މި ޖުލައި މަހުގެ 27 ވާ އާދީއްތަ ދުވަހުގެ ރޭ ޝައްޥާލް މަހުގެ ހަނދު ސާބިތުވެ، ޖުލައި މަހުގެ 28 ވާ ހޯމަ ދުވަހަކީ، ޝައްޥާލް މަހުގެ 1 ވަނަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައި، އިޢުލާން ކުރައްވައިފިނަމަ، މި ޖުލައި މަހުގެ 31 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

 އަދި ދަންނަވަމެވެ. ޖުލައި މަހުގެ 27 ވާ އާދީއްތަ ދުވަހުގެ ރޭ ޝައްޥާލް މަހުގެ ހަނދު ސާބިތުނުވެ، ޖުލައި މަހުގެ 28 ވާ ހޯމަ ދުވަހަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް އެ މިނިސްޓްރީއިން ކަނޑައަޅުއްވައި އިޢުލާން ކުރައްވައިފިނަމަ، ޖުލައި މަހުގެ 28 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިގޮތަށް މި ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޗުއްޓީގަޔާއި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

       ފިޠުރު ޢީދުގެ ބަންދަށްފަހު ސަރުކާރު ހުޅުވޭނީ، އަންނަ އޮގަސްޓު މަހުގެ 3 ވާ އާދީއްތަ ދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.