‏އިސްލާމްދީނުގެ ފުރިހަމަކަމާއި، އެ ދީނުގެ ލުއިފަސޭހަކަމާއި، އެ ދީނުގެ ‏‏ސަމާޙަތްތެރިކަމުގެ ވާހަކަ، ރާއްޖޭގެ ޒުވާނުންނަށް ވިސްނޭފަދަ ބަހުރުވަޔަކުން ފޯރުކޮށްދެއްވައި، ‏‏ރާއްޖޭގައި މިއޮތް ސައްތައިންސައްތަ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓެވުމަށް ގަދައަޅައި މަސައްކަތް ‏‏ކޮށްދެއްވުމަށް ރާއްޖޭގެ ޢިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު ‏‏އަޙްމަދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އިލްތިމާސް ކުރެއްވީ، ‏‏މަސްޖިދުލްފުރުޤާން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްޖިދުލް ‏‏ފުރުޤާން ހުޅުއްވައިދެއްވުން އޮތީ މިއަދުގެ ޢަޞްރު ނަމާދު ވަގުތުއެވެ. ‏

‏ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ‏‏ފައިދާ ލިބިދެވޭފަދަ ގޮތަކަށް ޢިލްމުވެރިންގެ މަސައްކަތް ބައްޓަން ކޮށްދެއްވުމަށްވެސް ރާއްޖޭގެ ދީނީ ‏‏ޢިލްމުވެރިންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި މި ވަގުތަކީ، ރާއްޖެއަށާއި، ރާއްޖޭގެ ޒުވާނުންނަށާއި ‏‏މުޖުތަމަޢަށް، ދިނީ ގޮތުންނާއި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ގޮތުން ވަރަށް ގިނަ ގޮންޖެހުންތަކެއް، ‏‏އެތެރެއިންނާއި ތަފާތު ދިމަދިމާއިން ކުރިމަތިވަމުންދާ ދުވަސްކޮޅެއްކަންވެސް ފާހަގަކުރެއްވިއެވެ. ‏

‏ބަރަކާތްތެރި ރަމަޟާން މަހުގެ ފުރިހަމަ ފައިދާ ހޯއްދެވުމަށް ރާއްޖޭގެ ރައްޔިތުން ‏‏ސަމާލުވެވަޑައިގަތުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ‏‏އެމަނިކުފާނު ވިދާޅުވިގޮތުގައި، ކުރިއަށް އޮތް މަހަކީ، އަޅުގަނޑުމެން އެކުވެރިވާންވީ މަހެވެ. ވީހާވެސް ‏‏ގިނައިން ހެޔޮކަމާއި އަޅުކަމުގައި ވަގުތު ހޭދަކޮށް، އެމަހުގެ ފުރިހަމަ ބަރަކަތާއި ސަވާބު ހޯދުމަށްޓަކައި ‏‏އަވަސްވެގަންނަވަންވީ މަހެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިސްކިތުގެ މަސައްކަތް ‏‏ނިންމެވުމަށް ބޮޑު އިސްކަމެއް ދެއްވައިގެން، އެއްވެސް ކަހަލަ ދަތިކަމެއް ދިމާނުވާގޮތަށް ކަންތައްތައް ‏‏އިންތިޒާމު ކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު ‏‏އަދާކުރެއްވިއެވެ. އަދި މި މަސައްކަތް ވަރަށް ދިގު ދުވަސްތަކަކަށް ދެމިގެންދިޔުމަށްފަހު، ނިމުމަކާ ‏‏ހަމައަށް މި ގެނެވުނީ، އިސްލާމިކް މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީއާއި، މަސައްކަތުގެ ‏‏ކޮންޓްރެކްޓަރާއި، މާލޭ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއި ބުރަ މަސައްކަތާ އެކުގައިކަން ‏‏ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޙައްޤު ތަޢުރީފާއި ޝުކުރުއަދާކުރެއްވިއެވެ. ‏