ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން [މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ]ގެ ނަން [މިނިސްޓްރީ އޮފް ހެލްތް]ގެ ނަމަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގެ ގޮތުގައި، ޞިއްޙަތާއި، އިޖްތިމާޢީ ރައްކާތެރިކަމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުން، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދާނީ މިދަންނަވާ ތަންތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

1. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
2. މޯލްޑިވިއަން ބްލަޑް ސަރވިސަސް
- ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ
3. އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
4. ހުޅުމާލެ ހޮސްޕިޓަލް
5. ސަރަޙައްދީ ހޮސްޕިޓަލްތައް
6. އަތޮޅު ހޮސްޕިޓަލްތައް
7. ޞިއްޙީ މަރްކަޒުތައް
8. ހެލްތް ޕޯސްޓްތައް

މީގެއިތުރުން، ޤާނޫނު ނަންބަރު 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 19 ވަނަ މާއްދާގެ ދަށުން އުފައްދަވާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާއި، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 26 ވަނަ މާއްދާގެ ދަށުން އުފައްދަވާފައިވާ ނޭޝަނަލް ޑްރަގް އެޖެންސީ އާއި، ޤާނޫނު ނަންބަރު 2012“7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަސްއޫލުވާނެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި މިނިސްޓަރ އޮފް ހެލްތް، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. އަދި ޤާނޫނު ނަންބަރު: 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ބ)ގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާފައިވާ މަސައްކަތްތައް ބަލަހައްޓަވާނީ، މިނިސްޓަރ އޮފް ހެލްތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.