ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދެކަނބަލުން، މި ޖޫން މަހުގެ 25ވާ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.

ސްރީލަންކާގެ ރައީސްގެ އަރިހުގައި، އެޤައުމުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، ޕާލަމަންޓް މެންބަރުން އަދި އިސްބޭފުޅުންގެ ވަފްދެއް ރާއްޖެ ގެންނަވާނެއެވެ. މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސާ ދެބޭފުޅުން ބައްދަލުކުރައްވާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މީގެއިތުރުން، ސްރީލަންކާގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ބާއްވަވާނެއެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ، މިއަހަރުގެ ޖަނަވަރީ މަހު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް، ރައީސް ރާޖަޕަކްސައަށް އެރުއްވި ދަޢުވަތު ގަބޫލުފުޅު ކުރައްވައި ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މަހިންދަ ރާޖަޕަކްސަގެ މިދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ބޭރު ދައުލަތެއްގެ އެންމެ އިސްވެރިޔަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.