‏ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ‏‏ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ. ‏‏މިދަންނަވާލަނީ މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖެވެ.

‏[ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު ‏‏މިންވަރު ކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. ‏‏އެއަށްފަހު، މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވައި، ‏‏މި މައްސަރުގެ ހެޔޮއެދުންތައް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ފޮނުވަމެވެ.‏

ރަމަޟާން މަހަކީ، މާތްﷲ މަތިވެރި ކުރައްވާފައިވާ ވަރަށް މާތް ރޫޙާނީ ‏‏މައްސަރެކެވެ. އެހެންކަމުން، މި މާތް މައްސަރުގެ ބަރަކާތާއި ހެޔޮ ދަރުމަ ލިބިގަނެ، ރޯދައިގެ ‏‏މަތިވެރި ވާޖިބު އަދާކޮށް، ޞަދަޤާތްދީ، ހެޔޮ ކަންތައްތައް އިތުރުކުރުމަކީ، އަޅުގަނޑުމެންގެ ‏‏މައްޗަށް އޮތް ވާޖިބެކެވެ. އަދި މިއީ ކީރިތި ޤުރްއާނުގެ މައްސަރު ކަމަށްވާތީ، ޤުރްއާނަށް އިތުރު ‏‏އަހަންމިއްޔަތު ކަމެއް ދެއްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް، މިމުނާސަބަތުގައި އަޅުގަނޑު ‏‏އިލްތިމާސް ކުރަމެވެ.

‏ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ‏‏އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އުޞޫލުތަކުގެ މަތީގައި ހަރުދަނާކަމާއެކު ސާބިތުވެ ތިބި ‏‏ބައެކެވެ. އެހެންކަމުން، މި ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ‏‏މިކަންކަމުގެ މަތިން ހަނދާންކޮށް، އިސްލާމީ ރީތި އުޞޫލުތަކަށާއި، މުޖްތަމަޢުގެ މަތިވެރި ‏‏ހަމަތަކަށް ސަމާލުކަން ދެއްވުމަށްވެސް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. ‏
‏ރާއްޖޭގެ ޒަމާންވީ އާދަކާދައިގެ މަތިން، މި ބަރަކާތްތެރި ރަމަޟާން މަހަށް ރާއްޖޭގެ ‏‏ރައްޔިތުން މިވަނީ ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެންފައެވެ. ހަމައެޔާއެކު، ރައްޔިތުންގެ ‏‏ލުއިފަސޭހައަށްޓަކައި ސަރުކާރުންވެސް ވަރަށްގިނަ މަސައްކަތްތަކެއް މިވަނީ ކޮށްފައެވެ. މިގޮތުން، ‏‏ރާއްޖޭގެ ގިނަ ޢަދަދެއްގެ މިސްކިތްތައް، ރަމަޟާން މަހަށްޓަކައި މިވަނީ މަރާމާތު ކުރެވި، އާބާތުރަ ‏‏ފިލުވާފައެވެ. އަދި ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ފަސޭހައިން ރައްޔިތުންނަށް ލިބޭނެ ‏‏އިންތިޒާމްތައް ހަމަޖައްސައި، ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް، އާދަޔާ ޚިލާފަށް ‏‏ބޮޑުވިޔަނުދީ ހިފެހެއްޓުމަށްވެސް ޚާއްޞަ ސަމާލުކަމެއް މިދަނީ ދެމުންނެވެ.

‏އަޅުގަނޑުގެ އުންމީދަކީ، މިފެށުނު ބަރަކާތްތެރި ރަމަޟާން މަހަކީ، ހުރިހާ ‏‏ގޮތަކުންވެސް އަޅުގަނޑުމެންނަށް ބާއްޖަވެރި މަހަކަށް ވެގެންދިޔުމެވެ.‏

މާތްﷲ، މި ބަރަކާތްތެރި މައްސަރުގެ ރޯދަ ހެޔޮގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު ‏‏އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ. އަދި މި މައްސަރުގެ ބަރަކާތާއި ހެޔޮ ދަރުމަ މިންވަރު ‏‏ކުރައްވާށިއެވެ." ‏

ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ‏‏ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ‏‏ތަހުނިޔާ ފޮނުއްވާފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ‏‏ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންވެސް މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ‏‏ތަހުނިޔާ ފޮނުއްވަމުން ގެންދަވައެވެ. ‏