މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މާދަމާ ހުޅުއްވާލައްވައި، އެކަމުގެ އިތުރު ތަފްޞީލް މަޢުލޫމާތު، އެކޮމިޓީން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މާދަމާ ދެއްވާނެއެވެ. މިކަމަށްޓަކައި މާދަމާ މެންދުރުކުރި 11 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ބައްދަލުވުމުގައި، އިނާމު ދެއްވުމުގެ އުސޫލުތަކަށް މިއަހަރު ގެންނެވި މައިގަނޑު ބަދަލުތައް ޚަބަރުފަތުރާ ވަސީލަތްތަކާ އެކޮމިޓީން ޙިއްޞާ ކުރައްވާނެއެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖްތަމަޢުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމަކީ، ޤައުމާއި މުޖުތަމަޢަށް ފައިދާހުރިގޮތެއްގައި، ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށް ދެއްވާ އިނާމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމަކީ، އެކަށީގެންވާ މުއްދަތެއްގައި، ދެމެހެއްޓެނިވިގޮތަކަށް ޚިދުމަތް ކުރަމުން ގެންދާ ފަރާތްތަކަށް ދެއްވާ އިނާމެކެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރުދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.