ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭރުޤައުމުތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް ތަހްނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވި ބޭރުގެ ބައެއް އިސްވެރިންގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި، އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައާއި، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޙާޖީ ޢަބްދުއްރައްޒާޤާއި، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫންގެ އިތުރުން ޖަޕާނުގެ އެމްޕަރާ އަކިހީޓޯއާއި، ބޮޑުވަޒީރު ޝިންޒޯ އަބޭ ހިމެނިވަޑައިގަންނަވައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މެސެޖުގައި، ގާތް އަވަށްޓެރިންގެ ގޮތުގައި، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ މެސެޖުގައި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެމެރިކާއިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމުގަޔާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގައި އެމެރިކާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ މިއަހަރު ޖަޕާނަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ ރައީސަކު ޖަޕާނަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރެއްވުމަށް ޖަޕާނުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤުގެ މެސެޖުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރު ދާއިރާތަކުން ފުޅާ ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
އިނގިރޭސި ރާނީގެ މެސެޖުގައި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވައި، ރައްޔިތުންގެ އުފާ ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި، ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ވެރިންވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވިއެވެ.