އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމުގެ ދެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައްޔިތުންގެ މަޖިލީހަށް މިއަދު އަލުން ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ބޭފުޅުންނަކީ، ހުޅުމާލެ އެންދެރި 7 އަޙްމަދު ސުލައިމާނާއި، މުލަކަތޮޅު ވޭވަށު ބުލްބުލާގޭ މުޙައްމަދު ޝަކީލާއި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ސަނޯރާމާގޭ ފާޠިމަތު މުނާއާއި، ދަފްތަރު ނަންބަރު 1548 މުޙައްމަދު ޒާހިދެވެ. މިނަންފުޅުތަކަކީ، ނިމިގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކެވެ.

މި ހަތަރު ބޭފުޅުންނަކީ، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންނެވެ.

މިކަމަށް އިޖާބަ ދެއްވި އެހެން ހުރިހާ ބޭފުޅުންގެ ނަންފުޅުތައްވެސް، އެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. ޖުމްލަ 18 ބޭފުޅަކު މެންބަރުކަމަށް އެދިވަޑައިގެން، ނަން ހުށަހެޅުއްވިއެވެ.