ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. ވައިގެ މަގުން އެމަނިކުފާނު ކާޑެއްދުއަށް ވަޑައިގަތުމަށްފަހު، ފުރަތަމަ ދަތުރުފުޅު ކުރެއްވީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި، އެ ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށާއި، ސަރުކާރުގެ އެކިއެކި މުޢައްސަސާތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި މިހާރުންމިހާރަށް ކުރެއްވެން ހުރި ކަންތައްތަކާއި، އެޅުއްވެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވައި، އެ ކަންކަމާ ގުޅޭ ގޮތުން އެ މަރުކަޒުތަކުގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރައްވާނެއެވެ.