بســم اللّـه الرّحمـن الرّحيــم
‏ ‏
‎ ‎اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء ‏والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين. ‏


‏އަޅުގަނޑުމެންގެ މި ޙަފްލާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، ‏‏އަޅުގަނޑުމެންގެ އަޑު އައްސަވައި ބައްލަވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެހި ރައްޔިތުން، ‏‏ޚާއްޞަކޮށް، މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ދިވެހި ޒުވާނުން. ‏

السّــلام عليــكم ورحـمــة اللّـه وبـركاتـه،

‏އާދެ! މިރެޔަކީ އަޅުގަނޑުމެންގެ ރާއްޖެ މިކުރަން ފަށާފައި މިވާ ދަތުރުގައި، ‏‏އަނެއްކާވެސް އާ އުސްމިނަކަށް ދިޔުމަށްޓަކައި ފުރަތަމަ މަރްޙަލާގެ ބިންގާ އަޅާ ރޭ. އާދެ! ‏‏ރިސަރޗްތަކެއް ކުރެވިގެން، ވާހަކަތަކެއް ދެކެވިގެން، މަޝްވަރާތަކެއް ކުރެވިގެން، ޕީ.ޕީ.އެމް.ގެ ‏‏މެނިފެސްޓޯ، ރިޔާސީ އިންތިޚާބަށް އަޅުގަނޑު ނުކުތްއިރު އެކުލަވައިލެވިފައި އެވަނީ. ‏‏މެނިފެސްޓޯގައި މިހިމެނި ކަންތައްތަކުގައި، މަޓާޓޯއާއި އަދިވެސް ޞިނާޢަތުގެ އެހެން ބޭފުޅުންނާ ‏‏ބައްދަލުކޮށް، ވަރަށް މުއްސަނދި މަޢުލޫމާތު ބަދަލުކުރުމުގެ ޙިއްޞާތަކެއް ވަނީ ކުރެވިފައި. އޭގެ ‏‏ނަތީޖާވެސް ރަނގަޅު. އަޅުގަނޑުމެން އަބަދުވެސް މިބަލަނީ، ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ‏‏މިއޮންނަ ޓްރެޑިޝަނަލް، ނޫނިއްޔާ ކަސްޓަމަރީ ޕްރެކްޓިސްއިން ދުރަށް ގޮއްސަ، ދިވެހިރާއްޖެ ‏‏ތަރައްޤީ ކުރެވޭނެ ގޮތްތަކެއް ހުރިތޯ. ދިވެހިރާއްޖޭގައި ޓުއަރިޒަމް ފެށިގެން އައިގޮތް، އަދި ‏‏ޓުއަރިޒަމާ ދޭތެރޭގައި އޭރު ޚިޔާލުހުރިގޮތުގެ ހަމަ ކުޑަ ވާހަކައެއް، ދެންމެ މިނިސްޓަރ ސަޢީދުގެ ‏‏ވާހަކަފުޅުގައި، އެ ފާހަގަކުރެއްވީ. ‏

‏އާދެ! އޭރުގެ ކޮންސަލްޓަންޓުން، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ‏‏އިނގިރޭސިވިލާތުގެ ކޮންސަލްޓަންޓުން ދިވެހިރާއްޖޭގައި ޓުއަރިޒަމް ނުހިންގޭނެ ކަމަށް އޭރު ވަނީ ‏‏ސަރުކާރަށް ލަފާދީފައި. ސަބަބެއް ކަމަށް ބުނަނީ ހަމަ އެންމެ ސަބަބެއް. އެ ސަބަބަކީ، ‏‏ދިވެހިރާއްޖެއަކީ ސަތޭކައިންސަތޭކަ ރާއްޖެއަށް ބޭނުންވާ ތަކެތި އިމްޕޯޓްކުރާ ޤައުމަކަށްވެފައި، ‏‏ދިވެހިރާއްޖޭގައި މިއޮތީ، ހަމަ ދުރުގައި އަތުރާލެވިފައި ހުރި ވަރަށް ރީތި ‏‏ޖަޒީރާތަކަކަށްވިނަމަވެސް، ޓްރާންސްޕޯޓަކީ، ދަތުރުފަތުރަކީ މި އިންޑަސްޓްރީ ވަޔަބަލް ‏‏ކުރުމަށްޓަކައި، ހަމަ ޓޯޓަލީ އިމްޕޮސިބަލް ޚަރަދަކަށްވެގެންދާނެ ކަމަށް. ‏

‏އެހެންވީމާ، އެކަހަލަ އުނދަގޫ ވިސްނުންތަކަކާއެކީވެސް ދިވެހި ސަރުކާރުން އަދި ‏‏ދިވެހި އިންޑަސްޓްރީން، ޓޫރިޒަމް އިންޑަސްޓްރީން މަސައްކަތްކުރީ، އިރާދަކުރެއްވިއްޔާ، ﷲގެ ‏‏ރަޙްމަތާއެކީ މި އިންޑަސްޓްރީ ކާމިޔާބު ކުރެވޭތޯ. ތަފްޞީލަކަށްދާކަށް ނެތިން. ދިވެހިރާއްޖޭގައި ‏‏ޓުއަރިޒަމް ހިނގާގޮތް މިއީ ދުނިޔޭގައި ހޮސްޕިޓޭލިޓީ އިންޑަސްޓްރީއާ ބެހޭގޮތުން ‏‏ޔުނިވަރސިޓީތަކުގައި ލެކްޗަރ ނަގައިދޭއިރު، ދިވެހިރާއްޖެ، ކޭސް ސްޓަޑީއަކަށް ނެގިފައި އޮތް ‏‏ވާހަކަ ދަންނަވާލީމަ، ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ދޭތެރޭގައި ދުނިޔޭގައި ދެކޭގޮތް ‏‏ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ‏

‏މިރޭ އަޅުގަނޑުމެން އަނެއްކާވެސް މި ބަލަނީ، އަޅުގަނޑުމެންގެ ޓުއަރިޒަމް ‏‏ޑައިވަރސިފައި ކުރެވޭތޯ. ޓުއަރިޒަމް ތަފާތު ގޮތަކަށް ބައްޓަން ކުރެވޭތޯ. އޭގެ މާނައަކީ، މިހާރު ‏‏މިގެންގުޅޭ ރަށެއްގައި، ރިޒޯޓެއް އޮންނަ ކޮންސެޕްޓާ ދުރަށް ދިޔުމެއްވެސް ނޫން. އެކަން ‏‏ހިނގާނެ. އެޔާއެކީވެސް ތަފާތު ޓުއަރިޒަމްގެ ކޮމްސެޕްޓްތަކެއް ގެނެވޭތޯ މަސައްކަތް މިކުރެވެނީ. ‏‏އަޅުގަނޑުމެންގެ މުއްސަނދިކަމަކީ، ދިވެހިރާއްޖޭގައި މިހިރަ ރީތި ރަށްތައް. އަދި އެއަށްވުރެ ‏‏ބޮޑު މުއްސަނދިކަމަކީ، އެރީތި ރަށްތަކާ ގުޅިފައިވާ ނަލަ ފަޅުތައް. މި ފަޅުތަކުގެ ބޭނުން ‏‏އަޅުގަނޑުމެންނަށް، ޓުއަރިޒަމަށް ހިފެންވާނެ. މި ފަޅުތަކުގެ ބޭނުން މިއަދުވެސް ޓުއަރިޒަމްގައި ‏‏އެބަ ހިފަމުން ގެންދޭ. އަޅުގަނޑުމެންގެ ފެތުރިފައި މިއޮތް ޓުއަރިޒަމް ކޮންސެޕްޓުން ‏‏އަޅުގަނޑުމެން ވަރޓިކަލް ޓުއަރިޒަމަށް، ނޫނިއްޔާ އުސްމިނަށް ދަތުރުކުރާ ޓުއަރިޒަމްގެ ‏‏ބޭނުމަކަށްވަނީ، ދިވެހިރާއްޖޭގައި ތަފާތު ޓުއަރިޒަމްގެ ފްލޭވަރ، ރަހަޖެއްސުމެއް ގެނައުން.‏
‏ ‏
‏ހަމައެހެންމެ، އަޅުގަނޑުމެން މި އިންޓްރޮޑިއުސް ކުރާ ސްޓްރާޓަރ ޑިވެލޮޕްމަންޓް، ‏‏ނޫނިއްޔާ ކޮމިއުނަލް ޓުއަރިޒަމް ޑިވެލޮޕްމަންޓަކީ، އިންޓަރގްރޭޓެޑް ޓުއަރިޒަމް ‏‏ޑިވެލޮޕްމަންޓަކީވެސް އަނެއްކާވެސް މިއަށް އަންނަ ޑައިވަރސިފިކޭޝަނެއް. މިދަނީ ‏‏އަޅުގަނޑުމެންގެ ޕްރޮޑަކްޓް ޑައިވައިސިފައިވެގެން. އެހެން ނަމަވެސް، ހަމަ އެޔާއެކީ ‏‏ވިސްނާލަންޖެހެނީ، މި އިންޑަސްޓްރީއަށް ކުރިމަތިލާން ތިބި ޒުވާނުންތަކަކަށް ފުރްޞަތު ދިނުމުގެ ‏‏މައިގަނޑު މަސައްކަތް މި ކުރެވެނީ. ޢާންމުކޮށް، އެއްރަށެއްގައި އެއް ރިޒޯޓް ކޮންސެޕްޓެއް ‏‏ޑިވެލޮޕް ކުރެވެން މިހުރި ތަންތަނުގައި، އަޅުގަނޑުމެން މި ޚިޔާލުކުރަނީ، މި ތުނބުރި ‏‏ކޮންސެޕްޓް، ނޫނިއްޔާ މިރަށުގެ ނަމުން މި ކޮންސެޕްޓަށް، އަޅުގަނޑުމެން، ނޫނީ މި ‏‏ޕްރޮޖެކްޓަށް ނަންދެވިގެން، މިރޭ އިފްތިތާޙު މިކުރެވެނީ، ލޯންޗް މިކުރެވެނީ. ‏

‏އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައި ޓުއަރިޒަމް ފެށިގެން އަންނަގޮތް، ‏‏މިނިސްޓަރ އަދީބުގެ ވާހަކަފުޅުގައި އަދި އެމް.އެމް.ޕީ.އާރު.ސީ.ގެ ފަރާތުން ޒިއަތުގެ ‏‏ވާހަކަފުޅުގައި، އިންޓްރޮޑަކްޝަންގައި އަޅުގަނޑުމެންނަށް ތަޢާރުފްވެގެންދިޔައީ. އޭގެ ‏‏ތަފްޞީލަކަށްދާކަށް ނެތިން. އެހެން ނަމަވެސް، ހަމަ ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، ‏‏ލޮޖިސްޓިކަލް ހުރިހާ ސަޕޯޓެއް މިއަންނަނީވެސް ވިޔަފާރީގެ އުޞޫލުން ތަފާތު ބަޔަކު ދޭގޮތަށް. ‏‏ދެން މިއޮންނަނީ ޕްރޮޑަކްޓް ޑައިވައިސިފައި ކުރުމުގެ ގޮތުން، ޕްރޮޑަކްޓްގެ އިންޓަރގްރޭޓަޑް ‏‏އެކިއެކި ކޮމްޕޯނަންޓްތައް. އޭގެތެރޭގައި، ޓުއަރިޒަމް ޑިވެލޮޕްމަންޓަށް މި ބޭނުންވާ ‏‏އެކޮމޮޑޭޝަން. އެކޮމޮޑޭޝަންގައިވެސް ތަފާތު ފްލޭވަރ އެބަހުރި. ބީޗް އައިލެންޑް ކޮންސެޕްޓް، ‏‏ނޫނީ ބީޗް ގެސްޓްހައުސް ކޮންސެޕްޓާއެކީ ރަށުތެރޭގައި ޑިވެލޮޕްމަންޓްގެ ކޮންސެޕްޓް އެބަހުރި. ‏‏ހަމައެޔާއެކީ، ތަފާތު ބަދިގެތައް، ތަފާތު ރެސްޓޯރެންޓްތައް، މިއީ ހަމަ މުޅިން ޓޯޓަލީ ތަފާތު ‏‏އިންވެސްޓްމަންޓެއް ގޮތަށް ދާނީ. މިއީކީ ކޮންމެހެން ގެސްޓްހައުސް، ނޫނިއްޔާ މިތާ މިހުންނަ ‏‏ހޮޓެލް ޕްރޮޕަޓީގެ އޯނަރ އިންވެސްޓްކުރާ ކަމަކަށް ވެގެނެއް ނުދާނެ. ދެން އެޔާއެކީ ކްލަބާއި، ‏‏ބީޗްހައުސްތަކާ، މިއީވެސް ހަމަ މުޅިން ތަފާތު އިންޓަރގްރޭޓެޑް ޕްރޮޑަކްޓެއްގެ ތެރެއިން ހިންގޭ ‏‏ތަފާތު މެނޭޖްމަންޓެއްގެ ދަށުން ހިންގާނީ. ކޮމިއުނަލް ސަރވިސަސް މެނޭޖްކުރާނީ، ވިޔަފާރީގެ ‏‏އުޞޫލުން ވިޔަފާރި ކުންފުންޏަކުން، ނޫނިއްޔާ ކޮންސޯޓިއަމަކުން ކަމުގައިވާކަމަށްވަންޏާ، އެކަން ‏‏ކުރުމުގައި އެކޮމޮޑޭޝަންގައި އިންވެސްޓްކޮށްގެން އުޅޭ ހޮސްޕިޓޭލިޓީގެ އެހެން ދާއިރާތަކުގައި، ‏‏މިސާލަކަށް، ޑައިވިން ސްކޫލްގައި، ނޫނިއްޔާ ނައިޓް ސަފާރީގައި، ނޫނިއްޔާ ރެސްޓޯރެންޓްގައި ‏‏އިންވެސްޓްކޮށްގެން އުޅޭ ފަރާތްތަކުން ވިސްނާކަށް ނުޖެހޭ. މީގެ ބޭނުމަކަށްވަނީ، އަޅުގަނޑަށް ‏‏ދެއްވާފައި ހުރި ހިސާބުތައް އަޅުގަނޑު ބަލައިލިން. މިއިން ކޮންމެ ތަފާތު މާކެޓަބަލް ‏‏ކޮންސެޕްޓަކުން އިންޓަރނަލް ރޭޓް އޮފް ރިޓަރން މިއުޅެނީ ގާތްގަނޑަކަށް 15 ޕަސެންޓަށްވުރެ ‏‏މަތީގައި. އެއީ ހަމަ ވަރަށް އެޓްރެކްޓިވް އިންޓަރނަލް ރޭޓް އޮފް ރިޓަރންއެއް. ކުރަންޖެހޭ ‏‏އިންވެސްޓްމަންޓްގެ ސައިޒް ކުޑަ. ގާތްގަނޑަކަށް މި ރިޒޯޓް ކޮންސެޕްޓަށްދާ ކަމަށްވަންޏާ މިއީ ‏‏ރެސްޓޯރެންޓްތަކުގެ ވާހަކައެއް ނޫން. ރެސްޓޯރެންޓް އިންވެސްޓްމަންޓް މިއަށްވުރެ ‏‏ކުޑަވާނެކަންނޭނގެ. ޓުއަރިޒަމްގެ އެކޮމޮޑޭޝަން ކޮންސެޕްޓަކަށްދާ ކަމަށްވަންޏާ މިދައްކަނީ ‏‏އަންޑަރ 20 މިލިއަން ޑޮލަރސްގެ ވާހަކަ. އެކަމަކު އަޅުގަނޑުމެން މިއަދު ރާއްޖޭގައި، ‏‏އެއްރަށެއްގައި ފައިވް ސްޓާރ ޕްލަސް، މި ކެޓަގަރީއަށް މިދާންޖެހެނީ، މާކެޓް ރެޒިލިއަންސް ‏‏ހޯދުމަށްޓަކައި. މި ދާއިރު މިއުޅެނީ 80 މިލިއަނަށްވުރެ މަތީގައި، އަޅުގަނޑުމެންގެ ‏‏އިންވެސްޓްމަންޓް މިއުޅެނީ. އެހެންވީމާ، މިދާއިރާއަކަށް އާ ކެޕިޓަލިސްޓުންނަކަށް ޒުވާން ‏‏ވިޔަފާރި ވެރިންނަކަށް ވަދެވޭނެ ހަމަ އެއްވެސް ފުރްޞަތެއް ނެތް. ރާއްޖޭގެ ޘަޤާފަތާއި ނޫނީ ‏‏އަޅުގަނޑުމެންގެ ވިސްނުމާ އެހާ ދޯޅުކަމަކަށް މިހާތަނަކަށް ވެފައެއްނެތް، ތަފާތު އެކިއެކި މީހުން ‏‏ޙިއްޞާވެގެން އުފައްދާ ކުންފުނި، މިތަނުގައި ބޮޑެތި އިންވެސްޓްމަންޓް ކުރިއަށް ގެންދާކަށް. ‏‏ރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކީ އުފެދިފައި ހުރި ބްރޭންޑްތައް އުފެދިފައި މިހިރީ ހަމަ ‏‏ޕްރޮޕަރޓިޝިޕް ގޮތަކަށް. މިސާލަކަށް، ވިލާ ހޮޓެލްސް އަށް ބެއްޔަސް، ޖޭ. ހޮޓެލްސް އަށް ‏‏ބެއްޔަސް، ސަން ބްރޭންޑިންގ އަށް ބެއްޔަސް، ޔުނިވަރސަލަށް ބެއްޔަސް، މިހުންނަނީ ‏‏ފެމިލިއަރ މޫނު، ނޫނިއްޔާ ވަކިވަކި ފަރުދުންގެ އިންވެސްޓްމަންޓްތައް. ކޯހިބިޓެއް ނުކުރޭ، ‏‏ތަފާތު ޚިޔާލުގެ، ތަފާތު ވިޔަފާރިވެރިން ސިންޑިކޭޓް ކޮށްގެން، ކޮންސޯޓިއަމް ހަދައިގެން، ‏‏ނޫނިއްޔާ ޕާޓްނަރޝިޕް ޑިވެލޮޕްވެގެން ކުރާ ވިޔަފާރި، އެހާ ކާމިޔާބުކަމާއެކީ ކުރެވިފައެއް ނެތް. ‏‏ހަމައެކަނި އެގޮތުން ފާހަގަކުރަންޖެހޭ، ކާމިޔާބުކަމާއެކީ ކުރެވިފައި ހުރި ތަންތަނަށް ‏‏ބަލާކަމަށްވަންޏާ، މިސާލަކަށް، ހަމަ ކޮންމެ ކަމެއްގައިވެސް އިސްތިސްނާ އުޅޭނެ. ކްރައުންއަކީ ‏‏މިކަހަލަ ތަފާތު ރިޒޯޓް އޯނަރ ކުންފުންޏެއް. ‏

‏އެހެންވީމާ، މިހާރު މި އެސްޓެބްލިޝް ކުރެވޭ ކޮންސެޕްޓްގައި، މިހާރު މިހުޅުވާލެވޭ، ‏‏ތަޢާރުފް ކުރެވޭ ކޮންސެޕްޓްގައި، އަޅުގަނޑުމެން އިންވައިޓް މިކުރަނީ، އެކިއެކި ކުދިކުދި ‏‏ވިޔަފާރިތަކާއި، މެދުފަންތީގެ މި ޞިނާޢަތަށް އިންޓްރެސްޓް ހުރި ފަރާތްތަކުން އައިސްފައި، ‏‏ފައިސާ ޗިޕިންގ ކޮށްގެން، ނޫނިއްޔާ ބޭންކް ފެސިލިޓީގައި ދިޔަ ކަމުގައިވީނަމަވެސް، ‏‏ފަސޭހަކަމާއެކީ ނެނގޭ ޢަދަދުތަކަށް ބިނާކޮށްގެން، ފަތުރާ ފަތުރުވެރިކަމެއްގެ ގޮތުގައި މިއޮތީ. ‏‏ދެން ދިވެހިރާއްޖޭގައި މި ކޮންސެޕްޓް، ވަރަށް މުއްސަނދި އާ ކޮންސެޕްޓަކަށް ވެގެން މިދަނީ. ‏‏އެހެން ނަމަވެސް، އެޔާއެކީވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މި ސްޓްރާޓާ ނޫނިއްޔާ ‏‏ކޮމިއުނަލް ޓުއަރިޒަމް ޑިވެލޮޕްމަންޓަކީ، ދުނިޔޭގައި މުޅިން ކަމެއް ނޫން. ދުނިޔޭގައި މިހާރުވެސް ‏‏އެބަހުރި. މިސާލަކަށް، އޮސްޓްރޭލިއާއަށް ބަލާކަމަށްވަންޏާ ސްޓްރާޓާ، މިއީ ޓުއަރިޒަމް ‏‏ޑިވެލޮޕްމަންޓް، ނޫނީ ކޮމިއުނަލް ޓުއަރިޒަމް ޑިވެލޮޕްމަންޓަކީ، ހަމަ ކާމިޔާބުކަމާއެކީ ހިނގާ ‏‏ކަމެއް. ދިވެހިރާއްޖެއަށް މިއަންނަނީ އޭގެ މޮޑިފައިޑް އޭގެ އާ ވަރޝަނެއް މިއަންނަނީ. މުޅިން ‏‏އާ ކޮންސެޕްޓަކާއެކީ މިއަންނަނީ. މީގެ ފަސޭހަކަން، ނޫނިއްޔާ މީގެ ތަނަވަސްކަން ލިބިގެން ‏‏މިދަނީ އެންމެ ފަރުދަކަށެއް ނޫން. މިކަހަލަ ކޮންމެ ކަމެއް ކުރާއިރު، އަޅުގަނޑުމެންގެ މިއަދުގެ ‏‏ސަރުކާރުގެ، އަޅުގަނޑުމެންގެ އިކޮނޮމިކް ޓީމުގެ އަދި ޕީ.ޕީ.އެމް. ސަރުކާރުގެ އަމާޒަކަށްވެފައި ‏‏މިއޮތީ، ގިނަބަޔަކަށް ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދިނުން. މިސާލަކަށް، މިރަށުން އެކަނި، ‏‏މިރަށުގެ 2000 އެނދުގެ ކޮންސެޕްޓްގެ ތެރެއިން އެކަނި 4000 ނޫނީ 4500 ވަޒީފާ ‏‏އުފެދިގެންދާނެ. އެއީ، ހަމަ ޑިރެކްޓް ޖޮބް އޮޕަރޗުނިޓީޒް. އެކަމަކު މިޔާއެކީ މިއަންނަ ސަޕޯޓް ‏‏ސަރވިސަސްއާއި، ލިންކޭޑް އިންޑަސްޓްރީއަށް ބަލާކަމަށްވަންޏާ، މީގެ ވަޒީފާގެ އަދަދު އެތައް ‏‏ތަނެއް އިތުރުވެގެންދާނެ. ‏

‏މިރޭވެސް އަޅުގަނޑު ސިނިކްސް އަށް ދަންނަވާލަން އޮތް ވާހަކައަކީ، ސަރުކާރަށް ‏‏ކުރެވޭނެ މަސައްކަތަކީ، އިންޑަސްޓްރީއަށް ކުރެވޭނެ މަސައްކަތަކީ، ވަޒީފާގެ ފުރްޞަތު ‏‏ތަނަވަސްކޮށްދިނުމޭ. އެކަމަކު ވަޒީފާ އަދާކުރަން ތިބި ބައެއްގެވެސް އެވަރުގެ ކެރުންތެރިކަމެއް، ‏‏ވަޒީފާއަށް ނުކުތުމަށް ހޭލުންތެރިކަމެއް ހުންނަންވާނެ. ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދިނުމަށް ‏‏ސަރުކާރުން އެތަކެއް މަސައްކަތްތަކެއް އެބަކުރޭ. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ‏‏މެނިފެސްޓޯގައި ކޮމިޓްކޮށްފައި އޮތްގޮތަށް، ވަޒީފާގެ ފުރްޞަތު ހޯދުމުގެ މަސައްކަތް، ‏‏އަޅުގަނޑުމެންގެ މި 5 އަހަރުގެ ދައުރުގެ ތެރޭގައި، އަޅުގަނޑުމެން ކުރާނަން.‏

‏މި ކޮންސެޕްޓް އައުމާއެކީ، އަޅުގަނޑުމެންނަށް ދެން ފެނިގެން މިދަނީ، ‏‏މި ކޮންސެޕްޓްގެ އެޑްވާންޓޭޖަކަށް މިދެންނެވެނީ، ޒުވާން ވިޔަފާރިވެރިންނަށް ޖާގަ ލިބިގެން ‏‏ދިޔުން. ދެންމެ މިނިސްޓަރ ސަޢީދު، އެ ކަށަވަރުކަން ދެއްވީ، އެޝުއަރެންސް ދެއްވީ، ‏‏އެސް.އެމް.އީޒް އަށް މިހާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިފައި ހުރި ފެސިލިޓީގެ ތެރެއިން ‏‏މިކަންތަކަށް ކުރިމަތިލާ މީހުންނަށް އިސްކަން ދެއްވާނަމޭ. އެސް.އެމް.އީޒް އަށް މި އިސްކަން ‏‏ދެއްވާ ދެއްވުމުގައި، އަޅުގަނޑަށް މިހާރުވެސް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، އެ ‏‏މިނިސްޓްރީގައިވެސް، އަދި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގައިވެސް މި ލޯނު ‏‏ދޫކުރުމަށް ގެންގުޅުއްވާ ސްކީމްގައި، އަންހެން އޮންޓްރަޕްރިނަރުންނަށް އިސްކަން ދެއްވައި، ‏‏ޒުވާން ކެޕިޓަލިސްޓުންނަށް އިސްކަން އެބަ ދެއްވާ. އެހެންވީމާ، އަޅުގަނޑުމެންގެ މި ‏‏މަޝްރޫޢުވެސް ހާމަވެގެންދާއިރު، ފެތުރިގެންދާއިރު، މި ވިޔަފާރިއަށް ނުކުންނަ ޒުވާން ‏‏އިންޑަސްޓްރިލީޒުންނަށް ނޫނީ އޮންޓަރޕްރިނަރުންނަށް އިސްކަން ލިބޭނެ. ހަމައެހެންމެ، ‏‏ވިޔަފާރީގެ ދާއިރާއަށް މި ޝައުޤުވެރިކަން ހުންނަ އަންހެން ބޭފުޅުންނަށްވެސް އިސްކަން ދެވޭނެ. ‏

‏ޓުއަރިޒަމްގެ ޞިނާޢަތަކީ، އަންހެން އޮންޓްރޕްރިނަރުން އެ ޞިނާޢަތުން ‏‏ނުފެންނަންވީ ޞިނާޢަތެއް ނޫން. މިގޮތަށް ސްޓްރާޓާ ޓުއަރިޒަމަށްދާ ކަމަށްވަންޏާ، މި ‏‏ކޮންސެޕްޓްގެ ތެރެއިން އިންޓަރގްރޭޓެޑް ވުމަށް އަންހެނުންނަށްވެސް، ޒުވާނުންނަށްވެސް ‏‏ފަންކްޝަނަލީ އިންޓަރގްރޭޓްވުމުގެ ފުރްޞަތު ހަމަ ތަނަވަސްވެގެން އެބަދޭ. އެހެންވީމާ، ‏‏އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ، މި ފެށޭ، މި ލޯންޗް ކުރެވޭ ‏‏ޕްރޮޖެކްޓަކީ، އޭގެ ޒާތުގައި ވަޔަބަލް، އަދި އޭގެ ޒާތުގައި ކާމިޔާބު މަޝްރޫޢަކަށް ވެގެންދާނޭ. ‏

‏އަޅުގަނޑުމެން މި ފަށަނީ ހައްދުންމަތިން. އެކަމަކު އެޔާއެކީ މި މަޝްރޫޢު ‏‏ފެތުރިގެންދާނެ، ރާއްޖޭގެ އެކިހިސާބުތަކަށް. އަތޮޅުތެރޭގެ އެކިހިސާބުތަކަށް ދާނެ. އެހެންވީމާ، ‏‏އަޅުގަނޑުމެންގެ ޓުއަރިޒަމް އިންޑަސްޓްރީ، ދެން ބިނާވެފައި އޮންނާނީ، މިހާރު މިއޮންނަ ‏‏ގޮތަކަށް، ވަން އައިލެންޑް ރިޒޯޓް ކޮންސެޕްޓަކަށެއް ނޫން. އެޔާއެކީގައި، މިދެންނެވި ފްލޭވަރ، ‏‏ނޫނިއްޔާ މިދެންނެވި ޕްރޫލަރިޓީ އަޅުގަނޑުމެންގެ ޓުއަރިޒަމް އިންޑަސްޓްރީން ފެނިގެންދާނެ. ‏‏މިކަންކަމުގެ ބޭނުމަކަށްވަނީ، އާޚިރު ބޭނުމަކަށްވާނީ، އަޅުގަނޑުމެން ވިސްނާފައި އޮތް ގޮތުން ‏‏ވެއްޖިއްޔާ، ވަޒީފާގެ ފުރްޞަތު އިތުރުވުމާއެކީ، އެތައް ބައިވަރު ދިވެހި އާ ޒުވާނުންނެއް، ‏‏އިޤްތިޞާދުގެ ތަނަވަސްކަމުގައި، ކުރިއަށް ދިޔުމުގެ ފުރްޞަތު، ނޫނިއްޔާ ޕަޔަރނިއަރ ކުރަން ‏‏ފުރްޞަތު ލިބުމާއެކީ، 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު، އަޅުގަނޑުމެންގެ ޕަރ ކެޕިޓަލް ‏‏ޖީ.ޑީ.ޕީ އިންކަމް މިހާރު އޮތްވަރުން ދެގުނަ އިތުރުވެގެން ދިޔުން. މިއީ، އަޅުގަނޑުމެން ‏‏އަންދާޒާކުރާގޮތް. ﷲގެ ރަޙްމަތާއެކީ ދިވެހިރާއްޖޭގައި މިހާރު މިއޮތް ހަމަޖެހުން ދެމެހެއްޓި، އަދި ‏‏ސިޔާސީގޮތުން މިކުރެވޭ މަސައްކަތުގައި، އިރާދަކުރެއްވިއްޔާ ސިޔާސީ ޕާޓީތަކުންވެސް އަދި ‏‏ޕޮލިޓިކަލް ރެޓްރިކް ކިތަންމެވަރަކަށް ދިޔަނަމަވެސް، އަޅުގަނޑުމެން މިކުރާ މިކަހަލަ ތަރައްޤީގެ ‏‏މަޝްރޫޢުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހުރިހާ ޕާޓީތަކުން އެއްބާރުލުން ލިބޭ ‏‏ކަމަށްވަންޏާ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މި ކޮންސެޕްޓްތައް ކާމިޔާބު ކުރެވޭނެ. ‏

‏މި ކޮންސެޕްޓްގައިވެސް އެންމެ މުހިންމު ކަމަކަށް މިވަނީ، ހަމަ އެކަށީގެންވާ ‏‏މުއްދަތެއް ލިބިގެންދިޔުން. މިއިން ކޮންމެ ކޮންސެޕްޓެއް މިވަނީ، ދެންމެ މިނިސްޓަރ ސަޢީދުގެ ‏‏ވާހަކަފުޅުގައި އެފާހަގަކުރެއްވި ގޮތުން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކަށް. އަޅުގަނޑުމެންގެ ‏‏ޓުއަރިޒަމްގެ ރަށްތައް ފެށިގެން އައިސް، ތަރައްޤީކޮށްފައި މިވަނީވެސް ކޮންމެ ރަށަކަށް ބޭނުންވާ ‏‏ޓޯޓަލް ޑިއުޓީ ފްރީ ޕެކެޖް ދީފައި. ޓެކްސް އެގްޒެމްޕްޝަން ދީފައި. އަދި އެތަންތަނަށް މުދާ ‏‏ގެންދިޔުމުގެ ފަސޭހަކަމެއް ދީފައި. އަދި އެތަންތަނަށް ބޭނުންވާ އެހެން ވަސީލަތްތަކުގެ ފަސޭހަ ‏‏ކަންތައްތަކެއް ދީފައި. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބެކްބޯނަކީވެސް ޙަޤީޤަތުގައި ޢާންމުކޮށް ‏‏ސަރުކާރެއްގައި، ޢާންމުކޮށް ދައުލަތެއްގައި ޢަމަލުކުރާ އުޞޫލާ ތަފާތުކޮށް، އިސްތިސްނާތަކެއް ‏‏އެ ފާހަގަކުރެވޭ ސަރަޙައްދަކަށް ދިނުން. އޭގެ ޓެކްސް ރެޖީމުގެ ތެރޭގައި ނޫނީ ފިޒިކަލް ‏‏ޕޮލިސީސްގެ ތެރޭގައި، ޓެކްސް އެޑްމިނިސްޓްރޭޝަނުން ޢަމަލުކުރާގޮތް، އިމްޕޯޓް އެކްސްޕޯޓް ‏‏ކުރުމަށް، ނޫނިއްޔާ ޓެކްސް ފޭސް ދިނުމަށް މިއީ އެންމެ ބޮޑަށް ހިމެނޭ ކަންކަން. ‏‏އަޅުގަނޑުމެންގެ އައިހޭވަން ޕްރޮޖެކްޓް މި ވެގެންދަނީ، މީގެ އެންމެބޮޑު މަޝްރޫޢަށް. އެކަމަކު ‏‏އެޔާއެކީ އަންނަންހުރީ ހަމަ މިކަހަލަ ތަފާތު މަޝްރޫޢުތައް. އައިހޭވަންއެއް ނޫން. މިދެންނެވި ‏‏ގޮތަށް އިންޓަރގްރޭޓެޑް އިކޮނޮމިކް ޕްރޮޖެކްޓްތަކެއް. އެކަމަކު މިކަންކަން އަޅުގަނޑުމެންނަށް ‏‏ކުރެވެން މި އަންނަނީ، މިދެންނެވި ގޮތަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް ‏‏ޤާއިމުކުރުމަށް.‏

‏ މިހާރު އޮތް ޤާނޫނަށް މި އަންނަނީ ހަމަ ބޮޑު ބަދަލެއް. މިހާރު އޮތް ޤާނޫނުގައި ‏‏މިއޮންނަނީ އެންމެ ފޮޅުވަތެއް. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތަންތަނެއްގައި، ދިވެހިރާއްޖޭގެ ‏‏ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް އުފެއްދިދާނޭ. އުފެއްދުމަށް ބޭނުންވާ ޤަވާޢިދު ހެދުމުގެ ‏‏ބާރު، ރައީސުލްޖުމްހޫރިއްޔާއަށް އެބަ ލިބޭ. އެހެން ނަމަވެސް، ބޮޑެތި މަލްޓި މިލިއަން ޑޮލަރު ‏‏އިންވެސްޓްމަންޓް ރާއްޖެއަށް ގެންނަ ކަމަށްވަންޏާ، މިއީކީ އަޅުގަނޑުމެންނަށް ފުއްދާލެވޭނެ ‏‏ކަމެއް ނޫން. އެންމެ ކުޑަމިނުން ޤާނޫނުއަސާސީގައި އެބުނާގޮތަށް، 99 އަހަރު ނޫނީ ފްރީ ‏‏ހޯލްޑެއްގެ ޓެނުއަރ އެބަ ލިބެންޖެހޭ. މީގެ ބޭނުމަކަށްވަނީ، މިހާރު މިހިނގާ ރިޒޯޓްތަކުގައިވެސް ‏‏އިންވެސްޓްމަންޓްގެ ރިޓަރން 12 އަހަރު ފަހުން ލިބޭ ބޮޑެތި ރިޒޯޓްތައްވެސް އެބަހުރޭ. ނޫނީ ‏‏އެއަށްވުރެ ފަހު މުއްދަތެއްގައިވެސް ލިބޭ ރިޒޯޓްތައް އެބަހުރި. އަޅުގަނޑުމެންނަށް ދިގު ‏‏މުއްދަތެއް ދެވޭކަމަށްވަންޏާ، ފުރަތަމައިނުންވެސް އެމީހުންގެ ކެޕިޓަލް ސްޓްރަކްޗަރ، ނޫނިއްޔާ ‏‏ލެވްރެޖް ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބޯޑްރޫމްތަކުގައި ނިންމަން ފަސޭހަ އެބަވޭ. ‏‏އެހެންވީމާ، އަޅުގަނޑުމެން ޚިޔާލު މިކުރަނީ، ﷲގެ ރަޙްމަތާއެކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ‏‏ބިލް، މަޖިލީހުން މެންބަރުން ފާސްކޮށްދެއްވާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ‏‏ޝައްކުކަމެއް އުފެދޭތީކީ ނޫން. ފާސްކޮށްދެއްވާނެ އިރާދަކުރެއްވިއްޔާ. އެއީ އަޅުގަނޑުމެން ‏‏ތަރައްޤީއަށް ކުރާ މަސައްކަތް. އެޔާއެކީ ހަމަ އޭގެ ބެނެފިޓް މިހާރު ޓޫރިޒމް އިންޑަސްޓްރީއަށް، ‏‏އެގްޒިސްޓިންގ ޞިނާޢަތަށްވެސް ލިބިގެންދާންވާނެ ކަމަށް. މިހާރު ހުރި ރަށްރަށުގެ މުއްދަތުވެސް ‏‏ދިގުކުރެވޭނޭ ފޯމިއުލަރތަކަކަށް މިހާރު ޓުއަރިޒަމް މިނިސްޓްރީއާއެކީ މަސައްކަތް ކުރެވެމުން ‏‏ދަނީ. މިކަންކަމުގެ ބޭނުމަކަށްވާނީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށްވެސް ‏‏ކަށަވަރުކަން ދިނުން. އިތުބާރާއި ޔަޤީންކަން ދިނުން. އަދި ހަމައެހެންމެ، ދިވެހި ޞިނާޢަތުގައި ‏‏ކުރިއަށްދާން ބޭނުންވާ މިހާރު އެގްޒިސްޓްވާ އޮންޓަރޕްރިނަރުންނަށް އަދި އަލަށް މިދާއިރާއަށް ‏‏ނުކުންނަން ބޭނުންވާ ޒުވާނުންނަށްވެސް ހިތްވަރުދިނުމާއެކީ ކަށަވަރުކަން ދިނުން.‏

‏ ސިޔާސީގޮތުން މިއޮންނަ ހަމަޖެހުން، ދެމިގެން މިދަނީވެސް ހަމަ މިބޭނުމަށްޓަކައި. ‏‏އަޅުގަނޑުމެން ބޭނުމެއްނުވޭ، ކުރީގައި ހުރި މައްސަލަތައް ނަގާ ބަލާކަށެއް. އެއީ، ‏‏އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އޭގެ ޒާތުގައި އެކަންކަން ތަޙުޤީޤުކުރާ ބަޔަކު، ނޫނިއްޔާ ‏‏ޤާނޫނުއަސާސީއިން މެންޑޭޓްކޮށްފައި އޮތް ބަޔަކު ކުރާ މަސައްކަތެއް ކުރާނެ. އެކަމަކު ސަރުކާރުގެ ‏‏އިންޓްރެސްޓްގައި އޮތް ކަމެއް ނޫން، ސަރުކާރުން ޕުޝްކޮށްގެން މިކަންކަން ކުރުން މިއީކީއެއް. ‏‏އަޅުގަނޑުމެންގެ ސަރުކާރުން، ޚާއްޞަކޮށް، އަޅުގަނޑުމެންގެ އިޤްތިޞާދީ ޓީމުގައި މަސައްކަތް ‏‏ކުރައްވާ އިކޮނޮމިކް ކައުންސިލްގެ މިނިސްޓަރުންނާއި އަދި އަޅުގަނޑުމެންގެ ދެން ތިއްބެވި ‏‏އެހެން ވަޒީރުންގެވެސް އެންމެބޮޑު މަޝްރޫޢަކީ، އެންމެބޮޑު ވިސްނުމަކަށް މިއޮތީ، މި 5 ‏‏އަހަރުގެ ތެރޭގައި ރައްޔިތުންނަށް އަޅުގަނޑުމެން ގެނެސްދޭން ބޭނުންވަނީ، ރައްޔިތުންނަށް ‏‏ބޭނުންވާ ތަރައްޤީ. އެ ތަރައްޤީ އަންނަން ބޭނުންވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރު ‏‏މިއޮތް މަރްޙަލާއިން ނޫނީ މިހާރު މިއޮތް ފަށަލައިން އެހެން ފަށަލައަކަށް ގޮސްގެން. ‏‏އަޅުގަނޑުމެންގެ އިޤްތިޞާދު ދެގޮތަކަށް ކުރިއަށް ދާން އޮންނާނެ. ދެން އަޅުގަނޑު މިވާހަކަ ‏‏މިދަންނަވަނީ، އެއްގޮތަކަށްވެސް ވާހަކަ ދިގުކުރާކަށްވެސް ނޫން. އެއްގޮތަކީ މިހާރު މިދާ ‏‏ސްޕީޑްގައި، ކޮންމެ އަހަރެއްގައި އެނުއަލް ގްރޯތެއް، އިންކްރިމަންޓަކާއެކީ ކުރިއަށް ދިޔުން. ‏‏އެއީ، އޭގެ ޒާތުގައި ޠަބީޢީގޮތުން އަންނަ ގްރޯތް. އަނެއް ގްރޯތަކީ އޭގެ ޒާތުގައި ސަރުކާރުގެ ‏‏ޕޮލިސީން ޑިރެކްޓްކުރާ ގްރޯތް. އޭގެ މާނައަކީ، އިކޮނޮމީ އެ ޓަޔަރުގައި އުޅޭ ކަމަށްވަންޏާ، އެ ‏‏ޓަޔަރުގައި ކުރިއަށްދާއިރު، ހޮރިޒޯންޓަލީ ދިޔުމުގެ ބަދަލުގައި، އެހެން ޓަޔަރަކަށް ބަދަލުވެ ‏‏ވަރޓިކަލީ މައްޗަށްދިޔުން. އޭރުން ޖީ.ޑީ.ޕީ އިތުރުވެގެންދާނީ. އެހެންވީމާ، އެމަސައްކަތް ‏‏ކުރުމަށްޓަކައި މިކަހަލަ ބޮޑެތި މަޝްރޫޢުތަކާއި އަދި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނާފައި ‏‏އެހެރަ ބޮޑެތި މަޝްރޫޢުތައް ހިމަނާފައި މިއޮތީ. އިޤްތިޞާދު މިހާރު އުޅޭ ލެވެލުން ‏‏ޑައިވަރސިފައި ކުރުމަށް އަދި އެ ޑައިވަރސިފައި ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، ‏‏އިޤްތިޞާދު މިހާރު މިއޮތް މަރްޙަލާ، ހަރުފަތުން، ފަށަލައިން މުޅިން އެހެން ފަށަލައަކަށް ދިޔުން. ‏‏އެނޫން ގޮތަކަށް އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ ޑަބަލް ކުރެވޭނެ ގޮތެއް ނޯންނާނެ. އަދި ‏‏އެނޫންގޮތަކަށް އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން އުންމީދުކުރާ ގޮތަކަށް، ލައްކައަކާ ކައިރި ‏‏ޢަދަދަކަށް ވަޒީފާއެއް ނުއުފެއްދޭނެ.‏

‏ މި ކޮންސެޕްޓް މިހެން އައިމަ، އަޅުގަނޑަށް އެނގޭ، ޝައްކެއްވެސްނެތްގޮތުގައި، ‏‏ހައްދުންމަތީގެ ޢިއްޒަތްތެރި މެންބަރުން އުފާފުޅުވާނެ. އެކަމަކު އަޅުގަނޑު ށ. އަތޮޅުގެ ‏‏މެންބަރުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، ށ. އަތޮޅަށްވެސް ހަމަ މި މަޝްރޫޢު ހަމަ ‏‏މިގޮތަށް ދާނެއޭ. ށ. އަތޮޅަކީ މިވަގުތު ޓުއަރިޒަމް އެހާ ދޯޅު ތަނެއް ނޫން. އެހެން ނަމަވެސް، ‏‏އަޅުގަނޑުމެންގެ ސަރުކާރުގައި މި ދޫކުރަން ޚިޔާލުކޮށްފައި އޮތް 50 ރަށަށް ބަލާކަމަށްވަންޏާ، ‏‏އެއީ އަދި މި ކޮންސެޕްޓް ނުހިމަނާ. 50 ރަށަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ހަނދާންވާ ‏‏ގޮތުން ވެއްޖިއްޔާ، ހއ. ހދ. ށ. އަށް އޭގެތެރެއިން 17 ރިޒޯޓް، މި 3 އަތޮޅުން ‏‏ހުޅުވިގެންދާނެ. އެޔާއެކީ މި ކޮންސެޕްޓް އައިމަ، މިދަންނަވަނީ، މިދައްކަނީ ވަރަށްބޮޑު ވަޒީފާގެ ‏‏ފުރްޞަތުތައް އިތުރުވެގެންދާ ވާހަކަ. ހަމަ މިކަމާއެކީ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ‏‏ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ދުވެއްޔާއި ސިޔާސީ ހަމަޖެހުން، މިއޮތްގޮތް މަތީގައި ދެމެހެއްޓިއްޖެ ‏‏ކަމަށްވަންޏާ، އައިހޭވަން ޕްރޮޖެކްޓާއި، އަދި މިނޫން އެހެން ބޮޑެތި އިންޓަރގްރޭޓެޑް ޕްރޮޖެކްޓް ‏‏އަންނަން މިއޮތީ. އެހެންވީމާ، މިކަންކަން އޮތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ‏‏އަތްޕުޅުމަތީގައި. މިކަންކަން އޮތީ ދިވެހި ޢާންމު ރައްޔިތުންގެ އަތްޕުޅުމަތީގައި. ހަމަޖެހުމާއެކީ ‏‏އިޤްތިޞާދު ކުރިއަށްދާ ކަމަށްވަންޏާ، ކުރިއަށް ގެންދެވޭ ކަމަށްވަންޏާ، ސިޔާސީގޮތުން ‏‏މިއޮންނަ ހަމަޖެހުމުގެ ތެރޭގައި، އިޤްތިޞާދީ ދުވެއްޔަކީ ހިފެހެއްޓުމެއްނެތި މަޑުޖެހުމެއްނެތި ‏‏ކުރިއަށްދާނެ ދުވެލި. ‏

‏އަޅުގަނޑު ހަމަ އުފަލާއެކީ މިރޭވެސް ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑާއެކީ ‏‏މަސައްކަތް ކުރައްވާ، މި ސަރުކާރުގައި މަސައްކަތް ކުރައްވާ އިކޮނޮމިކް ޓީމް އަދި އިޖްތިމާޢީ ‏‏ޓީމަކީ، ޓީމްގައި ތިއްބެވި ވަޒީރުންނަކީ ހަކަތަހުރި، މިކަންކަން ކުރައްވަން ޝައުޤުވެރިކަން ހުރި ‏‏ބޭފުޅުންތަކެއް. އެހެންވީމާ، އެބޭފުޅުންގެ މަސައްކަތްޕުޅު ނުހުއްޓުވައި ކުރިއަށް ގެންދާ ‏‏ކަމަށްވަންޏާ، ހަމަ އަޅުގަނޑު ދަންނަވާނީ ހަމަ ވަރޓިކަލް ޓޫރިޒަމް ގޮތުގައި ދަ ސްކައި އިޒް ‏‏ދަ ލިމިޓޭ. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން ދާން ބޭނުން ބާރުމިނުގައި ‏‏އަޅުގަނޑުމެން ދިޔުމުގެ ފުރްޞަތު ތަނަވަސްކޮށްދެއްވާށޭ. އެއީ، ދިވެހި ރައްޔިތުންގެ ‏‏އަތްޕުޅުމަތީގައި އޮތް ކަމެކޭ. ރައްޔިތުން ތަމްސީލު ކުރައްވަން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ‏‏މަންދޫބުން. މިހާރު އެބޭފުޅުންގެ ކުރިފުޅުމައްޗަށް ހުށަހެޅިފައި އޮތީވެސް މިކަހަލަ ބިލެއް. ‏

‏އިޤްތިޞާދީ ކުރިއެރުމުގެ ވާހަކަ ދައްކާއިރު، ހަމަ އުފާވެރި ޚަބަރެއްވެސް ހަމަ ‏‏ދަންނަވާލާފައި އަޅުގަނޑު ވާހަކަ ނިންމާލާނީ. އަޅުގަނޑުމެންގެ ޢަޒުމަކީ ހަމައެކަނި އިޤްތިޞާދު ‏‏ކުރިއަށް ގެންދިޔުމެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި ވެއްޖިއްޔާ މިއީ ހަމަ ‏‏ތަފާތުކުރުމެއްނެތި، އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ އިސް ވިސްނުން. އިޤްތިޞާދު ކުރިއަށް ‏‏ގޮސްގެން، އޭގެ ރާޙަތް، ދިވެހި ޢާންމު ފަރުދުންނާ ހަމަޔަށް ހާމަވެގެން ދިޔުން. އަދި ‏‏އަތޮޅުތެރޭގެ ރަށްރަށަށް މި ތަރައްޤީ ފެތުރިގެން ދިޔުން. ރާއްޖޭގެ ޓުއަރިޒަމް ‏‏ފުރަތަމަ ފެށިފައި މިއޮންނަނީ، މީހުން އުޅޭ ރަށްރަށުން ޓުއަރިޒަމުން މުޅިން ދުރުވާނެ. އަދި ‏‏ވަކި ޒޯންތަކަކަށް ޓުއަރިޒަމް ގޮސްގެން. ވަކި ޒޯންތަކަށް ޓުއަރިޒަމް ޚާއްޞަވެގެން. މިއަދުގެ ‏‏ތަފާތަކީ މީހުން އުޅޭ ރަށްރަށާ ހަމަޔަށް އަޅުގަނޑުމެން މި ޓުއަރިޒަމް ގެންދަނީ. ‏‏އަޅުގަނޑުމެންގެ މި ގެސްޓްހައުސް ޓުއަރިޒަމަކީ އެއްގޮތަކަށްވެސް ވަކިވަކި ގޭގޭގައި ‏‏ގެސްޓްހައުސް ހަދާ ވާހަކައެއް ނޫން. އެއަށްވުރެ ބްރޯޑަރ އިންޓަރގްރޭޓެޑް ކޮންސެޕްޓެއްގެ ‏‏ތެރެއިން މި ހަދާ ޓުއަރިޒަމް، މިއީ ޙަޤީޤަތުގައި މަޢުނަވީ ގޮތުގައި އާމްދަނީ ލިބޭނެ ކަމަކީ. މިއީ ‏‏ޙަޤީޤަތުގައި މަޢުނަވީ ގޮތެއްގައި އަޅުގަނޑުމެން ޙާޞިލުކުރަން މިއުޅޭ ވަޒީފާގެ ފުރްޞަތުތައް ‏‏އިތުރުވެގެންދާނެ ގޮތަކީ. ‏

‏އަޅުގަނޑު ދަންނަވާލަން އޮތް އިޖްތިމާޢީ ދާއިރާގައި އޮތް ވާހަކައަކީ، ދިވެހިރާއްޖެ ‏‏މިދޭތެރެއިން މިވަނީ ހިއުމަން ޓްރެފިކިންގގެ މައްސަލައިގައި، ޔޫ.އެސް.ގެ ސްޓޭޓް ‏‏ޑިޕާޓްމަންޓްގެ ވޮޗް ލިސްޓްގައި ހިމަނާފައި. އެކަމަކު ﷲގެ ރަޙްމަތާއެކީ، މި ނިމިގެންދިޔަ ‏‏މަޖިލީހުގައި ހިއުމަން ޓްރެފިކިންގއާބެހޭ ބިލް އަޅުގަނޑުމެން ފާސްކުރުމާއެކީ އަދި ސަރުކާރުގެ ‏‏ތެރެއިން މިކަން ހުއްޓުވުމަށް ނޫނީ މިކަމާ ދެކޮޅަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ‏‏ނަތީޖާއަކަށްވެގެން މިދިޔައީ، މިއަދު އަޅުގަނޑުމެން މިވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ ހިއުމަން ‏‏ޓްރެފިކް ވޮޗް ލިސްޓުން އަޅުގަނޑުމެން އުނިކޮށްފައި. މިއީ ޝައްކެއްވެސްނެތްގޮތުގައި، ‏‏ދިވެހިރާއްޖެއަށް ހަމަ ލިބުނު ވަރަށް ވަރުގަދަ ކުރިއެރުމެއް. މީގެ ބޭނުމަކަށް، މީގެ ނަތީޖާއަކަށް ‏‏ވެގެންދާނީ، ދިވެހިރާއްޖެއަށް އެކިއެކި އެކްސްޕެޓްރޭޓުން އައިސްގެން މަސައްކަތްކުރާ ކުރުމުގައި، ‏‏އަޅުގަނޑުމެން ރެގިއުލޭޓް ކުރާއިރު، ކަށަވަރުކަން އެބަ ލިބޭ، އިރާދަކުރެއްވިއްޔާ، ހަމައެކަނި ‏‏އަޅުގަނޑުމެންގެ މިއޮންނަ އިޤްތިޞާދީ މަސައްކަތާ، މިކަންކަމަށް އެކަންޏެއް ނޫނޭ. ހިއުމަން ‏‏ޓްރެފިކިންގ ކަހަލަ އެކްސްޕްލޮއިޓިޓިވް އިންސާނުންގެ ކަރާމާތް ގެއްލޭފަދަ އެކްސްޕްލޮއިޓިޓިވް ‏‏ކަންތައްތަކަށް ދިވެހި ސަރުކާރު ހުޝިޔާރުކަމާއެކީ އެކަންކަން ކުރާ ކަމުގެ މެސެޖް، މި ‏‏ލިބިގެންދަނީ. މިހުރިހާ ކަމެއްގެ ބޭނުމަކަށްވާނީ، ދިވެހިރާއްޖެއަކީ ހިއުމަން ރައިޓްސްއަށް ‏‏އިޙްތިރާމްކުރާ ޤައުމަކަށްވުމުގެ ނަން އެކަންޏެއް ނޫން. ޢަމަލީގޮތުން އެކަން ދައްކައިދޭކަން މުޅި ‏‏ދުނިޔެއަށް ހާމަވެގެން މިދަނީ. ‏

‏އެހެންވީމާ، ﷲގެ ރަޙްމަތާއެކީ އިރާދަކުރެއްވިއްޔާ މިކުރެވޭ މަސައްކަތުގައި، ‏‏ދިވެހިރާއްޖެ ކުރިއަށްދިޔުމުގެ ފުރްޞަތު އެބައޮތް. އަޅުގަނޑުމެން މި ފުރްޞަތު ކުރިއަށްދާއިރު، ‏‏ސިޔާސީ ލީޑަރުންގެ އަތްޕުޅުމަތީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަތްޕުޅުމަތީގައި ‏‏އަދި ސިޔާސީ ޕާޓީތަކުގައި، އެކިއެކި ކޮމިޓީތަކުގެ އަތްޕުޅުމަތީގައި އޮތީ ދިވެހިރާއްޖޭގައި މިއޮތް ‏‏ޞުލްޙަ، ރައްޔިތުންނަށްޓަކައި ތަރައްޤީއަށް މަގުފަހިކޮށްދިނުމަށްޓަކައި ޞުލްޙަ ދެމެހެއްޓުން. އެ ‏‏ޞުލްޙަ ދަމަހައްޓައިގެން އަޅުގަނޑުމެން މިކަން ކުރާ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، ﷲގެ ‏‏ރަޙްމަތާއެކީ، އިޤްތިޞާދީ ތަރައްޤީ އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދަކާ ހަމަޔަށް އައުމަކީ ‏‏ކައިރީގައި އޮތް ކަމެއް.‏

‏އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ތިޔަބޭފުޅުން މި އިޙްތިފާލަށް ވަޑައިގެން، ‏‏އަޅުގަނޑުމެންގެ މި މަޝްރޫޢަށް މި ދެއްވާ ތާއީދަށް، ސަމާލުކަމަށް ހަމަ ޝުކުރު ދަންނަވަމުން. ‏‏ހަމައެޔާއެކީ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތައް، އާ އުސްމިންތަކަކަށް ‏‏ގެންދިޔުމަށް މިކުރާ މަސައްކަތުގައި، ތިޔަބޭފުޅުން މިކަހަލަ ޙަފްލާތަކުގައި ‏‏ބައިވެރިވެވަޑައިގަތުމަކީ، ތިޔަބޭފުޅުން މިއަށް ތާއީދު ކުރައްވާކަން ރަމްޒުކޮށްދޭ ކަމަކަށްވާތީ، ‏‏އެކަންކަމަށްޓަކައި ތިޔަ އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، މި މަސައްކަތްތަކަށް ‏‏ކުރިމަތިލައްވަން އަޅުގަނޑު މި އެދެނީ، ހަމަ ދިވެހި ޒުވާނުންނަށް. އޭގެ މާނައަކީ މިއީ، ‏‏ހަމައެކަނި ދިވެހި ޒުވާނުންނަށް އޮތް ފުރްޞަތެއް ނޫނޭ. މިއީ ދިވެހި ޒުވާނުން ކުރިއަށް ‏‏ވަޑައިގަންނަވަން އޮތް ކަމެއް. ދިވެހި ޒުވާނުންނަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ހަކަތަ. ‏‏ހަކަތަ އުފައްދައިގެން ނޫނީ އިޤްތިޞާދު ކުރިއަކަށް ނުދާނެ. އެހެންވީމާ، މިއީ ޒުވާނުންނަށް ހުރި ‏‏ފުރްޞަތުތައް. ޒުވާނުންނަށް ކުރިއަށް ދެވޭނެ. ސަރުކާރުގެ އެކި އިދާރާތަކުން މަސައްކަތް ‏‏ކުރާނީ، މިކަންކަން ކުރުމުގައި ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށްޓަކައި. ‏‏އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ހަމަ އޮނަސްޓް ސިންސިއަރ ކޮމިޓްމަންޓް. އަޅުގަނޑުމެންގެ ‏‏ކޮމިޓްމަންޓާއެކީ އަޅުގަނޑުމެން މިހާތަނަށް ލިވްކޮށްފިން. ކޮމިޓްމަންޓް އަޅުގަނޑުމެން ‏‏ދައްކައިދީފިން. އެހެންވީމާ، މި ފެށޭ އާ މަޝްރޫޢުގައިވެސް އަޅުގަނޑު ބޭނުންވަނީ، ހަމަ ދިވެހި ‏‏ޒުވާނުން އިސްނަންގަވަން. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މި ފަށާ ‏‏މަސައްކަތަކީ، ކާމިޔާބު މަސައްކަތެއް ކަމަށް ވެގެންދާނެ. އަދި މީގެ މަންފާ ޢާންމުކޮށް މުޅި ‏‏ދިވެހިރާއްޖެއަށް ފެތުރިގެންދާނެ. ‏

والســّلام عليــكم ورحـمــة اللّـه وبـركاتـه
‏ _____________________________‏