ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ"ގެ ނަމުގައި މިއަދު ސަރުކާރުގެ ވުޒާރާއެއް އުފައްދަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ މަސައްކަތު ދާއިރާގެ ގޮތުގައި މިހާތަނަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރއިން ބަލަހައްޓަވަމުން ގެންދެވި، ޢާއިލާއާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާބެހޭ އެންމެހައި ކަންތައްތަކާއި، އިންސާނީ ހައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުމާގުޅޭ އެންމެހައި ކަންތައްތަކާއި، ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ބެލެހެއްޓެވުމުގެ ކަންކަން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، މިހާތަނަށް ހިނގަމުންދިޔަ އެޓަރނީ ޖެނެރަލްގެ އޮފީހަކީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާ އިދާރީ ވަކި އޮފީހެއްގެ ގޮތުގައި މިއަދުން ފެށިގެން ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގެންނެވި ބަދަލާ ގުޅިގެން ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ބަންޑާރާ ނާއިބުގެ އޮފީސް ނުވަތަ އެޓަރނީ ޖެނެރަލްގެ އޮފީހާ ހަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް މިއަދުން ފެށިގެން އަދާކުރަމުން ގެންދާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާ އެޓަރނީ ޖެނެރަލްގެ އޮފީހުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަތީގައި ދަންނަވާފައިވާގޮތަށް ހަމަޖެއްސެވުމާގުޅިގެން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާނީ ތިރީގައިވާ ތަންތަން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1.      އެޓަރނީ ޖެނެރަލްގެ އޮފީސް
2.      ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު، ކ. ގުރައިދޫ
3.      ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
4.      އަމާން ހިޔާ، ކ. ވިލިނގިލި
5.      ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒު
6.      ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް
އަދި، ޤާނޫނު ނަންބަރު 2013/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގެ 52 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާ ތަނެއް ކަމުގައި ހަމަޖައްސަވައި، އެ ޤާނޫނުގެ 50 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޯޓާ ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތަކާއި، ފުލުހުންނާއި ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގުމާއި ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާ މިއަދުން ފެށިގެން އެޓަރނީ ޖެނެރަލްއާ ހަވާލުކުރައްވައި، ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް މަސްއޫލުވާނެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި އެޓަރނީ ޖެނެރަލް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 459 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް ލިޔުއްވާ ސިޓީތައް އެޑްރެސްކުރައްވާނީ އެޓަރނީ ޖެނެރަލަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި މަސައްކަތްތަކުގެ ލިޔުން މިދެންނެވުމާއެކު އެވަނީއެވެ. 
 
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ މަސައްކަތްތައް
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
1.      ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޤާނޫނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
2.      ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން ފޮތެއްގެ ގޮތުގައި އެކުލަވާލުމާއި، އެ ޤާނޫނުތައް ފަސޭހަކަމާއެކު ބެލޭނެ އަދި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމާއި، ކަނޑައެޅޭ ވަކި މުއްދަތުތަކަކުން ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި ޗާޕްކުރަމުން، އާކުރަމުން ގެންދިއުމާއި، އެކަށީގެންވާ އުސޫލެއްގެ މަތިން އަދި އެކަށީގެންވާ އަގަކަށް އެ ފޮތްބައި ޢާންމުކޮށް ލިބެން ހުންނާނެ އުސޫލެއް ހަމަޖެއްސުން.
3.      ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ތެރެއިން ތަރުޖަމާކުރެވޭ ޤާނޫނުތައް ޢާންމުކޮށް ލިބޭނޭގޮތް ހަމަޖެއްސުމާއި، ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުން.
4.      ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުންގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމާއި، އެކަމުގެ ހުއްދަ ދޫކުރުމާއި، އެފަދަ ހުއްދައެއް ބާޠިލުކުރަން ޖެހިއްޖެ ޙާލަތެއްގައި ބާޠިލުކުރުމާއި، ޤާނޫނީ ވަކީލުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންނާބެހޭ ސުލޫކީ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މިނޫންވެސް ޤާނޫނީ ވަކީލުންނާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
5.      ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ވިލަރެސްކުރުން.
6.      އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުން.
7.      އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ "ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ރިޕޯޓު"ތައް ތައްޔާރުކުރުމާއި، އެ ރިޕޯޓުތަކާ ގުޅިގެން ރާއްޖެއިން ކުރަންޖެހޭ ކަންކަން ކުރުން.
8.      ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތަކުގެ ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ވަކިކަމެއް ހުރިކަމަށްބުނެ ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ ބައިނަލްއަޤުވާމީ އިދާރާތަކުން ނުވަތަ ސަރުކާރުގެ މުއައްސަސާތަކުން ސަރުކާރަށް ކަމެއް ހުށަހަޅައިފިނަމަ އެ ކަންތައްތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
9.      އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤުކުރުމާގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާއި، ހުށަހަޅާ ހުށަހެޅުންތަކާގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
10.އަލަށް އެކުލަވާލެވޭ، އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތައް އެކުލަވާލުމުގައި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުން.
11.ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި، ޙިމާޔަތްކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބައިނަލްއަޤުވާމީ އިދާރާތަކާއި، ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުން.
12.އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދްމަތްތަކާއި، ޚިދްމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދްމަތްތަކުގެ ފެންވަރާއި، ޚިދްމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މިފަދަ ޚިދްމަތްތަކުގެ އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުން.
13.ރާއްޖޭގައި އިޖުތިމާޢީ ޚިދުމަތްދޭ މީހުން ރަޖިސްޓަރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައަޅައި ބެލެހެއްޓުމާއި، މަސައްކަތުގެ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމާ އަދި މިކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން. 
14.އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމާ ދުޅަހެޔޮކަމަށް ބޭނުންވާސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި، އެކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
15.ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހާ ދާއިރާތަކެއްގައި ޢަމަލުކުރުމަށް ކަނޑައަޅާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، މަޝްރޫޢުތަކުގައި ޖެންޑަރގެ ނަޒަރަކުން ބެލިފައިވާ މިންވަރު މޮނިޓަރކޮށް، ހުރިހާ ދާއިރާތަކަކުން މި ސިޔާސަތު ދެމެހެއްޓުމަށް ބާރުއެޅުން.
16.ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤައުމީ ނިޒާމް ޤާއިމްކުރުމާއި އެނިޒާމުގެ މަސައްކަތްތައް ވިލަރެސްކޮށް އެ މަސައްކަތްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
17.ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އަންހެނުން ކުރިއަރުވައި، އެމީހުންނަކީ ހުރިހާ ރޮނގަކުން މުޖުތަމަޢަށް ފައިދާ ހޯދައިދޭ، ކުރިއަރަމުންދާ ބަޔަކަށް ހެދުމަށްޓަކައި ޙާލަތު އޮޅުންފިލުވައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރުން.
18.ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކުގެ ދައުރު ހަރުދަނާކުރުމަށާއި، ހުރިހާ ދާއިރާއެއްގައި ދެޖިންސްގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން މަސައްކަތްކުރުމަށް ބޭނުންވާ ނިޒާމު ގާއިމުކޮށް، މިކަންކަމާބެހޭ މަސައްކަތްތައް ވިލަރެސްކުރުން.
19.އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
20.އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެޙައްޤުތަކަށް ހުރަސްއެޅޭ އާ މައްސަލަތައް(އިމަރޖިން އިޝޫތައް) ދެނެގަނެ އެމައްސަލަތައް ހައްލުކުރުމަށް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.
21.އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، ދެޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށާއި، ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އުފައްދައި، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުވުން.
22.ވަކި ޖިންސެއްގެ މީހަކަށްވީތީ އެމީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ނުވަތަ އަނިޔާއެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި، އެ ހައްޤަކަށް އުނިކަން ލިބުނު ފަރާތަށް ނަފްސާނީ އަދި އިޖްތިމާޢީ އަދި ޤާނޫނީ ޚިދްމަތް ނުވަތަ ޙިމާޔަތް ލިބޭނެމަގު ފަހިކޮށްދިނުން.
23.އެކިބާވަތުގެ ހާނިއްކަ (އެބިއުސް) ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ   މިންގަނޑުތައް ކަނޑައަޅައި ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކޮށް، މި މަސައްކަތް ވިލަރެސް ކުރުން.
24.ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ، ބަލަހައްޓަންޖެހޭ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާނެ މަރްކަޒުތައް ޤާއިމްކޮށް، އެ މަރްކަޒުތަކުގައި ބައިތިއްބައިގެން ނުވަތަ އަމިއްލަ ޖަމާޢަތްތައް މެދުވެރިކޮށްގެން އެމީހުންނަށް ޚިދްމަތް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައި، މިކަންކަން ހިނގާނުހިގާގޮތް ބެލެހެއްޓުން.
25.ކުޑަކުދިންނާއި ޢާއިލާގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން.
26.އެކިއެކި ގޮތްގޮތުން އަނިޔާލިބޭ ކުދިންގެ މައްސަލަތައް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، އެ ކުދިން ބެލެހެއްޓުން.
27.ކުޑަކުދިންގެ ބެލެނިވެރިކަން ދައުލަތަށް ނެގޭ ކުދިން "ފޮސްޓަރިންގ މެކޭނިޒަމް"އެއްގެ ދަށުން ޢާއިލާތަކާއި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެގޮތުން ހަވާލުކުރެވޭ ކުދިންގެ ޙާލަތު މޮނިޓަރކޮށް ބެލެހެއްޓުން.
28.ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)އާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
29.ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ ޚިދްމަތްތައް ފޯރުވައިދޭނެ ގޮތްތައް ރޭވުން.
30.އެކިއެކި ކުށްކުށުގެ ޝިކާރައަށްވެގެން ދައުލަތަށް ހުށަހެޅޭ އަންހެނުންނާއި އަންހެންކުދިންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންތައްތައް ފޯރުކޮށްދިނުން.
31.މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ފޯރުކޮށްދޭ ޚިދްމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާ ކުރުވަނިވި ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން. 
32.މިނިސްޓްރީގެ މަސައްކަތާ ގުޅުން ހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. މިފަދަ ބައިނަލްއަޤުވާމީ މުޢާހަދާތައް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، މިރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ހުރިހާ ދާއިރާ ތަކެއްގެ ސަމާލުކަމަށް ގެނައުން.
33.މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ދިރާސާތަކުގެ ފެންވަރާއި، އެތިކްސް ހިފެހެއްޓުމާއި، މި ދާއިރާގައި ދިރާސާކުރުމުގެ މާޙައުލެއް ކުރިއަރުވައި ދިރުވުން.
34.މިނިސްޓްރީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ބޭނުންވާ ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުވަމުންދާ މިންވަރުބަލައި، ނަތީޖާ ޙާޞިލުވާ މިންވަރު ދެނެގަތުން.
35.ދާއިރާގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމުގެ މިންގަނޑުތައް ކަނޑައަޅައި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަސީލަތްތައް ތަރައްޤީކޮށް، ޑޭޓާބޭސްތައް ޤާއިމްކޮށް، އެ ތަފާސްހިސާބުތައް ބަލަހައްޓައި، އެނަލައިޒްކޮށް މަޢުލޫމާތު ހާމަކުރުން.
36.ހުރިހާ ދާއިރާއަކުން ތަފާސް ހިސާބު އެއްކުރުމުގައި އުމުރާއި، ޖެންޑަރ ޑިސްއެގްރިގޭޓަޑް އަދި އެނޫންވެސް އެހެނިހެން ޑިސްއެގްރިގޭޓަޑް ޑޭޓާ ނެގުމަށް ބާރުއެޅުން.
37.ދާއިރާގެ މަސައްކަތާ ގުޅޭ މަޢުލޫމާތާއި ރެކޯޑުތައް ބަލަހައްޓާނެ އުސޫލުތައް ކަނޑައަޅައި، އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޚަބަރުފަތުރާ ވަސީލަތްތަކާ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އެ މަޢުލޫމާތުތައް ހާމަކޮށް، ޢަރުޝީފުކޮށް ބެލެހެއްޓުން.
38.މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިދާރީ މިންގަނޑުތައް ކަނޑައަޅައި، މަސައްކަތުގެ ފެންވަރު ހިފަހައްޓައި، އެތަންތަނުގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވިލަރެސްކޮށް، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި އިދާރީގޮތުންނާއި ފަންނީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
39.މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުންނެވެ.
7.      އެޓަރނީ ޖެނެރަލްގެ އޮފީސް
8.      ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު، ކ. ގުރައިދޫ
9.      ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
10.އަމާން ހިޔާ، ކ. ވިލިނގިލި
11.ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒު
12.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް
13.ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
 
އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް
1.      މަދަނީ މައްސަލަތަކުގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދައުލަތުގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުން.
2.      ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
3.      ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީޤް ކުރުމާގުޅޭގޮތުން ސަރުކާރަށް ލަފާދިނުން.
4.      ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަ ކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާތައް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރުމާއި، އެ ދާއިރާތަކުގެ މަޝްވަރާއާއެކުގައި ޤާނޫނުގެ ދެލިކޮޕީ އެކުލަވާލައި، އެދާއިރާތަކަށް ހުށަހެޅުން.
5.      ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ޤާނޫނުތައް އުވާލުމަށް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކަށް މަޝްވަރާދިނުމާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭކަމަށް ފެންނަ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކާގުޅިގެން ދިރާސާކޮށް، އެޤާނޫނުތައް އިޞްލާޙުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޤާނޫނުގެ ދެލިކޮޕީތައް ތައްޔާރުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް އެހީތެރިވެދިނުން.
6.      ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތަކަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއެރުން ހުރި ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި، އެގަވާއިދުތަކަށް ޢަމަލު ކުރަންފެށުމާބެހޭ ގޮތުން ޤާނޫނީ ލަފާދިނުން.
7.      ސަރުކާރާ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާ ދިނުން.
8.      ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާބެހޭ ގޮތުންނާއި، ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާމެދު ކުރެވޭ އެއްބަސްވުންތަކާބެހޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން.
9.      ސަރުކާރުގެ ފަރާތުން އެކިއެކި ރަސްމީ ލިޔުންތަކުގައި ސޮއިކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އިންސްޓްރޫމަންޓް އޮފް ފުލް ޕަވަރ އާގުޅޭ ގޮތުން ޤާނޫނީ ލަފާދިނުން.
10.ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރިމަންޓުތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރިމަންޓުތައް ތަންފީޛުކުރުމާގުޅޭ ގޮތުން މާލީ އިދާރާތަކަށް ދޭންޖެހޭ "ލީގަލް އޮޕީނިއަން" ދިނުން.
11.ސަރުކާރުގެ އިދާރާތަކުން އެކުލަވައިލަން ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީތައް އެކުލަވައިލުމުގައާއި، އެ ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި އެ އިދާރާތަކަށް ބޭނުންވާ ލަފާދިނުން.
12.ސަރުކާރުން ރާވާ މުހިންމު މަޝްރޫޢުތަކާއި އިޢްލާންކުރާ އަދި ވަޒަންކުރާ ބީލަންތަކާއި، ސަރުކާރުން ކުރާ ނެގޯސިއޭޝަންތަކާއި ކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ހިމަނަންޖެހޭ ކަންތައްތަކުގައި، ޤާނޫނީ ވަކީލުން ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ޤާނޫނީ ލަފާ ދިނުން.
13.ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުން.
14.ސަރުކާރު އިދާރާތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ ލަފާދިނުން.
15.ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު، ކ. ގުރައިދޫ" ގެ މަސައްކަތްތައް
1.      ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެފަދަ ކުޑަކުދިންނާއި، އުމުރުން ދުވަސްވެގެން ނުވަތަ ބައްޔެއްގެ ސަބަބުން އަމިއްލައަށް ނޫޅެވޭވަރުގެ މީހުންގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ފަރާތްތައް މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
2.      މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާ މީހުންނަށް ބޭނުންވާ ފަރުވާދިނުމާއި، އެ މީހުން ރިހެބިލިޓޭޓްކުރުން.
3.      މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާ މީހުންނަށް ތަމްރީނުދީގެންނާއި، މަސައްކަތްކުރެވޭނެ ގޮތް ރާވައި ތަނަވަސްކޮށްދީގެން، މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި އެމީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
"ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި" ގެ މަސައްކަތްތައް
1.   ވިހޭ ވަގުތުން ފެށިގެން އުމުރުން 9 އަހަރު ފުރި 10 އަހަރު ނުފުރޭ ފިރިހެންކުދިންނާއި އަންހެންކުދިންގެ ތެރެއިން ތިރީގައިމިވާ ޙާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
·        މަންމައާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިން.
·        މަގުމަތިން ނުވަތަ އެހެންވެސް ޢާންމު ތަނަކުން ހޮވޭ ކުދިން (އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހޯދައި އެމީހުންނާ އެކުދިން ހަވާލުކުރެވެންދެން).
·        މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް އިހުމާލުވާކަން އެނގުމުން އެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެ ޢަމަލުތައް އިސްލާހުކުރުމަށް އިރުޝާދު ދިނުމުންވެސް އިޞްލާޙުނުވުމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ވަކިކުރެވޭ ކުދިން.
·        މައިންބަފައިން އެކަށީގެންވާވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެކުދިންނަށް ލިބެންޖެހޭ ޒަރޫރީ ޚިދްމަތްތައް ލިބެމުންނުދާ ކުދިންނާއި، އެކުދިންގެ މުސްތަޤުބަލު ގެއްލިގެން ހިނގައިދާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޤަބޫލުކުރެވޭ ކުދިން.
·        ކުދިންނަށް އަނިޔާކޮށް ނުވަތަ ބޮޑެތި އިހުމާލުވެގެން މައިންބަފައިން ނުވަތަ ބެލެނިވެރިން ހައްޔަރުކުރަންޖެހޭ ޙާލަތްތަކުގައި ކުދިން ބަލާނޭ އެއްވެސް މީހަކުނެތް ކުދިން.
·        މައިންބަފައިން ނުވަތަ ބެލެނިވެރިން ޖަލަށްލުމުން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.
·        ބެލެނިވެރިޔާ ބުއްދި ގޯސްވެ ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.
2.   މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ޘަޤާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދްމަތްތަކާ ޙައްޤުތައް، މަރުކަޒުގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
3.   މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުން.
"އަމާން ހިޔާ، ކ. ވިލިނގިލި" ގެ މަސައްކަތްތައް
1.   އުމުރުން 9 އަހަރު ފުރި 18 އަހަރު ނުފުރޭ ފިރިހެންކުދިންނާއި އަންހެންކުދިންގެ ތެރެއިން ތިރީގައިމިވާ ޙާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
·        މަންމައާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިން.
·        މަގުމަތިން ނުވަތަ އެހެންވެސް ޢާންމު ތަނަކުން ހޮވޭ ކުދިން (އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހޯދައި އެމީހުންނާ އެކުދިން ހަވާލުކުރެވެންދެން).
·        މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް އިހުމާލުވާކަން އެނގުމުން އެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެ ޢަމަލުތައް އިޞްލާޙުކުރުމަށް އިރުޝާދު ދިނުމުންވެސް އިޞްލާޙުނުވުމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ވަކިކުރެވޭ ކުދިން.
·        މައިންބަފައިން އެކަށީގެންވާވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެކުދިންނަށް ލިބެންޖެހޭ ޒަރޫރީ ޚިދްމަތްތައް ލިބެމުންނުދާ ކުދިންނާއި، އެކުދިންގެ މުސްތަޤުބަލު ގެއްލިގެން ހިނގައިދާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޤަބޫލުކުރެވޭ ކުދިން.
·        ކުދިންނަށް އަނިޔާކޮށް ނުވަތަ ބޮޑެތި އިހުމާލުވެގެން މައިންބަފައިން ނުވަތަ ބެލެނިވެރިން ހައްޔަރުކުރަންޖެހޭ ޙާލަތްތަކުގައި ކުދިން ބަލާނޭ އެއްވެސް މީހަކުނެތް ކުދިން.
·        މައިންބަފައިން ނުވަތަ ބެލެނިވެރިން ޖަލަށްލުމުން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.
·        ބެލެނިވެރިޔާ ބުއްދި ގޯސްވެ ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.
2.   މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ޘަޤާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދްމަތްތަކާ ޙައްޤުތައް، މަރުކަޒުގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
3.   މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުން.
4.   މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެކިއެކި ތަމްރީނު ޕްރޮގްރާމްތަކާއި، ކެރިއަރ ގައިޑެންސްއާއި ރިހެބިލިޓޭޝަން ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެފަދަ ޕްރޮގްރާމްތައް ރާވައި ހިންގުން.
"ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒު" ގެ މަސައްކަތްތައް
1.      ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ، މުޖުތަމަޢުގެ ޢާންމު ނިޒާމުގެ ތެރެއިން ދޭންޖެހޭ ތަޢުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްނުދެވޭ، އުމުރުން 9 އަހަރުން މަތީގެ ފިރިހެން ކުދިން ބެލެހެއްޓުމާއި، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުން.
2.      މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކެރިއަރބޭސްޑް ނަޒަރަކުން އަމާޒުކޮށްގެން ދޭންޖެހޭ އެންމެހައި ތަޢުލީމާއި، ތަމްރީނާއި ތަރުބިއްޔަތު ދިނުމާއި، އެކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަން ދިނުން.
ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މަސައްކަތްތައް
1.      އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަތޮޅުގައި ޤާއިމުކުރާ ނިޒާމުގެދަށުން ރަށުފެންވަރުގައި ދެވޭ ޚިދްމަތްތައް ބަލައި، މޮނިޓަރކުރުމާއި، އެފަދަ ތަންތަން ހިންގަން ހެދިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ހިނގާތޯ ބެލުން.
2.      ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ ގޮތުން ކުރެވޭ ކަންތައްތަކުގެ ތަފާސް ހިސާބުތަކުގެ ޑޭޓާބޭސްއެއް އަތޮޅު ފެންވަރުގައި ޤާއިމުކޮށް ބަލަހައްޓައި، އެކަން ހިނގާ ނުހިނގާގޮތް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް ގަވާއިދުން ރިޕޯޓްކުރުން.
3.      އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާޢީ ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.
4.      އެކިބާވަތުގެ ހާނިއްކަ ލިބިފައިވާ  އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދްމަތްދިނުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާފައިވާ   މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ އެހެން ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމާއި، އެމަސައްކަތުގެ ރިޕޯޓް ގަވާއިދުން މިނިސްޓްރީ އަށް ހުށަހެޅުން.
5.      އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުންފަދަ ނޭދެވޭ އަމަލުތައް ނައްތާލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތޮޅު ފެންވަރުގައި ހިންގުމަށް އެހީތެރިވުން.
6.      ޢާއިލީ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެފަދަ ކަންކަން ނައްތާލުމަށް ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތައް އަތޮޅު ފެންވަރުގައި ތަންފީޒުކުރުމަށް ލަފާދީ ކަމާބެހޭ ދާއިރާތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށް މަސައްކަތްކުރުން.
7.      އަތޮޅުގެ ތަރައްޤީގެ ކަންކަމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާބެހޭ ގޮތުންނާއި، ދެޖިންސުގެ މީހުންގެ ހަމަހަމަކަން ޤާއިމުކުރުމާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން.
8.      އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ހިންގުމަށް އެހީތެރިވުން.
9.     އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މިފަރާތްތައް ބާރުވެރިކުރުމަށް ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
 
 
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގެ 53 ވަނަ މާއްދާގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
1.      ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޛުކުރުން.
2.      ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.
3.      ކަމާގުޅުންހުރި އެންމެހައި މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމުގެ ސިޔާސަތާއި ޕްރޮގްރާމްތައް ހިންގާނެގޮތް ކަނޑައެޅުން.
4.      ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި، އޮތޯރިޓީގެ މަރުކަޒުތަކުން، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.
5.      ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ހިންގުމަށާއި ގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމަށްޓަކައި، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
6.      އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށާއި ގެވެށި އަނިޔާ ލިބުނު ފަރާތަށް ވަގުތީ ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރާނެ މަރުކަޒުތައް އުފައްދައި، އެ ތަންތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންގެންދިޔުން.
7.      ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢާރުފުކުރަންޖެހޭ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައަޅައި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
8.      ގެވެށި އަނިޔާގެ ޢަމަލު ރާއްޖޭގައި ފެތުރިފައިވާ ނިސްބަތާއި އެފަދަ ޢަމަލުތައް ހިނގަމުންދާ ނިސްބަތާއި ސަބަބާއި ޒާތާއި ވަށްޓަފާޅިއާ ގުޅޭގޮތުންނާއި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހޯދަންޖެހޭ ތަފާސްހިސާބުތައް ހޯދުމާއި، އޭގެތެރެއިން ޝާއިޢުކުރަންޖެހޭ ކަންކަން ޝާއިޢުކުރުން.
9.      ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާމެދު ޢަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްތިމާޢީ ޚިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައަޅައި ތަންފީޛުކުރުން.
10.ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި، އެފަދަ މަރުކަޒުތައް ހިންގާ އެހެން ފަރާތްތަކަށް އެހީތެރިވުމާއި، އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރކުރުން.
11.ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެގޮތުން އެންގަރ މެނޭޖްމަންޓް ތެރަޕީއާއި ކައުންސިލިންގެ ޚިދުމަތްދިނުން.
12.ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވާ މުއައްސަސާތަކާއި، އެފަދަ ޚިދުމަތްދޭ ހުރިހާ މުއައްސަސާތަކުގެ ޢަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްތިމާޢީ ޚިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައެޅުން.
13.އޮތޯރިޓީގެ މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތަކާއި އުސޫލުތަކާއި ކޯޑް އޮފް ކޮންޑަކްޓް ކަނޑައެޅުމާއި، އެ ކޯޑާ ޚިލާފުވާ މީހުންގެ މައްސަލަ ބެލުމާއި، އެމީހުންނާމެދު އަޅާނެ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން.
14.ޤާނޫނާއި ގަވާއިދު ހަދާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ގެވެށި އަނިޔާގެ ކަންކަމުގައި ލަފާއާއި މަޢުލޫމާތުދިނުން.
15.ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވާ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމަށް މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި އަދި އެފަދަ މަރުކަޒުތަކުން ދެވޭ ޚިދުމަތްތަކުގެ ފެންވަރުބެލުން.