މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުއްވުމުގެ ފުރުޞަތު، މިއަދު ހުޅުއްވާލައްވައިފި ކަމަށާއި، މި އިނާމާބެހޭ ކަންތައްތައް ކުރެއްވުމަށް ހަމަޖައްސަވާފައިވަނީ، އެކަމަށްޓަކައި އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މި އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިއަހަރު ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، އަންނަނިވި ކަންކަމަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
1.       މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
2.       ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
3.       މަސައްކަތްތެރިކަމާއި އުފެއްދުންތެރި ކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލު ކުރުން.
4.       ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.
 
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އުފެއްދުމުގެ ގިންތިން މިއަހަރު 4 ދާއިރާއަކުން އިނާމު ދެއްވުމަށް ހުޅުއްވާލައްވާފައިވާ ކަމަށާއި، އެކަންކަން ކުރިއަށް ގެންދަވާނީ، މިދަންނަވާ ގޮތުގެމަތިން، އެކަމަކާގުޅޭ ސަރުކާރުގެ މުއައްސަސާއަކުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
(ހ) ދިވެހިބަހުގެ ބަހުރުވަތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން "ދިވެހިބަހުގެ ބަހުރުވަތަކުގެ އަދަބީބަސް" ފޮތް ލިޔުމުގެ މުބާރާތް.
މިކަމާބެހޭ މަސައްކަތް ކުރިއަށް ގެންދަވާނީ، ދިވެހިބަހުގެ އެކެޑަމީންނެވެ. 
(ށ) ވިޜުއަލް އާޓްސްގެ ދާއިރާއިން، ދިވެހިރާއްޖޭގެ ތާރީޚީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކަތައް އަސްލަކަށް ބަލައިގެން އެވާހަކައިގެ އަސްލު ނުގެއްލޭގޮތަށް ކުރެހުމުން ހުށަހެޅުން.
މިކަމާބެހޭ މަސައްކަތް ކުރިއަށް ގެންދަވާނީ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިންނެވެ.
(ނ) ދިވެހި ޤައުމީ ތަރިކައާއި ދިވެހި ޘަޤާފަތް ދިރުވައި އާލާކުރުމުގެ ދާއިރާއިން، ކާބަފައިންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ މިނިއޭޗަރ އުފެއްދުން.
މިކަމާބެހޭ މަސައްކަތް ކުރިއަށް ގެންދަވާނީ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖުންނެވެ.
(ރ) ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ދާއިރާއިން، ކުނަލާއި، ކުނަލުން ތަކެތި އުފެއްދުން.
މިކަމާބެހޭ މަސައްކަތް ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.
                             
ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ.    އަދި މިއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. ފޯމު ފުރިހަމަކުރައްވައި ފޮނުއްވާނީ، "ޚާއްޞަ އިނާމާބެހޭ ކޮމިޓީ" އަށް އެޑްރެސްކުރައްވައި، 2014 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ ހަވީރު     4 ޖެހުމުގެ ކުރިން މިއޮފީހަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ލިޔުމާއި، އިނާމަށް އެދި ނަން ހުށަހަޅާ ފޯމުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ޚާއްޞަ އިނާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވަން ބޭނުންފުޅުވާނަމަ، މިއޮފީހުގެ ނަންބަރު 3336206 ފޯނަށް ނުވަތަ 3323701 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.