ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިއަދު އުވާލައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
އެ މިނިސްޓްރީ މި އުވާލެއްވީ އެ މިނިސްޓްރީން ކުރަމުންގެންދިޔަ މަސައްކަތްތަކަކީ، ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތަކުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅުންހުރި މަސައްކަތްތަކެއްކަމަށްވާތީ، އެ މިނިސްޓްރީތަކާ އެ މަސައްކަތްތައް ހަވާލުކުރައްވައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އުވާލެއްވުމުން ދައުލަތުގެ ޚަރަދު ކުޑަކުރެއްވޭނެތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އުވާލެއްވުމާގުޅިގެން، އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި މަސައްކަތްތައް، ތިރީގައިވާ ގޮތުގެ މަތިން ސަރުކާރުގެ ބައެއް މިނިސްޓްރީތަކާ ޙަވާލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
1.    އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުފަތުރާބެހޭ ސިޔާސަތު ކަނޑައެޅުމާއި، ތަންފީޒުކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރައްވާގޮތަށް ހަމަޖައްސެވުމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ދަށުން ހިނގަމުންއައި ޓްރާންސްޕޯޓް އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުން.
 
2.    ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ މަސައްކަތްތައް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވާގޮތަށް ހަމަޖެއްސެވުމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ދަށުން ހިނގަމުންއައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަކީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުން.
 
3.    ދަތުރުފަތުރުގެ ދާއިރާއިން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރައްވާގޮތަށް ހަމަޖެއްސެވުން.
 
4.    ސައެންސް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (STI) އާއި، ސައެންސް އެންޑް ޓެކްނޮލޮޖީއާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ(ICT) ގެ ޚިދްމަތްތަކާބެހޭ ސިޔާސަތުގެ ދަށުން އެ ޚިދްމަތްތައް ދިނުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ޤާއިމުކޮށްފައިވާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދަށުން ހިނގަމުންދާ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ކުރައްވާގޮތަށް ހަމަޖެއްސެވުން.
 
5.   މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ދަށުން ހިނގަމުންއައި ރީޖަނަލް އެއަރޕޯޓްސްއަކީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުން.