بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ހުޅުމާލޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި އިޙްތިފާލަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ޕީ.ޕީ.އެމް.ގެ އިސްބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ހުޅުމާލޭގެ ފަރާތުން ހުޅުމާލޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ރަމަޟާން މަހަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން މި ބާއްވަވާ މާހެފުމަށް، އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުންނަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ތިޔަ އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! ތިޔަބޭފުޅުންގެ ހިތްޕުޅުހެޔޮކަން، ކިތަންމެހާވެސް ސާބިތުކަމާއި، ކިތަންމެހާވެސް ރަނގަޅަށް، މި މާހެފުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީ، އެކަމުން ފާހަގަވެގެން ހިނގައްޖެ. އަޅުގަނޑު ދެކެނީ، ދެންމެ އިބްރާހީމް ޚަލީލު ޢަބްދުﷲގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ހުޅުމާލޭގެ ރައްޔިތުންނާ މިހާރުގެ ސަރުކާރާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް އުފެދިފައި އޮތްކަން. އަދި އެގުޅުން އިތުރަށް ހަރުދަނާވެގެންދާކަން، އަޅުގަނޑަށް ފާހަގަކުރެވޭ. މި ސަރުކާރުން މި މަސައްކަތް ކުރަނީ، ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތަކެއް، އެ ދަތިތައް ފިލުވައިދިނުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކެއް ކުރުމަށް.

އެގޮތުން، އަޅުގަނޑު ދަންނަވާލާނަން. މި ރަމަޟާން މަހަށް ހަނދު ބަލަމުން އަންނައިރު، އެންމެބޮޑު އުނދަގުލެއް ދިމާވެފައި އޮތް އެއްކަމަކީ، ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ މައްސަލަތައް. އެމް.ޓީ.ސީ.ސީ.ގެ އާ މެނެޖިންގ ޑިރެކްޓަރ ހަމަޖެހުމާއެކީ، އަޅުގަނޑު މިގެންދަނީ އެމަނިކުފާނުގެވެސް ހަމަ ވަރަށް ކައިރިން މި މަސައްކަތް ބަލަމުން. އަދި މިހާރު ވަރކް ޕްލޭނެއް ހައްދަވާފައި، އަޅުގަނޑަށް ވަރކް ޕްލޭން ދެއްވާފައި އެބައޮތް. މިއަދުވެސް އަޅުގަނޑު ކަށަވަރު ކުރިން، މި ވަރކް ޕްލޭނާ އެއްގޮތަށް މަސައްކަތްދާނެ ކަމަށް.

އަޅުގަނޑު މީގައި ހަމަ ދަންނަވާލަން، ﷲގެ ރަޙްމަތާއެކީ، މި ވަރކް ޕްލޭނާ އެއްގޮތަށް މިކަން ދާކަމަށްވަންޏާ، ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ދަތުރުކުރާއިރު، މިކޮޅުން އެކޮޅަށް، އެކޮޅުން މިކޮޅަށް ދަތުރުކުރާއިރުވެސް، އެންމެ ދަތުރުފަތުރު އުނދަގޫވެގެން، ކާރޫބާރޫ ބޮޑުވެގެންދާ ވަގުތު، ޕީކް ގަޑީގައިވެސް 10 މިނިޓަށްވުރެން އިތުރު ވަގުތެއް ތިއްބަވަން ނުޖެހޭވަރަށް، ފެރީގެ ނިޒާމު އިތުރުވެގެންދާނެ ކަމަށް އަޅުގަނޑަށް ކަށަވަރުކޮށްދެއްވައިފި. އިތުރު ފެރީ ހަޔަރ ކުރުމުގެ މަސައްކަތް މިހާރު ފަށްޓަވައިފި. ފުރަތަމަ އަޅުގަނޑު ކައިރީގައި ވިދާޅުވި، ތިމަންނަ ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ނިމެންވާއިރަށް، މިހުރިހާ ކަމެއް ހަމަޔަކަށް އެޅޭނޭ. އެހެން ނަމަވެސް، އަޅުގަނޑު ދެންނެވިން، އަޅުގަނޑަކަށް ތިގޮތް ކަމަކުނުދެއޭ، ރަމަޟާން މަސް ފެށެންވާއިރު، މިކަން ހަމަޖެހެންވާނެއޭ. މިހާރު އަޅުގަނޑަށް ކަށަވަރުކޮށްދެއްވާ، ﷲގެ ރަޙްމަތާއެކީ ރަމަޟާން މަސް ފެށޭއިރު، މިދެންނެވި ގޮތަށް ޕީކް ގަޑީގައިވެސް ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ދަތުރުކުރައްވާ ބޭފުޅުންނަށް، ޕީކް ގަޑީގައިވެސް ދިހަވަރަކަށް މިނިޓަށްވުރެ ގިނައިރު މަޑުކުރައްވަން ނުޖެހޭނެ ކަމަށް، ވެއިޓިންގ ޓައިމް އިތުރުވެގެންނުދާނެ ކަމަށް އަޅުގަނޑަށް ކަށަވަރުކަން ދެއްވާ. އެހެންވީމާ، މިއީ އިރާދަކުރެއްވިއްޔާ ހުޅުމާލޭގެ ރައްޔިތުންނަށް، އަޅުގަނޑުމެން ކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ތެރެއިން އެއްކަމެއް.

ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، މިއީ ހިއްކިފައި އޮތް ޝަހަރެއް. ދެންމެ އިބްރާހީމް ޚަލީލުގެ ވަރަށް އޯގާތެރި ބަސްފުޅުތަކާއެކީ، އަޅުގަނޑުމެންނަށް އެނގިގެންދިޔަ ގޮތުން ވެއްޖިއްޔާ އަދި އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތްވެސްމެ އެއީ. މިތަނުގެ ހިއްކުމުގެ ވިސްނުންފުޅަކީ، ރައީސް މައުމޫންގެ ވިސްނުންފުޅު. މި ރަށް މިއޮތީ ހިކިފައި. މި ޝަހަރު މިއޮތީ ހިކިފައި. އަދި މި ޝަހަރަކީ މިހާރު މިޒަމާނުގެ ޓައުންޝިޕަކަށް ބޭނުންވާވަރުގެ އިންފްރާސްޓްރަކްޗަރާއި އަދި ޢިމާރާތް ހަމަޖެހިފައި ހުރި ތަނެއް. އޭގެ މާނައަކީ އެއްގޮތަކަށްވެސް މިތަނަށް ބޭނުންވާ ކަންތައްތައް މުޅިން ފުރިހަމަވެފައި ހުރި ވާހަކަ ދެންނެވުމެއް ނޫން. އެހެން ނަމަވެސް، ތިރީސްހާހަށްވުރެ ބޮޑު އާބާދީއެއް އުޅެމުންދާ ރަށެއްގައި، މިރަށަކީ އަޅުގަނޑުމެންގެ ސަރުކާރުގައި ވަރަށް އިސްކަމެއްދޭ ރަށެއް ކަމުގައި ވެގެންދާނެ. އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެއްވެސްމެ، ޤުދްރަތުގެ އިއްތިފާޤުވެސްމެ. ރައީސް މައުމޫން މިހެން ފަށްޓަވާފައި ހުރި ބައެއް ކަންތައްތައް އެބަޖެހޭ އަޅުގަނޑު އައިސް އިތުރުކޮށްދޭން، އިތުރަށް ފުރިހަމަކޮށްދޭން. މިހާރު ހުޅުމާލެ މިއޮތީ ގާތްގަނޑަކަށް 188 ހެކްޓަރ، ނޫނިއްޔާ 190 ހެކްޓަރުގެ ބިމެއްގެ ގޮތުގައި ހިކިފައި. މިރަށަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތަކާއި، މިރަށަށް ބޭނުންވާ މަދްރަސާއާއި، އިޖްތިމާޢީ ދާއިރާގެ ކަންކަން ހަމަޖެހެމުން މިދަނީ. މިހާރުވެސް ކަންތައްތަކެއް މިވަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގައި، މިރަށަށް ހިމަނާފައި ހުރި ކަންތައްތައް، އަޅުގަނޑު ތަކުރާރުކުރާކަށެއް ނެތިން. އެއީ ވަގުތުގެ ގޮތުންނާވެސް އެކީ. ތިޔަބޭފުޅުންނާ މާހެފުމާ ދޭތެރޭގައި ހުރި ހުރަހަކަށްވާން ނެތީމަވެސްމެ. އަދި ފުޓްބޯޅަ މެޗްވެސް މިހާރު ފެށިގެންދާތީއާއެކީ.

އެހެން ނަމަވެސް، ހަމަ ވަރަށް ކުރުގޮތަކަށް ދަންނަވާލާނަން. އަޅުގަނޑުމެންގެ ސަރުކާރުން ހުޅުމާލެއާ ދޭތެރޭގައި އަޅުގަނޑުމެން ދެކެނީ މިއީ އުންމީދުގެ ރަށެއްގެ ގޮތުގައި. ދިވެހިރާއްޖޭގެ ޒުވާނުންނަކީ ދިވެހިރާއްޖޭގެ އުންމީދު. އަދި އަޅުގަނޑުގެ ސަރުކާރުގެ އެންމެ އިސް ގިންތިއެއްގެ ގޮތުގައި، އެންމެ ޚާއްޞަ ސަމާލުކަމެއްދޭ ގިންތިއެއްގެ ގޮތުގައި އަޅުގަނޑު މި ބަލައިގަންނަނީ ދިވެހި ޒުވާނުން. އެހެންވީމާ، ދިވެހި ޒުވާނުންނަށް، ޒުވާނުންގެ ސިޓީ ހަދަން ކަނޑައަޅާފައި މިއޮތީ ހުޅުމާލޭގައި. ﷲގެ ރަޙްމަތާއެކީ އެކަން އަޅުގަނޑުމެން ކުރާނަން. އަޅުގަނޑުމެން އިއްޔެ މި ބަލައިގަތީ، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި މި އަޅާ ބްރިޖްގެ ޕްރޮޕޯސަލް. މިނިސްޓަރ ސަޢީދާއި، މިނިސްޓަރ އަދީބާ އިއްޔެ ޓީ.ވީ.ގައި އުޅުއްވި، ރައްޔިތުންނަށް މި މަޢުލޫމާތު ސާފުކޮށްދެއްވުމަށް. ﷲގެ ރަޙްމަތާއެކީ އެތަނުން ކޮންމެވެސް އެއްފަރާތަކަށް ބިޑް އެވޯޑް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މި ކުރަނީ. އެސެސް ކުރުމުގެ މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ އެ ބްރިޖަކީ އަޅުގަނޑުމެން އަޅާނެ ބްރިޖެއް. އެއީ އަޅުގަނޑުމެން މަސައްކަތް ކުރާނެ އެ ބްރިޖް އެޅުމަށްޓަކައި.

މިޔާއެކީ ދަންނަވާލަން ބޭނުންވަނީ، ހަމަ އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެކޭ، އަދި ޤުދްރަތުގެ އިއްތިފާޤެއްވެސްމެޔޭ، މިގޮތަށް ރައީސް މައުމޫން ފަށްޓަވާފައި ހުރި ބައެއް މަސައްކަތް ނިންމުމުގެ ފުރްޞަތު އަޅުގަނޑަށް ލިބިގެން މިދިޔައީ، ތަނަވަސްވެގެން މިދިޔައީ ﷲގެ ރަޙްމަތާއެކީ. މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހުޅުމާލެ ސިޓީ ހެދުމުގެ މަސައްކަތާއެކީ، އަޅުގަނޑުމެން ނިންމާފައި އެއޮތީ، ހުޅުމާލެ މިހާރު ހިކިފައި އެއޮތީ 188 ހެކްޓަރުގެ ބިން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނަން މިއަހަރު. މިއަންނަ އަހަރުގެ ނިޔަލާ ހަމަޔަށް ދާންވާއިރަށް، މިހާރު މިއޮތް ހުޅުމާލެއަށްވުރެ ބޮޑު ހުޅުމާލެއެއް، ހުޅުމާލެ އިތުރުވެގެންދާނީ. 200 އެތައް ހެކްޓަރެއް އަޅުގަނޑުމެން ހިއްކަން ޚިޔާލުކޮށްފައި މިއޮތީ. ހުޅުމާލެއަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލް. ހުޅުމާލެއަކީ ދިވެހި ޒުވާނުންގެ މުސްތަޤްބަލް. ހުޅުމާލެއަކީ ތަރައްޤީގެ ނާރެސް. އެ ސަރަޙައްދުގެ ތަރައްޤީ އޮންނާނީ ހުޅުމާލެއާ ގުޅިފައި. މާލޭގެ އުނދަގޫތައް ފިލުވައިދޭން އޮތް ތަނަކަށް މިވަނީ ހުޅުމާލެ. އަދި މާލޭގެ ރައްޔިތުންނަށްވެސް މާލެއަށް ނޭވާލުމުގެ ތަނަވަސްކަން، ފަސޭހަކަން ލިބިގެންދާނީ، ހުޅުމާލެ މިދެންނެވި ގޮތަށް ތަރައްޤީވެގެން ދިޔައީމަ. އަދި އަޅުގަނޑުމެންގެ ޒުވާނުންނަށް ބޭނުންވާ ތަރައްޤީއާއި އަދި ޒުވާނުންނަށް އެންމެ ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، މިހާރު ހިމެނޭ އެއްކަމަކީ، ޝައްކެއްވެސްނެތްގޮތުގައި، ގެދޮރުވެރިކަމުގެ ދަތިކަން. މިމައްސަލަ ޙައްލުވެގެން އަންނާނީ، އަޅުގަނޑު މިދެންނެވި ގޮތަށް ހުޅުމާލޭގައި ޒުވާނުންގެ ސިޓީއެއް، ޔޫތުސިޓީއެއް ޤާއިމްވެގެން. އެ އަންނަ ފަސޭހަތަކުގެ ތެރޭގައި މިކަން ހަމަޖެހިގެންދާނެ. މި ބަލަނީ އެކިފެންވަރުގެ ހައުސިންގ އައިކަމުގައިވިނަމަވެސް، ލޯ ކޮސްޓް ހައުސިންގ، ނޫނިއްޔާ މީހުންނަށް އަތްފޯރާފަށުގެ ކުއްޔެއްގައި އުޅެވޭނެގޮތަށް، ހުޅުމާލޭގައި މި ޒުވާނުންނަށް ހަދައިދޭ ޔޫތުސިޓީގެ ކަންތައްތައް، ގެދޮރުވެރިވުމުގެ ކަންތައްތައް މި ކުރަމުން ގެންދަނީ.

ދެން ހުޅުމާލޭގައި މިޔާއެކީ އޮތީ، ބްރިޖް އެޅި، ހުޅުމާލޭގައި ޔޫތުސިޓީ ހެދި، މިކަންކަންދާއިރު މިއޮތީ ހުޅުމާލެއަށް ބޭނުންވާ އިޤްތިޞާދީ ތަރައްޤީ. އަޅުގަނޑުގެ ކެބިނެޓްގައި ހިމެނޭ އިޤްތިޞާދީ ވަޒީރުން މިހާރު އެކުރައްވާ މަސައްކަތަކީ، ރާއްޖެއަށް މި ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ބުނެފައި ހުރި ކަންތައްތަކުގެ ބިންގާ އަޅައި، އެކަންކަން ކުރިއަށް ގެންދިޔުމުގެ ޢަމަލީ ހުރިހާ މަސައްކަތެއް ކުރެވޭތޯ އެ ބައްލަވަނީ. ހުޅުމާލެއާ ދޭތެރޭގައި، ނޫނީ ހުޅުމާލެއަށް ވިސްނާފައި ހުރި ކަންތައްތައް ވަރަށްގިނަގުނަ. ހުޅުމާލެއަށް ހުރި ކަންތައްތަކުގެ ތެރޭގައި، މިސާލަކަށް، އެސް.ޓީ.އޯ.ގެ މިހާރު އެ ހަދަމުންދާ ރެޒިޑެންޓް ހޮޓެލް ކައިރީގައި، އަޅުގަނޑުމެން ޚިޔާލުކޮށްފައި އެއޮތީ، އިންޓަރޭޝަނަލް ރީޓެއިލް ބުޓީކެއް ނޫނިއްޔާ ރީޓެއިލް ބުޓީކް ޝޮޕް ޗެއިނެއް އުފައްދަން. އޭގެ ބޭނުމަކަށްވަނީ، ހަމަ ބޭރުން މިގަންނަ އެކިއެކި ޑިޒައިނަރ ސާމާނު، ނޫނިއްޔާ ބްރޭންޑަޑް ސާމާނު ލިބޭނެ ރީޓެއިލް އައުޓްލެޓަކަށް އެތަން ހަދަން.

މިޔާއެކީ ގުޅިފައި މިއޮތީ އަޅުގަނޑުމެންގެ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު. އެއަރޕޯޓް ބޮޑުވެގެންދާއިރު، އަދި އަޅުގަނޑުމެންގެ ވިސްނުމުގައި މިދެންނެވި ގޮތަށް، އެއަރޕޯޓަކީ 5 މިލިއަން، ނޫނީ 7 މިލިއަން ފަސިންޖަރުންނަށް ކޭޓަރ ކުރާވަރުގެ އެއަރޕޯޓަކަށް ވެގެންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ ޑިޒައިނަރ ބްރޭންޑެޑް ޝޮޕްތައް ހުންނަންޖެހޭ. އޭގެ ރީޓެއިލް ޗެއިންތައް އަންނަންޖެހޭ އެއްތަނަކީ މިއީ.

ހަމައެޔާއެކީ، ހުޅުމާލޭގައި މެރީނާ ތަރައްޤީ ކުރުމަކީ ހުޅުމާލޭގައި އިޤްތިޞާދީ ގޮތުން މިހާރުން މިހާރަށް އަޅުގަނޑުމެން ފަށާފައި ހުރި ބައެއް މަސައްކަތް. މިއާ ގުޅުންހުރި އެތައް ބައިވަރު އިޤްތިޞާދީ މަސައްކަތެއްގެ އަމާޒު ހިފާފައި މިހިރީ ހުޅުމާލެއާ ދިމާއަށް. އެހެންވީމާ، ހުޅުމާލެއަކީ އަޅުގަނޑު މިދެންނެވި ގޮތަށް، ދިވެހިރާއްޖޭގައި މާލޭގެ ސަރަޙައްދުގެ އުންމީދު. ދިވެހި ޒުވާނުންގެ އުންމީދު. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ 5 އަހަރުގެ ތެރޭގައި، ހުރިހާ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުގެ ނާރެސްއަކަށް، އެންމެ އިސް ނާރެސްއަކަށް ވެގެން މިދަނީ ހުޅުމާލެ.

މިވާހަކަ އަޅުގަނޑު ދަންނަވާއިރުވެސް، ރައްޔިތުންގެ މަޖިލީހުގެ އެކިއެކި ދާއިރާތަކުގެ މެންބަރުން، ކުރީ ސަފުގައި ތިޔަ ތިއްބެވީ. އެއްގޮތަކަށްވެސް ދަންނަވަން މިއުޅެނީ، އެހެން ނާރެސްތައް ނެތް ވާހަކައެއް ނޫން. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ދަންނަވާލާފައި އޮތް ފަދައިން، ދިވެހިރާއްޖޭގައި ތިން ހަތަރު ދާއިރާއެއް އުޅޭނެ، މައިގަނޑު ތިން ހަތަރު ދާއިރާއެއް. އުތުރުގައި ހއ. ހދ. ށ. މިދާއިރާ މިއީ އެއްދާއިރާ، އެއް ނާރެސް، އިޤްތިޞާދީ އަދި މިދެންނެވި ކަހަލަ ތަރައްޤީގެ މަސައްކަތްތައް ކުރާ. މާލެއާއި ހުޅުމާލެ ސަރަޙައްދު މިއީ ތަރައްޤީގެ މައި ނާރެސް، މައި މަރްކަޒު. ދެން ދެކުނުން ގޮސް، އެންމެ ދެކުނުގެ އައްޑުއަތޮޅަކީ ވަކި ސަރަޙައްދެއް. އެޔާއެކީ ދެން މިއޮތީ ފުވައްމުލަކާއި، ހުވަދުއަތޮޅުގެ ދެއަތޮޅު. ދެން މެދުތެރޭގައި ހައްދުންމައްޗާއި، މިހެންހުރި ބައެއް ބައެއް ތަންތަނުގައި، ރޭގައި އަޅުގަނޑުމެން މި ތަޢާރުފްކުރީ، ގެސްޓްހައުސް ޓުއަރިޒަމްގެ މަސައްކަތް ހިނގާނެ ތަންތަން އެއީ. އެހެން ނަމަވެސް، ތަރައްޤީގެ ނާރެސްގެ ގޮތުގައި ހިމެނޭ ތަންތަން، އަޅުގަނޑު މިދަންނަވާލީ.

މިކަން ކުރަން މިޖެހޭ ސަބަބުތައްވެސް އަޅުގަނޑު ދަންނަވާލާނަން. ހުރިހާ ރަށެއް އެއްފަހަރާ ތަރައްޤީ ކުރުމަކީ ވާނެ ކަމެއް ނޫން. ހުރިހާ ރަށެއް، އެއްފަހަރާ އެގޮތަކަށް ތަރައްޤީ ނުވެސް ކުރެވޭނެ. ހުރިހާ ރަށަކަށް އެއްފަހަރާ ވަޒީފާގެ ފުރްޞަތު ގެންދިޔުމަކީވެސް ފަސޭހަ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓް ޓީމުން ކޮށްދެއްވަން ބޭނުންފުޅުވާ ކަމަކީ، އަޅުގަނޑުމެންގެ ދައުރު، ﷲގެ ރަޙްމަތާއެކީ ފުރިހަމަކޮށްފައި ދާއިރު، އަޅުގަނޑުމެންގެ މަތިން ދިވެހި ރައްޔިތުން ހަނދާންކުރާވަރުގެ ދިވެހި ރައްޔިތުންނަށް ހަދިޔާތަކެއް ގެނެސްދެވޭތޯ އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑު ބޭނުންވަނީ، މި ސަރުކާރަކީ އަޅުގަނޑުމެންގެ ސަރުކާރުން މިގެންނަން ބޭނުންވާ ތަރައްޤީއަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި، ރައްޔިތުންގެ ފަރާތުން އެއްބާރު ލިބިގެން، ކުރިއަށްދާ ކަމަށްވަންޏާ، އަޅުގަނޑުމެން މިގެންނަ ތަރައްޤީއަކީ މިދެންނެވި ގޮތަށް، ރާއްޖޭގެ އާބާދީގެ 90 ޕަސެންޓަށް، އޭގެ ރާޙަތް ހަމަ ސީދާ ކުރާނެ ތަރައްޤީ ގެންނަން މިއުޅެނީ. ޢާންމު ވަކިވަކި ފަރުދުންގެ ޖީބަށް، އެ ތަނަވަސްކަމުގެ، ތިޔާގިކަމުގެ އިޙްސާސްވާނެ ތަރައްޤީ ގެންނަން މިއުޅެނީ.

އެހެންވީމާ، މިގޮތުން ކުރާއިރު އަޅުގަނޑުމެންގެ އަމާޒު ފޯކަސްވެގެން މިދަނީ، މިދެންނެވި ގޮތަށް ސަރަޙައްދީ ނާރެސްތަކަކަށް. އެޔާއެކީ ދެން އަންނަ އެކިއެކި ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ދިމަދިމާލަށް ދާނީ. މިހެން ދަންނަވާއިރުވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަތޮޅުތަކުގައި މިދެންނެވި ސަރަޙައްދުތައް ނޫން އެހެން އަތޮޅުތަކުގައި ބޮޑެތި ރަށްރަށް އެބަހުރި. އާބާދީ ބޮޑެތި ރަށްރަށް އެބަހުރި. އެ ރަށްރަށާއި އެރަށްރަށުގެ ކައިރިއަށް އަންނަންވާ ތަރައްޤީ މަޙްރޫމެއް ނުވާނެ. ހަމަ މިޔާއެކީވެސް ތަރައްޤީގެ މަސައްކަތް ކުރާއިރު، ފޯކަސް އެބަވާންޖެހޭ، ފޯކަސް ކުރާނެ ނާރެސްތަކުގެ ވާހަކަ މިދެންނެވީ. އޭގެތެރެއިން މައި މަރްކަޒަކީ ހުޅުމާލެ.

އެހެންވީމާ، ހުޅުމާލެއަށް އައިސް، ހުޅުމާލޭގެ ރައްޔިތުން ތިދެއްވާ ދަޢުވަތު ގަބޫލުކޮށް އަދި ރައްޔިތުންނާއި މިހާރުގެ މިއޮތް ސަރުކާރާއި އަޅުގަނޑާ ދޭތެރޭގައި އޮތް ގާތްކަމާއެކީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ބޭނުންވަނީ އިތުރަށް މިކަން ބަދަހިވެގެންދާށޭ. އަޅުގަނޑަށް އަޅުގަނޑުގެ އަންހެނުންގެ ފަރާތުން މަޢުލޫމާތު ލިބޭ، މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި، ހުޅުމާލޭގައި ވަރަށް ވަރުގަދައަށް އަޅުގަނޑުމެންގެ ޕާޓީއަށް މެންބަރުން ވެއްދުމުގެ މަސައްކަތްތައް، ހުޅުމާލޭގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން މިވަނީ ކުރައްވާފައި. އެތައް ބޭފުޅުންތަކެއް މިކަމުގައި އެބަ އުޅުއްވާ. އަޅުގަނޑު ހަމަ އެއްވެސް ގޮތަކަށް އެއްވެސް ބޭފުޅެއްގެ ނަމެއް ނުދަންނަވާނަން. އެއީ އެހެން ބޭފުޅުންގެ ނަން ނުދެންނެވޭ ކަމަށްވަންޏާ، ހަމަ ފާފައަކަށް ވެދާނެތީ، އަޅުގަނޑަށް މަޢާފް ނުކުރައްވާނެތީ. އެއްވެސް ބޭފުޅެއްގެ ނަމެއް ނުދަންނަވާނަން. އެކަމަކު ވަރަށްގިނަ ބޭފުޅުންތަކެއް، މިމަސައްކަތް ކުރައްވާކަން އަޅުގަނޑަށް އެނގިފައި އޮތީ. މިހާރުވެސް އަޅުގަނޑަށް ގަބޫލުކުރެވޭގޮތުން ވެއްޖިއްޔާ، 7 ގޮފި ނޫނިއްޔާ 10 ވަރަކަށް ގޮފި، މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި ހައްދަވާފައި ވަނީ އަޅުގަނޑުމެންނާ ޙަވާލުކުރައްވާފައި.

އަޅުގަނޑު ހަމަ ޝުކުރުވެރިކަމާއެކީ ތިޔަބޭފުޅުންނަށް މަރްޙަބާ ދަންނަވާފައި، ހިތްވަރުދޭން ބޭނުންވަނީ، އަދިވެސް ތިޔަ ކުރައްވާ މަސައްކަތް، އެއް ގިޔަރު މައްޗަށް ޖައްސަވައިދެއްވާށޭ. އެކަން ކުރަންޖެހޭ ސަބަބަކީ، ތަރައްޤީގެ ރެސިޕިއަންޓުންނަކީ ނޫނީ ތަރައްޤީ ލިބެން ތިބި ބަޔަކީ ހުޅުމާލޭގެ ރައްޔިތުން. ހުޅުމާލޭގެ ރައްޔިތުންގެ ތެރޭގައި، އެކުވެރިކަމާއި އެއްބައިވަންތަކަން އެބަ އޮންނަންޖެހޭ. އެކުވެރިކަމާއި އެއްބައިވަންތަކަން އޮވެގެން، އަޅުގަނޑުމެން މި ބޭނުންވާ ތަރައްޤީ، ބިން ބަހައި، އެކިގޮތްގޮތަށް، އަޅުގަނޑުމެން މިދެންނެވި ކަހަލަ ތަރައްޤީގެ މަޝްރޫޢުތައް. މިކަން ކުރާއިރު މިއެކުވެރިކަން އޮންނަންޖެހޭ. އަޅުގަނޑުމެންގެ ސަރުކާރަކުން ރައްޔިތުންނަށް ގެއްލުންވާ، ނޫނިއްޔާ ރައްޔިތުންނަށް ދަތިވާ ކަންތައްތަކެއް ނުކުރާނެ. އަޅުގަނޑުމެންގެ ހުރިހާވެސް މަސައްކަތަކީ، އިޤްތިޞާދީ އަމާޒު. އެޔާއެކީ ހަމަ އިޖްތިމާޢީ ދާއިރާގައި، ޞިއްޙަތާއި ތަޢުލީމަށް އަދި ޚާއްޞަ އެހީގެ ކަންކަމުގައި ހުރި ކަންތައްތައް ނެތެކޭ ދަންނަވަނީކީ ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކީ އިޤްތިޞާދީ ތަރައްޤީ، މި ރާއްޖެއަށް ގެނައުން. އޭގެ އެންމެ ވަރުގަދަ ބެނެފިޝަރީއަކަށް، ނޫނިއްޔާ އެންމެބޮޑު ފައިދާ ލިބޭ ރަށްރަށުގެ ތެރެއިން، ނޫނީ ޝަޙަރުތަކުގެ ތެރެއިން އެންމެ ކުރީގައި މިއުޅެނީ ހުޅުމާލެ. އެހެންވީމާ، ހުޅުމާލޭގައި މިދެންނެވި ކަހަލަ އެއްބައިވަންތަކަން އެބަ އޮންނަންޖެހޭ. ތަރައްޤީގެ މަސައްކަތަށް، ތަރައްޤީގެ ދުވެއްޔަށް ހުރަސްނާޅައި، ރައްޔިތުން މި މަސައްކަތް އެބަ ކޮށްދެއްވަންޖެހޭ.

މިއަދުގެ ސިޔާސީ ޙަޤީޤަތަކީ ﷲގެ ރަޙްމަތާއެކީ، މިއަދު މިއޮތީ ޕީ.ޕީ.އެމް.ގެ ސަރުކާރެއް. ﷲގެ ރަޙްމަތާއެކީ އަދި ރައްޔިތުންގެ މަޖިލީހުގެ އެކި ޕާޓީ، އެކި ފިކުރުގައި ތިއްބެވި ބޭފުޅުންގެ ވިސްނުމާވެސްއެކީ، ހެޔޮ ވިސްނުން ލިބިވަޑައިގެންނެވުމާއެކީ، މިއަދު ޕީ.ޕީ.އެމް.ގެ އަޣުލަބިއްޔަތު، ރައްޔިތުންގެ މަޖިލީހުގައި އެބައޮތް. އަޅުގަނޑުމެން ހަމަ ނުހަނު ޝުކުރުވެރިކަމާއެކީ، އެކަން ފާހަގަކުރަން. ﷲ ޙަޟުރަތަށް ޙަމްދުކުރަން. އަދި ކުރިއަށް އޮތް ތަނުގައިވެސް ދިރުންހުރި ޕާޓީއަކާ، ދެން ތިއްބެވި މެންބަރުން ގުޅިވަޑައިގަންނަވާނެކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ހިތުގައި ޝައްކެއްނުކުރަން. އެއީ، އަޅުގަނޑުމެން މިހާރު މިކުރެވުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ހައެއްކަ، އަށެއްކަ މަސްދުވަހުގެ ތެރޭގައި، މިދެންނެވި ގޮތަށް މިރަށުގެ ހަމަޖެހުން، ދިވެހިރާއްޖޭގެ ހަމަޖެހުން ނަގާލަން އެއްވެސް މަސައްކަތެއް ނުކުރަން. ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރާ މަސައްކަތާއި، ރައްޔިތުންނަށް ކުރިއެރުން ހޯދައިދޭން ކުރާ މަސައްކަތް ފިޔަވައި އެހެން ކަމެއް އަޅުގަނޑުމެން ނުކުރަން. އަޅުގަނޑުމެންގެ ހިތުގެ އިޚްލާޞްތެރިކަން، ރައްޔިތުންނާއެކީ އެބަވޭ. އެކަން ރައްޔިތުން އެބަ ގަބޫލުކުރައްވާ. ދިވެހިރާއްޖޭގައި އަދު މިއޮތް ހަމަޖެހުމަކީ، މިދެންނެވި ކަން، ދިވެހި ރައްޔިތުން ގަބޫލު ކުރައްވާތީ. މަޖިލީހަށް ހުށަހެޅިފައި އެހެރީ ދިވެހި ރައްޔިތުންގެ ތަރައްޤީއާ ގުޅިފައި ހުރި މައްސަލަތައް. ތަރައްޤީއާ ގުޅިފައި ހުރި ބިލްތައް އެހެރީ. ވަރަށް ބޮޑެތި މަޝްރޫޢުތައް އެހެރީ. ވަރަށް ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް އެހެރީ. އެ މަޝްރޫޢުތަކަށް ފަހިވާގޮތަށް ބިލްތަކެއް އެބަ ފާސްވާން އެބަޖެހޭ. އަޅުގަނޑަށް ޔަޤީންކުރެވޭ، އަޅުގަނޑު ކަށަވަރު ކުރަން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މިކަންކަން ކޮށްދެއްވާނެކަން. މިކަންކަން ކޮށްދެއްވީމަ، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ދިވެހިރާއްޖެއަށް ގެންނާނެ. ގެނެވޭނެ ﷲގެ ރަޙްމަތާ އެކީގައި.

އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ވިސްނުމަކީ. މިކަންކަމާއެކީ ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެންނައިރު، ޤާނޫނުންދޭ ރައްކާތެރިކަމާއި، ޤާނޫނުން އެމީހުންނަށް ލިބޭ ޙިމާޔަތާއި އަދި އިންވެސްޓްމަންޓް ގެރެންޓީއާއި، ޕްރޮފެޝަނާ، މިކަހަލަ އެތައް ކަމެއް ކޮށްދެވިދާނެ. މިއީ ވަރަށް ފަސޭހަ ކަމެއް. މީގައި އުނދަގޫވާ ކަމަކީ ރައްޔިތުންގެ ހަމަޖެހުން. ރައްޔިތުންގެ ހަމަޖެހުން އޮވެގެން ނޫނިއްޔާ، މިއިން އެއްވެސް ކަމެއްގައި މާއްދީ ފައިދާއެއް ލިބޭގޮތަކަށް، މިއިން އެއްވެސް ކަމެއް ނުކުރެވޭނެ.

އެހެންވީމާ، ހުޅުމާލެއާ ދޭތެރޭގައި އަޅުގަނޑުމެންގެ ވިސްނުމުގައި، އިޤްތިޞާދީ ގޮތުން ހުޅުމާލެއަކީ ވަރަށް ވަރުގަދަ ސަރަޙައްދަކަށް، ނޫނީ ވަރަށް ވަރުގަދަ ރަށަކަށް ހެދުމަށް މިކުރާ މަސައްކަތުގައި، ހުޅުމާލޭގައި މިއޮތް އެއްބައިވަންތަކަމަކީ އަޅުގަނޑު މިދެންނެވި ސަބަބަށްޓަކައި އަޅުގަނޑު މަރްޙަބާކިޔާ އެއްބައިވަންތަކަމެއް.

އަޅުގަނޑު އެދެނީ، އަދިވެސް ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތް، އެއް ގިޔަރު މައްޗަށް ޖައްސަވައިގެން ކުރައްވައި، މި ޝަޙަރަކީ ޕީ.ޕީ.އެމް.އަށް ތާއީދުކުރާ، މި ސަރުކާރަށް ތާއީދުކުރާ ރަށެއްގެ ގޮތުގައި ހުޅުމާލެ ހަމަޖެހިގެން ދިޔުން. އެއީ، ތިޔަބޭފުޅުންގެ މަސައްކަތްޕުޅު. މިހާރުވެސް އަޅުގަނޑަށް އެނގޭ، ހުޅުމާލޭގެ ބޮޑު އަޣްލަބިއްޔަތު މިއޮތީ ޕީ.ޕީ.އެމް.އާ އެކީ. އަޅުގަނޑުމެންގެ ސަރުކާރަށް ތާއީދުކުރޭ.

މި މާހެފުމަކީ ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ދެއްވާ މާހެފުމެއް. ތިޔަބޭފުޅުންގެ ހިތްޕުޅު ހެޔޮކަން، އަޅުގަނޑުމެންނަށް ދައްކަވައިދެއްވުމަށްޓަކައި ތިޔަބޭފުޅުން ކުރައްވާ ކަމެއް. އެކަމަށްޓަކައި ޝުކުރު ދަންނަވަން. މި ހޯލްތެރެއަށް މިރޭ ވަޑައިގެން ތިއްބެވި ބޭފުޅުންނަށް އެކަނި ބަލައިލި ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ހުޅުމާލޭގެ ބޮޑު އަޣްލަބިއްޔަތެއް މިއޮތީ އަޅުގަނޑުމެންނާ އެކީ، މި ސަރުކާރަށް އެހީތެރިވާންކަން. މި ސަރުކާރަށް ރަށެއްގެ ރައްޔިތުން އެހީތެރިވުމަކީ، އެ ރައްޔިތެއްގެ ތަރައްޤީއަށް އެހީތެރިވުން. އެހެންވީމާ، އެކަން އަޅުގަނޑަށް ކޮށްދެއްވާ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އިޚްލާޞްތެރިކަމާއެކީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދޭނަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަޅުގަނޑު ހަމަ ދަންނަވާލާނީ، ކުރިއަށް މިއޮތީ، އަޅުގަނޑުމެންނާ ބައްދަލު މިކުރަނީ، މާތް ރަމަޟާން މަހުގެ މައްސަރޭ. ރަމަޟާން މަހުގެ މޫސުމޭ މިއީ. އަޅުގަނޑު އެދެނީ ﷲގެ ދަރުމައާއި ޘަވާބު، މި ރަމަޟާން މަހު ތިޔަ ހުރިހާ ރައްޔިތުންނަށް، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށް ﷲ މިންވަރު ކުރެއްވުން. އިރާދަކުރެއްވިއްޔާ، އަޅުކަމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާނެ. އަދި އަޅުގަނޑުމެން، ޤައުމު ތަރައްޤީ ކުރަން މިކުރާ މަސައްކަތުގައި، މާތްﷲގެ ރަޙްމަތް މިންވަރު ކުރައްވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ﷲގެ ތައުފީޤާއެކީ، އަޅުގަނޑުމެން މިކަން ކުރިއަށް ގެންދާނީ. ރަމަޟާން މަހަށް މަރްޙަބާ ދަންނަވަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް ރަމަޟާން މުބާރަކް ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަދިވެސް ތިޔަބޭފުޅުން އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުންނަށް ތިޔަ ދެއްވި ދަޢުވަތަށް، ޝުކުރުވެރިކަމާއެކީ ދަޢުވަތު ބަލައިގެން، ތިޔަބޭފުޅުންނަށް މަރްޙަބާއާއި ޝުކުރު ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.