بســم اللّـه الرّحمـن الرّحيــم

‏އަޅުގަނޑުމެން ސިންގަޕޫރަށް ކުރި ދަތުރު ނިންމާލާފައި މިއައީ. މިދަތުރުގެ ‏‏ބޭނުމަކީ، ދިވެހިރާއްޖޭގައި މިހާރު ހުރި ވިޔަފާރީގެ ފުރުސަތުތަކާބެހޭގޮތުން، ސިންގަޕޫރުގެ ވަރަށްގިނަ ‏‏ބޮޑެތި ކުންފުނިތަކަށާއި އަދި ބައްދަލުވުމުގައި ބައިވެރިވި ބޭރުގެ އެކިއެކި ޤައުމުތަކުގެ ފަރާތްތަކަށް ‏‏މަޢްލޫމާތު ސާފުކޮށްދިނުން. ދެން މީގެތެރެއިން ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ އިޤްތިޞާދީ ‏‏ތަޞައްވުރުގައި ހިމެނިފައި އެހެރަ ބޮޑެތި މަޝްރޫޢުތަކަށް، ބޭރުގެ ސަމާލުކަން ގެނައުމަށް ‏‏މަސައްކަތްތަކެއް ކުރެވުނު. މައިގަނޑު ބޮޑެތި 5 މަޝްރޫޢެއް ހުށަހެޅިގެން ދިޔަ. އެއީ، މިދަތުރުގެ ‏‏އެއް ބޭނުމަކީ. ‏

‏ދެން ދިވެހިރާއްޖެއިންވެސް ހަމަ ވިޔަފާރިވެރިންނާއި އެކިއެކި ސިނާޢަތްތަކުގެ ‏‏ވަރަށްގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. ދެން އެބޭފުޅުންގެ ބޭނުންފުޅަކަށްވަނީ، އެބޭފުޅުންގެ ‏‏ދާއިރާއިން ބޭނުންވާ ކަންކަމަށް އިންވެސްޓަރުން ހޯދުމާއި، ފައިސާ ހޯދުމުގެ މަސައްކަތް. ދެން ‏‏މި ސިމްޕޯޒިއަމްގައި ބޭރުގެ ކުންފުނިތައްވެސް ބައިވެރިވި. ހަމައެގޮތަށް މިދެންނެވި ގޮތަށް ‏‏ދިވެހިރާއްޖެއިން މިވަޑައިގެންނެވި ވަފްދުގެ ބޭނުމަކަށްވެސްވަނީ ހަމަ އެކިއެކި ދާއިރާއިން، ‏‏އެ ދާއިރާތަކަށް ބޭނުންވެފައިހުރި ކަންތައްތަކަށް ފައިސާ ހޯދާނެ ގޮތާއި، އަދި ބައެއް ކަހަލަ ‏‏މަސައްކަތްތަކަށް ޖޮއިންޓް ވެންޗަރ ޕާޓްނަރ ހޯދުމުގެ މަސައްކަތް. ޓޫރިޒަމްގެ ދާއިރާގައިވެސް މިކަން ‏‏ހިނގި. އަދި މަސްވެރިކަމުގެ ދާއިރާގައިވެސް އަދި އެހެން ދާއިރާތަކުގައިވެސް މިކަން ހިނގި. ‏‏ސަރުކާރުގެ ކުންފުނިތަކުންވެސް މި ސިމްޕޯޒިއަމްގައި ބައިވެރިވި. މައިގަނޑު ގޮތެއްގައި ހަމަ ‏‏ކުންފުނިތަކުގެ އެކިއެކި ބިޔަ މަޝްރޫޢުތަކަށް ފައިސާ ހޯދުމާއި، ޖޮއިންޓް ވެންޗަރ ޕާޓްނަރ ހޯދުމުގެ ‏‏މަސައްކަތްތަކެއް ކުރެވެމުންދިޔައީ. ‏

‏ދެން އަޅުގަނޑު ދަންނަވާނީ ހަމަ މިހާރު ޚަބަރުންވެސް ދިވެހިރާއްޖެއާ ‏‏ހަމައަށްވެސް އައިސްފައި މިއޮތްގޮތަށް އިރާދަކުރެއްވިއްޔާ މިބައްދަލުވުމަކީ، މި ސިމްޕޯޒިއަމަކީ، ހަމަ ‏‏ވަރަށް ބިނާކުރަނިވި ސިމްޕޯޒިއަމްއެކޭ. ހާޒިރުވެ ތިބި މީހުންގެ އަދަދަށް ބަލާ ކަމަށްވަންޏާ ހަމަ ‏‏ވަރަށް އެދެވޭ ތަރުޙީބެއް ލިބިގެންދިޔަ. ދެން އަޅުގަނޑަށް ޤަބޫލު ކުރެވެނީ، ދިވެހިރާއްޖެއިން ‏‏މިކުރެވުނު މަސައްކަތުގައި ނަތީޖާ ހަމަ ވަރަށް ރަނގަޅޭ. ވަޒީރުންނާއި އަދި އެބޭފުޅުންނާއެކު ‏‏މަސައްކަތް ކުރެއްވި ޓީމުތަކުން ވަރަށްގިނަ މަސައްކަތްތަކެއް މިވަނީ ކޮށްފައި. އަދި ހަމައެހެންމެ، ‏‏ރާއްޖޭގައި އިންވެސްޓްކޮށް މިއުޅޭ ބޮޑެތި ވިޔަފާރި ފަރާތްތަކުންވެސް، ވިޔަފާރީގެ ‏‏އިސްފަރާތްތަކުންވެސް މަސައްކަތްތަކެއް ކޮށްފައިވަނީ. އަދި ރާއްޖެއާ ބެހޭގޮތުން އެމީހުންގެ ‏‏ތަޖުރިބާވެސްވަނީ މި ސިމްޕޯޒިއަމްގައި ހާމަކޮށްފައި.‏

‏ ދެން ސަރުކާރުގެ ފަރާތުން ވަޒީރުން މިހުށަހެޅުއްވި މަޝްރޫޢުތައްވެސް ހަމަ ‏‏ވަރަށް އެދެވޭ ފެންވަރެއްގައި، ވަރަށް ރަނގަޅު ފެންވަރެއްގައި ހުށަހެޅިގެންދިޔަ. އެހެންވީމާ، ޖުމްލަ ‏‏ގޮތެއްގައި ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. ހަމައެގޮތަށް ‏‏ބޭރުގެ ފަރާތްތަކުންވެސް ހަމަ ޤަބޫލުކުރޭ މި ސިމްޕޯޒިއަމަކީ، ވަރަށް ރޭވުންތެރިކަމާއެކީ ހަމަ ވަރަށް ‏‏ކާމިޔާބު ސިމްޕޯޒިއަމެއް ކަމަށް. ދެން އަޅުގަނޑުމެން އިޢުލާން ކުރިން، އަޅުގަނޑުމެންގެ ‏‏މިމަސައްކަތް މިފެށުނީ ސިންގަޕޫރުގައި ކަމަށް. ދެން މިއާއެކީ ޝަންހާއީގައި އަދި ހޮންގކޮންގގައި ‏‏އަދި މެދުއިރުމައްޗަށް ބަލާލި ކަމުގައިވަންޏާ ދުބާއީ ހިސާބުގައި އަޅުގަނޑުމެން ސިމްޕޯޒިއަމެއް ‏‏ބާއްވާނެ. ‏

‏ދެން ދިވެހިރާއްޖޭގެ އިޤްތިޞާދީ މަޝްރޫޢުތަކަށް ޕްރޮމޯޓް ކުރުމަކީ، އަބަދުމެ ‏‏ކުރަންޖެހޭ މަސައްކަތެއް. ޓޫރިޒަމަކީ މީގެ އެއް ޞިނާޢަތް. ޓޫރިޒަމް ޕްރޮމޯޝަންގެ މަސައްކަތްވެސް ‏‏މި ހިނގަނީ ހަމަ އަބަދުމެ ކަހަލަ ގޮތަކަށް މި މަޝްރޫޢުތައް އިޝްތިހާރު ކުރުމަށް. އައި.ޓީ.ބީ، ނޫނީ ‏‏އެހެންވެސް ފެއަރތަކަށް މިދަނީ. މިހާރު ހަމަ މިމަސައްކަތް މިވަނީ މަސްވެރިކަމުގެ ސިނާޢަތުގައިވެސް ‏‏ފެށިފައި. ދާދިފަހުންވެސް ބޮސްޓަންގައި އޮތް ފެއަރއެއްގައި ޑޮކްޓަރ ޝައިނީ، ފިޝަރީޒް ‏‏މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންފައިވަނީ. ދެން މީގެ ނަތީޖާތައްވެސް ރަނގަޅު. ‏‏އަޅުގަނޑުމެންނަށް ޔޫރަޕަށް ދަޅުމަސް އެކްސްޕޯޓް ކުރުމަށް މި ދިމާވި މައްސަލަތަކާ ގުޅިގެން، ‏‏އެމެރކާގެ ބާޒާރު މިހާރު މިއޮތީ މަސްވެރިކަމަށް ހަމަ ވަރަށް ބޮޑަށް ހުޅުވާލެވިފައި. ދެން ‏‏އެތަންތަނަށް ބޭނުންވާ އަދަދަށް އަޅުގަނޑުމެންނަށް މަސް ނުއުފެއްދުންކަންނޭނގެ، މިހާރު ބޮޑު ‏‏މައްސަލައަކަށްވާނީ. އެހެންވީމާ، މިކަހަލަ މަސައްކަތަކީ އިޤްތިޞާދީ ގޮތުން ރާއްޖެ ތަޢާރުފު ކުރުމާއި ‏‏އަދި މިމަސައްކަތްތަކަކީ ހަމަ އަބަދުމެ ކުރެވެންޖެހޭނެ މަސައްކަތްތަކެއް. ދެން މިއީ، ފުރަތަމަ ‏‏ދުވަހުގެ ބައްދަލުވުން. ދެން އޭގެފަހުން، ކަރުދާސްތައް ހުށަހެޅުމާއި އަދި މަޝްރޫޢުތައް ވަކިވަކިން ‏‏ހުށަހެޅުމުގެ ކަންތައްތައް ހިނގައިގެން ދިޔައީ. ‏

‏ދެން މި ސިމްޕޯޒިއަމްގެ ތެރެއިން، ރާއްޖެއިން ބޭރުން މީގައި ‏‏ބައިވެރިވެވަޑައިގެންނެވި ބައެއް ފަރާތްތަކުން މިހާރުވެސް ޝައުޤުވެރިކަން އުފައްދަވާފައި އެބަހުރި، ‏‏ބައެއް ވަޒީރުންނާ ވާހަކަފުޅު ދެއްކެވި، ހުޅުމާލޭގެ އެކިއެކި މަޝްރޫޢުތަކަށް އަޅުގަނޑާ ހަމައަށް ‏‏ވަޑައިގެންނެވި ބައެއް ބޭފުޅުން ޓްރާންސްޝިޕްމަންޓް ބަނދަރުގެ ވާހަކަ، މިހާރުން މިހާރަށްވެސް ‏‏ތިލަފުށީގެ ބަނދަރާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި. މާލޭގެ ބަނދަރު، ސީޕޯޓް ތިލަފުށްޓަށް ‏‏ބަދަލުކުރުމުގެ މަޝްރޫޢު އޮތީމާ. ދެން ހަމައެއާއެކީ ހުޅުމާލޭގެ ޓައުންޝިޕެއް ޑިވެލޮޕް ކުރުމަށް ކުރާ ‏‏މަސައްކަތުގައިވެސް ވާހަކަވެސް ދެކެވިފައިވަނީ. އެއަރޕޯޓްގެ އެކިއެކި ކޮމްޕޯނަންޓްތަކުގެ ވާހަކަވެސް ‏‏ޗައިނާއިން ބައިވެރިވި ވަރަށް ބޮޑު ކުންފުންޏަކުން އަޅުގަނޑުމެންނަށް ގެނައި. ދެން ‏‏އިރާދަކުރެއްވިއްޔާ ހީވަނީ އިތުރަށް މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ މިއިން ފައިދާތަކެއް ‏‏ވާނެހެން. ކޮންމެއަކަސް ދިވެހިރާއްޖެއާބެހޭ ވަރަށްގިނަ މަޢްލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު ބޭރުގެ ‏‏ފަރާތްތަކަށްވެސް ލިބިގެންދިޔަ ސިމްޕޯޒިއަމެއް މި ސިމްޕޯޒިމަކީ. އެހެންވީމާ، ޖުމްލަ ގޮތެއްގައި ހަމަ ‏‏އިރާދަފުޅުކުރެއްވިއްޔާ، މިއިން ނަތީޖާތަކެއް ފެންނަންވާނެ ކަމަށް ޤަބޫލުކުރެވޭ ފެންވަރުގައި ‏‏ޝައުޤުވެރިކަން އުފެދިގެންދިޔަ ވިޔަފާރީގެ ބައްދަލުވުމެއް، މި ބައްދަލުވުމަކީ.‏

‏އިބްރާހީމް މުޢާޒު – އެމް.ބީ.ސީ‏

‏ފޯރަމްގެ އެންމެ ކާމިޔާބު މަޝްރޫޢަކީ ކޮބައިތޯ؟ މިއަދު އިވިގެންދިޔަ ޖީ.އެމް.އާރުން 1.4 ބިލިއަން ‏‏ޑޮލަރު ބަދަލެއްގެ ގޮތުގައި ހޯދުމަށް. އެ އަދަދު ކުޑަ ނުކުރާނެ ކަމަށް. މަނިކުފާނުގެ ވިސްނުންފުޅު ‏‏ހުރީ ކޮންގޮތަކަށްތޯ؟ ‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏މީގައި ޝައުޤުވެރިކަން އުފެދިގެން ދިޔަ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ އަޅުގަނޑަށް ޤަބޫލު ‏‏ކުރެވެނީ، ފަހަރުގައި ތަރުތީބުން ކަމަށް ނުވެދާނެ. އެންމެބޮޑު ޝައުޤުވެރިކަމެއް މިއޮތީ އެއަރޕޯޓަށް. ‏‏އާ އެއަރޕޯޓެއް ނޫނީވިއްޔާ އެއަރޕޯޓުގެ އެކްސްޓެންޝަނެއް ހަމަ އާ އެއަރޕޯޓުގެ. ދެން އޭގައި ‏‏މިހާރުވެސް އަޅުގަނޑުމެން ޖަޕާނަށް ކުރި ދަތުރުގައިވެސް އެއަރޕޯޓުގެ ޓަރމިނަލް ފެސިލިޓީޒްގެ ‏‏ކަންތައް އިރާދަކުރެއްވިއްޔާ ޖަޕާނުގެ ދެ ކުންފުންޏަކުން އެމް.އޭ.ސީ.އެލް.އާ އެކީ ޖޮއިންޓް ވެންޗަރ ‏‏ހަދައިގެން މިމަސައްކަތް ކުރިއަށްދާގޮތަށް، ފަންޑިން ޖޭޕިކްގެ ފަރާތުން ލިބޭނެކަމަށް އިންތިޒާރު ‏‏ކުރެވެނީ. ދެން އެއަރޕޯޓުގައި ހުރި ބައިތަކަށް ހަމަ ވަރަށްބޮޑު ޝައުޤުވެރިކަމެއް އެބައޮތް. ދެން ‏‏އެއާއެކީ މިއަންނަނީ ހުޅުމާލޭގެ އިޤްތިޞާދީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް. އެހެންވީމާ، އެއީ ‏‏ތަރުތީބުން ދަންނަވާ ކަމަށްވަންޏާ އަޅުގަނޑަށް ފާހަގަ ކުރެވުނު، އަޅުގަނޑާ ހަމައަށް އައިސްފައި ‏‏ހުރި މަޝްރޫޢުތައް. އެހެންނަމަވެސް އަޅުގަނޑުމެންނާއެކީ ވަޑައިގެންނެވި ބައެއް ވަޒީރުން އަދި ‏‏އެބަތިއްބެވި. މާދަމާ ވަޑައިގަންނަވާނީ. އެބޭފުޅުންނާ ހަމައަށް އައި އިތުރު މަޝްރޫޢުތަކެއް އަދި ‏‏އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ. ‏

‏ދެން ޖީ.އެމް.އާރާ ބެހޭގޮތުން ތިޔަކުރެއްވި ސުވާލުގައި ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ‏‏އެއީ ޖީ.އެމް.އާރު.ގެ ޕްލޭނޭ. އެމީހުން 1.4 ބިލިއަން ނޫނީ 1400 މިލިއަނަށް އެމީހުންގެ ކްލެއިމް ‏‏އޮތީ. ދެން ހަމަ ތެދުތެދަށް ދަންނަވާކަމަށްވަންޏާ އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ، އެވަރު ‏‏އަރަންޖެހޭނެ ކަމަކަށް. އެއީ، އަޅުގަނޑުމެންނަށް އެގްރީމެންޓް ބާޠިލު ކުރެވިދާނެ. ދިވެހިރާއްޖޭގެ ‏‏އެއަރޕޯޓަކީ، ފައިދާހުރި ގޮތެއްގައި ދެވިފައި އޮތް އެއަރޕޯޓަކަށްނުވާތީ އަދި ރާއްޖޭގެ ރައްޔިތުން ‏‏އެދޭ ގޮތަކީ، ސަރުކާރުން ބޭނުންވަނީ ފައިދާހުރި ގޮތެއްގައި މިކަން ކުރެވޭނީ، އަޅުގަނޑުމެން ‏‏އަމިއްލައަށް ކަމަށްވަންޏާ އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ. އެހެންނަމަވެސް، އަޅުގަނޑު ފުރުމުގެ ‏‏ކުރިންވެސް ދަންނަވާލިގޮތަށް ބަދަލުދޭންޖެހޭނެ. އެކަމު ބަދަލުދިނުން ބިނާވާނެ ކަމަށް އަޅުގަނޑަށް ‏‏ޤަބޫލު ކުރެވެނީ ޖީ.އެމް.އާރުންވެސް އެހެރީ ޚަރަދުތަކެއް ކޮށްފައި. 200 މިލިއަން ޑޮލަރާ ‏‏ހަމައަކަށްނާރާނެ. އެކަމު އަޅުގަނޑަށް ހަނދާންވާ ގޮތުން ވެއްޖިއްޔާ 140 މިލިއަނާއި 160 ‏‏މިލިއަނާ ހަމައަށް ޚަރަދު ކޮށްފައި. އެކަމަކު އަޅުގަނޑުމެންނަށް މީޑިއާއިންވެސް އެނގިގެންދިޔަ ‏‏އޭރުގެ ބަންޑާރަނައިބު ޢާޒިމާ ވަޑައިގެން އަޅުގަނޑުމެންގެ މާލިއްޔަތު ކޮމިޓީގައި، އޭރު ‏‏އަޅުގަނޑުވެސް މާލިއްޔަތު ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އިނިން ރައްޔިތުންގެ މަޖިލީހުގައި. އެހެރީ ‏‏ދެއްވާފައި ހުރި ބަޔާންތައް. ޖީ.އެމް.އާރުން ނަގާފައި ހުރި ހުރިހާ ލޯނަކަށް އެގްރީމެންޓްގައި އޮންނަ ‏‏ގޮތުން ވެއްޖެއްޔާ ދައުލަތުންވަނީ ސޮވެރިން ގެރަންޓީވެސް ދީފައި. އެހެންވީމާ، ޖީ.އެމް.އާރަށް އެ ‏‏ލޯނު އަދާނުކުރެވިއްޖެ ކަމަށްވަންޏާ އޭގެ މާނައަކީ، ދިވެހި ދައުލަތުން އެ ލޯނަށް ޒިންމާ އުފުލަންޖެހޭ ‏‏ގޮތަށް އެހެރީ އެގްރީމެންޓް ކުރެވިގެން، ސޮވެރިން ގެރެންޓީ ދީގެން އެކަންކަން ކުރެވިފައި. ‏‏އެހެންވީމާ، ޖީ.އެމް.އާރުން ރާއްޖޭގައި އެއަރޕޯޓުގައި މަސައްކަތްތަކެއް ކުރި. އިންވެސްޓްމަންޓްތަކެއް ‏‏ކުރި. މިދެންނެވި އަދަދު. އެހެންވީމާ، އެއާ ގުޅުންހުރި އަދަދަކަށް، ނޫނިއްޔާ އެއާ ދާދި އެއްވަރުގެ ‏‏އަދަދަކަށް ބަދަލު ނެނގެންޖެހޭނެ ކަމަށް ނޫނީ ނަގައިދޭނެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ. ‏‏އެހެންނަމަވެސް އެމީހުން 30 އަހަރުގެ ކޮންސެޝަނަކަށް ހިންގީމާ، ކޮންމެ އަހަރަކު ލިބޭނެ ‏‏ފައިދާއަކަށް ބިނާކޮށް 35 އަހަރު ވަންދެން އެމީހުންގެ އަތުގައި އެއަރޕޯޓް އޮވެއްޖެ ކަމަށްވަންޏާ ‏‏ނެގޭނެ ޖުމްލަ އާމްދަނީ، ކަލްކިއުލޭޓް ކޮށްގެން، ހިސާބު ކޮށްގެން، 1400 މިލިއަން ނޫނީވިއްޔާ ‏‏އެއަށްވުރެ ބޮޑު އަދަދެއް ނަގައިދީފާނެ ކަމާ ދޭތެރޭގައި އަޅުގަނޑު ހިތުގައި ސުވާލު އުފެދޭ. ‏‏އަޅުގަނޑަކަށް ޤަބޫލެއް ނުކުރަން، އެހެން ވެދާނެ ކަމަކަށް. އެހެންނަމަވެސް ކޮށްފައިހުރި ‏‏މަސައްކަތަށް ބަދަލު ދޭންޖެހޭނެ. ‏

‏ސުވާލު:‏

‏މުޢާޒްގެ ސުވާލާ ގުޅުންހުރި ސުވާލެއް އިނގޭތޯ. ކިހިނެއްތޯ ސަރުކާރުން ދެކެވަޑައިގަންނަވަނީ، ‏‏ކިހާވަރެއްގެ ބަދަލެއް ޖީ.އެމް.އާރަށް ދޭންޖެހޭނެ ކަމަށްތޯ؟ ‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏އެގޮތަށް ހިސާބެއް ހަދަން ދަތި އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވިސްނުމުގައި، ‏‏އަޅުގަނޑުމެންގެ ޓީމުގެ ވިސްނުމުގައި 300 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަކަށް ‏‏އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ. އެހާކަށްހާވަރު އުޅޭނެކަމަށް ލަފާކުރެވެނީ. އެއަށްވުރެ ‏‏މަތިވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. ‏

‏އަޙްމަދު ނާއިފް – ހަވީރު ނޫސް‏

‏އެއަރޕޯޓް ތަރައްޤީ ކުރުމާ ބެހޭގޮތުން ޖަޕާނުގެ އިތުރަށް ދެން ކޮންކޮން ޤައުމުތަކަކުންތޯ ‏‏ޝައުޤުވެރިވަނީ؟ ކޮންކޮން ކުންފުނިތަކެއްތޯ؟ ‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގައި މިފަހަރު އަޅުގަނޑުމެންގެ ސިމްޕޯޒިއަމުން އެންމެ ‏‏ފާހަގަވެގެންދިޔައީ، އެންމެ އިސްކޮށް މިއުޅެނީ، ހަމަ މިހާރު ދުނިޔޭގައި އެންމެ ބޮޑަށް މިކަހަލަ ‏‏ސުޕަރ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކުގައި އެންމެ ފުންނާބުއުސް ކުންފުނިތައް ހުރީ ‏‏ޗައިނާގައި. އެހެންވީމާ، ޗައިނާ ކުންފުނިތަކުން މިކަމަށް ޝައުޤުވެރިކަން އެބަހުރި. ދެން ނައިބު ‏‏ރައީސް ޑޮކްޓަރ ޖަމީލް، ކުވައިތަށް ވަޑައިގެންނެވި ދަތުރުގައި، ކުވެއިތު ސަރުކާރުގެ ފަރާތުންވެސް ‏‏މިކަމަށް އެހީތެރިވާނެ ކަމަށް ވިދާޅުވި. ޒަމާނުއްސުރެ އަޅުގަނޑުމެންގެ އެއަރޕޯޓަށް، އެންމެ ފުރަތަމަ ‏‏ރައީސް މައުމޫން ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނަވާފައި، އޭގެފަހުން ރައީސަކަށް ‏‏ވެވަޑައިގެންނެވި ފަހުންވެސް، ކުވައިތު ފަންޑުން މިއޮތީ އެއަރޕޯޓަށް ވަރަށް ބޮޑެތި އެހީވެފައި. ‏‏އެހެންވީމާ، ކުވައިތު ފަންޑުން އެހީވާނެކަމަށް އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ. ‏

‏ދެން އެއާއެކީ އަޅުގަނޑު މިދޭތެރެއިން ނުރަސްމީ ދަތުރެއްގައި ސައޫދީ ޢަރަބިއްޔާއަށް ދިޔައިރު ‏‏ސައޫދީ ޢަރަބިއްޔާގައި ޢިމާރާތް ކުރުމުގައި ހަމަ އެންމެ ބޮޑު ބިޔަ ކުންފުނީގެ އިސްބޭފުޅުންނާ ‏‏ބައްދަލުވި. އެބޭފުޅުންގެ ޝައުޤުވެރިކަން ހުރިކަންވެސް ފާހަގަކުރެއްވި. މިހާރު އަޅުގަނޑުމެން ކުރަން ‏‏ޖެހިފައި އޮތް ކަމަކީ، ކޮންމެވެސް ވަރަކަށް އެ މަސައްކަތް ކުރެވިއްޖެކަންނޭނގެ. ޗާންގީ އެއަރޕޯޓްގެ ‏‏އިސްމީހުންނާ ވާހަކަ ދައްކައިގެން އެއަރޕޯޓްގެ މޮޑެލެއް، ނޫނީ އެއަރޕޯޓްގެ ޑިޒައިނެއް، ‏‏ކޮންސެޕްޓްގައި ހިމެނޭނެ ބައިތައް އެކުލަވާލާފައި ދެން އަޅުގަނޑުމެންނަށް ޙަޤީޤަތުގައި މާކެޓް ‏‏ކުރުމުގެ މަސައްކަތް ކުރެވޭނީ. އެހެންވީމާ، އެމަސައްކަތް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ނިމޭނެ.‏

‏އެއަރޕޯޓުގައި ހިމެނެންޖެހެނީ ކޮންކޮން ބައިތަކެއްތޯ. އެއީ ދެން ހުޅުމާލޭގެ ބައިވެސް ލައިގެން. ‏‏އެހެންވީމާ، އެކަން ނިމުނީމާ، ޙަޤީޤަތުގައި އަޅުގަނޑުމެން އެކި ބައިބައި ވަކިވަކިން ޓެންޑަރ ‏‏ކުރުމުގެ މަސައްކަތް، ނޫނީވިއްޔާ އެކިފަރާތްތަކާ ވާހަކަދައްކައިގެން ޝައުޤުވެރިކަން އުފައްދައިގެން ‏‏އޭގެ ފައިނޭންސިން ޕެކެޖަކާ ހަމައަށް ގެންދެވޭނީ.‏

‏އަޅުގަނޑާ ބައްދަލުކުރި ޗައިނާގެ ގްރޫޕުންވެސް ފައިނޭންސްގެ ވާހަކަތައް ދެކެވުނު. އޭގެ ތެރޭގައި ‏‏އެބޭފުޅުން ވިދާޅުވެފައި އޮތީ، މީގެ ތެރެއިން އެއްބަޔަކީ، ހަމަ ޗައިނާ ސަރުކާރުން ވަރަށް ‏‏ކޮންސެޝަނަލްކޮށް ލިބޭނެ. އަނެއްބަޔަކީ އެގްޒިމް ފައިނޭންސްގެ ތެރެއިން ލިބޭނެ. އެހެންވީމާ، ‏‏އަޅުގަނޑުމެންނަށް މިހާރު މައްސަލައަކަށްވާނީ، މިއީ ކިހާވަރެއްގެ ޚަރަދެއްތޯ، ކޮސްޓް އޮފް ކެޕިޓަލް ‏‏ނޫނީ އިންޓަރެސްޓް ކިހާވަރެއްގައި ބޮރޯކުރަން ޖެހޭނެތޯ، އެކަމު މިއަށް ފައިސާ ލިބޭނެ ކަމަށް ‏‏އެޕާޓީން ހަމަ ވަރަށް އަޅުގަނޑުމެންނަށް ކަށަވަރުކަން ދިން. ދެން އަޅުގަނޑުމެންވެސް އެމީހުންނަށް ‏‏ފުރުސަތެއް ދިނިން. ފައިސާ ލިބޭނެ ކަމަށްވަންޏާ ލިބޭނެ ގޮތެއް އަޅުގަނޑުމެންނަށް ޚަބަރު ކުރާށޭ، ‏‏އޭރަށް އަޅުގަނޑުމެން އެއަރޕޯޓްގައި ދެން ހުރި ބައިބައި އެމީހުންނަށް ހަވާލު ކުރުމުގެ ނޫނިއްޔާ ‏‏އެއިން ބައެއް އެމީހުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ. ‏

‏ޒަކަރިއްޔާ ޙަސަން – ރާއްޖެ ޓީވީ‏

‏ގުޅުންހުރި ސުވާލެއް. ބަދަލުގެ ގޮތުގައި ޖީ.އެމް.އާރަށް ފައިސާ ދޭންޖެހޭ ކަމަށްވާނަމަ ދައުލަތުން ‏‏އެދޭ ދިނުމުގެ މާލީ ކެރިފޯރުންތެރިކަން އެބަހުރިތޯ؟ އަދި މިކަމުގެ ސަބަބުން އެމައްސަލައަށް ޙައްލެއް ‏‏ލިބިގެންދާނެތޯ؟ ދެން ނޫނީ އިތުރު ބަޔަކާ ވާހަކަ ދައްކައިގެން އެއަރޕޯޓް ތަރައްޤީ ކުރުމަށް ހަވާލު ‏‏ކުރުމަށް ބިޑަށް ހުޅުވާލައިގެންތޯ ކޮން އުސޫލަކުންތޯ ކުރިއަށްގެންދާނީ؟ ވަކި ބަޔަކާ ހަވާލު ‏‏ކުރައްވައިގެން ކުރައްވާ ގޮތަށްތޯ؟‏
‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏ނޫން. ނޫން. އަޅުގަނޑުމެން ހުރިހާ މަޝްރޫޢުތަކެއްވެސް މިގެންދަނީ ޢާންމުކޮށް ބިޑަށް ‏‏ހުޅުވާލައިގެން. ނޫނީ އެކްސްޕްރެސް އޮފް އިންޓަރެސްޓަށް ހުޅުވާލައިގެން އޭގެ ތެރޭގައި ހަތަރު ފަސް ‏‏ޕާޓީ އުޅޭ ކަމަށްވަންޏާ، އެ ހަތަރު ފަސް ޕާޓީގެ ސްޓްރެންތައް ބަލާފައި ދެން އޭގެ ފަހުން އެމީހުންގެ ‏‏ތެރޭގައި ޓެންޑަރ ކުރަނީ. އެހެންވީމާ، ދާނީ ހަމަ ވަރަށް ޓްރާންސްޕޭރަންޓްކޮށް، ހާމަކަން ބޮޑު ‏‏ގޮތެއްގައި އެކަން ދާނީ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަކަށްވެސް ނޭނގެ، އަޅުގަނޑުމެންނަށް ‏‏ކޮންޓްރެކްޓެއް މި ހަވާލު ކުރެވެނީ އޭގެ އެންމެ ރަނގަޅު އަގުގައި އަދި ސަރުކާރާއި ރައްޔިތުންނަށް ‏‏އޭގެ އެންމެ ފައިދާހުރި ގޮތަކަށްކަމެއް. ‏

‏ދެން ޖީ.އެމް.އާރަށް ފައިސާ ދައްކަންޖެހިއްޖެ ކަމަށްވަންޏާ ފައިސާ ދެއްކޭނެ ހެއްޔޭ. އެއަރޕޯޓް ‏‏ކުންފުނިން، މީގެ އެންމެ އިސް މަސައްކަތްތަކެއް ކުރައްވަނީ. އެއަރޕޯޓް ކުންފުނިން މިހާރުވެސް ‏‏ފައިސާ، އެއްފަރާތަށް ޖައްސަން ފަށްޓައިފި، ޖީ.އެމް.އާރަށް ބަދަލުދޭން ޖެހިއްޖެ ކަމަށްވަންޏާ ބަދަލު ‏‏ދިނުމަށްޓަކައި ފައިސާ އެއްކުރުމަށް. ދެން އަދި ހަމަ ސަރުކާރުންވެސް އެހެން ފުރުސަތުތައްވެސް ހުރީ ‏‏ކިހާވަރަކަށްތޯ ބެލުމުގެ މަސައްކަތް އެބަކުރެވޭ. ދެން ބަދަލު ދައްކަން ޖެހުނަސް، އަޅުގަނޑަށް ޤަބޫލު ‏‏ކުރެވެނީ، ދެން ކޮންމެވެސް ވަރެއްގެ، އެކަށީގެންވާ މުއްދަތެއްވެސް ލިބޭނެ ކަމަށް. ދެން ހަމައެއާއެކީ ‏‏އަޅުގަނޑުމެންނާ އިންޑިއާއާ މިއީ ހަމަ ވަރަށް ގާތް ދެޤައުމު ދޮއެއްތޯ. އެއީ، ސާކްގެ ތެރޭގައިވެސް ‏‏ވަރަށް ގުޅުން އޮވޭ. އެހެންވީމާ، އެބަދަލު ދިނުމަށް އަދަދެއް ކަނޑައެޅި އެއަށް އަޅުގަނޑުމެންނަށް ‏‏ގޮތްތަކަކަށް އެއްބަސްވެވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އަދި ފައިސާ ދެއްކުމުގައި ‏‏އަޅުގަނޑުމެންނަށް ދަތިނޫން ގޮތްތަކެއް ރޭވިދާނެ ކަމަށް އިންތިޒާރު ކުރެވޭ އިނގޭތޯ. ‏

‏ޒަކަރިއްޔާ ޙަސަން – ރާއްޖެ ޓީވީ‏

‏ތިޔަ ވިދާޅުވިހެން ބަދަލު ދައްކަން ޖެހިއްޖެނަމަ އިޤްތިޞާދީ ގޮތުން މާބޮޑު ހީނަރުކަމެއް ‏‏އަތުވެދާނެތޯ؟‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏ނޫން. ނޫން. އިޤްތިޞާދީ ގޮތުން ހީނަރުކަމެއް ނާންނާނެއެކޭ ނޫން. މިއަށް މުއްދަތު ލިބިގެން ‏‏އަޅުގަނޑުމެންނަށް އެކަން ކުރުމުގެ ފުރުޞަތު ލިބޭނެ. އެހެންނަމަވެސް ހަމަ ޤަބޫލު ކުރައްވާ، ‏‏ޚަޒާނާއިން ނަގާ ފައިސާއަކީ. އެހެން ކަންކަމަށް ބޭނުން ކުރަން ހުރި ފައިސާ ދެއްތޯ. އެހެންވީމާ. ‏‏ކޮންމެވެސް ކަހަލަ ބަދަލުތަކެއް، އެ ޖަސްޓްމަންޓްތަކެއް ހަދަންޖެހޭނެ. ހަމަ ބައެއް ކަހަލަ ‏‏މަޝްރޫޢުތަކުން ޚަރަދު ކުޑަކުރުމާއި، މިކަހަލަ އެތައް ކަމެއް ހިނގާނެ. ލޯނެއްގެ ގޮތުގައިވެސް ‏‏މިއަދަދަށް ފައިސާ ނަގާ ކަމަށްވަންޏާވެސް، ހަމަ އެލޯނަކީވެސް ސަރުކާރުގެ ބަޖެޓުގައި ޖަހައިގެން ‏‏އަދާކުރަންވެސް ޖެހޭނެ އެއްޗެއް ދެއްތޯ. އެހެންވީމާ، އެއަށް ހަމަ އަޅުގަނޑުމެން ގޮތެއް ނެރެން ‏‏ޖެހޭނެ. އެހެންނަމަވެސް، އެކަން ކޮށްގެންވެސް އަޅުގަނޑުމެންނަށް އެ ބަދަލު ދޭންޖެހޭނެ ކަމަށް ‏‏ޤަބޫލުކުރެވޭ. އެއަރޕޯޓް އަޅުގަނޑުމެންގެ އަތުގައި އޮންނަން ޖެހޭނެ ކަމަށް ޤަބޫލުކުރެވޭ. އެހެންވީމާ، ‏‏އިޤްތިޞާދީ ގޮތުން މިއީ، އަޅުގަނޑުމެންނަށް އެންމެ ފަސޭހަގޮތް ކަމަށް ނުވެ ހިނގައިދާނެ. ‏‏އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ 300 މިލިއަނެއްހާ އަދަދުގެ ތެރޭގައި މިކަން ހަމަޖެހިގެންދާ ‏‏ކަމަށްވަންޏާ މާބޮޑެތި އުނދަގޫތަކެއް ނުވެ، އަޅުގަނޑުމެންނަށް ހަމަ އެޖަސްޓް ކުރެވޭނެ ކަމަށް ‏‏ޤަބޫލު ކުރެވޭ. ‏

‏ޢަބްދުއްލަޠީފް - މިއަދު ނޫސް‏

‏މިފަހަރު މަނިކުފާނު ތިޔަ އިޢުލާން ކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި، މަނިކުފާނުގެ ސަރުކާރެއްގައި ‏‏ފެށޭނެ ކަމަށް ބެލެވޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމަށްވާ އިކޮނޮމިކް ޒޯން ޕްރޮޖެކްޓާ ދޭތެރޭގައި ‏‏މަނިކުފާނު ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ.‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏މި ޕްރޮޖެކްޓަކީ، ޙަޤީޤަތުގައި މުޅި ސިމްޕޯޒިއަމްގެ ތެރޭގައިވެސް މީހުންގެ ޝައުޤުވެރިކަން އެންމެ ‏‏އިތުރުވެގެން ދިޔަ މަޝްރޫޢު. ދެން މިމަޝްރޫޢުގެ ކުރެހުންތަކާއި ވިޝުއަލްއާ މިއީ ހަމަ ވަރަށް ‏‏ވަރުގަދައަށް ސަރުކާރުން ތައްޔާރު ކޮށްގެން އިކޮނޮމިކް މިނިސްޓްރީއާ ޖޮއިން ކޮށްގެން ދިޔަ ‏‏ޓީމުތަކުން ހުށަހެޅި މަޝްރޫޢެއް. އެއީ ވަރަށް ސްޓެގަރިން، ވަރުގަދަ ޕްރޮޖެކްޓެއްގެ ގޮތުގައި ހަމަ ‏‏އެތަނަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް ފާހަގަކުރެއްވުނު. އަދި އޭގެފަހުން އެއަށް ‏‏ޑިސްކަޝަންވެސް ހިނގައިދިޔަ އިނގޭތޯ. އެހެންވީމާ، އިހަވަންދިއްޕޮޅުވެސް އަޅުގަނޑު ޤަބޫލުކުރާ ‏‏ގޮތުން ވެއްޖެއްޔާ ހަމަ އެއީ، ދެން ވަރަށް ބިޔަ އަޅުގަނޑުމެން މިހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ‏‏އޮތް އެންމެ ބިޔަ ޕްރޮޖެކްޓަކީ އެއީ. ދެތިން ހަތަރު ބިލިއަން ޑޮލަރު މިޕްރޮޖެކްޓް ކޮމްޕްލީޓް ‏‏ވެގެންދާއިރު ހިނގާނެ. ވަރަށް ވަރުގަދަ މަޝްރޫޢެއް. މިޕްރޮޖެކްޓަކީ އެއްބަޔަކަށް ނެގޭނެ ‏‏ޕްރޮޖެކްޓެއްވެސް ނޫން. އަދި ސިންޑިކޭޓް ކޮށްގެން އެކި ކުންފުނިތައް މީގެ ތެރެއަށް ލައިގެންވެސް ‏‏އަޅުގަނޑު ހިތް ބުނަނީ މިޕްރޮޖެކްޓްގެ ތެރެއިން ކޮމްޕޯނަންޓް ތަފާތު މީހުން ނަގާނެހެން. ‏‏އިހަވަންދިއްޕޮޅުގެ މަސައްކަތަކީ، ޝައުޤުވެރިކަން އޮތަސް ހަމަ ވަރަށް ފައިސާ ހޯދުމުގައި ‏‏މަސައްކަތްތަކެއް ކުރަންޖެހޭނެ. ‏
‏އިހަވަންދިއްޕޮޅުގެ މަޝްރޫޢާ ގުޅިގެން ހަމަ އެ މަޝްރޫޢު ފާޅުކަން ބޮޑު ގޮތެއްގައި ނޫނީވިއްޔާ، ‏‏ފީޒިބަލްކޮށް އަޅުގަނޑުމެން ހުށަހެޅީމާ ކަންނޭނގެ، މީގެ ކުރީގައިވެސް ޝައުޤުވެރިކަން ‏‏އުފެދިފައިހުރި ކުންފުންޏެއް އަޅުގަނޑާ ވަކިން ވާހަކަ ދެއްކި. މާލޭގެ ޕޯޓް ކުރިންވެސް، ‏‏އިހަވަންދިއްޕޮޅުގެ މާލޭގެ ޕޯޓް ތިލަފުށްޓަށް ބަދަލުކުރުމުގެ ވާހަކަ ދެއްކި. އަޅުގަނޑު ހަނދާންވާ ‏‏ގޮތުން ވެއްޖެއްޔާ ރައީސް ނަޝީދު ސަރުކާރުގައިވެސް ދެއްކިފައި އޮތް ވާހަކައެއް، ރައީސް ވަޙީދު ‏‏ސަރުކާރުގައިވެސް ދައްކާފައި ޓެންޑަރވެސް ކުރެވިފައި އޮތް. އެ މަޝްރޫޢާ ގުޅިގެން ޝައުޤުވެރިކަން ‏‏ހުރީ ވަރަށް ބޮޑު ކުންފުންޏެއް. އަޅުގަނޑަށް ހީވަނީ، ދުނިޔޭގެ ނިސްބަތުން ފުރަތަމަ ފަނަރައިގެ ‏‏ތެރޭގައި އުޅޭ ކުންފުންޏެއްހެން އަޅުގަނޑުމެންނާ ބައްދަލުކުރީ. އެހެންވީމާ، އެ މަޝްރޫޢުވެސް ‏‏އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނިންމާނެހެން. އިހަވަންދިއްޕޮޅުގެ ޓްރާންސްޝިޕްމަންޓް ބަނދަރަށް ‏‏ޝައުޤުވެރިކަން އޮތް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. އެކަމަކު މިކަހަލަ ސިމްޕޯޒިއަމެއްގައި އެންމެ ‏‏ބޮޑު މަސައްކަތަކީ، ނެޓްވަރކިންގ މަސައްކަތް. އަޅުގަނޑުމެން ބޭނުންވާ ކަންކަން އަޅުގަނޑުމެން ‏‏ހުށަހަޅަނީ. ދެން މިއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއެކީ އަދި އޭގެ ‏‏އިތުރަށް ތަފްޞީލު މަޢުލޫމާތު ހޯދާނެ ދޮއެއްތޯ. އެއްދުވަހުން ދެދުވަހުން ހަމަ ތިބެފައި ‏‏އެގްރީމެންޓްގައި ސޮއިކުރާ ހިސާބަކަށް ހުރިހާ މަޝްރޫޢެއް ނުދާނެ. އެހެންނަމަވެސް، ‏‏އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް އަޅުގަނޑުމެން އަދި ޝަންހާއީގައިވެސް އަދި ‏‏ހޮންގކޮންގގައިވެސް ކުރާނެ. އެހެންނަމަވެސް މި ސިމްޕޯޒިއަމްގެ ފަރާތުން ހަމަ ‏‏ވަރަށްގިނަ އިންޑަސްޓްރީގެ އިސްފަރާތްތަކަށް ދިވެހިރާއްޖޭގައި ހުރި މަޝްރޫޢުތަކާއި، ދިވެހިރާއްޖޭގައި ‏‏ހުރި ޕޮޓެންޝަލާ މީގެ ވަރަށްގިނަ މަޢްލޫމާތުތަކެއް ހާމަވެގެން މި ދިޔައީ.‏

‏ސުވާލު:‏

‏ސިންގަޕޫރުގެ މި އިންވެސްޓްމަންޓް ފޯރަމަށް ކިހާވަރެއްގެ ފައިސާއެއް ޚަރަދު ކުރެއްވިންތޯ؟‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏އަޅުގަނޑަކަށް ތަފްސީލެއް ނޭނގެ އިނގޭތޯ. އަޅުގަނޑަށް ހީވަނީ މާދަމާ އިކޮނޮމިކް މިނިސްޓަރ ‏‏ވަޑައިގަންނަވާނެހެން. އޭނަގެ ޓީމުން މިކަން ކޯޑިނޭޓް ކުރެއްވީ. މީގެ ހަމަ ބޮޑު އަދަދުގެ ފައިސާއަކީ، ‏‏މުޅި ބަލްކަކީ ހަމަ ސްޕޮންސަރުން އަތުން ރެއިޒްކުރި ފައިސާ. ‏

‏ސުވާލު:‏

‏ޖީ.އެމް.އާރަށް ދޭންޖެހޭ ބަދަލު ކުޑަކުރުމަށް މަނިކުފާނު މަސައްކަތް ކުރައްވާތޯ؟
‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏ބަންޑާރަ ނައިބު ދޮއެއްތޯ އަޅުގަނޑުމެންގެ ޓީމު ލީޑް ކުރައްވަނީ. ބަންޑާރަ ނައިބުވެސް އަދި ‏‏އަޅުގަނޑުމެންގެ ޓީމުން ޤަބޫލުކުރާ ގޮތް އަޅުގަނޑު މިދެންނެވީ. އަޅުގަނޑުމެންގެ ސަރުކާރުން ‏‏މި ބަލަނީ، ރައީސާ ޓީމާ ތަފާތު ދޭއްޗެއް ނުކިޔޭތޯ މިބަލަނީ މިކަހަލަ މައްސަލަތަކުގައި. އެހެންވީމާ، ‏‏ބަންޑާރަ ނައިބުވެސް އެމަސައްކަތް ކުރައްވަނީ ހަމަ ޙަޤީޤަތުގައިވެސް އެމީހުންނަށް ދޭންޖެހޭނެ ‏‏ޢަދުލުވެރި ބަދަލެއް ދިނުމަށްޓަކައި. އަޅުގަނޑުމެންނަކަށް އެހާ ބޮޑެތި ބަދަލެއް ދޭންޖެހޭނެ ކަމަކަށް ‏‏ޤަބޫލެއް ނުކުރެވޭ. އަދި ދިނުމަކީވެސް ދަތިކަމަކަށްވާނެ ދޮއެއްތޯ. ބަންޑާރަ ނައިބުވެސް ހަމަ ‏‏ގެންގުޅުއްވާ ފިގަރ އަޅުގަނޑު މިދަންނަވަނީ. ގާތްގަނޑަކަށް 300 ވަރަކަށް މިލިއަން ޑޮލަރު ‏‏ކަމަށް އަޅުގަނޑުމެން އަންދާޒާ ކުރަނީ. ‏

‏ޢަބްދުއްލަޠީފް - މިއަދު ނޫސް‏

‏ކުރީގައި މިމަސައްކަތުގައި ޖީ.އެމް.އާރ. މަސައްކަތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ‏‏ބޭފުޅެއް ޢާޒިމާ ޝަކޫރަކީ. ދެން މިވަގުތު މަގާމެއްގައި ނޫންކަންނޭނގެ ހުންނެވީކީ. އެކަމަކުވެސް ‏‏މިކަމުގައި އެއްވެސް ވަރަކަށް އެކަމަނާގެ ލަފާފުޅެއް ބޭނުން ކުރައްވަންތޯ؟‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:‏

‏އެކަމަނާގެ ލަފާފުޅު އެކަންޏެއް ނޫން އިނގޭތޯ. ދެން ވަރަށް އެހީތެރިވެވަޑައިގަންނަވާ ޢާޒިމާ ‏‏އިނގޭތޯ. ވަރަށް އެހީތެރިވެވަޑައިގަންނަވާ. އަދި އޭގެ އިތުރަށް، އަޅުގަނޑުމެންގެ ފަރާތުން ‏‏ވިޓްނަސްއެއްގެ ގޮތުގައިވެސް ޢާޒިމާ ވަޑައިގެންދެއްވި އިނގޭތޯ. ޢާޒިމާ ވަޑައިގެން ދެއްވި. ‏‏އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރ ނާޒިމް ވަޑައިގެންދެއްވި. އޭރު ނާޒިމްގެ ބެއްލެވުމުގެ ‏‏ދަށުގައި އެތަން ބަދަލުވިއިރު ޓްރާންސްޕޯޓް މިނިސްޓްރީ ބަލަހައްޓަވަމުން ގެންދެވީ ނާޒިމް. އެއަރޕޯޓް ‏‏ބަލަހައްޓަވަމުން ގެންދެވީ. މިދޭތެރެއިން އަނިލްއާއެކީ، ބަންޑާރަނައިބާއެކީ ވަޑައިގެންނެވި ޓީމުގައި ‏‏މިބޭފުޅުން ވަޑައިގެންނެވި. މިބޭފުޅުންގެ ވިޓްނަސް ސްޓޭންޑަށްވެސް އިނގޭތޯ. އާބިޓްރޭޝަންގައި ‏‏ތިއްބެވި ބޭފުޅުން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުމާއި، ދިވެހި ސަރުކާރުން އޭރު ނަގަން ޖެހުނު ‏‏ނެގުން ޖަސްޓިފައި ކޮށްދެއްވަން ޢާޒިމާވެސް އަދި ޑިފެންސް މިނިސްޓަރ ނާޒިމްވެސް މިބޭބޭފުޅުން ‏‏ވަޑައިގެންފައި ހަމަ ރަސްމީ މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެންނެވި. ޢާޒިމާގެ އެހީތެރިކަން ‏‏އަޅުގަނޑުމެންނަށް ހަމަ ޖީ.އެމް.އާރު.ގައި ހިނގާ މައްސަލައިގައި، ސަރުކާރަށް ޢާޒިމާ ހަމަ ވަރަށް ‏‏ބޮޑަށް އެހީތެރިވެވަޑައިގެން ދެއްވާ. ‏

‏________________________‏