ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި އެމަނިކުފާނުގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސަގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔާއި އެމަނިކުފާނުގެ އަނބިކަނބަލުން، އަލްފާޟިލާ ފާތިމަތު އިބްރާހީމް ފުރަމާނަ ޖާފަތެއް ބާއްވަވައިފިއެވެ. މި ޖާފަތް އޮތީ މިރޭ ކުރުނބާ މޯލްޑިވްސްގައެވެ. މި ޖާފަތުގައި، ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ޤައުމީ ސަލާން ‏‏ކުޅުނެވެ. ‏

ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސްރީލަންކާ ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވި ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއި، އެތާނގެ ޕާލަމެންޓުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.