ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު‏ މިސްޓަރ ޗެންގ ވޮން- ސަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ދެކުނު ކޮރެއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. ‏އަދި ރާއްޖެއާއި ދެކުނު ކޮރެއާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ދެކުނު ކޮރެއާގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ދެކުނު ކޮރެއާއާ ދެޤައުމު ދެމެދުގައި އޮތް ގުޅުމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް، ދެކުނު ކޮރެއާގެ ސަރުކާރުން ދެއްވާ ކަމަށާއި، އެބޭފުޅުގެ ޒަޢާމަތުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ‏ފޮރިން ސެކްރެޓެރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.