ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި އެމަނިކުފާނުގެ އަނބިކަނބަލުން ޝިރާންތި ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ. ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ދެޤައުމުން އަހަންމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުތައް ފެށްޓެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެރައީސް ވަކިން ބައްދަލުކޮށްލެއްވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި، ރައީސް ރާޖަޕަކްސަގެ ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ވަރަށް ފުޅާ ދާއިރާއެއްގައި ބަދަހިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ސްރީލަންކާއަށް ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ރައީސް ރާޖަޕަކްސަގެ ވާހަކަފުޅުގައި، ރާއްޖެއަށް އެހީތެރިވުމަށް ސްރީލަންކާ ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތް ކަމުގައި ވިދާޅުވިއެވެ.

ރައީސް ރާޖަޕަކްސަގެ މި ދަތުރުފުޅުގައި، ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 3 އެއްބަސްވުމެއްގައި ސޮއި ކުރެއްވިއެވެ. މި 3 އެއްބަސްވުމަކީ، ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން" އާއި، ސްރީލަންކާގެ އިންވެސްޓްމަންޓް ބޯޑާއި، ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ސްޓްރެންތަނިންގ ކޯޕަރޭޝަން ބިޓްވީން ބޯޑް އޮފް އިންވެސްޓްމަންޓް އޮފް ޝްރީލަންކާ އެންޑް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އޮފް މޯލްޑިވްސް" އާއި، ހާލުގައި ޖެހޭ މީހުން ހޯދުމާއި، ސަލާމަތްކުރުމާބެހޭ އެއްބަސްވުން، "އެރޭންޖްމަންޓް އޮން ސަރޗް އެންޑް ރެސްކިއު" އެވެ.

މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ޖާފަތެއް ވަނީ ބާއްވަވާފައެވެ.