ޗައިނާގެ ހުޅަނގު ދެކުނު ބިތުގައި އޮންނަ ޔޫނަން ޕްރޮވިންސަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ޗައިނާގެ ރައީސް ޒީ ޖިންޕިންގއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.