ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅު ކުރެއްވިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ރާޖަޕަކްސައަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއަކީ، ވަރަށް ޒަމާންވީ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމު ކަމަށާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވެސް މިފަދަ ގާތް ގުޅުމެއް އޮންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސް ރާޖަޕަކްސަގެ ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ވަރަށް ފުޅާ ދާއިރާއެއްގައި ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ސްރީލަންކާއަށް ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސް ރާޖަޕަކްސަގެ ވާހަކަފުޅުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖެއަށް އެހީތެރިވުމަށް ސްރީލަންކާ ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ދެޤައުމުން އަހަންމިއްޔަތުކަންދޭ އެކިއެކި މައްސަލަތަކުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މި ކުރެއްވި ޒިޔާރަތުގައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.