ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއާއި 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، 2014 ޖޫން 24 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަސައްކަތްތަކަށް ތިރީގައި ބަޔާންކޮށްފައިވާ ބަދަލުތައް ގެންނަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
1.     މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ދަށުން ހިނގަމުންދިޔަ "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް"އަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވުން.
 
2.     ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 76 ވަނަ މާއްދާގެ (ހ)ގެ ދަށުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ސެކްޝަނެއްގެ ގޮތުގައި ހިނގަމުންދިޔަ "ލޭބަރ ރިލޭޝަންސް އޮތޯރިޓީ" އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ ވަކި އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވުން.
 
3.     މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރައްވަމުން ގެންދެވި، ރާއްޖޭގައި ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމާބެހޭ ގޮތުން ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރައްވާގޮތަށް ހަމަޖެއްސެވުން.
 
4.     މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރައްވަމުން ގެންދެވި، ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)ގައި ބަޔާންކުރާ، މީހުން ޓްރެފިކްކުރުން ހުއްޓުވުމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރައްވާގޮތަށް ހަމަޖެއްސެވުން.
5.     މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރައްވަމުން ގެންދެވި، ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، ބްރޯޑްކާސްޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާބެހޭ ސިޔާސަތު ކަނޑައެޅުމާއި، އެ ދާއިރާތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، އެ ދާއިރާތަކުގެ ވަސީލަތްތައް ރަޖިސްޓަރީކުރުމާއި، މީޑިއާގެ ރޮނގުން ބައިނަލްއަޤްވާމީ މަސްރަހުގައި ރާއްޖެ ތަމްސީލުކުރުމާއި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިން ދަފްތަރުކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވާގޮތަށް ހަމަޖެއްސެވުން.
 
6.     މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރައްވަމުން ގެންދެވި، ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރު ނެރުމަށް ބޭނުންވާ މަޢުލޫމާތު ޢާންމުކުރުމާބެހޭ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރައްވާގޮތަށް ހަމަޖެއްސެވުން.