‏ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ، ‏‏މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.‏

‏"ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ‏‏އުޚުތުންނަށާއި އަޚުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު ‏‏ބޮޑު ޝަރަފެކެވެ. ހަމައެއާއެކު، މިމުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ‏‏ވެރިންނަށާއި، އެޤައުމުތަކުގެ އެކުވެރި ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާތަކާއި ‏‏ޖަމާޢަތްތަކުގެ ވެރިންނަށް ފޮނުވުމަކީވެސް އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެކެވެ.‏

‏ ފިޠުރު ޢީދުގެ އުފާ އަޅުގަނޑުމެން މި ފާޅުކުރަނީ، ބަރަކާތްތެރި ރަމަޟާންމަހު ‏‏އަޅުގަނޑުމެން ހިފި ރޯދައާއި، ކުރި އެންމެހައި ހެޔޮޢަމަލުތައް، މާތްﷲ ޤަބޫލު ކުރައްވައި، އެކަންކަމުގެ ‏‏ހެޔޮ ދަރުމައާއި ޘަވާބު ދެއްވުން އެދި، އެކަލާނގެ‏‎ ‎‏ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ. ‏

‏ފިޠުރު ޢީދު ދުވަހަކީ، ޢާއިލީ ގުޅުންތައް ބަދަހިކޮށް، ރައްޓެހިންނާއި ރަޙްމަތްތެރިންނާ ‏‏ބައްދަލުކޮށް، ޢީދުގެ ތަހުނިޔާ ކިޔައި، އުފާފާޅު ކުރުމުގެ ދުވަހެވެ. އަޅުގަނޑުމެންގެ މެދުގައި މި އޮތް ‏‏އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް އާލާކޮށް ދިރުވުމުގެ ދުވަހެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ‏‏ތެރޭގައި ތިބި ފުދުންތެރިކަންކުޑަ، އަޚުންނާއި އުޚުތުންގެ ޙާލު ބަލައި، އެފަދަ މީހުންނަށާއި ‏‏ޢާއިލާތަކަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމުގެ ދުވަހެވެ.‏

‏ފިޠުރު ޢީދުގެ އުފާފާޅު ކުރަމުންދާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުގެ މުސްލިމް ‏‏އުޚުތުންނާއި އަޚުން ބަރުދާސްތު ކުރަމުންދާ ހިތާމަތަކާއި ފުން އިޙްސާސްތަކުގެ މަތިން އަޅުގަނޑުމެން ‏‏ހަނދާން ކުރަމުއެވެ. ޚާއްޞަކޮށް، ފަލަސްޠީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި އެމީހުން ‏‏ތަޙައްމަލުކުރަމުންގެންދާ ހިތްދަތި ދުވަސްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެންނަމުއެވެ. އަދި ‏‏ފަލަސްޠީނު ރައްޔިތުން، ކުރަމުންދާ ޖިހާދަށް ނަޞްރާއި ކާމިޔާބީ ދެއްވުން އެދި މާތްﷲގެ ‏‏ޙަޟްރަތުގައި ދުޢާ ދަންނަވަމުއެވެ. އަދި އިޒުރޭލުން ހިންގަމުންގެންދާ މި ބޮޑު ޖަރީމާތަކާއި ‏‏ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން މިއަދުވެސް އަޅުގަނޑު ކުށްވެރި ކުރަމުއެވެ. ‏

‏އަދިވެސް އެއްފަހަރު މި ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ‏‏ރައްޔިތުންނަށް އަރިސް ކުރަމެވެ. ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، އިސްލާމީ ރިވެތި ހަމަތަކާއި ‏‏އުޞޫލުތަކުގަޔާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުގައި ހިފެހެއްޓެވުމަށް އަޅުގަނޑު ‏‏ނަޞޭޙަތްތެރިވަމެވެ. ‏

‏ މާތްﷲ، މި ޢީދުގެ ދުވަސްތަކަކީ، ރާއްޖޭގެ ރައްޔިތުންނަށާއި ދުނިޔޭގެ އެކި ‏‏ކަންކޮޅުތަކުގައި އުޅެމުންގެންދާ މުސްލިމް އުޚުތުންނަށާއި އަޚުންނަށް އުފާވެރި، ބާއްޖަވެރި ދުވަސްތަކެއް ‏‏ކަމުގައި ލައްވާށިއެވެ! ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން ހިފި ރޯދައާއި ކުރި ‏‏އަޅުކަންތައްތަކުގެ ހެޔޮ ޘަވާބާއި ދަރުމަ، އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ!"‏

‏ފިޠުރު ޢީދުގެ މުނާސަބަތާ ގުޅިގެން، އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ‏‏ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ‏‏ފޮނުއްވަމުން އެބަގެންދަވައެވެ.‏