ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން [މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ]ގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ، އާ މިނިސްޓްރީއެއް މިއަދު އުފައްދަވައިފިއެވެ. މިމިނިސްޓްރީ އުފެއްދެވުމާ ގުޅިގެން، މި މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގެ ގޮތުގައި، މިހާތަނަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އިން ބަލަހައްޓަވަމުން ގެންދެވި ޢާއިލާއާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާބެހޭ އެންމެހައި ކަންތައްތަކާއި، އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސް ކުރުމާ ގުޅޭ އެންމެހައި ކަންތައްތަކާއި، ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ބެލެހެއްޓެވުމުގެ ކަންކަން ހަމަޖައްސަވައިފިއެވެ.
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އުފެއްދެވުމާ ގުޅިގެން، މިހާތަނަށް ހިނގަމުންދިޔަ އެޓަރނީ ޖެނެރަލްގެ އޮފީހަކީ، އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރީ ވަކި އޮފީހެއްގެ ގޮތުގައި މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. އަދި މިގެންނެވި ބަދަލާ ގުޅިގެން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ބަންޑާރަ ނައިބުގެ އޮފީސް ނުވަތަ އެޓަރނީ ޖެނެރަލްގެ އޮފީހާ ޙަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މިއަދުން ފެށިގެން އަދާކުރަމުން ގެންދާނީ، މި އުފެއްދެވި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާ އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ.
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާނީ، މިދަންނަވާ ތަންތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
1. އެޓަރނީ ޖެނެރަލްގެ އޮފީސް
2. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު، ކ. ގުރައިދޫ
3. ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
4. އަމާން ހިޔާ ކ. ވިލިނގިލި
5. ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒު
6. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް
މީގެއިތުރުން، ޤާނޫނު ނަންބަރު 2013/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު)ގެ 52 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާ ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. އަދި އެ ޤާނޫނުގެ 50 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޯޓާ ޙަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތަކާއި، ފުލުހުންނާ ޙަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން، އެޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގުމާއި، ތަންފީޛު ކުރުމުގެ އެންމެ އިސް ޒިންމާ، މިއަދުން ފެށިގެން އެޓަރނީ ޖެނެރަލާ، ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައި، ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ މަސްއޫލުވާނެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙަންމަދު އަނިލް، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.