މިއަހަރުގެ ފިޠުރު ޢީދާ ގުޅިގެން ބޭއްވި ބައިބަލާ މުބާރާތުގެ ފައިނަލް މެޗް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ބައްލަވާލައްވައިފިއެވެ. މިރޭ ކާނިވާ ސަރަހައްދުގައި އޮތް މިމެޗްގައި ކްލަބް ޒެފްރޯލާ ބައްދަލުކޮށް މުބާރާތުގެ ޗެމްޕިޔަންކަން ހޯދި ބީ.ޖީ. ސްޕޯޓްސް ކްލަބަށް، ބައިބަލާ އެސޯސިއޭޝަނުން ދެއްވާ މިލްކުވާ ތަށްޓާއި، އެ އެސޯސިއޭޝަނުން ދެއްވާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މުބާރާތުގެ ރަނަރއަޕް ކްލަބް ޒެފްރޯލަށް ބައިބަލާ އެސޯސިއޭޝަނުން ހުށަހެޅުއްވި އިނާމު، އެ ޓީމާ ހަވާލުކޮށްދެއްވީ ‏މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރެވެ.‏ މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށްވެސް ހޮވުނީ ކްލަބް ޒެފްރޯލެވެ. މި އިނާމު ހަވާލުކޮށްދެއްވީ ‏މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު މަލީޙު ޖަމާލެވެ.