ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ނިޔުޒީލޭންޑްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މުރޭ މެކްކަލީ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނިޔުޒީލޭންޑާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ވަކިން ޚާއްޞަކޮށް، ޓޫރިޒަމްގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ‏މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަންނަ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ގެ ކޮންފެރެންސަކީ ރާއްޖެ ކަހަލަ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ވަރަށް މުހިންމު ބައްދަލުވުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ނިޔުޒީލޭންޑްގެ ފޮރިން މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާއި، މިހާރު ކުރިއަށްދާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި، މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި، ތިމާވެއްޓާ ވީހާވެސް ރައްޓެހި ވަޞީލަތްތައް ބޭނުންކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނިޔުޒީލޭންޑްގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ނިޔުޒީލޭންޑާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ނިޔުޒީލޭންޑް ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓެރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.