ޤައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މައްޗަންގޮޅި ޗަމްޕާމާގޭ އަލްފާޟިލް އަޙުމަދު މޫސާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ މަރްޙޫމްގެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އަލްމަރްޙޫމް އަޙުމަދު މޫސާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ، އެ ޢާއިލާގެ ބޭފުޅުންކަމަށްވާ ނިޝާން މުލީގޭ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް މުޙައްމަދު މޫސާ އަށާއި ނިޝާން މުލީގޭ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޙުސައިން ޢަފީފަށް މިއަދު ފޯނުން ގުޅުއްވައެވެ.
ސިންގަޕޫރުގައި ހުންނަވައި ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، އަލްމަރްޙޫމް އަޙުމަދު މޫސާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިކަން ފާހަގަކުރައްވައި، މި ހިތާމަވެރި ވަގުތުގައި މަރްޙޫމް އަޙުމަދު މޫސާގެ ދެ ދަރިކަލުންނަށާއި ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވައި، އެމަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާ ކަމަށާއި، ޢާއިލާއަށް މިދިމާވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަރްޙޫމް އަޙުމަދު މޫސާގެ ޢާއިލާގެ ލޮބުވެތި އެންމެހާ މެންބަރުންނަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އަލްމަރްޙޫމް އަހުމަދު މޫސާއަކީ ކުޅިވަރުގެ ދާއިރާ އާއި ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރީގައި ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 72 އަހަރެވެ.