بســم اللّـه الرّحمـن الرّحيــم

އަޅުގަނޑުމެން އިންޑިއާއަށް ދަތުރެއް ކޮށްފައި މިއައީ، ހަމަ އެނގިވަޑައިގަންނަވާނެ، އިންޑިއާގެ އާ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް. ދެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، އަޅުގަނޑުމެންގެ އިތުރަށް ސާކްގެ ހަމަ ހުރިހާ ޤައުމުތަކުން ބައިވެރިވެވަޑައިގެންނެވި. ދެން ހަމަ ވެރިންގެ ފެންވަރުގައި، ގިނަ ޤައުމުތަކުން ބައިވެރިވެވަޑައިގެންނެވީ، ޕްރައިމް މިނިސްޓަރުން، ޕްރެޒިޑެންޓުން. ދެން ބަންގްލަދޭޝްއިން ސްޕީކަރަށް ވަޑައިގެންނެވުނީ. ބަންގްލަދޭޝް ޕްރައިމް މިނިސްޓަރ އެހެން ދަތުރުފުޅެއްގައި އުޅުއްވާތީ.

މި ރަސްމިއްޔާތުގެ ކަންތައްތައް ދިޔައީ ހަމަ ވަރަށް ފުރިހަމައަށް، ވަރަށް ރަނގަޅަށް. މި ރަސްމިއްޔާތުގެ ކަންކަން ނިންމާފައި، އަނެއް ދުވަހު އަޅުގަނޑުމެން ދިވެހި ވަފްދަށް ޕްރައިމް މިނިސްޓަރާ ބައްދަލުކުރުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބުނު. ހަމައެހެންމެ، އެ ބައްދަލުވުން ނިންމާފައި، އިންޑިއާގެ ރައީސާ ބައްދަލުކުރުމުގެ ފުރްޞަތުވެސް ލިބުނު. ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ، އިންޑިއާ ހަމަ ވަރަށް ރަނގަޅަށް ދިވެހިރާއްޖެއާ ދޭތެރޭގައި ކަމޭހިތާފައި، ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދެއްވާފައި ހުރީ. އަދި ޕްރައިމް މިނިސްޓަރުގެ ފުރަތަމަ ބައްދަލުވުމުން އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް އެނގިގެންދިޔައީ، ހަމަ ކަނޑައެޅިގެން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދެއްވި، މިދިޔަ ސަރުކާރު، އިންޑިއާގެ ކޮންގްރެސް އައި ސަރުކާރުން ދިވެހިރާއްޖެއާ ދޭތެރޭގައި ކުރެވިފައި ހުރި މުޢާމަލާތްތަކުގައި އަޅުގަނޑުމެންނަށް ކޮށްދެއްވަން ވިދާޅުވެފައި ހުރި ހުރިހާ ކަންތައްތަކަކަށް ހަމަ ހަންޑްރެޑް ޕަސެންޓް ކޮމިޓްމަންޓް ދެއްވި. އޭގެއިތުރުން، އޭނާގެ ޚިޔާލުފުޅުގައި، އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް އެންމެ ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، ހަކަތައިގެ މައްސަލަ މިއޮތީ. އޭގައި ދެން ހަމަ ވަރަށް އާ ގޮތްތަކެއް އަޅުގަނޑުމެންނަށް ނެރުއްވައިދެއްވަން އޭނާ ހުށަހެޅުއްވި. އެކަންތައްތައް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި. ދެން މީގެއިތުރުން، އިތުރު ބައެއް މަޝްރޫޢުތަކުގެ ވާހަކަ ވިދާޅުވި. ހަމަ އިސްވެ ދިވެހިރާއްޖެއަށް މި ކަންތައްތަކާއިގެން ކުރިއަށް ވަޑައިގެން ދެއްވަން އަޅުގަނޑުމެންނަށް.

ދެން ލިބުނު އަނެއް ރަނގަޅު މެސެޖަކީ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ބެންކްއެޓްގައިވެސް ޕާކިސްތާނުގެ ބޮޑުވަޒީރާއި، އިންޑިއާގެ ބޮޑުވަޒީރާ ހަމަ ވަރަށް އަރިހުގައި ދެބޭފުޅުން ތިއްބެވި. ތިއްބަވައިގެން ހަމަ ވަރަށް އެކުވެރިކަމާއެކީގައި ވަރަށްގިނަ ވާހަކަފުޅުތައް ދެއްކެވި. ދެން އަޅުގަނޑުގެ ރީޑިންގއަކީ އަދި ބޮޑުވަޒީރާ މިއަދު ބައްދަލުކުރީމާ އަޅުގަނޑަށް ލިބުނު ފީޑްބެކަކީ، ހަމަ އެބޭފުޅުންގެ ތެރޭގައި ގުޅުން މިހާރު އެއޮތީ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށޭ.

ދެން އިންޑިއާގެ ބޮޑުވަޒީރު ހުށަހެޅުއްވި، ސާކްގެ ކަންތައްތަކުގައިވެސް، އިސްނަންގަވައިގެން ސާކްގެ މަސައްކަތްތައް، ބައިނަލްއަޤްވާމީ ފެންވަރުގައި ހަމަ ވަރަށް ވަރުގަދައަށް ގެންދަވަން. ދެން ދިވެހިރާއްޖެއާ ޚިޔާލު މިކަމުގައި ހުރިގޮތާއި، އަޅުގަނޑުމެންގެ ބައިވެރިވުން ހުރިގޮތް އެއްސެވި. އިންޑިއާއި ޕާކިސްތާނާ ދޭތެރޭގައި މިއުޅޭ މައްސަލަތައް އެއްފަރާތަށް ޖައްސާފައި، ސާކާއިގެން ކުރިއަށް ވަޑައިގަންނަވަން، މިހާރުގެ ބޮޑުވަޒީރު ހުންނެވީ ތައްޔާރަށް. ދެން މިއީ ހަމަ ވަރަށް ރަނގަޅު ޚަބަރެއް.

ދެން މިކަމުގައި އަޅުގަނޑުމެން ހަމަ އިންޑިއާއަށް އެހީތެރިވާނަން. ސާކަށް އެހީތެރިވާނަން އަޅުގަނޑުމެން. އެއީ، އަޅުގަނޑުމެންނަކީ ސާކްގެ ވަރަށް ޙަރަކާތްތެރި މެންބަރަކަށްވާތީ. ދެން މިވަގުތު ސާކްގެ ޗެއަރވެސް މިއީ ދިވެހިރާއްޖެ. ދެން އަޅުގަނޑު ޚިޔާލު މިކުރަނީ، ޕާކިސްތާނަށް މިއަންނަ މަހުގެ ކުރީކޮޅު އަޅުގަނޑުދާ ދަތުރުގައި، ޕްރައިމް މިނިސްޓަރ ނަވާޒް ޝަރީފާވެސް އަޅުގަނޑު ހަމަ މިވާހަކަ ދަންނަވާނަން. އެއީ އިންޑިއާއިން، މިދެންނެވި ގޮތަށް ހުރި ގުޅުމުގެ މައްސަލަތައް އެއްފަރާތަށް ޖައްސާފައި، ސާކާއިގެން ކުރިއަށް ވަޑައިގަންނަވަން އިންޑިއާ ބޭނުންފުޅުވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މިއީ ހަމަ ވަރަށް ރަނގަޅު ދަތުރަކަށް މިދަތުރު ވެގެންދިޔަކަން.

ދެން އޭގެއިތުރަށް، އަޅުގަނޑުމެންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރާއެކީ އަޅުގަނޑުމެން ދެއްކި ވާހަކައިގެ ތެރޭގައި، ހަމަ ކުރީގައިވެސް ދެއްކިފައި ހުރިގޮތަށް، މިސަރަޙައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ހުރި މުޢާހަދާތަކާއި އަދި ޑިފެންސް ފެކްޓްތަކާ، މިކަހަލަ ވާހަކަ، އިންސާނީ ޙައްޤުތަކާ، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމާއި، ދެން މިހެން ހުރި ކަންތައްތައް މިހިރީ.

އަޅުގަނޑުމެން ދަޢުވަތު އެރުވިން، މިއަންނަ އަހަރަކީ އަޅުގަނޑުމެންގެ މިނިވަންކަމުގެ 50 އަހަރުގެ އިޙްތިފާލު ފާހަގަކުރާ އަހަރު ކަމަށްވާތީ، އިންޑިއާގެ ބޮޑުވަޒީރަށް އަޅުގަނޑުމެން ދަޢުވަތު އެރުވިން. ދެން އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުން ވެއްޖިއްޔާ، އެމަނިކުފާނު އަޅުގަނޑުމެން ދަޢުވަތު ޤަބޫލުކުރައްވާފައި އެއޮތީ. ދެން ހަމަ އެހެންމެ، އަޅުގަނޑު ބައްދަލުކުރިން، ސްރީލަންކާގެ ޕްރެޒިޑެންޓާވެސް. އަޅުގަނޑުމެން ހަމަ ވަކިން ބައްދަލުކުރިން. ދެން އެމަނިކުފާނުވެސް މިކޮޅަށް ވަޑައިގެން ދެއްވާނެ. ހަމަ އޭނަވެސް ހުންނެވީ ސާކްގެ ކަންތައްތަކުގައިވެސް ހަމަ މިދަންނަވާ ގޮތަށް، ސާކާއިގެން ވަރަށް ރަނގަޅަށް ކުރިއަށް ވަޑައިގަންނަވަން.

ދެން މި މީޓިންގތައް ނިންމާފައި، މިހާރުގެ ވެރިކަންކުރާ ޕާޓީ، ބީ.ޖޭ.ޕީ، ބީ.ޖޭ.ޕީ.ގެ އިސްބޭފުޅުންވެސް އަޅުގަނޑުމެންނާ ބައްދަލުކުރެއްވި. އަޅުގަނޑުމެންގެ ޑެލިގޭޝަންގެ ބޭފުޅުންނާ ވަކިން ބައްދަލުކުރި. ބީ.ޖޭ.ޕީ އާއި އަޅުގަނޑުމެންގެ ޕާޓީއާ ދޭތެރޭގައި، އަޅުގަނޑުމެން ޕާޓީ، ޕީ.ޕީ.އެމް.އާ ދޭތެރޭގައި ހަމަ ގާތް ގުޅުންތަކެއް އުފައްދަވަން ބޭނުންފުޅު ކަމަށް، ބީ.ޖޭ.ޕީ. އިން ވިދާޅުވި. އަދި އަޅުގަނޑުމެން ދަޢުވަތު އެރުވިން، ބީ.ޖޭ.ޕީ.ގެ ސިޔާސީ އިސްބޭފުޅުންނަށްވެސް. ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް، ދިވެހިރާއްޖެއަށް ވަޑައިގަންނަވަން. ދެން އެ ދަޢުވަތުވެސް އެބޭފުޅުން ޤަބޫލު ކުރެއްވި.

އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ކޮޅުގައިކަންނޭނގެ މިހާރު މަސައްކަތް މިއޮތީ، ތެލުގެ މަސައްކަތުގައިވެސް. ދެން އެހެން ނަމަވެސް، އިންޑިއާ ކަހަލަ ބޮޑު ޤައުމެއްގައި، މިކަހަލަ ކަމެއް ކުރާއިރު، މިވާގޮތަކީ ސްޓޭޓް ގަވަރންމަންޓްތަކުން ހުއްދަ ލިބިގެން ކެޕިޓަލުން، މިދެންނެވީ ޑެލްހީން ހުއްދަ ލިބިގެން އަދި ސްޓޭޓް ގަވަރންމަންޓްތަކުން، ސްޓޭޓް ސަރުކާރުތަކުން ނަގަންޖެހޭ ހުއްދަތައްވެސް ނަގައިގެން، އެހެން ނަމަވެސް، އަޅުގަނޑަށް ޤަބޫލު ކުރެވެނީ މިހާރު މި މަގު ފަހިވެއްޖެ ކަމަށް. އެހެންވީމާ، ދެންއޮތީ އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތެއް، ތެލުގެ ކަންތައްތަކުގެ.

އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، ހަމަ މި ދަތުރު ވެގެންދިޔައީ ހަމަ ވަރަށް ރަނގަޅު ދަތުރަކަށް. ދެން އިންޑިއާއިންވެސް ހަމަ ބޮޑުވަޒީރު ކަނޑައެޅިގެން ވިދާޅުވި، އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް، ދިވެހިރާއްޖެއާ ދޭތެރޭގައި މިއޮތް ގާތް ގުޅުން، މިހާރަށްވުރެން ވަރުގަދަ ކުރައްވަން ބޭނުންފުޅު ކަމަށް. އެހެންވީމާ، ހަމަ ވަރަށް ޕްރޮޑަކްޓިވް، ވަރަށް ބޭނުންތެރި ދަތުރަކަށްވެގެން މި ދަތުރު ދިޔައީ.

ޒަކަރިއްޔާ ޙަސަން - ރާއްޖެ ޓީވީ:

ޖީ.އެމް.އާރު.ގެ ވާހަކަ ދެކެވުނުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ނޫން. އިންޑިއާ ސަރުކާރުގެ ފަރާތުން ޖީ.އެމް.އާރު.ގެ ވާހަކައެއް ނުދައްކާ.

އަޙްމަދު ސާއިލް ޢަލީ- ސަން އޮންލައިން:

އެސް.ޓީ.އޯ.އިން ތެޔޮ އިންޑިއާއިން އެތެރެކުރުމަށް ވަރަށް ބޮޑަށް މަޝްވަރާ ކުރެވެމުންދިޔަ. މިކަމަށް އެއްވެސް ޙައްލެއް ލިބިގެންދިޔަތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އެކަން އޮތީ ނިމިފައި އިނގޭތޯ. އެއީ ބެންގަލޫރުގައި ހުރި ބާރަތު ޕެޓްރޯލިއަމް ރިފައިނަރީއިން ލިބޭނެ. އެކަން އޮތީ ނިންމާފައި. އެހެން ނަމަވެސް، އަދިވެސް މިއުޅެނީ އަގާއި، ކުއަންޓިޓީއާއި، މިކަހަލަ ނެގޯސިއޭޝަންތަކެއްގައި. ދެން އެކަމަށް އޮތީ ކުރީ ސަރުކާރުންވެސް ކޮމިޓްކޮށްފައި. އަދި މި ސަރުކާރުންވެސް ކުރަން އެދި ]ރީއެންޑޯސްކޮށްދެއްވި. ހަމަ އެ ކޮމިޓްމަންޓާއެކީ އެކަންދާނެ. ދެން މިކަންކަން ހަމަޖެހުނުހާ އަވަހަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އުންމީދު ކުރަނީ، ހަމަ މިއަހަރުގެ ތެރޭގައިވެސް ސާފުކުރި ތެޔޮ ބެންގަލޯރ ރިފައިނަރީސް އިން އަޅުގަނޑުމެންނަށް ހަމަ ލިބޭނެ ކަމަށް، އެސް.ޓީ.އޯ އިން ލިބޭނެ ކަމަށް.

ފަޒީނާ އަޙްމަދު – ހަވީރު ނޫސް:

މަނިކުފާނު ދަތުރުފުޅުގެ ތަފްޞީލު ވަރަށް ރަނގަޅަށް ދެއްވީމަ، އަޅުގަނޑު އަހާލާހިތްވޭ ސިޔާސީ މަސްރަޙު. އަޅުގަނޑުމެންނަށް މިހާރު އިވިގެންދަނީ، ޕީ.ޕީ.އެމް. އާއި ޖޭ.ޕީ.ގެ ކޯލިޝަން ރޫޅުމާ ހިސާބަށް ދިޔަ ވާހަކަ. ކިހިނެއްތޯ މިކަން. ރޭގައި ޕީ.ޕީ.އެމް.ގެ ކޯލިޝަނުންވެސް ނިންމާފައި އޮތީ، މާދަމާ ޖޭ.ޕީ އިން ބޭފުޅަކު ނުކުންނަވައިފިނަމަ، ކޯލިޝަން ރޫޅޭނެކަމަށް. މަނިކުފާނު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ދެކޭހިތްވަނީ ކޯލިޝަނަކީ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ފައިދާހުރި ގޮތަކަށް މަސައްކަތް ކުރަން އުފައްދާ ސިޔާސީ އެއްބަސްވުމެއް ދޮއެއްތޯ. އެހެންވީމާ، ޕީ.ޕީ.އެމް.އަކީ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް ޕާޓީ. އަނެއްކާ މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އަޅުގަނޑުމެން ވަރަށްގިނަ ޖާގަތައް އެހެރީ ޖޭ.ޕީ. އަށް ދޫކޮށްލާފައި. ވަރަށްގިނަ ޖާގަތައް އަޅުގަނޑުމެން ދޫކޮށްލައިގެން، ހަމަ ޖޭ.ޕީ.އަށް ވަރަށްގިނަ ގޮނޑި ލިބިފައި އެހެރީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ ޙަޤީޤަތުގައިވެސް ޖޭ.ޕީ.އާއެކީ އަޅުގަނޑުމެން ކުރިއަށްދާން. އަދި އެމް.ޑީ.އާއެކީ ކުރިއަށްދާން. އޭރުންވެސް މަޖިލީހުގެ ރައީސްކަން ސިޔާސީގޮތުން އެންމެ ބޮޑަށް ބޭނުންވާނީ، ވެރިކަން ހިންގާ ޕާޓީއަށް. ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ ރައީސްކަން އެންމެ ބޮޑަށް ބޭނުންވަނީ. ދެން ތިޔަބޭފުޅުންނަށް އަޅުގަނޑު ތަފްޞީލު ނުދެންނެވިޔަސް، ހުސްވެގެން މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކަންކަންދިޔަގޮތުން، ތިޔަބޭފުޅުންނަށް މިއީ ކިހާވަރެއްގެ ތެދެއްކަން އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އާންމު އުޞޫލެއްގެ މަތިން، ރޫލިންގ ޕާޓީއަކަށް އޮވެ، އަދި މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު އޮތް ޕާޓީއަކީ އަޅުގަނޑުމެންގެ ޕާޓީއަށްވާއިރު، އަޅުގަނޑުމެންގެ ޕާޓީން ބޭފުޅަކު މަޖިލީހުގެ ރައީސް ކަމަށް، ނޫނީވިއްޔާ ރިޔާސަތަށް އަޅުގަނޑުމެން ހުށަހަޅާއިރު، އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ، ކޯލިޝަންގެ ތެރެއިން އެކަން ކުރަންވާނެ ކަމަކަށް. އަޅުގަނޑުގެ މައްސަލައެއް ނެތް، ކޯލިޝަންގެ ބޭރުން އިދިކޮޅު ޕާޓީގެ ފަރާތުން އެކަން ކުރެއްވިޔަސް. ކޯލިޝަންގައި ހުންނެވި ބޭފުޅަކު، ނޫނީ ކޯލިޝަންތަކުގައި ތިއްބެވި ޕާޓީތަކުން ޙަޤީޤަތުގައި މަސައްކަތް ކުރައްވަންޖެހޭނީ، އަޅުގަނޑުމެން ކެންޑިޑޭޓަކު ދައްކައިފި ކަމަށްވަންޏާ، އެ ކެންޑިޑޭޓަށް ތާއީދުކުރަން، ހާމަކަންބޮޑު ކެމްޕެއިނެއް ޖޭ.ޕީ.ގެ ފަރާތުން ކުރައްވަންޖެހޭނީ. އެހެންވީމާ، އަޅުގަނޑު އަދިވެސް އެދެނީ، ޖޭ.ޕީ.އިން ޖޭ.ޕީ.ގެ ލީޑަރު އެ ގެންދެވިގޮތް ހަމަ ދޫކޮށްލައްވާފައި، އަޅުގަނޑުމެން ބޭނުންވޭ ހަމަ ޖޭ.ޕީ.އާ އެކީ ކުރިއަށްދާން. އެހެންވީމާ، ދޫކޮށްލައްވާފައި އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ތާއީދު ކުރައްވައިގެން މިކަން ކުރައްވަން. އެހެން ނޫނިއްޔާ، ވެދާނެ ގޮތަކީ ދޮއެއްތޯ، ފަހަރުގައި އަޅުގަނޑުމެންނަށްވެސް މަޖިލީހުގެ ރައީސްކަން ނުލިބިދާނެ. ފަހަރެއްގައި ޖޭ.ޕީ.އަށްވެސް ނުލިބިދާނެ. އެހެން ވެއްޖިއްޔާ ދެން އިދިކޮޅު ޕާޓީއަށްކަންނޭނގެ ދާނީ. މިއީކީ ހަމަގައިމުވެސް އެއްވެސް ދިވެހި ރައްޔިތަކު ބޭނުންވާ ކަމެއް ނޫން. ދިވެހި ރައްޔިތުން މިއޮތީ ހަމަ ވަރަށްބޮޑު ތާއީދެއް ކޯލިޝަނަށް ދީފައި. އެހެންވެގެން، ރައްޔިތުންގެ މަޖިލީހުގެ އެހާ ގިނަ ގޮނޑި އަޅުގަނޑުމެންނަށް ދިނީ. އެހެންވީމާ، މިހާ ހިސާބުން އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތްތަކާއި، ދެންވެސް ރައްޔިތުންނަށް ފައިދާހުރި، މި ސަރުކާރުން ހުށަހަޅާފައި ހުރި ކަންތައްތައް ނުކުރެވޭކަހަލަ މަޖިލީހަކަށް، މަޖިލިސް ބަދަލުވެގެން ދިޔުމަކީ ހަމަ ރައްޔިތުން، ރައްޔިތުން އަޅުގަނޑުމެންނަށް ކުރި އިތުބާރަށް އަޅުގަނޑުމެން ފުރަގަސްދިނުން. އެހެންވީމާ، އަޅުގަނޑު އަދިވެސް އެދެނީ، އަދި އުންމީދުވެސް ކުރާހިތްވަނީ، ޖޭ.ޕީ. އިން މިކަންކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނާވަޑައިގެންފައި، އަޅުގަނޑުމެންނަށް ފަސޭހަ މަގެއް މިކަމުގައި ދައްކަވާނެ ކަމަށް.

ޖާދުﷲ ސަޢީދު – ވީ ނިއުސް:

ތިޔަ ވިދާޅުވަނީ، ޖުމްހޫރީ ޕާޓީއަށް ޕާލަމެންޓްގެ ރައީސްކަން ލިބިވަޑައިގެންފިނަމަ، ޤައުމީ ކަންތައްތަކަކަށާއި، އިޤްތިޞާދީ މައްސަލަތަކަށް ހުރަހެއް އެޅިދާނެ ކަމަށްތޯ؟ މާނައަކީ ޤައުމީ ކަންތައްތަކާއި އިޤްތިޞާދީ ކަންތައްތައް ހުއްޓުމަކަށް އަންނާނެއޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ ރައީސަކު އިންނަވައިފިއްޔާ، މަޖިލީހުގެ ޖަލްސާތައް ބޭއްވުމާއި، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަންތައް ގެންދާނެކަމުގެ ގެރެންޓީ އަޅުގަނޑުމެންނަށް ބޮޑޭ، އެހެން ޕާޓީއެއްގެ ބޭފުޅަކު އިންނެވުމަށްވުރެ.

ފަޒީނާ އަޙްމަދު – ހަވީރު ނޫސް:

އެއީ، ޤާސިމަށް އިތުބާރު ނުކުރައްވާތީތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ނޫން. ޤާސިމް އަޅުގަނޑުމެންނަށް އިތުބާރު ނުކުރައްވާތީ، އަޅުގަނޑުމެން ޕާޓީން މަޖިލީހަށް ރައީސަކު ދެއްކީމަ، ޤާސިމް އަމިއްލަފުޅަށް ނިކުމެވަޑައިގަންނަވަން އެ ނިންމެވީ. އެހެންވީމާ، އިތުބާރަކީ ދެފަރާތުން އޮތް އެއްޗެއް. ޤާސިމަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ޖޭ.ޕީ. އަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް އަޅުގަނޑުމެން ދެފަރާތުން ވާދަކުރީމަ ލިބުނު ގެއްލުން އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެއޮތީ އެއްފިލާވަޅު އަޅުގަނޑުމެން ވަރަށް ހިތިގޮތަކަށް ނަގާފައި. ދެން ދެވަނަ ފިލާވަޅަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ ފިލާވަޅު. މި ފިލާވަޅު މިގޮތަށްދާކަށް އަޅުގަނޑުމެންގެ ޕާޓީއަކުންވެސް ދުލެއްދޭކަށް ބޭނުމެއްނުވޭ.

ފަޒީނާ އަޙްމަދު – ހަވީރު ނޫސް:

ކޯލިޝަން އެއްބަސްވުމަށް ކޮންބައެއްތޯ ފުރަތަމަ ޢަމަލުނުކުރީ. ޤާސިމް ތުހުމަތު ކުރައްވާ ގޮތުގައި ޕީ.ޕީ.އެމް. އިން އެޕާޓީއަށް ދޭންޖެހޭ 35 ޕަސެންޓް ޙިއްޞާވެސް މިހާތަނަށް އޮތީ ނުދީ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ނޫން. އެއީކީ ރަނގަޅު ވާހަކައެއް ނޫން އިނގޭތޯ. ޤާސިމްގެ ޕާޓީއަށް ލިބިވަޑައިގަންނަވަންޖެހޭ ޙިއްޞާ ލިބިވަޑައިގަންނަވާ. ވެފައި އޮތް ގޮތަކީ، ޤާސިމް އެކިއެކި ބޯޑުތަކަށް ހުށަހަޅުއްވާ ބޭފުޅުން، ޕްރައިވަޓައިޒޭޝަން ބޯޑުން އެބޭފުޅުންގެ ފެންވަރު ނެތިގެން ދޫކޮށްލައްވާފައި ހުރީ. އަޅުގަނޑުމެން މިހާރުވެސް ހުންނާނެ، މިހާރުވެސް ހުންނާނެ، ޖޭ.ޕީ. އަށް ދަންނަވައިގެން، ޖޭ.ޕީ އަށް ގޮނޑިއަށް ނަންނަން ހުށަނޭޅުއްވިގެން އެތަންތަން ޕީ.ޕީ.އެމް. އިން ފުރާފައި ހުންނާނެ. މިހާރު މި ސަރުކާރު ހިންގާތާ 7 މަސްވަނީ. ކުންފުނިތަކުގެ ބޯޑަށް، އަޅުގަނޑުމެން ޕާޓީތަކުން ދޭންވާ ނަންނަން ނުލިބިގެން، ބޯޑުގެ މެންބަރުން ހަމަނުވެ އޮންނަންވާނެ ކަމަކަށް، އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. އަޅުގަނޑަށް ކެބިނެޓް އެކުލަވައިލެވުނު. ކެބިނެޓް އަޅުގަނޑަށް އެކުލަވައިލެވުނު، 3 ދުވަހުގެ ތެރޭގައި. އެހެންވީމާ، ކުންފުނިތަކުގެ ބޯޑުތަކަށް އެކަށީގެންވާ ޢިލްމީ ޤާބިލުކަންހުރި ބޭފުޅުން ދެއްވިނަމަ، ބޯޑުތައް ހިނގާނެ. އެހެންވީމާ، އެކަން ނުހިނގާ އެއޮތީ. އެހެންވީމާ، 35 ޕަސެންޓްވެސް ލިބިވަޑައިގަންނަވާނެ. 35 ޕަސެންޓް ގުނުއްވާއިރު، ހަނދުމަފުޅު ހުންނަންވާނެ، މިއީކީ އަލަށް ދޭންޖެހޭ 35 ޕަސެންޓެއް ނޫން. ރައީސް ވަޙީދު ސަރުކާރުގައި ޖޭ.ޕީ.ގެ ވަރަށްގިނަ ބޭފުޅުން ތިއްބަވާނެ. މި ސަރުކާރު އައުމާއެކީ، އަޅުގަނޑު ނިންމީ، ޖޭ.ޕީ. އަށް ދޭންޖެހޭ ޙިއްޞާ ދިނުމަށްޓަކައި ޖޭ.ޕީ.ގެ ބޭފުޅުންނާއި، ޕީ.ޕީ.އެމް.ގެ ބޭފުޅުންނާއި، ޢަދާލަތުގެ ބޭފުޅުން މަޤާމުތަކުގައި ބައިތިއްބަން، ރައީސް ވަޙީދު ސަރުކާރުގެ. އެހެންވީމާ، އެބޭފުޅުން ތިއްބަވާނެ މަޤާމުތަކުގައި. އެހެން ޕާޓީތަކުގެ ބޭފުޅުން، ސިޔާސީ މަޤާމަކު ނުތިއްބަވާނެ. ރައީސް އޮފީހުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މިއީ. އެހެންވީމާ، ޖޭ.ޕީ.ގެ ވަރަށްގިނަ ބޭފުޅުން، ރައީސް ވަޙީދު ސަރުކާރުގައި ޖޭ.ޕީ. އިން ލެއްވި ހުރިހާ ބޭފުޅުން ތިއްބަވާނެ މަޤާމުތަކުގައި.

ދެން ވިސްނަވާ، 35 ޕަސެންޓް ނުލިބެއޭ ބުނާއިރު، ދުނިޔޭގެ ކޮންތަނެއްގައިތޯ، ވެރިކަން ކުރާ ޕާޓީން ހޯމް މިނިސްޓްރީ ދޫކޮށްލާނީ ޖޭ.ޕީ. އަށް. އެއޮތީ ހޯމް މިނިސްޓްރީވެސް ދޫކޮށްލާފައި. އެހެންވީމާ، އެއީކީ ރަނގަޅު ވާހަކައެއް ނޫން. ފޮތްތައް ހިފައިގެން އިށީނދެއްޖެ ކަމަށްވަންޏާ، މިކަން އޮންނާނީ ފެންނަން. އަޅުގަނޑުމެން ފޮތްތައް ހިފައިގެން އިށީނީ، ރައްޔިތުންގެ މަޖިލީހުގެ ނަތީޖާތައް ފެނުނީމަ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ގޮނޑިތަކަށް ޖޭ.ޕީ. އިން ޝެޑޯ ނުކުރެއްވިނަމަ، އެމް.ޑީ.ޕީ. އަށް ލިބިވަޑައިގަންނަވާނީ 12 ގޮނޑި. 12 ގޮނޑި ލިބިވަޑައިގަންނަވާނީ. އެކަމަކު އެބޭފުޅުން 25 ގޮނޑި ނެންގެވީ، ޖޭ.ޕީ. އިން އަޅުގަނޑުމެންގެ ގޮނޑިތަކަށް ޝެޑޯ ކުރެއްވީމަ. އެހެންވީމާ، އެއީ އެކަން އޮތްގޮތް. ދެން މިހާރުވެސް މިދަންނަވަނީ، މިހާރުވެސް ޖޭ.ޕީ. އިން ދެއްވަންވާ، ބޯޑުތަކަށް ދެއްވަންވާ، އެކަށީގެންވާ ޤާބިލުކަންހުރި ބޭފުޅުން ނުދެއްވޭތީ، މައްސަލަ މި ޖެހެނީ. އެއީކީ ރައީސް އޮފީހަކުންނެއް ނޫން، ބޯޑުތަކަށްލާ މީހުން ނިންމަނީ. ކޮންމެ ޕާޓީއަކުން ނަން ދެއްވީމަ، ޕީ.ޕީ.އެމް. އިންވެސް ނަން ދެއްވީމަ، އެ ނަންތައް އަޅުގަނޑުމެން މި ފޮނުވަނީ، ޕްރައިވެޓައިޒޭޝަން ކޮމިޓީއަށް، ނޫނިއްޔާ ބޯޑަށް. އެބޯޑުގައި އެ އޮންނަ އުޞޫލުތަކާ އެއްގޮތަށް ބައްލަވާފައި، ޕީ.ޕީ.އެމް.ގެ އެތައް ބައިވަރު ބޭފުޅުންނެއް، އެތައް ބައިވަރު ކެންޑިޑޭޓުންނެއް އެބަހުރި ޑްރޮޕް ކުރައްވާފައި. ހަމަ އެގޮތަށް ޖޭ.ޕީ.އަށްވެސް ވަނީ. އެއީކީއެއް ރައީސް އޮފީހުގެ ދައުރެއް އޮވެގެން ހިނގާ ކަމެއް ނޫން. އެހެންވީމާ، ރައީސް އޮފީހުން ކިތަންމެވަރަކަށް ޖޭ.ޕީ އެގްރީމަންޓްގައި، ނޫނިއްޔާ ދެފަރާތުގައި އޮތް ކޯލިޝަން އެގްރީމަންޓްގައި، 35 ޕަސެންޓް ދޭން ބުންޏަސް، އެ ޢަދަދު ހަމަވާނީ ޖޭ.ޕީ. އިން އެ ޤާބިލުކަން ހުރި ބޭފުޅުން ބޯޑުތަކަށް ހުށަހެޅުއްވީމަ.

ފަޒީނާ އަޙްމަދު – ހަވީރު ނޫސް:

މާދަމާ ޤާސިމް ކުރިމަތިލައްވައިފިނަމަ، ކިހިނެއްތޯ، ވަޒީރުން މަޤާމުން ވަކިކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ދެން އެކަން އަދި އަޅުގަނޑުމެން ޕާޓީން ނިންމާނީ ދޮއެއްތޯ. އަދި އެކަން ނިންމާނީ އަޅުގަނޑުމެންގެ ޕާޓީން.

ޖާދުﷲ ސަޢީދު – ވީ. ނިއުސް:

މަނިކުފާނު ތިޔަ އިޝާރާތް ކުރައްވަނީ، މި ކޯލިޝަން ދެމެހެއްޓޭނެ ކަމަށްތޯ؟ ރޭގައި އިންޒާރު ދެއްވާފައި އޮތީ ކޯލިޝަން ރޫޅިގެންދާނެ ކަމަށާއި، ސްލޮޓްތައްވެސް ނެގިގެންދާން ކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މީގައި އަޅުގަނޑުމެންގެ ޕާޓީއެއް ނޫން ދޮއެއްތޯ. ކީއްވެގެންތޯ މީގައި ޤާސިމްގެ ބަހެއް ނުހޯއްދަވަނީ؟ މި ކޯލިޝަން ދެމެހެއްޓުމަކީ، ދެބައިމީހުންގެ ކަމެއް ދޮއެއްތޯ. ކޯލިޝަން ދެމެހެއްޓުމަކީ، ދެބައިމީހުންގެ ކަމެއް. އެހެންވީމާ، އިސްވެ މީގައި ކޮންފަރާތެއްގައިތޯ މައްސަލަ އުޅެނީ ވިސްނާލަންޖެހޭނެ. 14 ގޮނޑި ހިފައިގެން މަޖިލީހުގެ ރައީސަކަށް، އެ ޕާޓީންތޯ އާދެވޭނީ، 30 އެތައް ގޮނޑިއެއް ހިފައިގެން އަންނަ ޕާޓީން ދައްކާ ރައީސެއްތޯ އިންނާނީ. ކުޑަކުއްޖަކު ކުރެން އެއްސަސް، މި ސުވާލަށް ޖަވާބުދޭނެ ދޮއެއްތޯ.

މިޞްބާޙު ޢައްބާސް – ސީ.އެން.އެމް:

ކިހިނެއްތޯ، ކޯލިޝަން މިހާރު ވަރަށް ނުރައްކާތެރި ފައްތަރެއްގައި މިއޮތީ. އުވިދިޔުމާމެދު ސުވާލު އުފެދިފައި މިއޮތީ. އާދެ! ކިހިނެއްތޯ، ޤާސިމާ ނުލައި، މި ސަރުކާރަކީ ކިހާ ކާމިޔާބު ސަރުކާރަކަށްވެގެން ގޮސްދާނެތޯ؟ ކޯލިޝަނަށް ޤާސިމަކީ ކިހާ މުހިންމު ބޭފުޅެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މީގައި، ސަރުކާރަށް ޤާސިމް ކިތަންމެހާވެސް މުހިންމު އިނގޭތޯ. އެކަމަކު ސަރުކާރާއި ޤާސިމާ، މިވާހަކައެއް ނޫން ދައްކަންވީ ދޮއެއްތޯ. އަޅުގަނޑުމެން ދައްކަންވީ، ރައްޔިތުންނަށް ޚިދްމަތް ކުރުމުގެ ވާހަކަ ދޮއެއްތޯ. ރައްޔިތުންނަށް ޚިދްމަތް ކުރުމުގައި، ފުރަތަމަ ކަމަކީ، މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު އަޅުގަނޑުމެންނަށް ލިބެންޖެހޭ. ދެން ދެވަނަ ކަމަކީ، މަޖިލީހުގެ އަޣްލަބިއްޔަތު ހެޔޮގޮތުގައި ބޭނުންކުރަންޖެހޭ. މަޖިލީހުގެ އަޣްލަބިއްޔަތު އޮތީ ރައްޔިތުން އަޅުގަނޑުމެންނަށް ދީފައި. ދެން މަޖިލީހުގެ އަޣްލަބިއްޔަތު ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި ޤާނޫނު ހެދުމުގެ ބާރު، އެ އިތުބާރު އަޅުގަނޑުމެންނަށް އެބަ ލިބެންޖެހޭ. އެ ލިބޭ އިތުބާރަށް އަޅުގަނޑުމެންނަށް ފުރަގަސްދެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ރައްޔިތުންނަށް ޚިދްމަތް ނުކުރެވެނީ ދޮއެއްތޯ. އެހެންވީމާ، އެކަން ކުރުމުގައި، އަޅުގަނޑުމެން މިދަންނަވަނީ، އަޅުގަނޑުމެންނަށް މަޖިލީހުގެ ރައީސްކަން މުހިންމޭ އިނގޭތޯ. މަޖިލީހުގެ ރައީސްކަން އަޅުގަނޑުމެންނަށް މުހިންމޭ. އެހެންވީމާ، އެއަށް އެއްވެސް ކަހަލަ، އެއްވެސް ކަހަލަ، ޢާންމު އުޞޫލުން ކަންހިނގާގޮތާ ޚިލާފަށް، އެކަން ކުރައްވަން ޖޭ.ޕީ. އިން ކަނޑައެޅިގެން ވިދާޅުވާ ކަމަށްވަންޏާ، އެއީ ޖޭ.ޕީ. ގައި އުޅޭ މައްސަލައެއް. ޖޭ.ޕީ އަށް 14 ގޮނޑި ހިފައިގެން، މަޖިލީހުގެ ރައީސްކަން ދޭކަމަށްވަންޏާ، އެމް.ޑީ.އޭ. އަށް 7 ގޮނޑި ހިފައިގެން، މަޖިލީހުގެ ނައިބު ރައީސްކަން ދޭންޖެހޭ. ދެން ކޮބައިތޯ ބޮޑު ޕާޓީ. ކޮންކަމެއްތޯ ކުރަންވީ.

މިޞްބާޙު ޢައްބާސް – ސީ.އެން.އެމް:

މަނިކުފާނު ތިޔަ ވިދާޅުވަނީ މުހިންމޭ އިނގޭތޯ. އެކަމަކު ޕާޓީން ވިދާޅުވަނީ، ތިމަންނާމެންނަށޭ އޮންނަންޖެހޭނީ. އަނެއްކާ މަނިކުފާނު ފުރާވަޑައިގަންނަވަމުންވެސް ވިދާޅުވި، ނަން އަނބުރާ ގެންދަވާށޭ. އެހެންވީމާ، އެއީ ރަނގަޅު ގޮތްތޯ؟ ނޫނިއްޔާ ހަމަ ކަނޑައެޅިގެން އެހެންތޯއޭ އޮންނަންވީ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ނޫން ނޫން އެއީ ހަމަ ކަނޑައެޅިގެން އޮތްގޮތް. މުހިންމު ވަނީ، މުހިންމުގެ މާނައަކީ ހަމަ މުހިންމޭ ދޮއެއްތޯ. އެހެންވީމާ، މުހިންމުގެ މާނައަކީ، އެ ގޮނޑި އޮންނަންވާނީ ޕީ.ޕީ.އެމް އަތުގައޭ. ދެން އެވާހަކަ އަޅުގަނޑުމެން، ޤާސިމަށް ސިޓީއަކުންވެސް ދަންނަވައިފިން. ދެފަހަރު އަޅުގަނޑުމެން ސިޓީވެސް ފޮނުވައިފިން. ޑިސްކަޝަނެއްވެސް އަޅުގަނޑުމެން ހިންގައިފިން. އެހެންވީމާ، އެމަނިކުފާނު ކޮންމެވެސް ގޮތެއްގައި، މީގައި އަޅުގަނޑުމެންނަށް މަގެއް ދެއްކެވުން ދޮއެއްތޯ، ރައްޔިތުންގެ ޙައްޤުގައި މިކަން ކުރެވޭނެ ގޮތަކީ. އެހެންވީމާ، ކޯލިޝަން ދެމެހެއްޓުމަކީ، ދެފަރާތުންވެސް ކުރަންޖެހޭ ކަމެއް.

ޖާދުﷲ ސަޢީދު – ވީ. ނިއުސް:

ޑިސްކަޝަންގެ ވާހަކައެއް ރޭގައިވެސް ނާދޭ އިނގޭތޯ. ރޭގައިވެސް ދެކެވުނީ ސިޓީއެއް ލިބިދިޔަ ވާހަކަ. އެސް.އެމް.އެސް. ފޮނުވި ވާހަކަ. އެކަމަކު މަޝްވަރާގެ މޭޒުދޮށަށް އާދެވުނު ވާހަކައެއް ނުދެކެވޭ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މަޝްވަރާގެ މޭޒުދޮށަށް ޤާސިމް ވަޑައިގަންނަވަންވީ ނޫންތޯ. ޤާސިމް ވަޑައިގަންނަވަންވީ ނޫންތޯ މަޝްވަރާގެ މޭޒުދޮށަށް. އަޅުގަނޑުމެން އިސްވެ މިކަމަށް ޤާސިމަށް ފުރަތަމަ ދެންނެވީ. ޤާސިމްގެ ވަޒީރުން ލައްވައި، ޤާސިމަށް މިކަމުގައި ދަންނަވައިފިން. އަޅުގަނޑުމެން އެހެން ބޭފުޅުން ވަޑައިގެން، ޤާސިމް މިވާހަކަ ދައްކަވައިފި. އަޅުގަނޑުމެން ސިޓީ ފޮނުވައިފިން. ފުރަތަމަ ސިޓީގެ ޖަވާބު އައީ ވަރަށް ނޭދެވޭ ގޮތަކަށް. އައީމަ ދެވަނަ ސިޓީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޙާލަތާއި، އެދައްކަވާފައި ހުރި ވާހަކައާއި، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ފަރާތުން ދަންނަވަން ހުރި ވާހަކަ ދަންނަވާފައި، އަޅުގަނޑުމެން ސިޓީ ފޮނުވައިފިން. އެސިޓީގެ ޖަވާބުވެސް އަދި ނުލިބޭ. މަޝްވަރާއަކީވެސް، ކޯލިޝަން ދެމެހެއްޓުމަކީވެސް ދެފަރާތުން ކުރަންޖެހޭ ކަމެއް.


ޖާދުﷲ ސަޢީދު – ވީ. ނިއުސް:

އެހެންވީމާ، ތިޔަ ވިދާޅުވަނީ، މަޝްވަރާތަކަށް ނޫނެކޭ ވިދާޅުވީ ޤާސިމް ކަމަށްތޯ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ނޫން. އަޅުގަނޑުގެ ވާހަކައަކީ، މަޝްވަރާ މޭޒަށް ޤާސިމް އިސްވެ ވަޑައިގަންނަވަންވީ ނޫންތޯއޭ، މިހާހިސާބަށް ކަންތައް ދިޔައީމަ.

މިޞްބާޙު ޢައްބާސް – ސީ.އެން.އެމް:

ތިޔަބޭފުޅުންނަށް އޮތް ކަމެއް ނޫންތޯ، ތިޔަބޭފުޅުން އިސްވެ އެކަން ކުރައްވަން.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އަޅުގަނޑުމެން އެއޮތީ ސިޓީ ފޮނުވާފައި. ސިޓީގެ ޖަވާބެއް ނުދެއްވާ.

އަޙްމަދު ސާއިލް ޢަލީ – ސަން އޮންލައިން:

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ ވަރަށްފަހަކުން، ސީރިއާގައި ދިވެއްސަކު މަރުވެގެންދިޔަ ވާހަކަ. ހަނގުރާމައިގެ ތެރޭގައި. ކިހިނެއްތޯ ސަރުކާރުން އެކަން ދެކެވަޑައިގަންނަވަނީ؟ ކުރިއަށް އޮތް ތާނގައި އެކަހަލަ ކަންތައްތަކާ ދޭތެރޭގައި ސަރުކާރުން އަޅުއްވާނެ ފިޔަވަޅަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ސަރުކާރުން އަޅުގަނޑުމެންގެ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް މިބުނަނީ ދޮއެއްތޯ، ރާއްޖެއިން ބޭރުގައި އުޅޭއިރުވެސް، ވަކިކަހަލަ ޑިސިޕްލިން މިންގަނޑުތަކެއްގައި އުޅޭށޭ ދޮއެއްތޯ. ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު، އެމީހަކު މިނިވަނެއްގެ ގޮތުގައި، އެމީހަކު ކުރާ ކަމެއްގެ ޒިންމާ އެމީހަކު އުފުލަނީ ދޮއެއްތޯ. އަޅުގަނޑުމެންނެއް ނުހުންނާނެ، ބޯޑަރ ލައިންގައި ހަނގުރާމަކުރާކަށް، ދިވެހި ރައްޔިތުންނެއް ފޮނުވާފައެއް، އެރަށްރަށަކަށް. އެހެންވީމާ، ސޫރިޔާއަށްދިޔަ ދިވެހި ފެމިލީއެއްގެ ތެރެއިން، ނޫނިއްޔާ ދިވެހި ބައެއްގެ ތެރެއިން އެމީހަކު އަމިއްލައަށް ނުކުމެ، މިކަހަލަ ނުރައްކާތެރި އެންކައުންޓަރެއްގައި އުޅެގެން މަރުވުމަކީ ދެން ކިތަންމެހާވެސް ހިތްދަތިކަމެއް. ހިތާމަކުރާ ކަމެއް، ޤައުމީ ފެންވަރުގައިވެސް އަދި އަޅުގަނޑު އަމިއްލަގޮތުންވެސް. އެކަމަކު އެއަށް ކީކޭތޯ ސަރުކާރުން ބުނާނީ. އަނެއްކާވެސް ބުނެވޭނީ، އެކަހަލަ ކަންކަމުން ދިވެހި ރައްޔިތުން ދުރުގައި އުޅޭށޭ ދޮއެއްތޯ. ދިވެހި ރައްޔިތުންގެ ތެރެއިން ރަށުން ބޭރުގައި އުޅޭ މީހުން އެބަޖެހޭ ނަމޫނާއަކަށްވާން ދޮއެއްތޯ. އަޅުގަނޑުމެންނަށް މެލޭޝިޔާއިންވެސް އަޑުއިވިގެންދާނީ، ހަމަ ދިވެހި ކުއްޖަކު ޖަލަށްވީ ވާހަކައެއް، އެހެން ކަމެއްގައި. ދެން އެވީ ސަރުކާރުން ހުރިހާ މަސައްކަތެއް ހުއްޓާފައި، އޭގައި ޙައްލުތަކެއް ހޯދައިދެވޭތޯ ބަލަން. އެހެން ނަމަވެސް، ކޮންމެ ތަނެއްގައިވެސް ބަޔަކު އުޅެންވާނީ، އެޤައުމުގެ ވެށްޓާ ގުޅޭގޮތަށް، ޤާނޫނުތަކަށް ތަބަޢަވެގެން ދޮއެއްތޯ. އެހެންވީމާ، އަޅުގަނޑު ހުރިހާ ދިވެހި ރައްޔިތުންގެ އަރިހުން އެދެނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިއޮތް ރިވެތި އަޚްލާޤު ދައްކައިގެން ބޭރުގައި އުޅޭށޭ. ޝައްކެއްވެސްނެތްގޮތުގައި، ދިވެހި ސަރުކާރުގެ ފަރާތަކުންނެއް ހަނގުރާމަވެރިންނެއް، ބޭރު ޤައުމުތަކަކަށް އަޅުގަނޑުމެންނެއް ނުފޮނުވަން އިނގޭތޯ. އެހެންވީމާ، އޭގައި ދެން ހަމަ ހުރިހާ ބޭފުޅުންވެސް، ޒިންމާ އުފުއްލަވައިގެން ރަނގަޅަށް ކަންތައް ކުރެއްވީމަ، ރަނގަޅުވާނެ ދޮއެއްތޯ.

ފަޒީނާ އަޙްމަދު – ހަވީރު ނޫސް:

މިރޭ ފިލިޕީންސާއި ރާއްޖޭގެ މެޗާ ދޭތެރޭގައި މަނިކުފާނުގެ އުންމީދަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ދެން އަޅުގަނޑުގެ އުންމީދަކަށް ވާނީ، ހަމަ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖެ މޮޅުވުން ދޮއެއްތޯ. އަޅުގަނޑު ބޭނުންވަނީ އިރާދަކުރެއްވިއްޔާ، ހަމަ ދިވެހިން މޮޅުވާން އިނގޭތޯ. އޭގައި ހަމަ ހުރިހާ ދިވެހި ރައްޔިތުންވެސް އެދޭނީ އެގޮތް ދޮއެއްތޯ.

ރިޝާމް އަޙްމަދު – ދި އެފް.އެމް:

ޤާސިމް އިބްރާހީމް އިޝާރާތް ކުރައްވާފައިވަނީ، ކޯލިޝަން އެގްރީމަންޓުގައި 5 އަހަރުގެ މުއްދަތު އަދި އެބޮތްކަން. ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ދެން އެކިމީހުން އެކިކަންކަމުގައި ދެކޭނީ ތަފާތުކޮށް. އަޅުގަނޑުމެން މިކުރީކީ 5 އަހަރަކަށްވެސް ނޫން. އެކަމަކު އެގްރީމަންޓެއް ވެއްޖިއްޔާ މުއްދަތު އޮންނާނެ. ޤާސިމް އަޅުގަނޑުމެންނާއެކީ، ހަމަޖެހޭ އުޞޫލުތަކެއްގެ މަތިން ކުރިއަށް ވަޑައިގަންނަވަންޏާ، އަޅުގަނޑުމެން ބޭނުން ހަމަ ދާއިމަށް މިއެގްރީމަންޓް ދަމަހައްޓަން އިނގޭތޯ. ދާއިމަށް މި އެގްރީމަންޓް ދަމަހައްޓަން ބޭނުންވަނީ. އަޅުގަނޑުމެން 5 އަހަރަށް އެގްރީމަންޓްކުރީ އެއީ 5 އަހަރަކީ ރިޔާސީ ދައުރެއްގެ މުއްދަތު ދޮއެއްތޯ. އެހެންވީމާ، އެ މުއްދަތު އެއޮތީ 5 އަހަރަށް ޖަހާފައި. އެކަމަކު ދެން އަންނަ ރިޔާސީ ދައުރަކުވެސް އަޅުގަނޑުމެން ބޭނުން، މިކަންކަން ދަމަހައްޓަން. އެހެން ނަމަވެސް، އެކަން ކުރެވޭނީ ދެފަރާތުންވެސް ދޫކޮށްގެން ދޮއެއްތޯ. އެކަމަކު އަޅުގަނޑުމެންނަށް ދޫނުކުރެވޭ ސަބަބު މިދެންނެވީ. އަޅުގަނޑުމެންގެ ތިރީސް އެތައް ގޮނޑިއެއް ހުރެގެން، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ރައީސަކު ދައްކާއިރު، އަޅުގަނޑު ދެކެނީ ކޯލިޝަންގެ ރޫޙާ އެއްގޮތަށް މިކަން ކުރާކަމަށްވަންޏާ، ދެންތިބި ކޯލިޝަންގެ ޕާޓްނަރުން ނުކުމެގެން، އެއަށް ތާއީދު ކުރައްވަން. އަޅުގަނޑުމެން ނުދެކެން، ތިޔަބޭފުޅުން ދެކެވަޑައެއްނުގަންނަވާނެ، އެމް.ޑީ.އޭ. އަކުން، މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު ހުށަހަޅައިގެން އުޅޭތަނެއް. އެހެންވީމާ، މީގައި މިއީ އެންމެ އާދައިގެ ވިސްނުމުން ވިސްނިޔަސް އެނގެންވާނެ ދޮއެއްތޯ. ޤާސިމަށްވުރެން އައުލާކަންބޮޑީ، ޖޭ.ޕީ.އަށްވުރެން އައުލާކަންބޮޑީ ޕީ.ޕީ.އެމް.ގެ ފަރާތުން މަޖިލީހުގެ ރައީސްކަން ބެލެހެއްޓުން ދޮއެއްތޯ. ދުނިޔޭގައި ޢަމަލުކުރާ އުޞޫލަކީވެސް މިއީ ދޮއެއްތޯ.

އިބްރާހީމް މުޢާޒް – ޓީ.ވީ.އެމް:

މަޖިލީހުގެ ރައީސްގެ މައްސަލަ، މިހާ ހިސާބަށް ދިޔުމުގެ ކުރިން، ކޯލިޝަނުން އެންމެ ފުރަތަމަ ޝައުޤުވެރިކަން ފާޅުކުރީ ޤާސިމް އިބްރާހީމް ކަމަށް އެބަ ވިދާޅުވޭ ދޮއެއްތޯ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ކޮންކަމަކަށްތޯ؟

އިބްރާހީމް މުޢާޒް – ޓީ.ވީ.އެމް:

މަޖިލީހުގެ ރައީސް ކަމަށް ނުކުތުމަށް.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އެއީ ދަންނަވަންތޯ، މިއީކީ ކުރިން ފާޅުކުރުމާއި، ފަހުން ފާޅުކުރުމެއް. ކޯލިޝަންގެ އެންމެ ފުރަތަމަ އަސާސަކީ، ކޯލިޝަންގައި ތިޔަކަހަލަ ކަމެއް ކުރާކަމަށްވަންޏާ، ކޮބައިތޯ ކޯލިޝަންގެ ތެރޭގައި މަޝްވަރާ. ޤާސިމް ތިޔަ ޚިޔާލު ފާޅުކުރެއްވީ، ކޯލިޝަނާ މަޝްވަރާކޮށްފައިތޯ؟ މަޝްވަރާ ނުކުރޭ. އެހެންވީމާ، ޤާސިމަކަށް ޚިޔާލެއް، އެންމެ ފުރަތަމަ މިކަން ކުރީމަކާ، މިއީ ބައިސްކަލް ރޭހެއް ނޫން ދޮއެއްތޯ. އެންމެ ފުރަތަމަ ނިންމީމަ މޮޅުވާކަށް. ކޯލިޝަންގެ ތެރޭގައި ކަމެއް ކުރާކަމަށްވަންޏާ، ކޯލިޝަނަކީ ދެފަރާތުގެ އެއްބަސްވުން. ނޫނިއްޔާ އެއަށްވުރެ ގިނަ ބައެއްގެ އެއްބަސްވުން. ކޯލިޝަންގެ ތެރެއިން ކަންކަން ނިންމަން އެއޮތީ، ކޯލިޝަން ކޮމިޓީއެއް އެބައޮތް. އެ ކޮމިޓީގައި ޤާސިމް އިންނަވާ. އަދި އެ ޕާޓީގެ އެހެން ބޭފުޅުން ތިއްބަވާ. އަޅުގަނޑުމެންގެ ޕާޓީން ރައީސް މައުމޫން އިންނަވާ، އަޅުގަނޑު އިންނަން، އަދި އެހެން ބައެއް ބޭފުޅުން ތިއްބަވާ. އެމް.ޑީ.އޭ. އިން ޝިޔާމް އެބަ އިންނަވާ. ކޯލިޝަން ކޮމިޓީގެ ތެރެއަކުން ނޯންނާނެ ނިންމާފައެއް ޤާސިމް ނުކުމެވަޑައިގަންނަވާކަށް. ޤާސިމް އަދި އެ މަޝްވަރާ، ކޯލިޝަން ކޮމިޓީއާ ހަމައަށް ނުވެސް ގެންނަވާ. އަމިއްލަފުޅަށް ނިންމެވީ. އެހެންވީމާ، އަމިއްލަފުޅަށް ނިންމެވީމަ، ދެން އޭގައި ހަމަ އަޅުގަނޑުމެންގެ ޕާޓީންވެސް ދަންނަވަންޖެހޭ އެއްޗެއް ދަންނަވާނެ ދޮއެއްތޯ.

މިޞްބާޙު ޢައްބާސް – ސީ.އެން.އެމް:

ސީރިއާ މައްސަލައިގައި ވިދާޅުވެއްޖެ، ހިތާމަފުޅު ކުރައްވާ ކަމަށް. އަޅުގަނޑުމެންނަށް މީޑިއާއަށްމަޢުލޫމާތު އެބަ ލިބޭ، ސީރިއާގައި އިތުރު ދިވެހިންވެސް ހަނގުރާމަ ކުރަން ގޮސްފައި ތިބިކަން. ކިހިނެއްތޯ، ސަރުކާރުގެ ޕޮސިޝަންއަކީ ކޮބައިތޯ؟ ސީރިއާގައި، މިހާރު ގޮސްފައި ހަނގުރާމައިގައި ބައިވެރިވާން ތިބި ކަމަށް ބުނާ ދިވެހިން އަނބުރާ ގެނައުމަށް، ކިހާވަރަކަށް ސަރުކާރުން މަސައްކަތް ކުރައްވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ސަރުކާރުން މަސައްކަތް ކުރަންޖެހޭތޯ. އެމީހުން އަނބުރާ އަންނަންވީތޯ. ސަރުކާރުގައި، އެމީހުން ޓިކެޓެއް ބޭނުންވެގެން ބުނެފިކަމަށްވަންޏާ، ފައިސާދޭނެ ދޮއެއްތޯ. ސަރުކާރުގައި، ޓިކެޓެއް ޚަރަދުކުރަން ލާރިނެތިގެން ބުނެފިކަމަށްވަންޏާ، ކޮންމެ ދިވެހި ރައްޔިތަކު، ކޮންމެތާކު ހުއްޓަސް، އަދި ހަނގުރާމައެއް ނޫން، އެހެން ކަމެއްގައި ހުއްޓަސް، ތިމަންނައަށް އާދެވޭނެ ގޮތެއްނެތޭ، ތިމަންނަމެންނަށް ރާއްޖެ އާދެވޭނެގޮތް ހަދައިދޭށޭ ބުނީމަ، މާލީގޮތުން އަޅުގަނޑުމެންނަށް ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެކަމަކު އެމީހެއްގެ ނުރުހުމުގައި ގަދަކަމަކުންނެއް އަޅުގަނޑުމެންނަކަށް ގެނެވޭނެ ގޮތެއް ނޯންނާނެ ދޮއެއްތޯ. އެހެންވީމާ، ސީރިއާއެއް ނޫން އަދި އެހެން ޤައުމުތަކުގައި ތިބި މީހުންވެސް ދިވެހިރާއްޖެއަށް އަންނަން ބޭނުންވާ މީހުންނަށް އާދެވޭނެ ގޮތެއް، މާލީ ޙާލަތު ހުރިގޮތުން އާދެވޭނެ ގޮތެއް ނެތިއްޔާ ބުނަންވީ ދޮއެއްތޯ. އަޅުގަނޑުމެން ހަމަ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހަމަ ޖަލުތަކުގައި ތިބި ދިވެހި ރައްޔިތުންވެސް ޖަލުތަކުން ނެރެވޭ ހިސާބަށް، ދޭދޭ ޤައުމުގައި ދެ ސަރުކާރު ދޭތެރޭގައި ވާހަކަ ދައްކައިގެން ނެރެވޭ ހިސާބަށް ގޮއްސިއްޔާ ހަމަ އެއަށްވުރެ ބޮޑެތި ޚަރަދުކޮށްގެންވެސް މިގެންނަނީ ދޮއެއްތޯ މީހުން. އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑު ހަމަ ބޭނުންވަނީ، އަދި ތިޔަ ވިދާޅުވި މައްސަލައިގެ މަޢުލޫމާތު އެހާ ރަނގަޅަކަށް ސާފެއްވެސް ނޫން. އެހެން ނަމަވެސް، މީގައިވެސް އަޅުގަނޑު އެދެނީ ދެން އާދެވޭނެ ގޮތެއް ނެތިފައި ތިބި ދިވެހި ރައްޔިތުން ތިބިކަމަށްވަންޏާ، އަޅުގަނޑުމެންނަށް އިޝާރާތް ކުރާށޭ، އޭރަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް އެކަމުގައި ކުރާނެ ދޮއެއްތޯ.

މިޞްބާޙު ޢައްބާސް – ސީ.އެން.އެމް:

ދިވެހިންތަކެއް ގޮސްފައި ސީރިއާގައި ހަނގުރާމަ ކުރަމުންދާއިރު ކިހިނެއްތޯ، ސަރުކާރުން އެކަން ހުއްޓުވަން މަސައްކަތް ކުރާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ނޫން ނޫން ނޫން. ދިވެހި ސަރުކާރަށް އެނގިގެނެއް ނޫން، ސީރިއާއަކަށް ބަޔަކު ދިޔައީކީ ހަނގުރާމަ ކުރާކަށް. އަދި ދިވެހިރާއްޖެއަކަށް އަދިވެސް ނޭނގެ، ސީރިއާގައި ދިވެހިންގެ އެތައް ބަޔަކު ހަނގުރާމަ ކުރާކަމެއްވެސް އިނގޭތޯ. އެހެންވީމާ، ދިވެހިރާއްޖެއިން ހުއްދަ ނަގައިގެން، ދިވެހިރާއްޖެއިން އެދިގެން، ދިވެހިރާއްޖެއަށް އެނގިގެން، ދިވެހި ސަރުކާރަށް އެނގިގެން ކުރާ ކަމެއް ނޫން އެއީކީ ދޮއެއްތޯ. އެހެންވީމާ، އޭގައި އަޅުގަނޑުމެންނަކަށް އިތުރު އެއްޗެއް ބުނާކަށް ނޭނގޭނެ، އެހެން ނޫންތޯ. ހަމަ ބޮޑެތި މީހުން ގޮސް އެ އުޅެނީ. ދިވެހިރާއްޖޭގައި އަމިއްލަ ޙައްޤުތަކެއް އެބަ ހިމެނޭ. ދެން ރާއްޖެއިން ބޭރަށް ދިޔުމަށްފަހު، އެމީހުން ޢަމަލުކުރާ ކަމެއްގެ ފުރިހަމަ ޒިންމާއާއި، އެކަމަށް އޮންނަ އަދަބެއް އެމީހުން ގޯ ތްރޫ ކުރާނެ ދޮއެއްތޯ. އެއަކަށް ދިވެހިރާއްޖެއަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. އަދަބެއް އައުމަށްފަހު، އެ އަދަބަކުން މިންޖުކުރުމަށްޓަކައި ކުރާ މަސައްކަތް، ދިވެހި ސަރުކާރުން ކޮށްދޭނެ.