މިކަންކަމާ ކަންބޮޑުވާ އަދި މިކަންކަމާ އިޙްތިޖާޖު ކުރަމުންދާ މީހުން އެބަ ފެނޭ. މިއީ، ދެން ‏‏ތަންކޮޅެއް ތަފާތުކޮށް އަންނަ ކަމެއް މިހާރު. ގަބޫލު މިކުރެވެނީ، ވައިރަލް މީޑިއާއާއި، ޔޫޓިއުބާ ‏‏މިކަހަލަ ހުރިހާ ކަމެއްގެ ތެރެއިން މިހާރު ޙަޤީޤަތުގައި މި ހިންގާ ބޮޑެތި ލާއިންސާނީ ޖަރީމާތައް ‏‏މުޅި ދުނިޔެއަށް މިހާރު ފެންނަލެއް، މިހާރު ޢާންމުވެފައި އޮތްލެއް ބޮޑީ. ކުރީގައި އެވަރަކަށް ‏‏ނުފެނޭ. އެހެން ނޫންތޯ. ކަވަރޭޖް ދޭންއުޅޭ ރިޕޯޓަރުންނާ ދޭތެރޭގައިވެސް، ޖަރނަލިސްޓުންނާ ‏‏ދޭތެރޭގައިވެސް ވަރަށް ތަފާތު ގޮތްގޮތަށް ކަންތައް ކޮށްފައި ހުރީ. އެހެން ނަމަވެސް، މިހާރު ‏‏ދުނިޔޭގެ މިހެން ހިނގާ ކަންކަމަކީ ސިއްރު ކުރެވޭނެ ކަންކަމެއް ނޫން. ‏
‏އެހެންވީމާ، ދިވެހި ރައްޔިތުންނަށް ކުރީގައި މިއޮތް އިޙްސާސްތައް ގަބޫލު ‏‏ކުރެވެމުންދިޔަޔަސް މިހާރު ހަމަ ވަރަށް ވަރުގަދައަށް އެމީހުންނަށް ފެނިގެން މިދަނީ، ‏‏މި ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ހިންގާ ތަން. ކުޑަކުޑަ ކުދިންނާ ދޭތެރޭގައި ރަޙުމް ކުޑަ ‏‏ގޮތެއްގައި މިކަންތައްކޮށް، ކުދިން މަރާލެވިފައި ހުންނަތަން ފެނިގެން މިދަނީ. ޢުމުރުން ދޮށީ ‏‏މީހުންނާ ދޭތެރޭގައި ކަންތައް ކުރެވެމުންދާގޮތް މި ފެނިގެން މިދަނީ ދޮއެއްތޯ. ‏

‏އެހެންވީމާ، މީގައި ހަމަ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހިތްތަކަށް ‏‏އަސަރުތަކެއް ކުރޭ. ދެން މިކަން ކިތަންމެ ރަނގަޅަކަށްވެސް ދިވެހި ރައްޔިތުން ‏‏ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ. މީގައި ވަކި އިސްތިސްނާއެއް ނެތް. ރަށްރަށުގެ ‏‏ފެންވަރުގައި، ސަރުކާރުގެ ކުންފުނިތަކުގެ ފެންވަރުގައި، ސަރުކާރުގެ އޮފީސްތަކުގެ ފެންވަރުގައި، ‏‏ހަމަ އެކިކަހަލަ ކޮންޓްރިބިއުޝަން ހައްދަވަމުން އެ ގެންދަވަނީ. ހަމަ ވަރަށް އެދެވޭ ޢަދަދަކަށް ‏‏ފައިސާވެސް، ހަމަ ނިޒާމުވަމުން، ރެއިޒްވަމުން އެ ދަނީ. އަދި މީގެ އެހެން ޙަރަކާތްތައްވެސް ‏‏ހިނގާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ‏

‏އެހެންވީމާ، އެކަމާ އެންމެ ފުރަތަމަވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ‏‏މި ޙަރަކާތްތައް ފެށްޓެވި އެކިއެކި ބޭފުޅުންނަށް ނޫނީ އެކިއެކި އޯގަނައިޒޭޝަންތަކަށް ‏‏ޝުކުރިއްޔާއޭ ދަންނަވަމޭ.‏

‏ދެން ދެވަނަ ކަމަކަށް ހަމަ ދަންނަވާލަން ބޭނުންވަނީ، މިފަހަރު މީޑިއާގެ މަސައްކަތް ‏‏މީގައި ހަމަ ވަރަށް ވަރުގަދަ އިނގޭތޯ. އެހެންވީމާ، މީޑިއާގެ ފަރާތުން މި އޯގަނައިޒް ކުރެއްވި ‏‏ޓެލެތޯނުގެ ސަބަބުން ވަރަށް ބޮޑެތި އެހީތަކެއް ހަމަޖެހިގެން މިދަނީ. ދެން މިފަހަރު އަޅުގަނޑު ‏‏އުފާވާ އަނެއް ކަމަކީ، މިކަހަލަ ހުރިހާ ކަމެއްގައި ސަރުކާރުން އިސްނަގާ. އެހެން ނަމަވެސް، ‏‏ހުޅަނގު ދުނިޔެއިންވެސް އަދި ދުނިޔޭގެ ހުރިހާ ފަރާތްތަކަށްވެސް ސަރުކާރުން ކުރާ ކަންކަމާއި، ‏‏ރައްޔިތުން ފަލަސްޠީނުގެ ރައްޔިތުންގެ އިޙްސާސްތަކާއި ކެކުޅުންތައް، އެ ހަމްދަރުދީއާ ގުޅިގެން ‏‏ރައްޔިތުންގެ އިޙްސާސްތައް ފެންނަގޮތަށް މިފަހަރު ދިޔަކަން އެއީ ވަރަށް ރަނގަޅު ކަމެއް ‏‏އިނގޭތޯ. އެހެން ނޫނީ ސަރުކާރުން އިސްނަގައިގެން ކުރާ ކަންކަމުގައި، ސަރުކާރުގެ ‏‏ކުންފުނިތައް، ނޫނީ އެހެން ޖަމާޢަތްތަކާ، މިތަންތަން ބައިވެރިވާނެ ދޮއެއްތޯ. އެހެން ނަމަވެސް، ‏‏އޭގައި އިޚްލާޞްތެރިކަން އޮތް މިންވަރާ ދޭތެރޭގައި ސުވާލު އުފައްދާނެ. އެހެން ނަމަވެސް، ‏‏މިފަހަރު މިކަން ފެށިގެން މިއަންނަނީ ރައްޔިތުންނާ ހަމައިން. ރައްޔިތުންނާ ހަމައިން ފެށިގެން ‏‏މިއަންނަނީ. އަންނައިރު ހަމަ ސަރުކާރުގެ ކުންފުނިތަކުގައި، ސަރުކާރުގެ އޮފީސްތަކުގައި ‏‏މިތިބީވެސް ހަމަ ދިވެހި ރައްޔިތުން. އެހެންވީމާ، ހަމަ އިސްލާމް އެތައް ބަޔަކަށް ލިބޭ ‏‏ގެއްލުންތައް، އޭގެ އިޙްސާސް އަޅުގަނޑުމެން ކުރަމުން މިދަނީ. ‏

އެހެންވީމާ، ކުންފުންޏެއްގެ ސިފައިގައި ނަމަވެސް، މިއަންނަނީ ދިވެހި ރައްޔިތުންގެ ‏‏އިޙްސާސްތައް. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާވޭ، ޙަޤީޤަތުގައި މިކަމުގައި ސަރުކާރުން ‏‏އިސްނެގުމުގެ ކުރިން، ދިވެހި ރައްޔިތުންގެ ފަރާތުން އިންތިޒާމުވެގެން މިކަން އައިމަ. ދެން އަދި ‏‏ހަމަ ސަރުކާރުން ކުރާ މަސައްކަތްތަކެއްވެސް އަދިވެސް ހަމަ ހުންނާނެ ހަމަ މިކަމާ ‏‏ގުޅިގެންވެސް. ދެން މިހާރު އަޅުގަނޑުމެން މިތިބީ، ހަމަ ތިޔަ ކުރައްވާ މަސައްކަތުގައި، ‏‏އަޅުގަނޑުމެންގެ ޓީޝާޓް، އެސް.ޓީ.އޯ. އާއި ކޫއްޑޫގެ ފަރާތުން ބައްލަވައިގަތީ ތި. ‏

‏ދެންހަމަ މިޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުވެސް ‏‏ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަދި ވަކިން އަމިއްލަ ހައިސިއްޔަތުން، އަޅުގަނޑުގެ ‏‏އަންހެނުންވެސް ހަމަ އޭނާގެ ކަމަނާގެ އަމިއްލަ ޙައިޘިއްޔަތުން ހަމަ މި ފަންޑުގައި ‏‏އަޅުގަނޑުމެން ބައިވެރިވަމޭ އެބަ އިނގޭތޯ. ބައިވެރިވަމޭ، އެއީ އަޅުގަނޑުމެންނަށް ހަމަ ލިބޭ ‏‏ވަރަށްބޮޑު ޝަރަފެއް އިނގޭތޯ. އެހެންވީމާ، މި އިޚްލާޞްތެރިކަމާއެކީ މިކަމުގައި އަޅުގަނޑުމެން ‏‏އަދި ވަކިން އެބަ ބައިވެރިވަން. ‏

‏އެހެންވީމާ، ދެން ދިވެހި ރައްޔިތުންނަށް ހަމަ ދަންނަވާލަން ބޭނުންވަނީ، ދުނިޔޭގައި ‏‏މިހިންގާ ލާއިންސާނީ ކަންތައްތައް ހަމަ އަބަދުވެސް އަޅުގަނޑުމެން ފާރަވެރިވެ ބަލަން ތިބޭނަމޭ. ‏‏ދެން ސަރުކާރުން މިކުރާ ރަސްމީ ކަންތައްތަކުގެ ތެރޭގައި، ހަމަ ކުރަންޖެހޭ ހުރިހާ ‏‏މަސައްކަތެއް، މިހާރު މިއޮތް ސަރުކާރުން ކުރާނެ. އަދި މީގެ ކުރީގައި، ރައީސް މައުމޫންގެ ‏‏ސަރުކާރުގައިވެސް ހަމަ ހުރީ ކޮށްފައި އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެން މިއަންނަނީ ހަމަ ‏‏މިކަންކަމުގައި އިސްލާމް އަރަބި ރައްޔިތުންނަށް ޚާއްޞަކޮށް، ފަލަސްޠީނަށް މިލިބޭ ޙަމަލާތަކުގައި ‏‏މިއަންނަނީ ހަމަ ކޮންސިސްޓަންޓް، އެއް ސިޔާސަތެއް ފޮލޯ ކުރަމުން މިއަންނަނީ، އެހެން ‏‏ނޫންތޯ. މިފަހަރު މިއަނިޔާވެރިކަން ޙައްދުފަހަނަޅާދިޔައީ. މީގެކުރިންވެސް އެކި މިންވަރަށް ‏‏އަނިޔާވެރިކަން އަޅުގަނޑުމެންނަށް ފެނިފައި މިހިރީ. އެކަމަކު މިހާ ފާޅުކަންބޮޑު ގޮތެއްގައި، ‏‏ދައުލަތުގެ ފަރާތުން، އިސްރާއީލު ދައުލަތުގެ ފަރާތުން މިކަން މިހާ ވަރުގަދައަށް ގެންދިޔައީމަ ‏‏ދެން މި އަޅުގަނޑުމެންނަށް މިހާ މުހިންމު ކަމަކަށްވެގެން މިދިޔައީ ދޮއެއްތޯ. ދެން އެހެން ‏‏ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ޙާލަތާ ދޭތެރޭގައި އަބަދުވެސް ދިވެހިރާއްޖޭގެ ހުރިހާ ‏‏ރައްޔިތުންވެސް ހަމްދަރުދީ އޮވޭ. ‏

‏ހަމަ ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ ‏‏މި މަސައްކަތްޕުޅުގައި ދިވެހި އަމިއްލަ ފަރާތްތަކުން އިސްނެންގެވީމަ ޝުކުރު ދަންނަވަމޭ. ‏‏މިހާރުގެ މި ޓެލެތޯންގައި މީޑިއާގެ ފަރާތުން އިސްނެންގެވީމަ، ތިޔަބޭފުޅުންނަށް އަޅުގަނޑު ‏‏އިޚްލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަމޭ. ދެން ހަމަ އަޅުގަނޑުމެންގެ ނަމުގައި މި ‏‏ފަންޑަށް އެހީވެވަޑައިގަތުމުގެ ގޮތުން، މި ޓީޝާޓްތައް ބައްލަވައިގަތީމަ، އެސް.ޓީ.އޯ އާއި، ‏‏ކޫއްޑޫ މި ދެކުންފުންޏަށްވެސް އަޅުގަނޑުމެން ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ، ‏‏އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން ޝުކުރު ދަންނަވަން. ‏

‎ ‎والســّلام عليــكم ورحـمــة اللّـه وبـركاتـه

‏ _____________________________‏