ދިވެހިރާއްޖޭގައި ހުންނަވާ އ.ދ.ގެ އެކްޓިންގ ރެޒިޑެންޓް ކޯޑިނޭޓަރ، ޑޮކްޓަރ އަކްޖެމާލް މަގްޓިމޯވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙުމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އެކްޓިންގ ރެޒިޑެންޓް ކޯޑިނޭޓަރ، ޑޮކްޓަރ އަކްޖެމާލް މަގްޓިމޯވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހި ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުން ހިންގަވަމުން ގެންދަވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ޕްރޮގްރާމްތަކަށް ތަޢުރީފްކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގެ ދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ފްރޭމްވަރކް މެދުވެރިކޮށް، ރާއްޖެއަށް އެހީތެރިވެދެއްވުމަށް ތައްޔާރަށް ތިއްބެވިކަންވެސް ޑޮކްޓަރ އަކްޖެމާލް މަގްޓިމޯވާ ފާހަގަކުރެއްވިއެވެ.


މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އ.ދ. އިން ރާއްޖެއަށް ދެއްވާ އެކިއެކި އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ރާއްޖެއަށް އ.ދ. އިން އެހީތެރިކަން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ފަލަސްޠީނުގައި އިޒުރޭލުން ހިންގާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް އ.ދ. އިން ފިޔަވަޅު އެޅުއްވުމަށާއި، ދެފަރާތުންވެސް ކެތްތެރިކަމާއެކު މައްސަލަ ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގަތެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަތެވެ.