މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރުޞަތު މާދަމާ ހުޅުއްވައިލައްވައި، އެކަމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ. މި އިނާމާބެހޭ އިތުރު ތަފްޞީލު މަޢުލޫމާތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވުން މާދަމާ 11.30ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެއެވެ.
މި އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ.
މިއަހަރު ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، މި ދަންނަވާ ކަންކަމަށެވެ.
1. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
2. ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
3. މަސައްކަތްތެރިކަމާއި އުފެއްދުންތެރި ކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލު ކުރުން.
4. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.
އެނގިވަޑައިގަންނަވާނެ ފަދައިން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު މިހާރު ދެއްވަމުން ގެންދަވާ ދާއިރާތައް އިތުރަށް ފުޅާކުރައްވައި، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން ތަފާތު ބައިތަކުން އިނާމަށް ފުރުޞަތު ހުޅުއްވާލެއްވުމަށް، ޚާއްޞަ އިނާމާބެހޭ ކޮމިޓީއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އެހެންކަމުން، އެކަމަށް ކޮމިޓީން ރިޢާޔަތް ކުރައްވައި، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން މިއަހަރު 4 ދާއިރާއަކުން އިނާމު ދެއްވުމަށް ހުޅުއްވާލެއްވުމަށްވަނީ ނިންމަވާފައެވެ. މި ދާއިރާތަކާބެހޭ ތަފްޞީލުވެސް، މާދަމާ ހާމަކުރައްވާނެއެވެ.