‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ސްރީލަންކާގެ ‏‏ރައީސް މަހިންދަ ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ‏‏މެންދުރުކުރީގައި ކުރުނބާ މޯލްޑިވްސްގައެވެ. ‏

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ‏‏ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވިއެވެ. ‏

މިބައްދަލުކުރެއްވުމުގައި،‏‎ ‎‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ‏‏ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތް ކަމަށާއި، މިގުޅުން ދެމެހެއްޓުމަށްޓަކައި ‏‏ސްރީލަންކާ ސަރުކާރާއި ރައްޔިތުން ކުރައްވާ މަސައްކަތްޕުޅަށާއި، ދިވެހިރާއްޖެއަށް ދެއްވާ ‏‏އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ސްރީލަންކާގެ ރައީސަށާއި ސަރުކާރަށް ޝުކުރު ‏‏އަދާކުރެއްވިއެވެ. ‏

ސްރީލަންކާ ރައީސްގެ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ސޮއިކުރެވުނު ‏‏3 އެއްބަސްވުމުގެ ސަބަބުން، ދެޤައުމުގެ ގުޅުން އިތުރަށް ތަރައްޤީވެގެން ދާނެކަމަށް އުންމީދު ކުރައްވާ ‏‏ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ‏

‏ރައީސް ރާޖަޕަކްސަގެ ވާހަކަފުޅުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ‏‏ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު ‏‏އަދާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއިން ބޭނުންވާ ކަންކަމުގައި ސްރީލަންކާ ސަރުކާރުން އަބަދުވެސް ‏‏އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ރާޖަޕަކްސަ ދެއްވިއެވެ. ‏