‏މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ‏‏ހުށަހެޅުމުގެ ފުރުޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި އެކަމާބެހޭ ލިޔުން، ‏‏ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ. މި އިނާމާބެހޭ އިތުރު ތަފްޞީލު މަޢުލޫމާތު، ‏‏ޚާއްޞަ އިނާމާބެހޭ ކޮމިޓީން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވީ، މިއަދު މެންދުރުކުރިން ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި އެ ކޮމިޓީގެ މެންބަރުންނެވެ. ‏
‏ ‏
‏މި އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ‏‏ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، ‏‏މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ ‏‏އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ. ‏

‏މިއަހަރު ޚާއްޞަ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ‏‏ރަސްމީ ޖަލްސާގައެވެ.‏

‏މިއަހަރު ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، މި ދަންނަވާ ‏‏ކަންކަމަށެވެ.‏

‏1.‏ ‏މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުން. ‏

‏2.‏ ‏ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ ‏‏މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.‏
‏3.‏ ‏މަސައްކަތްތެރިކަމާއި އުފެއްދުންތެރި ކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލު ‏‏ކުރުން.‏
‏4.‏ ‏ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.‏

‏މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދުމުގެ ގިންތިން ‏‏މިއަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ހާސިލު ކޮށްފައިވާ ސަނަދުން ހޯދާފައިވާ މާކްސްގެ ‏‏ނުވަތަ ގްރޭޑުގެ އެވރެޖް، އެ ސަނަދުގައި ދެވޭ އެންމެ މަތީ ދަރަޖައިގައި ހިމެނިފައިވުމާއެކު، ކޮންމެ ‏‏މާއްދާއަކުން ނުވަތަ މޮޑިއުލްއަކުން އެންމެ މަތީ ދަރަޖަ ލިބިފައިވާނަމައެވެ.‏
‏ ‏
‏ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އުފެއްދުމުގެ ‏‏ގިންތިން މިއަހަރު 4 ދާއިރާއަކުން އިނާމު ދެއްވުމަށް ވަނީ ހަމަޖައްސަވާފައެވެ. އެ ދާއިރާތަކަކީ،‏
‏ ‏
‏(ހ)‏ ‏ދިވެހިބަހުގެ ބަހުރުވަތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން "ދިވެހިބަހުގެ ބަހުރުވަތަކުގެ ‏‏އަދަބީބަސް" ފޮތް ލިޔުމުގެ މުބާރާތް. މިކަމާބެހޭ މަސައްކަތް ކުރިއަށް ގެންދަވާނީ، ‏‏ދިވެހިބަހުގެ އެކެޑަމީންނެވެ. ‏
‏(ށ)‏ ‏ވިޜުއަލް އާޓްސްގެ ދާއިރާއިން، ދިވެހިރާއްޖޭގެ ތާރީޚީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ‏‏ވާހަކަތައް އަސްލަކަށް ބަލައިގެން އެވާހަކައިގެ އަސްލު ނުގެއްލޭގޮތަށް ކުރެހުމުން ‏‏ހުށަހެޅުން. މިކަމާބެހޭ މަސައްކަތް ކުރިއަށް ގެންދަވާނީ، ނޭޝަނަލް ސެންޓަރ ފޮރ ދި ‏‏އާޓްސްއިންނެވެ.‏
‏(ނ)‏ ‏ދިވެހި ޤައުމީ ތަރިކައާއި ދިވެހި ޘަޤާފަތް ދިރުވައި އާލާކުރުމުގެ ދާއިރާއިން، ކާބަފައިންގެ ‏‏މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ މިނިއޭޗަރ އުފެއްދުން. މިކަމާބެހޭ ‏‏މަސައްކަތް ކުރިއަށް ގެންދަވާނީ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖުންނެވެ.‏
‏(ރ)‏ ‏ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ދާއިރާއިން، ކުނަލާއި، ‏‏ކުނަލުން ތަކެތި އުފެއްދުން. މިކަމާބެހޭ މަސައްކަތް ކުރިއަށް ގެންދަވާނީ، މިނިސްޓްރީ ‏‏އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. ‏
‏މި މުބާރާތްތަކާބެހޭ އިތުރު ތަފުޞީލު ނޫސްވެރިންނާ ޙިއްޞާ ކުރެއްވީ ‏‏މި ދާއިރާތަކުގެ އިސްބޭފުޅުންނެވެ. ‏
‏ ‏
‏ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ ‏‏އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ‏‏ވެބްސައިޓްގެ އެޑްރެހަކީ ‏www.presidencymaldives.gov.mv‏ އެވެ. ފޯމު ފުރިހަމަކުރައްވައި ‏‏ފޮނުއްވަންޖެހެނީ "ޚާއްޞަ އިނާމާބެހޭ ކޮމިޓީ" އަށް އެޑްރެސްކޮށް، 2014 ސެޕްޓެންބަރު 15 ވާ ‏‏ހޯމަ ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.‏